މިލިއުމުގެ ބޭނުމަކީ ކޮންމެ ގައުމެއްގައިވެސް އެ ގައުމުގެ މުސްތަގްބަލް ކަނޑައެޅުމުގައި ކިޔަވާކުދިންނާއި ޒުވާނުންގެ ދައުރުގެ މުހިންމުކަން އަޅުގަނޑުމެންގެ ދަރިވަރުންނަށް ވިސްނާދިނުމެވެ. އަޅުގަނޑުމެންގެ ގައުމުގައި ކޮލެޖްތަކާއި ޔުނިވަރސިޓީތައް ނެތް ޒަމާނުގައިވެސް އެފަދަ ޒުވާނުން ވަނީ ފެނިފައެވެ.
އުތީމުގެ ތިން ޒުވާނުންނާއި ދެ ހާޖީންނާއި ދަންޑަހެލު އަދި ދޮންބަންޑާއިން ފަހުގެ ތާރީޚުގައި ޝަހީދު ހުސައިން އާދަމްގެ ވާހަކަ އަޅުގަނޑުމެންނަށް އަބަދާއި އަބަދު މި ހުންނަނީ އިވިއިވިއެވެ. ޒުވާނުންނާއި ކިޔަވާކުދިން އެ ހާދިސާތަކުން ފިލާވަޅުތަކެއް ލިބިގަތުމަށްޓަކައެވެ.
ގައުމުގައި ހުރިނަމަހުރި ނުރަނގަޅު ކަމެއް ފިލުވާލުމަށެވެ. މި ގައުމަކީ އަމާން ސުލްޙަވެރި ވެއްޓެއް ކަމުގައި ހެދުމަށެވެ. ކެރެން ޖެހޭނެއެވެ. ކޮރަޕްޝަނާއި ފަސާދަ ނައްތާލަން ނިކުންނަން ކެރެން ޖެހޭނެއެވެ. ގާނޫނުގައި ލޯވަޅު އަޅައިގެން ގައުމުގެ ޚަޒާނާ ލޫޓުވަމުންގެންދާނަމަ އެކަން ހުއްޓުވަން ކެރެންޖެހޭނެއެވެ. އަދުލު އިންސާފު ގާއިމް ކުރުން ކަށަވަރުކުރަން ކެރެން ޖެހޭނެއެވެ.
އެއްދުވަހުން ދެ ދުވަހުން ނުވެދާނެއެވެ. ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުން ފިލާވަޅު ލިބިގަންނަން ޖެހޭނެއެވެ.
ހުޅަނގުގެ ކުރިމަތީގައި ވަރުގަދަ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވި އީރާނުގައި 2005 ން 2013 ށް 4 އަހަރު ދުވަހުގެ ދެ ދައުރު ރައީސްކަން ކުރެއްވި މަހްމޫދު އަހްމަދީނެޖާދު މިހިނގާ ޖޫންމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ތާވަލް ކުރެވިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
އެމަނިކުފާނު ވެގެން ގޮސްފައިވަނީ އީރާނުގެ ރައްޔިތުންގެ މެދުގައި ޚާއްސަކޮށް ފަގީރު އާބާދީތަކުގައި ވަރަށް ރުހޭ ބޭފުޅަކަށެވެ. ރިޔާސަތުގެ ދައުރެއް ފުރިހަމަކުރުމަށްފަހު މެދުތެރެއަށް ކުރިމަތި ނުލައްވާ ހުސްދައުރެއް ހޭދަކުރައްވައިފިނަމަ އަލުން ރިޔާސަތަށް ކުރިމަތިލުން އީރާނުގެ ގާނޫނު ހުއްދަ ކުރެއެވެ.
ޕާކިސްތާނުގެ ރިޕޯރޓަރަކަށް ލިބުނު އެޕޮއިންޓްމެންޓެއްގައި އޭނާ ދެކެވަޑައިގެންނެވި ރައިސް މަޙްމޫދު އަޙްމްދީނެޖާދު ތަޢާރުފް ކޮށްދީފައިވާގޮތް ސަންދާނުގެ ކިއުންތެރިންނަށް ގެނެސްދޭން ބޭނުންވެއެވެ.
އަޙްމަދީނެޖާދުގެ ރިޔާސަތުގައި އެ ބޭފުޅާ ފާހަގަވެގެން ގޮސްފައިވަނީ ރައްޔިތުންގެ ކުރިމަތީގައި މަޑުމައިތިރި ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. ރަސްމީ ގަޑީގައި އަމިއްލަ ގެއިން ފަރީއްކޮޅު ގެންނަވައި އޮފީހުގެ ތަޅުންގަޑުމަތީ އިންނަވައިގެން އަތްޕުޅުން ފަރީއްކުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.
އަޙްމަދީނެޖާދުގެ ރިޔާސަތުގައި ސަރުކާރުގެ ޚާޒާނާއިން މުސާރަ ނުނަންގަވަނީ ކީއްވެގެންތޯ ޕާކިސްތާނުގެ ރިޕޯރޓަރ ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިކަމަށްވަނީ ރައްޔިތުންގެ ޚިދުމަތުގައި އުޅުއްވާއިރު ހަމައެކަކުވެސް ހިތްހަމަ ނުޖެހޭގޮތަށް ކަންތައް ކުރެވިފައި އޮވެދާނެތީ ރައްޔިތުންގެ ޚަޒާނާއިން އަމިއްލަ ބޭނުންފުޅަށް އެއްވެސް ޚަރަދެއް ކުރައްވަން ބިރުފުޅުގަންނަވަނީ ކަމަށެވެ.
އެ ޖަވާބާއި ގުޅިގެން ފަރީއްކުޅުވުމަށާއި އަނބިދަރިންގެ ޚަރަދު ބަލަހައްޓަވަނީ ކިހެނެއްތޯ ސުވާލު ދެންނެވުމުން ވިދާޅުވެފައިވަނީ ސަރުކާރުގެ ރަސްމީ ގަޑި ނިމުމުން ލިބިވަޑައިގަންނަވާ ހުސްވަގުތުގައި ޔުނިވަރސިޓީތަކުގައި ކިޔަވާދެއްވަން ވަޑައިގެން ލިބި ވަޑައި ގަންނަވާ އުޖޫރައިން ކަމަށެވެ. ރަސްމީ ކަންތައްތައް ފިޔަވައި ދިރިއުޅުއްވަމުންގެންދަވަނީ އާއިލާގެ ގޭގައިކަމުން ކިޔަވާ ދެއްވުމުން ލިބި ވަޑައިގަންނަވާ އުޖޫރައިން ފުއްދާލެވޭ ކަމަށެވެ.
ރަސްމީގޮތުން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އަމިއްލަ ގޮތުން ރައްޔިތުންނާ ބައްދަލު ކުރަން ކުރައްވާ ދަތުރުފުޅުތަކުގައި ބޭނުންފުޅު ކުރައްވަނީ ބައްޕާފުޅު ދުނިޔޭގައި ހުންނެވިއިރު ބޭނުންކުރެއްވި ކާރު ކަމަށްވެސް ވިދާޅުވިއެވެ.
އަޙްމަދީނެޖާދުގެ ރިޔާސަތުގައި އެމަނިކުފާނުގެ 2 ނައިބުރައީސުން ކޮރަޕްޝަންގެ މައްސަލާގައި ޖަލަށް ހުކުމްކުރެވުނެވެ. މަގާމުގެ ޙައިސިއްޔަތުން އިސްތިސނާ ނުކުރެވޭނެކަން ރައްޔިތުންނަށް ކަށަވަރުކޮށް ދެއްވީއެވެ.
އަޙްމަދީނެޖާދު އެންމެ ބޮޑަށް ރައްޔިތުންގެ ލޯބި ހޯއްދަވާފައިވަނީ ފަގީރު އާބާދީއަށް ލުއި ގޮތެއްގައި ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމުންނެވެ.
ޕާކިސްތާނުގެ ރިޕޯރޓަރ ބުނެފައިވާގޮތުގައި ލިބުނު އެޕޮއިންޓްމެންޓަށް ރައީސްއޮފީހަށް ގޮސް ކަމާބެހޭ ސެކްރެޓަރީއަށް ދެންނެވުމުން ކުޑައިރުކޮޅަކު މަޑުކޮށްލަން އެންގެވިއެވެ. އެ ވަގުތު ކޮޅުގެ ތެރޭގައި ކުރިމަތިން ފެންނަން ހުރި ކޮޓަރީގެ އެއް ކަނެއްގެ ތަޅުންގަނޑު މަތީގައި މީހަކު ކާން އިންތަން ފެނިގެން ރައީސް އޮފީހުގެތެރެއިން އެފަދަ މަންޒަރެއް ފެނުމުން ކުއްލި ޙައިރާން ކަމެއް ލިބުނެވެ. ޕާކިސްތާނުގައި ނަސީބު ރަނގަޅުމީހަކަށް ރައީސްގެ އެޕޮއިންމެންޓެއް ލިބުނަސް މުޅި ސަރަހައްދު އޮންނާނީ ސަލާމަތީ ބާރުތަކުގެ ދަށުގައިކަން އެނގެއެވެ.
ފަހަރެއްގައި އީރާނުގެ ރައީސްވެސް އިންނަވާނީ އަދި އެހެން ހިސާބެއްގައި ކަމަށް ހީކޮށް އެ ފިކުރުގައި ހުއްޓާ އެޕޮއިންމެންޓްގެގަޑިޖެހުމުން އެއްކަލަ މިހާ ކާން އިން ކޮޓަރިއަށް ވަނުމަށް ދޮރު ހުޅުވާލިއެވެ. އެކޮޓަރީތެރެއަށް ވަންއިރު އެތަނުގެ ތަޅުމުގައި އަޅާފައި އޮތީ ދުވަސްވެފާއޮތް ދޫލައެކެވެ.
އީރާނަކީ ދޫލަ ވިޔުމުގައި ދުނިޔެއިން މަޝްހޫރު ގައުމެކެވެ. ރިޔާސީ ގަނޑުވަރުން އީރާނުގެ ހައިބަތު ދައްކުވައިދެއެވެ. އެކަމަކު އެ ނަޒަރުން ބަލާއިރު ރައީސްގެ އޮފީސް ކޮޓަރިކޮޅަކީ ވަރަށް އާދައިގެ ފެންވަރެއްގައި ހުރި ކޮޓަރިކޮޅެކޭ ބުނެވިދާނެއެވެ.
ކޮޓަރިތެރެއަށް ވަންއިރު ކުރިން ކާން އިންދާ ފެނުނުމީހާ ކުރިމަތީގައި ހުރި މޭޒުކައިރީ އިށިންދެ އިންތަން ފެނުނެވެ. ބައިނަލް އަގްވާމީ މީޑިޢަތަކުން އީރާނުގެ ރައީސް އަޙްމަދީނެޖާދު އެތައްފަހަރު ފެނިފައި އޮތުމުން މޭޒު ކައިރީގައި އިންނެވީ އީރާނުގެ ރައީސްކަން އެނގުނެވެ.
މުޅި ސަރަހައްދުގައިވެސް ކޮޓަރީގެ ބޭރުގައި އިންނެވި ސެކްރެޓަރީ ނޫން މީހަކު ނެތެވެ. މިއީ މާޒީގައި ބާރުގަދަ އެތައް ހަޟާރަތެއްގެ ވެރިކަން ކޮށްފައިވާ އަދި މިހާރުވެސް ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުގެ ކުރިމަތީ އިސްދަށަށް ޖަހަން ބޭނުންނުވާ އީރާނުގެ ރައީސް ކަން ކުރެއްވި އަޙްމަދީނެޖާދުގެ ޝަޚްސިއްޔަތުން ކުޑަ ތަންކޮޅެކެވެ. އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖޭގެ ވެރިންންގެ ޝަޚްސިއްޔަތު އަޅާކިއުމުގެ މިންގަނޑަކަށް ބަލާލުން ރަނގަޅުވާނެއެވެ.
ހުޅަނގުގެ ގައުމުތަކުން އަޙްމަދީނެޖާދު ރައީސްކަމަށް އައުމަކަށް ނުރުހޭނެއެވެ. ހުޅަނގުން އެމަނިކުފާނު ސިފަކުރަމުންގެންދަނި ފަޔަރބްރޭންޑެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ރިޔާސަތުގައިވެސް އިއުލާންކުރަމުން ގެންގޮސްފައިވަނީ އީރާނުން ބޭނުންވާނަމަ އެގައުމުގެ ނިއުކްލިއަރ މަގު އެހެން އެއްވެސް ގައުމަކަށް ބަންދު ނުކުރުވޭނެ ކަމަށެވެ.
މިދުވަސަވަރަކީ މެދުއިރުމަތީގެ ހުރިހާ ހަނގުރާމަވެރި ޖަމާއަތެއް އީރާނާއެކު ގާތްގުޅުމެއް އޮންނަކަން އެނގި ފާޅު ވެފައިވާ ދުވަސްވަރަކަށް ވުމުން އަހްމަދީނެޖާދު ރިޔާސަތަށް އިންތިޚާބު ކުރެވިއްޖެނަމަ އިސްރާއީލަށާއި އަދި ހުޅަނގުގެ ގައުމުތަކަށް ކުރިމަތިލާންޖެހޭނެ ބޮލުރިހުން އެތައް ގުނައަކަށް އިތުރުވެގެން ދާނެއެވެ.
އަޙްމަދީނެޖާދު ރިޔާސީ ރޭހަށް ނިކުމެ ވަޑައިގަތުމަށް ގާރޑިއަން ކައުންސިލުން ރުހުން ދެއްވައިފިނަމަ އެހިސާބުން އެ ގައުމުގެ ރައްޔިތުން އެމަނިކުފާނު ރިޔާސަތަށް އައްޔަން ކުރާނެ ކަމާދެތެރޭ އެއްވެސް ސުވާލެއް ނުއުފެދޭކަމަށް ބައިނަލް އަގްވާމި މީޑިއާއިންގަބޫލުކުރެއެވެ.
މިހާތަނަށް ރަޖިސްޓރީ ކުރައްވާފައިވާ ބޭފުޅުންގެ ލިސްޓަށް ބަލާއިރު މިހާރުގެ ވަގުތީ ރައީސް މުޙައްމަދު މުޚްބަރް އަކީ ސުޕްރީމް ލީޑަރގެ ރުހިވަޑައިގަތުން ކާމިޔާބު ކުރެއްވުން އެންމެ ގާތް ކެންޑިޑޭޓް ކަމަށާއި އެހެންނަމަވެސް ކުރީގެ މަރުކަޒީ ބޭންކުގެ ގަވަރނަރ އަބްދުއް ނާސިރު ހިންމަތީ އާއި މަޖިލިސްގެ ކުރީގެ ރައީސް އަލީ ލަރިޖާނީ އަކީވެސް ސުޕްރީމް ލީޑަރުގެ އަރިސް ބޭފުޅުންނެވެ.
އަޙްމަދީނެޖާދު 2017 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވުމުން ސުޕްރީމް ލީޑަރ އެންގެވިކަމަށް ޚަބަރުތަކުގައި ފާހަގަކޮށްފައިވަނީ މިވަގު ކުރިމަތިލެއްވުމުން ގައުމަށް ފައިދާ ނުކުރާނެ ކަމަށެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާން ވުޖޫދުވެގެން އައި ޖިހާދަކީ ބިޔަ ލަޝްކަރެއް ފަނާކުރަނިވި ހަތިޔާރުން ކުރި ކަމެއް ނޫނެވެ. ގައުމުގައި ވެރިކަން ކުރަމުންގެންދާ މީހުންގެ ކޮރަޕްޝަނާ ފަސާދަ އަދި އެނޫނަސް ރައްޔިތުންގެ ޙައްގުތަކަށް އަރަގަންނަމުން ދިޔަ މިންވަރާއި އިސްލާމް ދީން އިރާނުގެ ފަސްގަނޑުން ފޮހެވިގެން ހިނގައިދާނެ ކަމުގެ ބިރެވެ.
އެކަމުގެ އިންޒާރު އެންމެ ފަރުދަކު ގައުމުން ބޭރުގައި ހުންނަވައިގެން ދެއްވަމުން ގެންދެވި ދަރުސްތަކުން ގައުމުގެ ރައްޔިތުންނަށް ވިސްނާދެއްވުމޭ ބުނުމަކީ ޙަގީގަތާ މުޅިން ދުރަށް ދިއުމަކަށް ނުވާނެއެވެ. އަޅުގަނޑުމެން ބޮޑު ތަކުރުފާނުގެ ނަންފުޅު ކިޔާއިރު އެހެންބޭފުޅުން ޝާމިލް ކުރާ ފަދައިންނެވެ.
އެދުވަސްވަރު އީރާނަކީ މެދު އިރުމަތީގައި ޖުވާ ކުޅުމާއި ނާސިގެތައް އާންމެ ވެފައިވާ އެމެރިކާ އާއި ޔޫރަޕްގެ ވެރީންގެ ލޯބިލިބިފައިވާ ރަސްގެފާނު ޝާހްގެ ގައުމެކެވެ.
އިމާމް ޚުމައިނީގެ ކުއްލި ޙަމަލާއަކަށް ވެގެންދިޔައީ އީރާނުގެ ކިޔަވާ ކުދިން އެމެރިކާގެ ސަފީރު އޮފީހަށް ވަދެގަނެ އެތާގައި ތިބި ފަންސާހަށް ވުރެން ގިނަ މީހުން ރަހީނުކުރުމެވެ. ބޭނުންކުރި ހަތިޔާރަކީ ހުޅަނގުގެ ވަކިތަކުން އީރާން މިނިވަންކުރުމުގެ ވަރުގަދަ އަޒުމެވެ. އެންމެ ފުރަތަމަ ބޭރުގެ ދުނިޔެއާއި ސަފީރު އޮފީހުގެ ގުޅުން އެއްކޮށް ނެތިކޮށްލުމެވެ.
އެމެރިކާގެ ރައީސް ޖިމީ ކާރޓަރަށް ކުރެވިދާނެ މާގިނަ ކަންތަކެއް ނެތެވެ. މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުމަށާއި ޝަހެންޝާހް ރިޒާ އެމެރިކާއަށް ގެންދަން ހުށައެޅިއެވެ. އިމާމު ޚުމޭނީގެ ތާއީދާއެކު ހުކުމް ކުރުމާއި ތަންފީޒުކުރުން އޮތީ ކިޔަވާ ކުދިންގެ ބާރުގެ ދަށުގައެވެ. އެމެރިކާގެ ސަފީރު އޮފީހުގެ ދޮރު ހުޅުވޭނެ މަގެއް ރައީސް ކާޓަރަކަށް ނެތެވެ. އެމެރިކާގެ ކޮންމެ ހުށައެޅުމަކަށް ކިޔަވާކުދިން ދެމުންގެންދިޔައީ ބީރު ކަންފަތެކެވެ.
އެމެރިކާއިން އެންމެ ފަހުން ގަސްދުކުރީ 1976 ގައި ޔުގެންޑާގެ އެންޓެއްބޭ އެއަރޕޯރޓަށް ފަލަސްތީނުގެ މުޖާހިދުން ހައިޖެކްކޮށްގެން ގެންދިޔަ އިސްރާއީލުގެ މަތިންދާބޯޓުގައިތިބި މީހުން ސަލާމަތް ކުރި އުކުޅު ބޭނުން ކޮށްގެން ސަފީރު އޮފީހުގައި ތިބި މީހުން މިނިވަން ކުރުމަށެވެ.
އެމެރިކާގެ ޙަމަލާތަކުގެ ނަތީޖާ އަކަށް ވެގެންދިޔައީ ބޭނުންކުރި ހަނގުރާމައިގެ މަތިންދާ ބޯޓުތައް ހަލާކުވެ އެމެރިކާގެ ސިފައިން އެތައް ބަޔަކު މަރުވވެގެންދިއުމެވެ. ސަފީރު އޮފީހުގެ ދޮރު ހުރީ މަރުތަޅު އަޅުވާފައެވެ.
444 ދުވަސް އެގޮތުގައި ހޭދަވެގެން ހިނގައްޖެއެވެ. ޖިމީ ކާރޓަރަށް ރިޔާސީ ގޮނޑި ގެއްލިއްޖެއެވެ. އަލަށް އިންތޚާބު ކުރެވުނު ރައީސް ރޮނާލްޑް ރޭގަން ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު ( 1981 ވަނައަހަރު ޖެނުއަރީ 20 ވަނަ ދުވަހު ) ސަފީރު އޮފީހުގެ ދޮރު ހުޅުވާލަ ދީ އެމެރިކާގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމުގެ ހުއްދަ ދެވުނެވެ. ޝަހެންޝާހް ރިޒާ އީރާނަށް ދުވަހަކުވެސް އެނބުރި ނާދެވޭގޮތަށް ގައުމުން ބޭރަށް އަރުވާލެވުނެވެ.
މިއީ ކިޔަވާކުދިންގެ އާރާއި ބާރު ރަމްޒުކޮށްދޭ ޙާދިސާއެކެވެ. ކިޔަވާ ކުދިންގެ އެންމެ އިސް ސަފުގައި ހުންނެވި އެއް ބޭފުޅަކީ އުމުރުން 48 އަހަރުގައި އީރާނުގެ 6 ވަނަ ރައީސްކަމަށް އިސްކުރެވުނު މަހްމޫދު އަޙްމަދީނެޖާދު ކަން އޭރުގެ ޚަބަރުތަކުން އެނގިފައިވެއެވެ.
1979 ގައި އީރާނަށް ގެނައި އިންގިލާބަކީ އެ ދުވަސްވަރުގެ މެދުއިރުމަތީގެ ތާރީޚުގައި ވަރަށްބޮޑަށް ފާހަގަކުރެވިގެންދިޔަ ޙާދިސާއެކެވެ. ހުޅަނގުގެ ފުރިހަމަ ތާއީދާއި އެއްބާރު ލުމާއިއެކު އީރާނުގައި ވެރިކަން ކުރަމުންގެންދިޔަ އެ ޝަހެންޝާހް މުޙައްމަދު ރިޒާ ޕަހެލަވީގެ ހުޅަނގުގެ ތަހްޒީބަށްގޮސް ހުސްވެފާއޮތް ވެރިކަން ނެތިކޮށްލައި އިސްލާމިކް ރިޕަބްލިކް އޮފް އީރާން އުފެދިގެން ދިޔަ އަހަރެވެ.
މީގެ ސާޅީހަކަށް އަހަރު ކުރިން ދުނިޔެއަށް އުފަންވި އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުންނަށް މިހާދިސާ އެނގިވަޑައި ގަންނަވާނީ ހުޅަނގުން ބޭނުންވާ ގޮތަކަށް ކުލަ ޖައްސާފައިވާ ތާރީޚުގެ ސަފްޙާ ތަކުންނެވެ.
މަޙްމޫދު އަޙްމަދީނެޖާދުގެ ރައީސް ކަމުގައި ޕާކިސްތާނުގެ ރިޕޯރޓަރަކަށް ދެއްވި އެޕޮއިންޓްމެންޓްގައި އެމަނިކުފާނުގެ ރިޔާސީ ދިރިއުޅުއްވުން ސިފަކުރައްވައި ތަޢާރުފް ކުރެއްވިގޮތް އަޅުގަނޑުމެންގެ ވެރިންގެ ވެރިކަމުގެ ދައުރުގައި ދިރިއުޅުއްވުމަށް އަޅާކިޔާލުން ރަނގަޅުވާނެއެވެ. އިސްލާޙްކުރަން ޖެހޭ ކަންތައް ދެނެގަތުމަށްޓަކައެވެ. އަދި ޢަރަބި އިސްލާމީ ގައުމުތަކުގެ ވެރީންނާއިވެސް އަޅާ ކިރާލުމަށްޓަކައެވެ.
2 Responses
ވަރަށް ބެސްޓްވާނެ. އިރާދަކުރެއްވިއްޔާ ހޮވޭނެ.
ވަރަށް ރަނގަޅު ވާހަމައެކެވެ. ރަނގަޅު ފިލާވަޅެއް ލިބެއެވެ.
ކެރެންޖެހޭނެއެވެ. އެކަމަކު އަޅުގަނޑުމެންގެ ބައެއް ބޭފުޅުން ތަރުޖަމާ ކުރައްވާގޮތަކަށް ނޫނެވެ. ރައްޔިތުން ޚަޒާނާއަށް ނުކަތާވަރަށް އަމިއްލަ ފައިދާއަށް ގަވައިދު ހަދަން ކެރުމެއް ނޫނެވެ. ގައުމަށް ލިބޭ އެއްޗަކުން ނުފުދޭވަރަށް ސިޔާސީ މަގާމު އުފައްދަން ކެރުމެއް ނޫނެވެ. ގައުމުގެ އިމާރާތްތަކާއި ހަރުމުދާ ރޮކޮށްލަން ކެރުމެއް ނޫނެވެ. މަގުމައްޗަށް ނިކުމެ ގައުމުގެ އަމާންކަން ނަގާލަން ކެރުމެއްވެސް ނޫނެވެ.
ތަންދޮރު ދަންނަ ވާނުވާ އެނގިވަޑައިގަންނަވާ ބޭފުޅުން ކިޔަވާ ކުދިންނާއި ޒުވާނުންނަށް އޮޅުން ފިލުވާދެއްވަން ކެރެންޖެހޭނެއެވެ. އެބޭފުޅުންގެ ބަހާއި އަމަލު ތެދުކަން ސާބިތު ކޮށްދޭން ކެރެން ޖެހޭނެއެވެ.
ގައުމު ދަރަނިވެރިވެ ބަނގުރޫޓު ވަމުންދާގޮތް ހާމަކޮށް ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނޭގޮތަށް އޮޅުންފިލުވާދޭން ކެރެން ޖެހޭނެއެވެ. ސަން ގެ އެޑިޓަރ ސާހިލް އަލީއަކީ އިންތިޚާބާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅާމެދު ވިސްނަން ކެރެން ޖެހޭނެއެވެ.