އިސްރާއީލު އެކަހެރިވުމުގެ ކޮޅުމަތި މިފެންނަން ފަށައިފި

Loading

Facebook
Twitter
WhatsApp

މިއަދުގެ ޚަބަރުގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ދުނިޔޭގެ ގައުމުތަކުގައި އިސްރާއީލު އެކަހެރިވަމުން ދިއުމުގެ ކޮޅުމަތި ފެންނަން ފަށައިފިކަމެވެ. މިއަދުގެ ދުނިޔެއިން އަޅުވެތިކަމާއި އިސްތިޢުމާރަށް ޖާގަ ނުލިބޭނެކަން ހާމަކުރުމެވެ.

ދާދި އަވަހަށް ގަދަބާރުން ދުނިޔޭގައި ވެރިކަން ކުރި ޒަމާން ފާއިތުވެގެން ހިނގައިދާނެ ކަމުގެ އެންމެ ފަހުގެ އަލާމާތްވެސް މިވަނީ ފެންނަށް ފަށާފައެވެ.

މިއަދުގެ ދުނިޔޭގައި ގަދަފަދަ ކަމާއި ގޮތްދޫނުކުރުމުގައި ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެ ގަނެގެން އުޅޭ ޔަހޫދީންގެ ދައުލަތް އިސްރާޢީލު އެކަހެރިވެގެން ހިނގައިދާނެ ކަމުގެ އަލާމާތްތަކެވެ. އެމެރިކާގެ ބާރުގައިވިޔަސް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން ދާއިމަށް ނުތިބެވޭނެ ކަމެވެ.

އެހެނީ އެމެރިކާގެވެސް އާނމު ރައްޔަތުން މިވަނީ ޔަހޫދީންގެ ފަނާކުރަނިވި ސިޔާތާއި ގަތުލު އާމްއަށް ދެކޮޅުހަދާ ތެދުވެފައެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ ދެތިން ގައުމެއް ފިޔަވާ، ލަސްނުކޮށް ފަލަސްތީނު މިނިވަން ދައުލަތެއް ހަމަޖެއްސުމަށް ބާރުއަޅަން ފަށައިފިއެވެ.      

ފަލަސްތީނުގެ މިނިވަންދައުލަތެއް ހުޅަނގު އައްސޭރިއާއި ގައްޒާއާއި އަދި 1967 ގައި ހިނގި މެދުއިރުމަތީގެ ހަނގުރާމައިގާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައި ފަލަސްތީނުގެ ބިންތައް ހިމެނޭ ގޮތުގައި އިރުމަތީ ޖެރޫސަލަމްއަކީ އެ ދައުލަތުގެ ވެރިރަށް ކަމުގައި ޔުނައިޓެޑް ނޭޝަންސްގެ މެމްބަރު ގައުމުތަކުގެ ތެރެއިން މިހާތަނަށް 140 ގައުމުން ވަނީ ގަބޫލުކޮށްފައެވެ. 

އެހެންނަމަވެސް އެމެރިކާ އިސްވެއޮވެ ހުޅަނގުގެ ބާރުގަދަ ބައެއް ގައުމުތަކުގެ ނުފޫޒުގައި ބައެއް އެ ގައުމުތައް ކަސްތޮޅުއެޅިފައިވުމާއި އެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދުވެގެން ދުނިޔޭގެ ސަފަށް އައުން އޮތީ ހުރަސް އަޅާފައެވެ. ސުވާލަކީ މިހާރުގެ ޙާލަތައްބަލާ ކިހާދުވަހަކު ދެތިން ގައުމެއްވެގެން މުޅިދުނިޔެއަށް ގޮންޖެހިދާނެ ހެއްޔެވެ.                          

މިއަދު މިފެންނަން ފެށީ ޔޫރަޕްގެ ގައުމުތަކުން އެ ކަސްތޮޅުތަކުން ވީއްލި އަމިއްލަ ފައިމައްޗަށް ތެދުވަން ގަދައަޅާ މަސައްކަތްކުރަމުން ގެންދާ މަންޒަރެވެ. ލިސްޓުގެ އެންމެ ކުރީ ސަފުން ފެނިގެން މިދަނީ ސްޕެއިނާއި ނޯރވޭ އަދި އަޔަރލޭންޑެވެ. 

އެ ތިން ގައުމުން މިއަދު އިއުލާން ކޮށްފައިވަނީ އެ ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލާގަނެފި ކަމަށެވެ. އަދި އެގޮތުގެ މަތީން މިއަދުން ފެށިގެން ޢަމަލުކުރާނެ ކަމަށެވެ. މިއީ އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލު އާންމުގައި އިސްރާއީލުގެ ދެފައި އެއްކޮށް ގަނބައިގެން ހިނގައިދާނެކަން ދޭހަކޮށްދޭ ނިޝާނެކެވެ.  

ސްޕެއިނާއި ނޯރވޭ އަދި އަޔަރލޭންޑުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާނެކަން އިއުލާން ކުރުމާއެކު އައި ރުޅީގައި އިސްރާއީލުން ވަނީ އެ ގައުމުތަކުގައިތި ޔަހޫދީންގެ ސަފީރުން އެނބުރި އައުމަށް އަންގާފައެވެ. އަދި އެ 3 ގައުމުން މި އެޅި ފިޔަވަޅާ ދޭތެރޭ ފަހުން ހިތާމަކުރަން ޖެހޭނެ ކަމަށް އިންޒާރު ދީފައެވެ. ނަތަންޔާހޫ ބުނެފައިވަނީ ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދޭނީ އޭނާގެ މަޝްވަރާގެ މޭޒުން ކަމަށެވެ. އެހެންނަމަވެސް ފާއިތުމިދާ ފަނަރަ ވަރަކަށް އަހަރުދުވަހު އެ މައުޟޫއުގައި ކުރެވުނު ބިނާކުރެވެނިވި އެއްވެސް މަޝްވަރާއެއްގެ ޔައުމިއްޔާ ފެންނާކަށް ނެތެވެ.

ފަލަސްތީނުން ވަނީ އެ ގައުމުތަކުގެ ނިންމުން ޝުކުރުވެރި ކަމާއެކު ބަލައިގަންނަކަން ހާމަކޮށްފައެވެ.

ނޯރވޭއާއި އަޔަރލޭންޑާއި އަދި ސްޕޭނުން ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކުރުން ޢިއުލާންކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވާ އަންގާރަ ދުވަހުއެވެ.                   

ބައިނަލް އަގްވާމީ ދުނިޔެއިން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަކީ މެދުއިރުމަތީގެ ދެކޮޅުވެރިކަމަށް އޮތް ހަމައެކަނި ސުލްޙަވެރި ޙައްލު ކަމުގައި ގަބޫލުކުރަމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. އެހެންނަމަވެސް އެމެރިކާގެ ނުރުހުން ކުރިމަތިވާނެ ކަމުގެ ބިރަށް އެ ގަބޫލުކުރުމަށް ޢަމަލީ ސިފަ ގެންނަން ޖެހިލުންވެ ބައެއް ގައުމުތަކުން ތިބެނީއެވެ.                                        

އެއްވެސް ސިފައެއްގައި އަޅުވެތިކަން މިޒަމާނުގައި އިންސާނުން ގަބޫލެއް ނުކުރާނެއެވެ. ނޭޓޯއަކީ އެމެރިކާގެ ނުފޫޒުގައި ޔޫރަޕުގެ ގައުމުތައް އަޅުވެތިކުރުން ކަމުގައި ދެނެގަތުމަށް ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. 

މިހާރު އެމެރިކާއާއި ނުލައި ޔޫރަޕްގެ ނޭޓޯއަކަށް ވަކާލާތުކުރުމުގެ ޢަލާމާތްތައް ފާޅުވާން ފަށައިފިއެވެ.ފަރަންސޭސި ވިލާތުން މިކަމަށް ވަކާލާތު ކުރަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ނޭޓޯގެ ބައެއް އެހެން ގައުމުތަކުން އެވިސްނުމުގައި ކުލަ ޖައްސަން ބޭނުންވާކަންވެސް ގެންދަނީ ހާމަކުރަމުންނެވެ.          

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ދޭތެރޭ މީގެ ކުރިން އެމެރިކާއާއި އިނގިރޭސި ވިލާތުން ގޮތްދޫނުކޮށް ހިފާއްޓަމުންދިޔަ ހަރުކަށި ސިޔާސަތުވެސް ކޮންމެވެސް ވަރަކަށް މިހާރު ބަދަލު ވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. އެގައުތަކުގެ މަގުތައް ރައްޔަތުންގެ ގިނަބަޔަކު ނިކުމެ ސަރުކާރުން ގެންގުޅޭ ކޮންމެގޮތަކުންވެެސް އިސްރާޢީލު ފަރސްޓް ޕޮލިސީއާއި ދެކޮޅުހަދާތަން ދެތިން މަހެއް ވެއްޖެއެވެ.

އެހެންނަމަވެސް އެ ދެގައުމުން އަދިވެސް ގޮތްދޫނުކޮށް ހިފާއްޓަމުންގެންދަނީ އިސްރާއީލު ބައިވެރިކޮށްގެން މަޝްވަރާގެ މޭޒުން އެކަން ނިންމުމަށް ކަމަށްބުނެ ބަހަނާ ދައްކައިގެނެވެ. އެއީ ދުވަހަކުވެސް ނުވާނެކަމެއްކަން ދެނެތިބެވެސް މެއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމާއި ދޭތެރޭ މި ފަހަކަށް އައިސް އެންމެ ބޮޑަށް ވަކާލާތު ކުރަމުން ގެންދާ އެއްގައުމަކީ ނޯވޭއެވެ. އެ ގައުމަކީ ފަލަސްތީނު-އިސްރާއީލް ގެ މައްސަލަ ޙައްލުކުރުމުގައި މީގެ ކުރިންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ގައުމެކެވެ. 1990 ގެ އަހަރުތަކުގައި މަޝްހޫރު އޮސްލޯ އެކޯރޑް ވުޖޫދު ކުރެވިގެން ދިޔައީ އެ މަސައްކަތުގެ ތެރެއިންނެވެ.

ނޯރވޭގެ ބޮޑުވަޒީރުގެ ވިސްނުންފުޅު އެމެރިކާއާއި އިނގިރޭސިލި ވިލާތުން ހާމަކުރަމުން ގެންދާ ވިސްނުމާއި ވަރަށް ތަފާތެވެ. އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އެންމެ ފުރަތަމަ ފަލަސްތީނުގެ ދައުލަތް ގަބޫލު ކުރާށެވެ. އެއަށްފަހު އެ ދައުލަތް އުފެދުނަ ނުދިމަށް ދެއްކޭނެ ހުރިހާ ބަހަނާއެއްގެ ދޮރު ބަންދު ވާނެއެވެ.

އައިރިޝް ބޮޑުވަޒީރު ވިދާޅުވެފައިވަނީ އަހަރެމެން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމާއި އެކު އެހެން ބައެއް ގައުމުތަކުންވެސް އެކަން ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.           

ސްޕޭނުގެ ބޮޑުވަޒީރު ވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުން އެދި ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ދަތުރު ކުރައްވާފައެވެ. ޕާރލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކޮށް މިއަދު އެ ދައުލަތް ގަބޫލުކުރަން ނިންމާފައިމިވަނީ ވަކި ގައުމަކާއި ވަކި ބޭފުޅަކާއި ދެކޮޅު ވިސްނުމެއް ސްޕޭނުން ގެންގުޅޭތީއެއް ނޫނެވެ. 

ސްޕޭނުން ބޭނުންވަނީ މެދު އިރުމަތީގެ ދެކޮޅުވެރިކަމަށް ސުލްޙަވެރި ނިމުމެކެވެ. ފަލަސްތީނުގެ ދައުލަތެއް އުފެދި ދުނިޔޭގެ ސަފަށް ނެރެވިގެން މެނުވީ މެދުއިރުމަތީގައި ސުލްޙަ ގައިމުވެގެން ނުދާނެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ސިކުނޑީގައި ހަނގުރާމަކޮށް ފަލަސްތީނު ނައްތާލުން ނޫން އެހެން ވިސްނުމެއް ނެތެވެ.

މިއަދުގެ ދުނިޔޭގައި އެކަމަށް ފުރުސަތު ނުލިބޭނެކަން ގަބޫލުކުރާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އަދި އޭނާގެ ވިސްނުމާ ފިކުރު ނޫން އެހެން ވާހައެއް އަޑުއަހަންވެސް އޭނާ ބޭނުމެއް ނުވެއެވެ.

މީޑިއާއަށް ދެއްވި ބަސްދީ ގަތުމެއްގައި ސްޕެއިންގެ ޚާރިޖީ ވަޒީރުވެސް ވަނީ އެގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރަން ނިންމުން ދިފާޢު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ މިއީ އެތައްދުވަހަކު ސްޕޭން ސަރުކާރުން ވިސްނުންމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.

ޔޫރަޕަށް ނިސްބަތްކުރެވޭ އެ 3 ގައުމުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރުން އިޢުލާން ކުރުމަކީ މި ހަފުތާގެ ތެރޭގައި އިސްރާއީލަށް ލިބިގެން ދިޔަ ދެވަނަ ނަފްސާނީ ޙަމަލާއެވެ. 

ބައިނަލް އަގްވާމީ އަދުލުގެ ނިޔާ ކޯޓުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ދިފާއީ ވަޒީ ޔޯ ގަލަންޓް ހައްޔަރުކުރަން އަމުރުކުރީވެސް މިހަފުތާގެ ތެރޭގައެވެ. މީގެ އިތުރުން ދެކުނު އެފްރިކާއިން އެ ކޯޓަށް ހުށައަޅާފައިވާ އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލު އާންމުގެ މައްސަލަވެސްއޮތީ ޝަރިޢަތްނިމި ޙުކުމް ކުރުމާގާތުގައެވެ.     

Loading

2 Responses

  1. އިރާދަކުރެއްވިއްޔާ ފަލަސްތީނުގެ ދައުލަތެއް އުފެއްދުން ދެން ކަޓުވައެއް ނުލެވޭނެ. މިހާތަނަށްވެސް ޔޫރަޕުގެ ވިސްނުން ބަދަލު ނުވުން އެންމެ ބޮޑު ހުރަހަކަށް ވެފާ އޮތީ. އަހަރެމެންގެ އީމާން ކަމަކީީީީީީީ “ މާތް ﷲ ކަމަކަށް އިރާދަ ކުރެއްވުމުން އެ ކަމަށް ސަބަބު މެދުވެރި ކުރައްވާނެ “ ،

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް