ގަތަރުގައި ދިރިއުޅުއްވަމުން ގެންދަވާ ޙަމާސްގެ ލީޑަރ އިސްމާއީލް ޙަނިއްޔާ ހައްޔަރު ކުރުމުގެ އަމުރަކަށް ދުނިޔޭގެ އަދުލުގެ ނިޔާގެ ކޯޓުން ތައްޔާރުވަމުން ދަނިކޮށް އެމަނިކުފާނު އީރާނަށް ވަޑައިގެންފިކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފިއެވެ.
އިސްމާއީލް ޙަނިއްޔާ އީރަނަށް ވަޑައިގަތީ ހެލިކޮޕްޓަރ އެކްސިޑެންޓްގައި ޝަހީދުވި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި އެހެން ޢިއްޒަތްތްރިންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
އެ ބޭފުޅުންގެ ޖަނާޒައިގައި ވަރަށްގިނަ ގައުމުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރަޝިޔާއާއި ޗައިނާވެސް ހިމެނެއެވެ.
އިސްމާއީލް ޙަނިއްޔާގެ މި ދަތުރުފުޅުގައި އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ ޢަލީ ޚާމަނާއި އާއި ވަގުތީ ރައީސް މުޙައްމަދު މުޚްބަރް އާއި ބައްދަލު ކުރެއްވުން އީރާނުގެ ސްޓޭޓް މީޑިއާއިންވެސް ވަނީ ހާމަކޮށްފައެވެ.
އެ ބައްދަލު ކުރެއްވުމުގައި ފަލަސްތީނުގެ މައްސަލާގައި އީރާނުން ގެންގުޅޭ ސިޔާސަތާއި ވިސްނުން ބަދަލު ނުވާނެކަމަށް ޚާމަނާއި ވަނީ ހަނިއްޔާއަށް ޔަގީންކަން ދެއްވާފައެވެ.
އާޔަތު ﷲ ޢަލީ ޚާމަނާއިގެ ވާހަކަފުޅުގައި އިސްމާޢީލު ހަނިއްޔާއަށް ހިތްވަރު ދެއްވަމުން ވިދާޅުވެފައިވަނީ އިރާދަ ކުރެއްވިއްޔާ އިސްރާއީލުގެ މައްސަލަ ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި އެ ދުވަހުން މެޑިޓެރޭނިއަން ކަނޑުން ފެށިގެން ޖޯރޑްން ކޯރާ ހަމަށް ފަލަސްތީނުގެ ދައުލަތް ގާއިމުވެގެންދާތަން ދުނިޔެއިން ދެކޭނެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ އިސްރާއީލު ބަލިވެގެން ދިއުމަކީ އިލާހީ ތަގްދީރުގައި ކަނޑައަޅުއްވާފައިވާ އަމުރުފުޅެއްކަން މާތް ނަބިއްޔާގެ ބަސްފުޅުތަކުން ގަބޫލު ކުރައްވާކަމަށާއި އެކަން ތަންފީޒު ވެގެންދާނެ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުގެ ބިޔަ ލަޝްކަރުތަކާއި ބާރުގަދަ ފަނާ ކުރަނިވި ހަތިޔާރުތައް ބޭނުންކޮށްގެން ގައްޒާ ބިމާ ހަމަކުރަމުން ގެންދާއިރުވެސް މުޖާހިދުންގެ އަޒުމަށް ބަދަލެއް ނައުމަކީ މާތް ނަބިއްޔާގެ ބަސްފުޅުތަންފީޒުވެގެން ދާނެ ކަމުގެ ވަރަށް ސާފު ހެއްކެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މެދު އިރުމަތީގެ މަސްރަޙް މިހާބޮޑަށް ނޭންގުމުގެ ތެރެއަށް ވެއްޓިފައިވާ މިދަނޑިވަޅުގައި އީރާނުގެ ރައީސް އަދި ޚާރިޖީ ވަޒީރާއި ދައުލަތުގެ އިސްވެރިންތަކެއް ދަތުރުކުރެއްވި ހެލިކޮޕްޓަރ ކްރޭޝްވުމާ ގުޅިގެން އެއިން ދަތުރު އެންމެހާ ބޭފުޅުން ކުއްލިއަކަށް ދުނިޔެއިން ވަކިވެގެން ދިއުމަކީ އީރާނަށް ލިބުނު ފޫ ނުބެއްދޭ ވަރުގެ ގެއްލުމެކެވެ.
އީރާނުގެ މަދަދު ލިބެމުންދާ މުޖާހިދުންގެ ޖަމާއަތްތަކާއި ދެކޮޅަށް އިސްރާއީލުގެ މިލިޓްރީން ހިންގަމުންދާ ފަނާކުރަނިވި ހަނގުރާމައިގެ ރާޅުތައް އެކިސިފަ ސިފައިގާ މިހާރު މުޅިދުނިޔޭގެ ގޮނޑުދޮށްތަކަށް ބީއްސަން ފަށައިފިއެވެ. ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ މަގެއް ހޯދުމަށް ދުނިޔޭގެ ބާރުގަދަ ގައުމުތައްވެސް ހިމެނޭ ގޮތުގައި މިހާތަނަށް ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ސުމެކޭ ބުނަން ޖެހެއެވެ.
އިސްރާއީލުގެ ހައްދުފަހަނަޅާ ގޮސްފައިވާ ގަތުލު އާންމުގައި ޝަހީދުވެފައިވަނީ ފަލަސްތީނުގެ ކިތައް މައުސޫމް ރައްޔިތުންކަން އެނގޭނެގޮތެއް ނެތެވެ. ހަމައެކަނި ކުރެވެނީ އެ އަދަދުގެ އަންދާޒާއެކެވެ.
އީރާނުގެ ސިޔާސީ މަގުޗާޓުގައި ސުޕްރީމް ލީޑަރަކު ހުންނަން ޖެހެއެވެ. މިހާތަނަށް އެ މަގާމު ދެން ލިބިވަޑައިގަންނަވާނެ ބޭފުޅަކީ ކުރީގެ ރައީސް މަރުހޫމް އިބްރާހިމް ރައީސީ ކަމުގައި ވަނީ ބެލެވިފައެވެ.
އެހެންނަމަވެސް މިއަދު އެމަނިކުފާނު ދުނިޔޭގައި ނެތުމުގެ ސަބަބުން އާޔަތު ﷲ އަލީ ޚާމަނާއި އަށްފަހު އެމަގާމަށް ތައްޔާރުކުރާނެ ބޭފުޅަކު އިޚްތިޔާރު ކުރެވިފައެއްއަދި ނެތެވެ.
ކަށަވަރު ނުކުރެވޭ ގޮތެއްގައި ފެތުރެމުންދާ އަޑުތަކަށް ބަލާއިރު އާޔަތު ﷲ ޢަލީ ޚާމަނާއިގެ ފިރިހެން ދަރިކަލުން މުޖުތަބާ ޚާމަނާއި އަށް ދެން އެ މަގާމު ލިބިވަޑައިގެންފާނެކަމަށް ބެލެވެއެވެ.
One Response
ހަމަ އީރާނުވަރެއް ނެތެވެ. ކަމެއް ކުރެވުނިއްޔާ ކުރެވޭނީ އީރާނާއި ޔަމަނާއި ތުރުކީގެ ގުޅުމުންނެވެ. ތިއުޅޭ ޢަރަބި ގައުމުތަކަށް ޖަމަލު ފޮޑި ޖެހުންފިޔަވާ ކުރެވޭނެ ކަމެއް ހަތްޙަރާމުން ޙަރާމެވެ. އެގޮތަށް ޖަމަލު ފޮޑި ޖަހަން ތިއްބާ ނޫންތޯ އިރާގު، އަފުގާނިސްތާނު، ލީބިޔާ ފުނޑާލީ. އުންމަތީ އުންމަތީއޭ ކިޔާފަ ކިބޫ ކަރުނަ ދައްކަން ތިބޭނީއެވެ. މާތްﷲގެ ހެޔޮރަޙުމަތް ފަލަސްތީނާއި ޔަމަނުގެ މުޖާހިދުންނަށް ދައްކަވާށިއެވެ.