ހައުސް ވައިފް

Loading

Facebook
Twitter
WhatsApp

ފިރިމީހާ ހަވީރު އޮފީހުން އައި އިރު އަހަރެން ހުރީ ވަރުބަލިވެގެން ހަލާކުވާ ވަރުވެފައެވެ. އެހެން ކަމުން ފިރިމީހާ އަށް މަރުހަބާ ކިޔާލާނެހާ ވަރުވެސް އަހަރެންގެ ގަޔަކު ނެތެވެ.

އަހަރެން ވަރުބަލި ވެފައިވާ ވާހަކަ ފިރިމީހާ ގާތު ބުނީމެވެ. ނަމަވެސް އޭނާއަށް އަޑުއިވުނު ހެންވެސް ހިއެއް ނުވެއެވެ. އަހަރެން ދެވަނަ ފަހަރަކަށް ވެސް އެވާހަކަ ނެގުމުން ފިރިމީހާ ބޮޑު ޗޮކެއް ޖަހާފަ ބުނެޏެވެ. ކަލޭ ވަރުބަލި ވާންވީ ކީއްވެގެން ހެއްޔެވެ. ތިޔަ ކުރަނީ ގޭތެރޭގަ އިނދެގެން ކުރާ ކަންކަމެއް ނޫން ހެއްޔެވެ.

މީގެ ރައްދުގައި އަހަރެން އެކައްޗެކޭވެސް ނުބުނަމެވެ. އެކަމަކު ލައްކަ އެއްޗެތި ހިތަށް އެރިއެވެ.

އަނެއްދުވަހު ފިރިމީހާ އޮފީހުން އަންނަން ވާއިރަށް އަހަރެން ހުރީ ބޭރަށްދާން ތައްޔާރު ވެލައިގެންނެވެ. ބޭރަށް ދަނީތޯ ފިރިމީހާ އެހުމުން އަހަރެން ބުނީމެވެ. މިމަގު ކޮޅުގަ އެހެރަ ކަންމަތީ ފިހާރަޔަށް ވަދެލާފަ އެބަ އަންނަމެވެ. މިހެން ބުނެފަ އަވަސް އަވަހަށް ގެއިން ނިކުތީމެވެ.

ދިޔަގޮތަށް އަހަރެން ދިޔައީ ޗައިނީސް ރެސްޓޯރަންޓަކަށެވެ. އެތަނަށް ގޮސް އަބަދުވެސް ކާހިތުން ހުންނަ ޗައިނީސް ކެއުންތަކަށް އޯޑަރު ދިނީމެވެ. އަދި ވަރަށް ހަމަ ޖެހިލައިގެން އިނދެކެއުމަށް އިންސާފު ކުރަން ފެށީމެވެ.

ބަރާބަރު ބައިގަޑިއިރު ފަހުން ފިރިމީހާގެ ކޯލް އައެވެ. ކޮންތާކުތޯ، އަދި ފިހާރައިން އެއްޗެއް ގަންނަން މުޅި ދުވަސް ނަގަނީ ކީއްވެތޯ ސުވާލު ކުރިއެވެ. ކުރަން އައި ކަންތައް އަދި ނުނިމޭ ކަމަށް އަހަރެން ބުނީމެވެ. އަދި ނިމުނުހާ އަވަހަކަށް މިދަނީ ކަމަށް ބުނީމެވެ.

މިވާހަކަ އަޑުއަހަން ހުރި ރެސްޓޯރަންޓުގެ މެނޭޖަރަށްވެސް އެއްޗެއް ވިސްނުނު ކަހަލަ އެވެ. އެތަނުގެ ސްކްރީންގައި ރީތި ޗައިނީސް ފިލްމެއް އަޅުވާލައިފިއެވެ. އަހަރެން އަރާމުގަ އިނދެ ކަމުން ގެންދިޔައިމެވެ.

އަނެއްކާވެސް ބަރާބަރު 10 މިނެޓް ފަހުން ކޯލް އައެވެ. ކޮބާ ކޮންތާކުތޯ ސުވާލު ކުރިއެވެ. އޭރު ދެކުދިން ގޭތެރޭގަ ހަލަބޮލިކޮން އުޅޭ އަޑުއިވެއެވެ. އަދި ކުދިން މަތަ ނުކުރެވިގެން ފިރިމާހާފަހަރަކު ކުއްޖަކަށް ހަޅޭއް ލަވާއަޑު އިވުނެވެ. އަހަރެން ކޯލް ނެގިކަމެއް އޭނައަކަށް ނޭނގެއެވެ.

ކޮބާ އަންނާކަށް ނުވޭތޯ ސުވާލު ކުރިއެވެ. އަހަރެން ބުނީމެވެ. މިހުރީ އަދިވެސް ފުރަތަމަ އައި ތަނުގައެވެ. ބުނީމަ ބުންޏެވެ. ކަންމަތީ ފިހާރަ ހެއްޔެވެ. ދެކުދިން ގޮވައިގެން އަހަރެން މިދަނީ އެވެ. އަދި ބުންޏެވެ. އަހަރެންނަށް ކަލޭ ރަނގަޅަށް އިނގެއެވެ. ތިޔައީ ހަމަ ގަސްތުގަ އަހަރެން ނަށް ލަނޑެއް ދޭން ކުރިކަމެއް ނޫން ހެއްޔެވެ. ކަލޭ ކުރާ ކަންތައް އެއީ އެއްވެސް ކަމަކަށް ނުހަދާ އިއްޔެ އަހަރެން ބުނި އެއްޗެއް އަނބުރާ ގެނެސްފީމެވެ. އަހަރެންނަށް މައާފު ކުރާށެވެ.

އަހަރެން މައާފް ކޮށްފީމޭ ހަމަ މިހާރު މިދަނީ ކަމަށް ބުނެ 10 މިނިޓް ތެރޭ ގެއަށް އައިސްފީމެވެ.

ފިރިމީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އަހަރެން ވަށާ ބަލާލިއިރު މުޅި ސިޓިންރޫމް އޮތީ ބޮއްސުން ލާފައެވެ. ހެނދުނު ރަމަތަ ކޮށްފަ އޮތް ތަނެއް ހެންވެސްހިއެއް ނުވެއެވެ. ދެކުދިންވެސް ތިބީ ފެނުން ފޯވެފައެވެ. ހަލަނިކޮން އުޅެން ފެށުމުން ފެންވެރުވީ ކަމަށް ބުންޏެވެ.

އަހަރެން ދެކުދިންނާ ހަވާލުވުމުން ފިރިމީހާ އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. އޭނާ ކޮޓަރިން ނިކުތީ 3ގަޑިއިރުވަންދެން ނިދުމަށް ފަހުއެވެ.

އެދުވަހުގެ ފަހުން އަހަރެންނަށް ޚާއްސަ ސަމާލު ކަމެއް ދޭކަން ފާހަގަވެއެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް