ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވުމުން ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭ 22:30 އާ ހަމައަށެވެ.
އެ ސަރަހައްދުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި, ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.