އިންޑިޔާ،ބަންގްލާދޭޝް އަށް ކުރިމަތިވި ތޫފާނުގައި 16 މީހުން މަރުވެއްޖެ   

Loading

Facebook
Twitter
WhatsApp

އިންޑިޔާ ގެ އައްސޭރިފަށުގެ ހިސާބުތަކާ ބަންގްލާދޭޝް ގެ ދެކުނުގެ ހިސާބުތަކަށް ކުރިމަތިވި ތޫފާނުގައި 16 މީހުން މަރުވެއްޖެ ކަމަށް ޚަބަރުލިބެއެވެ.

މިހިސާބުތަކަށް އާދީއްތަ ދުވަހު ހަވީރު ކުރިމަތިވި ތޫފާނުގައި ގަޑިއަކު 110 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހިފައި ވެއެވެ. އަދި ބޯކޮށް ވާރޭ ވެހި ބިންތިރި ހިސާބު ތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެއެވެ. ސައިކްލޯން ރިމާލް ގެ ނަމުން ނަންދީފައިވާ ތޫފާން ކުރިމަތިވުމުގެ ކުރިން މިލިއަނެއްހާ މީހުން ރައްކާތެރި ހިސާބު ތަކަށް ގެންގޮސްފައިވާ ކަމަށް އިދާރާ ތަކުން ބުނެފައި ވެއެވެ. ތޫފާން ދަތުރު ކުރާނެ ކަމަށް ބެލުނު މަގުގައި 8.4 މިލިއަން މީހުން ދިރި އުޅެއެވެ. މީގެ ތެރޭގައި 3.6 މިލިއަން ކުޑަކުދިން ހިމެނެއެވެ.

ތޫފާން ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ބަންގްލާދޭޝްގެ މޮންގްލާ ޕޯޓް ގެ އިތުރުން ވެސްޓް ބެންގޯލްގެ ސާގަރު އައިލެންޑްސް އަށެވެ.

ބަންގްލާދޭޝްގެ ޑިޒާސްޓަރ މިނިސްޓަރ މުހިއްބުއްރަހްމާން އޭ.އެފް.ޕީ އަށް ވިދާޅުވި ގޮތުގައި މިތޫފާނުގައި އެގައުމުން 10 މީހުން މަރުވެފައި ވެއެވެ. މިމީހުންގެ ތެރެއިން އެއްބަޔަކު މަރުވެފައިވަނީ ގެނބިގެން ކަމަށް ވާއިރު އެހެން މީހުން މަރުވެފައިވަނީ ވެއްޓުނު ގެތަކުގެ ދަށުވެގެންނެވެ. ތޫފާނުގެ އަސަރު 3.75 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށާ 35،483 ގެ އެއްކޮން ހަލާކުވެފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 115،992 ގެޔަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރަހްމާން ވިދާޅުވިއެވެ.

އަވަށްޓެރި އިންޑިޔާގެ ވެސްބެންގޯލް ސްޓޭޓް ގަވަންމަންޓް ގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ވެސްބެންގޯލުން މަދުވެގެން ހަމީހުން މަރުވެފައި ވެއެވެ. މީގެ ތެރެއިން ތިން މީހުން މަރުވެފައިވަނީ ކަރަންޓުގައި ޖެހިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ތޫފާނުގެ ސަބަބުން އިންޑިޔާގައިވެސް އެތައްހާސް ގެ ހަލާކުވެ، ގިނައަދަދެއްގެ ގަސް މުލުން ލުހި ކަރަންޓް ދަނޑިތައް ވެއްޓިފައި ވެއެވެ. ގިނަ ގެތަކެއްގެ ޓިނު ފުރާޅު އެއްލާފައިވާއިރު ފަގީރު ޖިފުޑިތައް ވަނީ އެއްކޮން ފަނާވެފައެވެ. ތޫފާނުގައި ވެސްޓް ބެންގޯލްގެ 1،200 ކަރަންޓް ޕޯލް ނުވަތަ ދަނޑި ވެއްޓިފައި ވެއެވެ.

ތޫފާނު ލައިގަތް ހިސާބުތަކަށް ކާބޯތަކެއްޗާ ބޯފެނުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މީގެ އިތުރުން ފެންބޮޑުވެ ކިސަޑު ދެމިގެން ދިއުމުގެ ސަބަބުން މަގުތައް ބަންދުވެ ދަތުރު ފަތުރަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

ބަންގްލާދޭޝްގައި ތޫފާންގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ އެއް ސަރަހައްދަކީ މިޔަންމާގެ ރޮހިންޔާ ރެފިއުޖީން ހިމާޔަތް ހޯދަމުންދާ ކޮކްސް ބާޒާރު ސަރަހައްދެވެ.މިހިސާބުގައި މިޔަންމާގެ މިލިއަނެއްހާ ރޮހިންޔާ މުސްލިމުން އަންނަނީ ވަގުތީ ހިޔާވަހިކަން ހޯދަމުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް