މެދުއިރުމަތީގައި ހިނގަމުންދާ ޙަރަކާތްތައް ކޮންމެ ދުވަހަކު އެތައްފަހަރު އަޑު އިވެމުން އަދި ފެންނަމުން ދާއީރު އީރާނަކީ މެދުއިރުމަތީގެ އަރަބިންގެ ސަފުން އެއްފަރާތް ކުރެވިފައިވާ ގައުމެކޭވެސް ބައެއްފަހަރު ހީވާކަހަލައެވެ. އެހެންނަމަވެސް މެދުއިރުމަތީގައި އީރާނުން ކުޅެމުން ގެންދާ ދައުރަކީ އެކަހެރިކުރެވިދާނެ ދައުރެކޭ ނުބުނެވޭނެއެވެ.
ކިއުންތެރިންނަށް މި ގެނެސްދެނީ އީރާނުގެ ސިޔާސީ ކުޅިބައި އެތުރެމުންދާ ގޮތުގެ ކުރު ޚުލާސާއެކެވެ.
އީރާނުގެ އެންމެ ފަހުގެ ރައީސް އިބްރާހިމް ރައީސީގެ ކުއްލި އަވަހާރަވުމުގެ ސަބަބުން އީރާނުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތަށް ވަގުތީ ގޮތުން ކޮންމެވެސް މިންވަރެއްގެ ސިޔާސީ ހުސްކަމެއް އައިސްފައިވާ ކަމަށް އީރާނުގެ ސިޔާސީ ތަޖްރިބާކާރުންވެސް އެއްބަސްވެ ވަޑައިގަންނަވައެވެ. އެއީ ރައްޔަތުންގެ ޚާދިމް ކުރީގެ ރައީސް ރިއާސީ ހޯއްދަވާފައިވާ މަގުބޫލުކަމާއި އެއްވެސް ބަޔަކަށް އީރާނުގެ އަތް އަނބާނުލެވޭނެ ގަދަފަދަ ސިޔާސަތުގެ ސަބަބުންނެވެ.
އީރާނުގެ ގާނޫނު އަސާސީގައި ކަނޑައަޅާފައިވަނީ ރައީސް އަވަހާރަ ވެއްޖެނަމަ ރައީސްގެ މަގާމަށް ވަގުތީ ގޮތުން ފަސްޓް ވައިސް ޕްރެޒިޑެންޓް ހަވާލުވެވަޑައިގަތުމަށާއި އަދި ކުރިއަށް އޮތް 50 ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ބޭއްވި ރައީސަކު އިންތިޚާބު ކުރުމަށެވެ.
ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ރައީސްކަމުގެ މަގާމުގެ މަސްއޫލިއްޔަތު ތަކާއި ފުރަތަމަ ނައިބު ރައީސް މުޙައްމަދު މުޚްބަރް މިހާރުވަނީ ހަވާލުވެ ވަޑައިގެންފައެވެ. އަދި ވަގުތީގޮތުން ގައުމުގެ މިސްރާބުވެސް ޔަގީން ކަށަވަރު ކުރައްވާފައެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ 50 އަހަރުވީ ތާރީޚުގެ ގާނޫނު އަސާސީގައިވާގޮތުގެ މަތިން ރައީސް ނެތް ޙާލަތެއް މެދުވެރިވުމުން ފުރަތަމަ ނައިބު ރައީސް އެ މަގާމަށް އައްޔަން ކުރުމާއި ކުރިއަތް އޮތް 50 ދުވަހުގެ ތެރޭގައި އެހެން ރައީސަކު އިންތިޚާބު ކުރުމަކީ ސިޔާސީ ގޮތުން ކުރަން ކަނޑައަޅާފައިވާ ކަމެކެވެ. އެކަމުގައި ދީނީގޮތުން އެއްވެސް ބައިވެރި ވުމެއް އެކުލެވިފައެއް ނުވާނެއެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ކުރީގެ ރައީސް އިބްރާހީމް ރައީސީ ބެލެވިފައިވަނީ ދުނިޔޭގައި ހުންނެވިނަމަ މިހާރު އުމުރުފުޅުން ގިނަ ދުވަސްތަކެއް ވެފައިވާ ދީނީ އިމާމް ނުވަތަ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއިގެ ބަދަލުގައި އެ މަގާމު އެންމެ ބޮޑަށް ކަށަވަރު ކުރެވިފައިބާ ބޭފުޅާ ކަމަށެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ދީނީ އަދި ސިޔާސީ ބާރުވެރިކަމުގައި އެންމެ ފަހުބަސް ބުނުމަކީ ސުޕްރީމް ލީޑަރަށް ލިބިވަޑައިގެންވާ ބާރެކެވެ. އަދި އެގައުމުގެ ޚާރިޖީ ސިޔާސަތުގެ އެންމެ ފަހުބަސް ބުނުމާއި ބައެއް މުހިންމު ދާޚިލީ ސިޔާސަތުތަކުގައި އެންމެ ފަހުބަސް ބުނުމަކީވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރެކެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އާރމްޑް ފޯސަސްގެ ކޮމާންޑަރ އިން ޗީފްއަކީވެސް އެގައުމުގެ ސުޕްރީމް ލީޑަރެވެ. އީރާނުގެ ޝަރުއީ ނިޒާމާއި ސަރުކާރުގެ މުހިންމު އިދާރާތައް ހިނގަމުންދާ ގޮތާއި ދައުލަތުގެ މީޑިއާ ސުޕަރވައިޒް ކުރުމުގެ އިޚްތިޔާރުވެސް އެމަނިކުފާނަށް ލިބި ވަޑައިގެންފައި ވެއެވެ.
މީގެ އިތުރުން ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ކަންތައް ބަލަހައްޓަވާ ގާރޑިއަން ކައުންސިލް އަށް މަޝްވަރާ ދިނުމާއި ޕާރލަމެންޓު ނުވަތަ މަޖިލިސްގެ ނިންމުންތައް ވީޓޯ ކުރުމާއި ދެވަނަ ވިސްނުމަކަށް ފޮނުވުމުގެ ބާރުވެސް ލިބިވަޑައިގަންނަ ވައެވެ. އީރާނުގެ ސުޕްރީމް ލީޑަރަކީ އުމުރު ދުވަހުގެ މަގާމެކެވެ.
1979 ގައި އުފެދުނު އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އިންގިލާބީ ސަރުކާރުގައި މިހާތަނަށް އައްޔަން ކުރެވުނީ 2 ސުޕްރީމް ލީޑަރުންނެވެ. އެންމެ ފުރަމަ 1979 ވަނައަހަރު އާޔަތު ﷲ ރޫޙުﷲ ޚުމެއިނީ އައްޔަންކުރެވުނެވެ. އެމަނިކުފާނު 1989 ގައި އަވަހާރަވުމުން އެ މަގާމަށް އައްޔަން ކުރެވުނީ މިހާރު އެމަގާމުގައި ހުންނެވި އާޔަތުﷲ އަލީ ޚާމަނާއި އެވެ.
އިންގިލާބީ ކަރިސްމަޓިކް ލީޑަރޝިޕެއް ލިބިވަޑައިގެންފައި ހުރުމުގެ އިތުރުން އާޔަތު ﷲ ރޫޙު ﷲ ޚުމައިނީއަކީ އިލްމީރޮނގުންނާއި ތަގްލީދު ކުރުމުގެ ރޮނގުންވެސް ވަރަށް ފުންނާބު އުސް ބޭފުޅެކެވެ.
ޝިޔާއީ މަޒްހަބުގެ އެންމެ ބޮޑެތި އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައި ގަންނަވާ ބޭފުޅެއްވެސް މެއެވެ. އަދި އެއީ ޝިޔައީންގެ އެންމެ ގިނަމީހުން ބޯލަބާ 12 އިމާމުން ހިމެނި ވަޑައިގަންނަވާ ކަމަށް ގަބޫލުކުރާ މަޒްހަބުގެ އާޔަތު ﷲ ގެ ޝަރަފް ލިބި ވަޑައިގެންފައިވާ ބޭފުޅެކެވެ. ( ޝިޔާޢިންގެ މަޒްހަބުގައި މި އުންމަތުގެ މާތް ނަބިއްޔާއަށްފަހު 12 އިމާމުން މާތް ﷲ މިދުނިޔެއަށް ފޮނުއްވާނެ ކަމަށް ގަބޫލުކުރުން ހިމެނެއެވެ. ފުރަތަމަ އިމާމަކީ މި އުންމަތުގެ 4 ވަނަ ޚަލީފާ އަލީގެފާނެވެ. އެންމެ ފަހުގެ އިމާމަކީ މަހްދީގެ ފާނުކަމަށް ބެލެވިފާވެއެވެ. )
1979 ވަނައަހަރު ފެބްރުއަރީ މަހުގެތެރޭގައި ގެނެވުނު އިންގިލާބުގައި އޭގެކުރިން އީރާނުގައި އޮތް ކާފަރުވަންތަ ރަސްކަން ނިމުމަކަށް ގެނެވުނެވެ. އަދި އާޔަތު ﷲ ޚުމޭނީ ވެރިކަމަށް އިސްވެ ވަޑައިގެންނެވީ ދީނީ އިލްމުވެރިއެއްގެ ގޮތުގައެވެ. ސުޕްރީމް ލީޑަރގެ މަގާމަށް އިންތިޚާބުވެ ވަޑައިގަތީ އެ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުނު ޢާންމު އިންތިޚާބަށްފަހުގައެވެ.
އީރާނުގެ އެންމެހާ ކަންތައްތައް އިސްލާމީ ޝަރީޢަތާއި އެއްގޮތަށް އެކަށައެޅި ތަސްދީގުކުރެވި ތަންފީޒުކުރެވި ގެންދާގޮތަށް ހަމަޖެހި އަދި އެކަންކަމުގައި ޢިލްމުވެރިންގެ ބައިވެރިވުން ހިމެނިގެންދިއުމަކީ އިމާމް ޚުމޭނީގެ ނިންމެވުމެކެވެ.
1982 ން 1983 ށް އިމާމް ޚުމޭނީ އީރާނުގެ ސުޕްރީމް ލީޑަރަކަށް ހުންނެވި އިރު އާޔަތު ﷲ އަލީ ޚާމަނާއި އަކީ އެ ގައުމުގެ 3 ވަނަ ރައީސެވެ. ޚުމޭނީއަށްފަހު ސުޕްރީމް ލީޑަރަކު ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީ 107 އަދި 111 ވަނަ މާއްދާގެ ދަށުން ލިބިދީފައިވަނީ 80 މެމްބަރުން ހިމެނޭ ތަޖްރިބާކާރުންގެ އެސެމްބްލީ އަކަށެވެ.
އެ ބޭފުޅުންގެ އޮފީހުގެ މުއްދަތަކީ 8 އަހަރު ދުވަހެވެ. ސުޕްރީމް ލީޑަރަކު އައްޔަންކުރުމާއި އެ ކަމުގައި މަޝްވަރާ ދިނުމާއި ސުޕްރީމް ލީޑަރ މަގާމުން ދުރުކުރުމަކީވެސް އެބޭފުޅުންނަށް މައްޗަށް ގާނޫނ އަސާސީން ދީފައިވާ ބާރެކެވެ.
ބުނެވިދިޔަ 80 މެމްބަރުން އިންތިޚާބު ކުރުމުގައިވެސް އަމަލު ކުރެވޭނީ ގައުމުގެ ރިޔާސަތަށާއި އަދި ޕާރލަމެންޓް ނުވަތަ މަޖިލިސް އަށްވެސް މެމްބަރުން ކުރިމަތި ލުމުގެ ޝަރުތުތައް ފުރިހަމަވޭތޯ ގާރޑިއަން ކައުންސިލް ބެލުމަށްފަހުގައެވެ. ހަމަ ކޮންމެ މީހަކަށް އެފަދަ މަގާމުތަކަށް ކުރިމަތިލެވޭގޮތެއް ނޯވެއެވެ.
ގާރޑިއަން ކައުންސިލްގެ މެމްބަރުން އައްޔަންކުރުމަކީ ސުޕްރީމް ލީޑަރާއި އުއްތަމަ ފަނޑިޔާރު ނުވަތަ ޝަރުޢީ ނިޒާމުގެ އެންމެ އިސް ބޭފުޅެއްގެ މަސްއޫލިއްޔަތެކެވެ. އުއްތަމަ ފަނޑިޔާރު ނުވަތަ ޖުޑިޝަރީގެ އެންމެ އިސް ބޭފުޅަކު އައްޔަންކުރުމަކީ ސުޕްރީމް ލީޑަރގެ މަސްއޫލިއްޔަތެކެވެ.
އެހެންގޮތަކަށް ބުނާނަމަ އީރާނުގެ އިންތިޚާބީ ނިޒާމަކީ ސުޕްރީމް ލީޑަރ ބޭނުންފުޅުވާ ގޮތަކަށް ގައުމުގެ ކަންތައްތައް ތަރުތީބުކޮށް ހިންގަން އިންތިޚާބު ކުރެވޭ ބައެކެވެ.
2024 ވަނައަހަރު މާރޗްމަހު ބޭއްވުނު އެސެމްބްލީ އޮފް އެކްސްޕާރޓުނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން %40 ކެންޑިޑޭޓުންނަށް ގާރޑިއަން ކައުންސިލްގެ ރުހުމެއް ނުލިބުނެވެ.
ގާރޑިއަން ކައުންސިލުން ނިންމަވާފައިވަނީ އެބޭފުޅުން ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. މިހެން ދިމާވެފައިވަނީ އެ ކެންޑިޑޭޓުންނަކީ ސުޕްރީމް ލީޑަރުގެ ވިސްނުންފުޅާ ދެކޮޅަށް މިނިވަން އަދި “ އިސްލާޙީ “ ފިކުރުގެ ބޭފުޅުންނަށް ވީތީ ކަމަށް ގަބޫލުކުރެވެއެވެ.
ޙަގީގަތުގައި ކުރިއަށް އޮތްތަނުގައިވެސް ސުޕްރީމް ލީޑަރަކު އައްޔަންކުރުމަކީ އެސެމްބްލީ އޮފް އެކްސްޕާރޓުންގެ މަސްޢޫލިއްޔަތެކެވެ.
އެންމެ ފުރަތަމަ ހަމަޖެހިފައިއޮތް ގޮތުން ކޮންމެ ސުޕްރީމް ލީޑަރަކީވެސް އިމާމް ޚުމޭނީ ފަދައިން އިސްލާމިކް ސްކޯލަރަކަށް ވާންޖެހޭނެއެވެ. އެހެންނަމަވެސް ފަހުން ގާނޫނު އަސާސީއަށް ގެނައި އިސްލާޙް އަކުން އެ ފެންވަރުގެ ބޭފުޅެއް ނޫނަސް އެ މަގާމަށް އެކަށީގެންވާ ކަމަށް އެސެމްބްލީ އޮފް އެކްސްޕާރޓުންގެ އަޣްލަބިއްޔަތު ލިބިވަޑައިގެންފި ބޭފުޅަކު ސުޕްރީމް ލީޑަރގެ މަގާމަށް އައްޔަން ކުރުމުގެ ދޮރު ވަނީ ހުޅުވާދީފައެވެ.
މިކަން މިގޮތަށް އޮތްނަމަވެސް އޭރަކު ހުންނަވާ ސުޕްރީމް ލީޑަރެއްގެ ތާއީދުނެތި އެކްސްޕާރޓުންގެ ތާއީދެއްވެސް ނުލިބޭނެއެވެ.
އީރާނުގެ ގާރޑިއަން ކައުންސިލް އާއި އެސެމްބްލީ އޮފް އެކްސްޕާރޓުންނާއި އަދި އެހެނިހެން ގިނަ އިންސްޓިޓިއުޝަން ތަކެއްގެ ކޮންޓްރޯލް އޮތީ އިސްލާމީ ފިކުރުގެ ބޭފުޅުންގެ އަތްޕުޅު މަތީގައެވެ.
އީރާނުގެ މިހާރުގެ ސުޕްރީމް ލީޑަރ އަލީ ޚާމަނާއި އަކީ އާޔަތު ﷲ ރޫޙު ﷲ ޚުމޭނީގެ ދަރިވަރެކެވެ. ޚާމަނާއި ކިޔާވާ ވިދާޅުވި ދުވަސްވަރު ދީނީ މާއްދާތަކަށް ވުރެން ބޮޑަށް އިޚްތިޔާރު ކުރައްވާފައިވަނީ ސިޔާސީ މާއްދާތަކެވެ. މިސަބަބަށްޓަކައި ޝިޔާޢީ މަޒްހަބުގައި އާޔަތު ﷲ ގެ ދަރަޖަ ޙާސިލެއް ނުކުރެވުނެވެ. އެމަނިކުފާނަށްވެސް ލިބިވަޑައިގެންފައިވަނީ އެހެނިހެން އާޔަތު ﷲ ގެ އަރިހުން ކިޔަވާ ވިދާޅުވި ބޭފުޅުންނެކޭ އެއްފަދައިން “ ހުއްޖަތުލް އިސްލާމް “ ގެ ޝަރަފެވެ.
މިހާރުގެ ސުޕްރީމް ލީޑަރ އަލީ ޚާމަނާއިގެ ދަރަޖަ އާޔަތު ﷲ ގެ ޝަރަފަށް އުފުލިގެން ދިޔައީ ސުޕްރީމް ލީޑަރަށް ވެވަޑައިގަތުމަށް ފަހުގައެވެ. ޢަލީ ޚާމަނާއި އާއި އިބްރާހީމް ރައީސީ އަކީވެސް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އިންގިލާބީ ޙަރަކާތުގައި ދިގު މުއްދަތަށް ވަރަށް ޚާއްސަގޮތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ.
އެހެންނަމަވެސް އެބޭފުޅުންގެ ދިނީ އިލްމު އާޔަތު ﷲ ރޫޙު ﷲ ޚުމޭނީ އާއި ފެންވަރެއް އެއް ނޫނެވެ.
އާޔަތު ﷲ ޚުމޭނީއަށްފަހު ސުޕްރީމް ލީޑަރަކަށް ވާނީ ގްރޭންޑް އާޔަތު ﷲ ހުސައިން ޢަލީ މުންތަޒާރީ ކަމުގެ އަޑުތަކެއް ވަރަށް ގަދަޔަށް 1989 ގައި އިވިގެން ދިޔައެވެ.
އޭގެފަހުން އާޔަތު ﷲ ޚުމޭނީ އާއި ދެބޭފުޅުންގެ ފުށޫ އެރުމެއްގައި މުންތަޒާރީ ޖަލަށް ލެވުނީއެވެ. މި ފުށޫ އެރުން މެދުވެރިވީ 1988 ގައި ސަރުކާރާއި އިދިކޮޅަށް ނިކުތް ބަޔަކަށް މަރުގެ އަދަބު ދިނުމުން މުންތަޒާރީވެސް ބައިވެރިވެ ވަޑައިގެން ސަރުކާރަށް ފާޑުކިޔަން ފެށުމުންނެވެ.
އެމައްސަލާގައި ވަކާލާތު ކުރެއްވި ދައުލަތުގެ ޕްރޮސެކިއުޓަރުންގެ ތެރޭގައި އިބްރާހިމް ރައީސީވެސް ހިމެނި ވަޑައިގެންނެވިއެވެ.
ކުރިއަށް އޮތްތަނުގައި ގައުމުގެ ސުޕްރީމް ލީޑަރަކު އައްޔަންކުރުމުގައި ރިޢާޔަތްކުރަން އޮތީ ހަމައެކަނި އެންމެ ޙާދިސާއެކެވެ. މި ސަބަބަށްޓަކައި އަނެއްކާވެސް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހިދާނެކަމަށް ބެލެވެއެވެ.
އެ ޙާލަތުގައި ޕާރލަމެންޓް ( މަޖިލިސް ) އެސެމްބްލީ އޮފް އެކްސްޕާރޓްސްގެ ކޮންޓްރޯލް ދީނީ ފިކުރުގެ ބޭފުޅުންގެ ބާރުގެދަށަށް ގެންނަން ޚާމަނާއިއަށް ޖެހިވަޑައި ގަންނަވާނެއެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ސިޔާސީ މަސްރަޙު ކުރިއަށް ދިރާސާ ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ގިނަ ކަންތައްތަކެއް ނިމިގެންދާނީ ސުޕްރީމް ލީޑަރުގެ ނިންމުމަށެވެ. އެއީ ކުރިން ލަފާކުރަން އެނގޭ ޙާލަތެއް ނޫނެވެ. ކުރިއަށް އޮތްތަނުގައިވެސް ސުޕްރީމް ލީޑަރަކު އައްޔަންކުރުމުގެ ފިޔަވަޅުތައް ކިތަންމެ ތަފްސީލުކޮށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތްނަމަވެސް އެމާއްދާތަކުންވެސް ސުޕްރީމް ލީޑަރަށް ދީފައި އޮންނަ ޚާއްސަ ބާރުތައް ކަނޑުވައެއް ނުލައެވެ.
އެސެމްބްލީ އޮފް އެކްސްޕާރޓުންގެ ބޭނުންފުޅު ވެއްޖެ ހިނދެއްގައި ސުޕްރީމް ލީޑަރ ބޭނުންފުޅުވާ ގޮތް އިޚްތިޔާނުކޮށް ދޫކޮށްލެވިދާނެއެވެ. އެހެންނަމަވެސް ކުރިމަގަށްބަލާއިރު ސުޕްރީމް ލީޑަރ ވަކި ގޮތަކަށް ކަމެއް ނިންމުމުގެ ކުރިން އެސެމްބްލީ އޮފް އެކްސްޕާރޓުންގެ ޚިޔާލު ހުރިގުތެއް ހޯދާނެކަން ޔަގީނެވެ.
އެއީ އެކަން ކުރަމުން އަންނަގޮތެވެ. ކުރިޔަށް އޮތް ތަނުގައި ސުޕްރީމް ލީޑަރގެ ބާރުތައް ޓްރާންސްފަރ ކުރުން ހަމަޖެހުމާއި އޮމާން ކަމާއި އެކު ކުރިއަށް ދިއުމުގެ ބޭނުންތެރިކަން ވިސްނިވަޑައި ގަންނަވާނެއެވެ.
One Response
ވަރުގަދަ އިންގިލާބީ ޝަޚްސިއްޔަތަށްނޫނީ އީރާނު ކޮންޓްރޯލެއް ނުކުރެވޭނެއެވެ. އަދި އަމުދުން މުޅިދުނިޔޭ ކަންކޮޅުތަކަށް އެމީހަކު އުޅޭނެގޮތަކަށް އުޅުމުގެ މިނިވަންކަން ފަތުރަމުން ގެންދާއިރު އިސްލާމީ އަގީދާގައި އީރާނުފަދަ ގައުމެއްގެ ރައްޔިތުން ސާބިތުވެ ތިބުން ކަށަވަރު ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
އީރާނަކީ ދުނިޔޭގެ ތާރީޚުގެ ފަތްފުށްތައް ކިޔަން އެނގުނު ހިސާބުން ފެށިގެން ވަރުގަދަ ޙަޟާރަތެއްގެ މަތީގައި ބިނާވެފައިވާ ގައުމެކެވެ. އަރަބި ބައްރުގައި މިހާރުވެސް ހަރުދަނާ އަމިއްލަވަންތަ ސިޔާސަތެއް ނެތި ހުޅަނގުގެ މައްޗަށް މާބޮޑަށް ބަރޯސާ ވެފައި އޮތުމުގެ ސަބަބަކީ ގަބީލާ ވަންތަ ވިސްނުން ސިކުނޑިން ފޮހެ ނުލެވުމެވެ.