ސާޅީސް އަހަރު ފަހުން މާލޭ ރައްޔިތުންނަށް ލިބުނު ކުޑަކުޑަ އުންމީދު ނިގުޅައިގަތީ ޕީއެންސީން:ނާޒިލް

Loading

Facebook
Twitter
WhatsApp

ސާޅީސް އަހަރު ފަހުން މާލޭ ރައްޔިތުންނަށް ލިބުނު ކުޑަކުޑަ އުންމީދު ނިގުޅައިގަތީ ޕީއެންސީން ހަގީގަތާއި ހިލާފު ވާހަކަތައް ދައްކައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް މިހެން ވިދާޅުވީ ބިމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

ނާޒިލް ވިދާޅުވީ ޕީއެންސީ ބޭފުޅުން ހަގީގަތާ ހިލާފު ވަރަށް ގިނަ ވާހަކަތަކެއް ދައްކާ ރައްޔިތުންނަށް ސާފުވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އޮޅުވާލާފައިވާ ކަމަށެވެ. 

މިގޮތުން މާލޭ ރައްޔިތުންނަށް ގޯތި ދޭން ހުޅުމާލޭގައި އޮތް ބިމުން ދޭ 10 ހެކްޓަރުގެ ބިމުގެ އަގަކީ 7.5 ބިލިއަން ރުފިޔާ ކަމަށާއި އެއީ ބޮޑު އޮޅުވާލުމެއް ކަމަށް ނާޒިލް ވަނީ ތުހުމަތު ކުރައްވާފައެވެ.

މިގޮތުން ބަހަނާއެއް ދައްކައިގެން މާލޭގެ ރައްޔިތުންގެ އުންމީދުތަކާ ކުޅެލާފައިވާ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. 

އައްޑޫ ސިޓީގައި ތިން މަސް ދުވަހުގެ ތެރޭގައި 190 ހެކްޓަރުގެ ބިން ހިއްކާފައިވާކަން ފާހަގަކުރައްވާ ތިލަފަޅެއް ހިއްކުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވާތީ ނާޒިލް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. 

މީގެ އިތުރުން މި ބިލަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ފެނިގެން ދިޔައީ ރައްޔިތުންގެ ލޮލުގައި އަނދުންތަކެއް އެޅުވި މަންޒަރު ކަމަށާއި ރައްޔިތުންނަށް ގޯތިތައް ދިން އިރު، ބައެއް ތަންތަން ހުރީ ފާހަގަ ކުރަން ނޭނގޭ ތަންތަނުގެ ގޮތުގައި ކަމަށެވެ. 

 ގޯތިތަކެއް ހަވާލު ކުރަން ސަރުކާރަކަށް ލާޒިމް ކުރާއިރު ކަނޑުއަޑީގައި ހުރި ތަންތަން ތިން މަސް ތެރޭގައި ހަވާލު ކުރެވިދާނެ ކަމަކަށް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް