އީރާންގެ ރައީސް އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

އީރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި އާދީއްތަ ދުވަހު ހިނގި އެކްސީޑެންޓްގައި ރައީސީ އާއި އެގައުމުގެ ޚާރިޖީ ވަޒީރު ހުސެއިން އަމީރު އަބްދު ﷲ ހިއާން އަވަހާރަ ވެފައިވާކަން އެގައުމުގެ ދައުލަތުގެ މީޑިޔާއިން ޔަގީން ކޮށްދީފިއެވެ. ހެލިކޮޕްޓަރު ވެއްޓިފައިވަނީ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސަށެވެ. އެއީ އީރާންގެ އިރުމަތީ ސިޓީ އެއްކަމަށްވާ ތަބްރީޒް އަށް ކުރެއްވި ދަތުރު ފުޅެއްގައެވެ.  

ހެލިކޮޕްޓަރު ވެއްޓިފައިވާ ސަރަހައްދަކީ ފަރުބަދަމަތީގެ ސަރަހައްދަކަށްވެފައި ގަސްތައް ހެދިފައިވާ ގޮތުން އެހީގެ މަސައްކަތުގައި ހަރަކާތް ތެރިވާ ޓީމްތަކަށް އެހިސާބަށް ފޯރުމަށް ގިނަ ވަގުތު ތަކެއްނަގާފައި ވެއެވެ.

ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި ތުރުކީގެ އެހީއާއެކު ނައިޓް ވިޝަން ޑްރޯންތައް ބޭނުން ކޮށްފައި ވެއެވެ.

މިހާދިސާގައި ރައީސީ އާއެކު ނުވަ މީހުން މަރުވެފައިވާކަން ޔަގީންވެފައިވާއިރު ބައެއް ހަށިތައް އަނދާފައިވުމުން އެއީ ކޮންބައެއްތޯ ދެނެގަތުމަށްދަތި ވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ހަށިތައް ދެނެގަތުމަށް ފަހު މިހާރު ވަނީ ތެހެރާން އަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް ހަށިތައް ފުރަތަމަ ގެންދެވޭނީ ތަބްރީޒް އަށް ކަމަށްވެއެވެ.

ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރާއެކު އެހެން ދެހެލިކޮޕްޓަރު ދަތުރު ކުރި ނަމަވެސް އެދެހެލިކޮޕްޓަރުވަނީ ސަލާމަތުން މަންޒިލަށް ދަތުރު ކޮށްފައެވެ.

އީރާންގެ ޤާނޫނު އަސާސީ އާ އެއްގޮތްވާ ގޮތުގެ މަތިން ރައީސް  މަސްއޫލިއްޔަތާ ފަސްޓް ޑެޕިއުޓީ ޕްރެޒިޑަންޓް މުހައްމަދު މޮޚްބަރު މިހާރުވަނީ ހަވާލުވެ ވަޑައިގެންފައެވެ.

އީރާންގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ ވެސް ވަނީ މީޑިޔާ މެދުވެރިކުރައްވާ މެސެޖެއް ދެއްވާފައެވެ. އަދި މިހާދިސާއާ ގުޅިގެން ގައުމުގެ ”އެފެއާސް“ އަށް އެއްވެސް  ބުރުލެއް ނާރާނެ ކަމަށް ޚާމަނާއީ ވިދާޅުވެފައި ވެއެވެ.

އީރާންގެ ރައީސް އަވަހާރަވުމާއި ގުޅިގެން އެގައުމުގައި ވަނީ ހިތާމަ ފާޅުކުރުމުގެ ހަރަކާތްތަކެއް ފެށިގެން ގޮސްފައެވެ. މިގޮތުން ގިނަ އަދަދެއްގެ ބަޔަކުވަނީ ރައީސީގެ އުފަން ރަށުގެ މުހިންމު ދީނީ ”ޝްރައިން“ އަކަށް ޖަމާވާން ފަށާފައެވެ.

ގާނޫނު އަސާސީ ބުނާގޮތުން ވަގުތީ ރައީސް މަގާމާ ހަވާލުވާ ދުވަހުން ފެށިގެން 50 ދުވަހުގެ ތެރޭގައި އިންތިޚާބް ބާއްވާ އައު ރައީސަކު ހޮވަން ވާނެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް