ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ ދައުލަތެއް އަވަހަށް އުފައްދަން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

އިސްރާއީލް-ފަލސްތީނުގެ ހަނގުރާމަ ހުއްޓާލައި އަވަހަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އަރަބި ލީގުން ގޮވާލައްވައިފިއެވެ.

ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނަށް ހަރުކަށިކަމާއެކު ދެކޮޅު ހައްދަވަމުން ބަޙްރައިންގެ ވެރިރަށް މަނާމައިގާ ހިނގަމުންދާ އެ ޖަމާޢަތުގެ ވެރިން 33 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވަނީ ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލައިފައެވެ.

އެކަން ލަސްކުރެވޭނެ އެއްވެސް ޙާލަތެއް ދެން ގަބޫލު ނުކުރެވޭނެ ކަމަށެވެ. ބަޙްރައިންގެ އަމީރު ހަމަދު ބިން އީސާ އަލް ޚަލީފާ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލު ކުރެއްވުމުގައި ގައްޒާގެ މައްސަލައިގެ އިތުރުން ލީބްޔާއާއި ސޫދާނާއި ސީރިޔާ އަދި ޔަމަނަށް މެދުވެރިވެފައިވާ މައްސަލަތަކާއި ދޭތެރޭވެސް މަޝްވަރާ ކުރެއްވިއެވެ.                      

މިދިޔަ އަހަރު އަރަބް ލީގުގެ ރިޔާސަތުގެ ޙައިސިއްޔަތުން މިއަހަރުގެ ބައްދަލުވުން ހުޅުއްވާ ދެއްވި ޚިތާބުގައި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ސަޢޫދީ އެރޭބިޔާއިން ކުރަމުންދާ ތާއީދުގެ މަގު ބަދަލު ނުވާނެ ކަމަށާއި ގައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލު އާންމު ހުއްޓުވުމަށް ބައިނަލް އަގްވާމީ ލީޑަރުންނަށް ގޮވާލެއްވުން ވަލީއަހްދު މުހައްމަދު ބިން ސަލްމާން ތަކްރާރު ކުރެއްވިއަޑު އިވިގެން ދިޔައެވެ.

ހަމައެއާއެކު ރެޑްސީގެ ތެރެއިން ދަތުރުކުރާ އުޅަނދުފަހަރަށް ހޫތީ މުޖާހިދުން ދެމުންގެންދާ ޙަމަލާތައް ފާހަގަކުރައްވައި ބައިނަލް އަގްވާމީ ވިޔަފާރިއަށް ހުރަސްއެޅޭފަދަ ކަންތައް ތަކަށް ތާއީދު ނުކުރެއްވޭނެކަންވެސް މުޙައްމަދު ވިދާޅުވިއެވެ.           

އަރަބިންނާއި އަދި މުޅި ދުނިޔެއިން އެއްބަސްވެވޭ ގިއުގަނޑެއްގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދަށް ގެނެސް ޔުނައިޓެޑް ނޭޝަންސްގެ ފުރިހަމަ މެމްބަރުކަން އެ ދައުލަތަށް ލިބިދޭން ޖެހޭނެކަން އެކަށައަޅާ ގަރާރެއް ފާސްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބަހްރައިގެ އަމީރު ވާހަކަފުޅު ދެއްކެވިއެވެ.           

މިއަހަރު އަރަބްލީގް ސަމިޓްގެ އެންމެ މުހިން އެޖެންޑާއެއްކަމަށް ފާހަގަކުރެވިފައި ވަނީ އޮޚްޓޯބަރ 7 ގައި ފަލަސްތީނުގެ މުޖާހިދު ޖަމާޢަތެއް ކަމުގައިވާ ޙަމާސް އިން ކުއްލިއަކަށްދެކުނު އިސްރާއީލުގެ ތެރެއަށް ވަދެގަނެ 1170 މީހުން މަރާލުމާގުޅިގެން އެކެމުގެ ސަބަބުންކަމުގައި ބުނެ އިސްރާޢީލުން މިހާރު ހިނގަމުންދާ ހަނގުރާމައެވެ.                                                  

މި ބައްދަލު ކުރެއްވުމުގައި މިސްރާއި ޖޯރޑްން އާއި ގަތަރާއި އެމިރޭޓްސް އާއި ފަލަސްތީން އަދި ސަޢޫދީ އެރޭބިޔާގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.                               

2011 ވަނައަހަރުގެ ފަހުން ޢަރަބް ލީގުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ސީރިޔާ ރައީސް ބައިވެރިވެ ވަޑައިގަތުމަށް ފުރުސަތު ލިބި ވަޑައިގެންނެވި މިއީ ދެވަނަ ފަހަރެވެ. ޔުނައިޓެޑް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި ގައްޒާއަށް ފޯރުކޮދޭންޖެހިފައިވާ އިންސާނީ އެހީތަކަށް ހުރަސް ނޭޅުމަށާއި ވަގުތުން ހަނގުރާމަ ހުއްޓާލައި އަދި އަސީރުންވެސް މިނިވަންކުރަން ބާރު އެޅުއްވިއެވެ. އަދި އެމަނިކުފާނު ޔުނައިޓެޑް ނޭޝަންސްގެ އެންމެ އިސްވެރިޔަކަށް ހުންނަވަމުން ގެންދަވާ ދުވަސްވަރެއްގައި އެއްވެސް އިސްތިސްނާއެއް ނެތި އާންމު ރައްޔިތުންނާއި ނޫސްވެރިންނާއި އަދި ޔުނައިޓެޑް ނޭޝަންސްގެ މުއައްޒިފުންވެސް މަރަމުން ގެންދާ މަންޒަރު ދެކެން ހުންނަވަން ޖެހިވަޑައިގަންނަވާތީ ހިތާމަ ކުރައްވާކަން ވެސް ހާމަކުރެއްވިއެވެ.                

މިސްރުގެ ރައީސް އަލް ސީސީގެ ވާހަކަފުޅުގައި ހަނގުރާމަ ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތަށް އިސްރާއީލުން ހުރަސް އަޅަމުންގެންދާކަން ފާހަގަ ކުރެއްވިއެވެ. އަދި ރަފާޙްއަށް ވަދެ ނިކުމެވެން އޮންނަ ސަރަހައްދުތައް އިސްރާއީލުގެ ސިފައިންގެ ފައުޖުތަކުން ވަށާލައިގެން ތިބުން ކުށްވެރި ކުރެއްވިއެވެ. ހުރިހާ ޢަރަބި ލީޑަރުންވެސް ހިގަނމުންދާ އަނިޔާތައް ހުށްޓުވަން ފިޔަވަޅެއް ނޭޅުއްވިނަމަވެސް ކުށްވެރިކުރެވިއެވެ.      

އިސްރާއީލް-ޙަމާސްގެ ހަނގުރާމަ ފެށުމާއިއެކު ޢަރަބްލީގުގެ ކުއްލި ބައްދަލުވުމެއް ރިޔާޒުގައި ބޭއްވުނެވެ. އިސްރާއީލުން ޙަމަލާދެމުން ގެންދަނީ އެގައުމުގެ ދިފާއުގައި ކަމަށް ބުނާބުނުން ގަބޫލު ނުކުރެވޭ ކަމަށާއި އަދި ޙަމަލާތައް ހުއްޓުވުން ނޫން އެހެންގޮތެއް ނެތްކަން ކަށަވަރު ކޮށްދޭނެ ގަރާރެއް ޔުނައިޓެޑް ނޭޝަންސްގެ ސަލާމަތީ މަޖިލީހުން މިހާރުން މިހާރަށް ފާސްކޮށް ތަންފީޒުކޮށް ދިނުމަށް އެ ބައްދަލުވުމުގައިވެސް ވަނީ ގޮވާލާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ބައްދަލު ކުރެއްވުމުގައި ސިޔާސީ ގޮތުންނާއި އިގްތިސާދީ އަދި އިޖްތިމާއީ ގޮތުންނާއި ސަލާމަތާއި ސަގާފަތާބެހޭގޮތުން އަރަބިންގެ ގުޅިފައިވާ ބަޔާނެއް އެކުލަވާލެވިގެން ދިޔައެވެ.            

ބުރާސްފަތި ދުވަހުގެ ބައްދަލު ކުރެއްވުމުގައި އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ސުލްޙަ ވެރިގޮތުގައި ނިމުމަކަށް ގެނައުމަށްޓަކައި ޔުނައިޓެޑް ނޭޝަންސްގެ ބެލުމުގެ ދަށުން ބައިނަލް އަގްވާމީ ޕީސް ކޮންފަރެންސެއް ބަޙްރައިންގެ ވެރިރަށް މަނާމާގައި ބާއްވާ ދިނުމަށް އެދި “ ބަހްރައިން ޑިކްލަރޭޝަން “ ގެ ނަމުގައި އެކަށައެޅުމެއްގެ ޑްރާފް ފާސްކުރެވުނެވެ.

އަދި 2022 ވަނައަހަރު ބޭއްވުނު އަރަބް ލީގުގެ އެންމެ އިސްވެރިންގެ ބައްދަލު ކުރެއްވުމުގައި ހުށައަޅާފައިވާ ގޮތުގެ މަތިން 1967 ވަނައަހަރު ފަލަސްތީނުގެ ދައުލަތުގެ ބިން ކަމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދު ކުރެވިގެންދިއުމުން އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމް ކުރުމުގެ މައްސަލައާ ދޭތެރޭގައި ވެސް މަޝްވަރާ ކުރެވުނެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް