އުތުރު އަދި ސެންޓްރަލް އިންޑިޔާ ގެ ބައެއް ހިސާބުތަކަށް މިހާރު ކުރިމަތި ވެފައިވާ އާދަޔާ ޚިލާފަށް ހޫނުގަދަ މޫސުމަކީ މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ ހޫނު މޫސުން ކަމަށް ވެދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ފާއިތުވި 10 ވަރަކަށް ދުވަހު މިހިސާބުގެ 37 ސިޓީ އެއްގައި 45 ޑިގްރީ އަށް ވުރެ މަތީ ޓެމްޕަރޭޗަރު ތައް ރިކޯޑް ކޮށްފައިވެއެވެ.
ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަ ތަކަށް ސަމާލުވުމަށް ސަރުކާރުން ދަނީ އަންގަމުންނެވެ. މިހާތަނަށްވެސް މަދުވެގެން ތިން މީހުން މިފަދަ މައްސަލަ ތަކުގައި މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ވެރިރަށް ޑެލްހީގެ މުންގޭޝްޕޫރު ސަރަހައްދުގައި ހޫނުމިން 52.3 ޑިގްރީ އަށް އެރިކަމުގެ ޚަބަރުލިބުމާއި އެކު އެކަން ޔަގީން ކުރުމަށް އެހިސާބަށް ޓީމް ތައް ފޮނުވި ކަމަށް އިންޑިޔާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.ޑެލްހީގެ އެހެން ހިސާބުތަކުގައިވެސް ހޫނުމިން ހުރީ 45 ޑިގްރީއާ 49 ޑިގްރީ އާ ދެމެދުގައެވެ.
ޑެލްހީގައި ފެން އިޝްރާފް ކުރުމުގެ މައްސަލަ ވެސް ބޮޑުވެފައި ވުމާއިއެކު އެކަން ކުރާ ފަރާތްތައް ހޯދާ ޖޫރިމަނާ ކުރަމުން ދާކަމަށް ސަރުކާރުން ބުނެފައި ވެއެވެ. ވޯޓަރ މިނިސްޓަރ ވިދާޅުވީ ހޮޅިން ފެންޖަހައިގެން ކާރު ދޮވުމާއި އަދި ޓޭންކް ތައް ފުރިގެން ބަންޑުން ދާވަރަށް ފެން ޖަމާކުރާ ފަރާތްތައް ފާހަގަ ކުރުމަށް 200 ޓީމް ފޮނުވާފައިވެއެވެ.
އުތުރު އިންޑިޔާ، ޚާއްސަކޮށް ޑެލްހީގެ ބައެއް ހިސާބުތަކަށް ހޫނުގަދަ ކަމުން ކައިބޮއި އުޅެންވެސް އުނދަގޫ ކަމަށް ބައެއްމީހުން ބުނެފައި ވެއެވެ. އަދި މަގުމަތީ މަޑުކޮށްލަން އެއްގޮތަކަށް ވެސް ނުކެރޭކަމަށް ބުނެފައި ވެއެވެ.
ކުރިމަތިވެފައިވާ ގަދަ ހޫނާ ގުޅިގެން ޑެލްހީ ގެ ކަރަންޓްގެ ޚިދުމަތަށްވެސް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ. ބައެއް ކޯޓުތަކާ އޮފީސް ތަކުންވެސް ވަނީ އެއާކޮންޑިޝަން ނެތި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ މަސައްކަތް ހުއްޓާލާފައެވެ.
ހޫނު ގަދަ ވުމުގެ ސަބަބަބުން ގިނަބަޔަކަށް ހީޓް ސްޓްރޯކް ޖެހިދާނެ ކަމަށް ބަލާ މިހާރުވަނީ ބައެއްހިސާތަކުގައި ރެޑް އެލާޓް ވެސް ނެރެފައެވެ. ދަނޑުތަކާ ކޮންސްޓްރަކްޝަން ސައިޓް ތަކުގައި މަސައްކަތް ކުރާ މީހުންނަށްވެސް މުސާރަޔާއެކު މެންދުރުގެ ތިންގަޑިއިރު ޗުއްޓީ ދިނުމަށް ވަނީ އަންގާފައެވެ. އަދި ބޯފެން ދިނުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން ބަސް ސްޓޮޕްތަކުގައި ވެސް ފަސޭހައިން ލިބޭ ގޮތަށް ބޯފެން ބެހެއްޓުމަށް ސަރުކާރުން ވަނީ އަންގާފައެވެ.
އެހެން ސިޓީތަކަށް ބަލާއިރު ރާޖަސްތާންގެ ޗޫރޫ އާއި ހަރިޔާނާގެ ސިރްސާ ގައި ހޫނުމިން 50 ޑިގްރީ އަށް އަރާފައި ވެއެވެ. އަދި ހީޓް ސްޓްރޯކް ޖެހިގެން ޖައިޕޫރުން ތިން މީހުން މަރުވެފައި ވެއެވެ.
ބިހާރު ސްޓޭޓްގެ ޝެއިޚްޕޫރާގައި ހޫނު ގަދަ ވުމުގެ ސަބަބުން އެތައް ކިޔަވާކުދިންނެއް އަބުރައިގެންފައިވާ ކަމަށް ޚަބަރުލިބެއެވެ.
ކަޝްމީރުގެ އިންޑިޔާ ފަޅީގެ ޖަންގަލީގެ ބައެއް ހިސާބުތަކުގައިވެސް ހޫނު ގަދަ ވުމުގެ ސަބަބުން ރޯވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
އައި.އެމް.ޑީ ގެ ޗީފް ވިދާޅުވާ ގޮތުގައި ޖޫން މަހުވެސް ހޫނުމިން ހުންނާނީ އާންމުކޮން ހުންނަވަރަށް ވުރެމަތީގައެވެ. އަދި ކުރިޔަށް އޮތް 6 ދުވަހުވެސް އިންޑިޔާގެ ހުޅަގު އުތުރު ހިސާބުތަކަށް ހީޓްވޭވް ކުރިމަތިވާނެއެވެ.
މާރޗް މަހުން ސެޕްޓެމްބަރ އަށް އިންޑިޔާއަށް ކުރިމަތިވާ ހޫނު މޫސުމުގައި އާންމުކޮށް ވަރަށް ހޫނު ގަދަ ވެއެވެ. ނަމަވެސް އިދާރާތަކުން ބުނާގޮތުގައި މިއަހަރު ހީޓް ވޭވް މިކިޔާގޮތަށް ހޫނުމާބޮޑަށް ގަދަވާ ވަގުތު ތައް އަންނާނެ ކަމަށް ދައްކައެވެ.
އިންޑިޔާގެ އިތުރުން ޕާކިސްތާންގެ ކަރާކީއަށް ވެސް ވަނީ އާދަޔާ ޚިލާފް ހޫނުދުވަސް ތަކެއް ކުރިމަތި ވެފައިކަމަށް ޚަބަރުލިބެއެވެ. ގާތްގާތުގައި ހުރި ކޮންކްރީޓް އިމާރާތްތައް ވަރަށްގިނަތަނެއް ކަމަށްވާ ކަރާޗީ ވަނީ ހޫނު އަވަނަކަށް ބަދަލުވެފައި ކަމަށް ޚަބަރުލިބެއެވެ.
ބުރާސްފަތިދުވަހު ކަރާޗީގެ ހޫނުމިން 52ޑިގްރީ އަށް އެރި ކަމަށް ރިކޯޑް ކުރެވިފައިވާއިރު،ކުރިޔަށް އޮތް ހަފްތާ ނިމެންދެންވެސް ހޫނުމިން ދަށަށް ނުދާނެ ކަމަށް އިސް މީޓިއޮރޮލޮޖިސްޓުން ބުނެއެވެ