އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޕްރޮސެކިއުޓަރ، އެ ކޯޓުގެ ޕްރީ-ޓްރަޔަލް ޗެމްބަރ – 1 އަށް ހުށަހަޅުއްވާފައިވާތީ ދިވެހި ސަރުކާރުން މަރުހަބާ ކިޔައި އެކަމަށް ތާއީދުކުރާަކަން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޖިނާއީ ޒިންމާ ބެންޖަމިން ނަތަންޔާހޫއާއި ޔޯއާވް ގަލަންޓް އުފުލަން ޖެހޭނެ ކަމަށް ޕްރޮސެކިއުޓަރުގެ ހުށަހެޅުއްވުމަށް ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަށެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓާބެހޭ މުއާހަދާ ދަ ރޯމް ސްޓެޓިއުޓްގެ ބައިވެރި ދައުލަތެއްގެ ހައިސިއްޔަތުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ މިންގަނޑުތަކަށް ބޯލެނބުމާއި އަދުލު އިންސާފާއި ޖަވާބުދާރީވުމުގެ އަސާސްތައް ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ސާބިތުހެކި ޕްރޮސެކިއުޓަރު ހުށަހަޅުއްވާނެ ކަމަށާއި، ކޯޓުގެ އަދުލުވެރިކަމާއި ނަޒާހަތްތެރިކަމާމެދު ދިވެހި ސަރުކާރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ސަރުކާރުން ބުނީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަމިއްލަ އިޚުތިޔާރުގެ ހައްގާއި، މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ ހައްގު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.
މީގެއިތުރުން ބަޔާނުގައި ވަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ގާއިމުކޮށް، ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް ދާއިމީ އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވައިލައިފައެވެ.