ބައިޑްންގެ ހުށައެޅުން ރަނގަޅެއް ނޫން އެކަމަކު ގަބޫލު ކުރާނަން - އިސްރާއީލް

Loading

Facebook
Twitter
WhatsApp


ގައްޒާގެ ހަނގުރާމަ ހުއްޓުމަށް ރައީސް ބައިޑްން ހުށައަޅުއްވާފައިވާ ހުށައެޅުން ރަނގަޅެއް ނޫންކަމަށާއި އެކަމަކު އެ ހުށައެޅުން އިސްރާއީލުން ގަބޫލު ކޮށްފިކަމަށް ބުނެފިއެވެ. 

ނަތަންޔާހޫގެ ޚާރިޖީ މުޝީރު އޯފިރް ފާލްކް އިނގިރޭސިވިލާތުގެ ސަންޑޭ ޓައިމްސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ރައީސް ބައިޑްންގެ ހުށައެޅުއްވުން ރަނގަޅެއް ނޫން ކަމަށާއި އެހެންނަމަވެސް އަސީރުން މިނިވަންކުރަން ބޭނުންވާތީ އެ ހުށައެޅުން އިސްރާއީލުން ގަބޫލުކުރަން ނިންމީ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި އަސީރުން މިނިވަން ކުރުމާއި އަދި ޙަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް އިސްރާއީލުން ގަބޫލުކުރުން ބަދަލު ނުކުރާނެ ކަމަށެވެ.  

ރައީސް ބައިޑްންގެ ހުށައެޅުމަކީ ތިން މަރުޙަލާއެއްގެ މައްޗަށް އެކުލަވާލާފައިވާ ހުށައެޅުމެކެވެ. މީގެ ކުރިންވެސް ރައީސް ބައިޑްން ވަނީ ހަމަ މިމޭރުން ދޭހަވާކަހަލަ ހުށައެޅުންތަކެއް ހުށައަޅުއްވާފައެވެ. އެހެންނަމަވެސް އެއިން ކޮންމެ ހުށައެޅުމެއްވެސް ދިޔައީ ވައިވެގެންނެވެ. އެހެނީ އެމެރިކާގެ ވާގިވެރި އިސްރާޢީލުގެ ގަތުލުއާނމްގެ ބޮޑުވަޒީރު ނަތަންޔާހޫ އެގޮތްތަކަށް އެއްބަސް ނުވުމުންނެވެ.

މައިގަނޑު ގޮތެއްގައި އެއިން ކޮންމެ ހަށއެޅުމެއްވެސް ނާކާބީއާއި ކުރިމަތިލާންޖެހެނީ ނަތަންޔާހޫ ގޮތް ދޫނުކުރުމުންނެވެ. މިފަހަރުގެ ހުށައެޅުމަށްވެސް އޭނާ ގެންދިޔައީ އިދިކޮޅު ހަދަމުންނެވެ. އެކަމަކު އޭނާގެ ގާޒާގައިވާ ސިއްރު އެޖެންޓް ޑޯގްމުޝް ގަބީލާއިން އޭނާއަށް ގައްޒާގެ އެތެރެއިން ލިބެމުންދިޔަ އެއްބާރުލުން ދެން ނުލިބޭނެކަން އެނގުނީމާ ރައީސް ބައިޑްންގެ ހުށައެޅުން ރަނގަޅު ނޫނަސް އެހެން ގޮތެއް ފެންނަންދެން ދުލުކުރިންނަމަވެސް އެއްބަސްވުން ނޫންގޮތެއް ނެތުނީއެވެ.

ދޯގްމުޝް ގަބީލާގެ ސިއްރުތައް ފަޅާއެރުމުން ޙަމާސް ޖަމާޢަތުންވަނީ އެމީހުންގެ ދިހަވަރަކަށް ވެރީން ގަތުލުކޮށްފައެވެ. އެއަށްފަހު އެޖަމާޢަތަށް ސަޕޯޓްދިން ގިނަ ފަރާތްތައް މިހާރުވަނީ ޙަމާސް އާއި ގުޅިފައެވެ. 

މީގެ ކުރިން މިސްރުގައި ހިނގަމުންދިޔަ މަޝްވަރާތަކަށް  ޙަމާސް އިން ހުށައެޅާފައިވަނީ ހަމަ އެއާ އެއްފަދަ ޝަރުތުތަކެކެވެ. ރައީސް ބައިޑްންގެ މިހުށައެޅުމަށްވެސް އުސޫލެއްގެ ގޮތުން ޙަމާސްގެ ޢިއުތިރާޒެއް ނެތްކަން ވަނީ ހާމަކޮށްފައެވެ. ޙަމާސް އިން ކަނޑައަޅާފައިވާ ހަމައެކަނި ޝަރުތަކީ “ ތިޔަ ހުށައެޅުން ޢަމަލީގޮތުންވެސް ތަންފީޒު ކުރާށެވެ. “ މިއެވެ.

މީގެ ކުރިން އެމެރިކާއާއި އިސްރާއީލުން ސިއްރިޔާތުގައި ރާވަމުން ގެންދިޔައީ ކޮންމެވެސް ބަހަނާއެއްގައި ހަނގުރާމަ ހުއްޓާލުމަށްފަހު ގައްޒާގައި ހަމާސްއާ ދެކޮޅަށް ހަރަކާތްތެރި ވަމުންގެންދާ ޑޯގްމުޝް ގަބީލާއަށް ގައްޒާގެ ވެރިކަން ޙަވާލުކުރުމަށެވެ. އެ ގަބިލާގެ ސަރުކާރެއް ވެގެންދާނީ އިސްރާއީލުގެ ގޮނޑިކޮއްކޮ ސަރުކާރަކަށެވެ. 

އެހެންނަމަވެސް އެމެރިކާއާއި އިސްރާއީލުގެ މަކަރުވެރި ރޭވުން ޙަމާސްއަށް އެނގުމުން އެ ގަބީލާގެ ހަނގުރާމަވެރިންގެ އިސް މީހުން ގަތުލު ކޮށް ނިންމާލީއެވެ. މިސަބަބަށްޓަކައި މިހާރު އިސްރާއީލުގެ ކުރިމަތީގައި އިތުރަށް ގަޒާގައި ފަނިހެއްދޭނެ މާ ގިނަ ފުރުސަތުތަކެއް ނެތެވެ.   

މި ފުރުސަތުގައި ބައިނަލް އަގްވާމީ ދުނިޔޭގައި އިސްރާއީލް އެކަހެރިކުރުންވެސް ބާރަށް ނުހުއްޓި ކުރިޔަށްދާކަން ފާހަގަކުރެވެއެވެ. އެންމެ ފަހުގެ ޚަބަރުތަކުން އެނގިފައިވާ ގޮތުގައި އިސްރާއީލުން ނުރުހުން ފާޅުކުރަމުން ގެންދަނިކޮށް މި ހުސްވި މޭ މަހުގެ 28 ވަނަދުވަހު ސްޕެއިންއާއި ނޯރވޭ އަދި އަޔަރލޭންޑުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ސްލޯވީނިޔާ ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރަން ނިންމައި އެކަން ގާނޫނީ ގޮތުން ސިއްކަ ޖެހުމަށްޓަކައި ޕާރލަމެންޓަށް މިވަނީ ފޮނުވައި ފިއެވެ.

އިސްރއީލުގެ އެތެރޭގެ ސިޔާސީ ވެއްޓަށް ބަލާއިރު ބޮޑެތި ދެބަސްވުންތަކެއް އުފެދިފައި ވާކަމުގެ ހެކިތައް ދަނީ ފެންމަތި ވަމުންނެވެ. ރައީސް ބައިޑްންގެ ފިއްތުންތަކަށް މުޅިން ފުރަގަސް ދިނުމަކީ ނަތަންޔާހޫއަށް ދެން ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ ބައިޑަން އަށްވެސް މުޅިދުނިޔޭގަޔާއި އެމެރިކާގެ އެތެރެއިންވެސް ފަލަސްތީނުގެ ގަރުލުއާނމް އާއި އިދިކޮޅަށް ތެދުވެފައިވާކަން އެނގެއެވެ.

ހަމަ އެއިއާއެކު ނަތަންޔާހޫގެ އެއްބައިވަންތަ ސަރުކާރުގައި ހިމެނޭ ހަރުކަށި ވަޒީރުން އެއްފަރާތަށް ޖެހި ސަރުކާރު ރޫޅިދާނެ ޙާލަތެއް ކުރިމަތި ކުރުވާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. 

ކަނާތު ފިޔައިގެ ހަރުކަށި ވަޒީރުން ގެންދަނީ ޙަމާސްއަށް އެއްވެސް ފުރުސަތެއް ނުދިނުމަށް އިންޒާރު ދެމުންނެވެ. އަދި ރައީސް ބައިޑްންގެ ފިއްތުންތަކުގެ ސަބަބުން ކަމުގައި ވިޔަސް ގައްޒާގެ ވެރިކަމުގައި ހަމާސްއަށް ފުރުސަތ ދޭން ނަތަންޔާހޫ އެއްބަސް ވެއްޖެނަމަ ސަރުކާރުން އެމީހުން ވަކިވާނެކަން އަންގަމުންނެވެ.ނަތަންޔާހޫ އަށް އެވެސް މަރެވެ. މިވެސް މަރެވެ. އޭނާގެ ޙާލަތަކީ މިއަދު އެއީއެވެ. ބޮޑެތި އަނިޔާވެރީންގެ ނިމުން ހިތިވާނެއެވެ.        

ރައީސް ބައިޑްންގެ މިފަހަރުގެ ހުށައެޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އިސްރާއީލް-ޙަމާސްގެ ހަނގުރާމައިގާ ވޯޝިންގްޓަނުގެ ކެތްތެރިކަން ކޮޅުންލައިފި ކަމަށެވެ. އެހެން ބުނިނަމަވެސް ފަލަސްތީނުގެ ފަނާކުރުމަށް ބޭނުންވާ ހުރިހާ އެއްބާރުލުމާއި ބޮންތަކާއި ފައިސާދީ އެ ނިރުބަވެރި ޢަމަލަތަކުގެ ސަރުދާރަކީ ބައިޑަންކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. 

އިސްރާއީލުގެ ސިފައިން ރަފާޙްެ މެދުތެރެއަށް ވަދެގަތުމާއި މިސްރާއި ގައްޒާއާއި ދޭތެރޭ އޮންނަ ފިލާޑެލްފީގެ ނަންދެވިފައިވާ މަގު އިސްރާއީލު ސިފައިން ބަންދު ކުރުމާއި ރައީސް ބައިޑްންގެ ކެތްތެރިކަން ކޮޅުންލުންގޮއްފި ކަމަށްބުނުމާއި އެއްދުވަހެއްގައި މެދުވެރި ވުމަކީ އިއްތިފާގެއް ކަމަށް ގަބޫލު ކުރުން ފަސޭހައެއް ނޫނެވެ.               

އިސްރާއީލުގައި ތިބި އެމެރިކާގެ ޑިޕްލޯމެޓުން މީޑިއާއަށް ކިޔާދީފައިވާގޮތުގައި އިސްރާއީލުގެ ގޮތް ދޫނުކުރުން އެބޭފުޅުންނަށްވެސް ބޮޑު މުސީބާތަކަށް ވެއްޖެއެވެ.

އެމެރިކާގެ އެންމެ މިހާރުގެ ވިސްނުމަކީ ވޯޝިންގްޓަނާއި މިސްރާއި ގަތަރާއި ޙަމާސް އަދި އިސްރާއީލުން ( ނަތަންޔާހޫގެ ސިޔާސީ ދެކޮޅުވެރިޔާ ) ބެނީ ގަންޒް އަށް އެއްބަސްވެވޭ ފޯމިއުލާއެއްގެ މައްޗަށް ފަލަސްތީނުގެ މައްސަލައިގާ ގޮތެއް ނިންމުމެވެ. 

އެނިންމުމުގައި ނަތަންޔާހޫއަށް ފުރުސަތެއް ނޯންނާނެއެވެ. ރައީސް ބައިޑްންގެ މި ވިސްނުމަށް އެމެރިކާގެ ނިންމާ ކޮންމެގޮތެއް ކޮންމެކަމެއްގެ ބައިވެރިޔާ އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރޫން ވަނީ ރުހުން ދެއްވާފައެވެ.               

Loading

One Response

  1. ވަރަށް ނުލަފާކަން ހުރި ދައްޖާލު އެއް ތީ. ހުރިހާ nubaegge އައްޕަ އެމެރިކާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް