އެއްދުވަހަކު ހިމާރަކާ ޓައިގަރ އަކާއި ދެމެދު ޒުވާބެއް ފެށުނެވެ.
ހިމާރު ބުނަނީ ވިނައިގައި ހުންނަނީ ނޫކުލަ ކަމުގައެވެ. ޓައިގަރ މިކަމާއި އެއްބަހެއް ނުވެއެވެ. އޭނަ ބުނަނީ ވިނައިގަ ހުންނަނީ ފެހި ކުލަ ކަމުގައެވެ. ދެވެރިންގެ ޒުވާބު ގަދަ ވެގެން ގޮސް އެންމެ ފަހުން ޖަންގަލީގެ ރަސްގެފާނު ލަޔަން ކައިރިޔަށް އިންސާފު ހޯދުމަށް ދިއުމަށް އެއްބަސް ވެއްޖެ އެވެ.
ރަސްގެފާނުގެ އަރިހަށް ދިޔަ މަގުމަތީވެސް ހިމާރު އަޑުގެ ކޮޅަށް ގޮވާ ހަޅޭއްލަވަމުން ދިޔައެވެ. ވިނައިގަ ހުންނަނީ ނޫކުލައެވެ. ވިނައިގަ ހުންނަނީ ނޫކުލައެވެ. ރަސްގެފާނު އެވެ. މިކަމުގަ އިންސާފު ހޯދާ ދެއްވާށެވެ. ވިނައިގަ ހުންނަނީ ނޫކުލަ އެހެން ނޫންތޯއެވެ.
ރަސްގެފާނު އަރިހަށް ފޯރުމާއިއެކު މިސުވާލު ހުށަހެޅުމުން ރަސްގެފާނު ވަގުތުން ވިދާޅުވިއެވެ. ވިނައިގައި ހުންނަނީ ނޫކުލައެވެ. ޓައިގަރ ހައިރާންވިއެވެ. ލަޔަން ފަދަ ވިސްނޭ، ޖަންގަލީގެ ރަސްގެފާނުވެސް މިފަދަ ހަމަ ނުޖެހޭ ޖަވާބެއް ދެއްވީމައެވެ. ޓައިގަރ އަމިއްލަ ކޮޅު ގަދަ ކުރުމަށްޓަކައި ވަކާލާތު ކުރަން ފެށިއެވެ.އެހެން ނަމަވެސް ލަޔަން އޭނަ ހުއްޓުވާލިއެވެ. އަދި އަމިއްލަ ހުކުމް އިއްވެވިއެވެ. މިމައްސަލައިގަ ޓައިގަރ ކުށްވެރި ވާކަމަށް ކަނޑައަޅުއްވައި ފަސް އަހަރުވަންދެން ހިމޭނުން އޮތުމަށް އަމުރު ކުރިއެވެ.
ޒުވާބު ކާމިޔާބުވީތީ ހިމާރު ވަރަށް އުފަލުން ނަށަމުން ލަވަކިޔަމުން އެތަނުން ހިނގައްޖެއެވެ. ވިނައިގައި ހުންނަނީ ނޫކުލައެވެ. މިނައިގައި ހުންނަނީ ނޫކުލައެވެ.
ހިމާރު އެތަނުން ދިއުމުން ޓައިގަރު، ރަސްގެފާނު އަރިހުގައި ދެންނެވިއެވެ. މާތް ރަސްގެފާނުއެވެ. މަނިކުފާނުގެ ހުކުމް އަޅުގަޑު ގަބޫލުކޮށް ކިޔަމަންތެރިވަމެވެ. ނަމަވެސް ވިދާޅުވެ ދެއްވިދާނެތޯއެވެ. ކަނޑައެޅިގެން ވިނައިގަ ހުންނަނީ ފެހިކުލަކަން އެންމެނަށްވެސް އިނގޭއިރު ހިމާރުގެ ކޮޅަށް ޝަރީއަތް ނިންމެވީ ކިހިނެއް ވެގެންތޯ އަހާލެވިދާނެތޯ އެވެ.
ރަސްގެފާނު ވިދާޅުވިއެވެ. ތިޔައީ ތެދެކެވެ. ވިނައިގަ ހުންނަނީ ފެހި ކުލަކަން އަހަރެންނަށްވެސް އެނގެއެވެ.
ޓައިގަރ ދެންނެވި އެވެ. އެހެން ވީއިރު އެގޮތަށް ނިންމެވީ ކިހިނެއްވެގެންތޯ އެވެ.
ރަސްގެފާނު ވިދާޅުވިއެވެ.
އަހަރެން މައްސަލަ ނިންމި ގޮތާ ވިނައިގަ ހުންނަ ކުލަޔާ އެއްގޮތަކަށްވެސް ގުޅުމެއް ނެތެވެ. އަހަރެން ކަލެޔަށް އަދަބުދިނީ ކަލޭ ކަހަލަ ވިސްނޭ،ކުޅަދާނަ ޖަނަވާރެއް ހިމާރުފަދަ ގަމާރު ނުވިސްނޭ އެއްޗަކާ ޒުވާބު ކުރީތީ އެކަމުގެ އަދަބެއްގެ ގޮތުންނެވެ. އެފަދަ ހަމަ ނުޖެހޭ ކަމެއްގައި ޒުވާބު ކުރުމުގެ އިތުރުން އަހަރެން ކައިރިޔަށް އައިސް އަހަރެންގެ އަގުހުރި ވަގުތުތައް ބޭކާރު ކުރީތީ އެކަމުގެ އަދަބެވެ.
ބުނަން ހެއްޔެވެ. ތެދާއި ހަގީގަތް ދިމާލަށް ފެންނަން އޮވެފަ، އެންމެން ހެކި ހުށަހަޅުން ދާއިރުވެސް އެކަމަށް ކަނުލޮލެއްދީ އަމިއްލަ ގޮތް ގަދަ ކުރުމަށް އުޅޭ ކަނޑުކޮހުން އުޅެއެވެ.އެފަދަ ފަރާތްތަކާ ޒުވާބު ކުރުމަށް ވަގުތު ބޭކާރު ނުކުރާށެވެ.އެފަދަ ފަރާތްތަކަކީ ކިތަންމެ ވަރަކަށް ތެދު ހާމަ ކުރިޔަސް އެކަން ގަބޫލު ކުރާނެ ބައެއްނޫނެވެ.އެއްބަޔަކު އަމިއްލަ ”އީގޯ“ ގެ ސަބަބުން ގަބޫލުކުރަން ބޭނުން ނުވާއިރު އަނެއްބަޔަކު ކޮންމެވެސް ނަފްރަތެއްގެ ސަބަބުންވެސް އެހެން ފަރާތަކުން ބުނާއެއްޗެއް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ގަމާރުން ހަޅޭއްލަވާއިރު އޭގެ ރައްދުގައި ހަނުހުންނާށެވެ. ކަލޭގެ ތިޔަ ހަނު ހުރުމުން ފިލާވަޅު ތަކެއް ލިބޭނެއެވެ.“
ރަސްގެފާނު ވިދާޅުވި އެއްޗެއް ވިސްނިގެން ޓައިގަރ ވަރަށް އުފަލުން ރަސްގެފާނަށް ޝުކުރު އަދާކޮށްފައި އެތަނުން ހިނގައްޖެއެވެ