ކޮންމެ ބަހުސަކީ ވެސް އެހިނދަކަށް އޮތް މުހިންމު މައްސަލައެއްގެ މައްޗަށް ކުރެވޭ ބަހުސަކަށް ހެދުން މުހިންމު ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ބަހުސް މުބާރާތް ފެށުމަށް އިއްޔެ ގައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ, ބަހުސުގެ ސަބަބުން އާވިސްނުންތަކާއި އާ އީޖާދުތަކާއި އުފެއްދުންތެރިކަން އުފަންވާ ކަމަށާއި އެގޮތުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ކުރެވޭ ބަހުސުތަކުގެ ހަގީގީ މަގުސަދަކީ ދަރިވަރުންގެ ފިކުރީ އުދަރެސް ތަނަވަސްކުރުން ކަމުގައެވެ. އަދި އެއީ އެކިބާވަތުގެ އިލްމުތަކުގެ ދާއިރާއިން ކަމަށާއި, ދުނިޔެއާއި ގައުމާއި އެކި ސަރަހައްދުތަކާ ގުޅިފައިވާ މައްސަލަތަކާ ބެހޭ ދާއިރާތަކުން ކަމުގައި ކަމަށެވެ.
މީގެ ބޭނުމަކީ މާދަމާއަށް އެންމެ ހެޔޮ ގޮތް ހޯދުން ކަމަށާއި ހުރިހައި މާނައެއްގައި ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންގެ ލޯހުޅުވުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ބަހުސުކުރެވޭ ގޮތް އިތުރަށް ތަރައްގީ ކުރެވިދާނެ ކަމަށާއި އޭރުން ބުނާ ވާހަކައިގެ އަޑު ބާރު ވުމަށްވުރެ ބުނާ ވާހަކައިގެ އާރު މާ ގަދަވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
“ބުނުންތައް ހުންނާނީ ބުއްދީގެ ގިއުގަނޑަކަށް އެކަށައަޅާލެވިފައި. އަޑު އަހާލަން ފަސޭހަވާނެ. އޮއްޓަރު ހެޔޮވާނެ.” ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ބަހުސް މުބާރާތަކީ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ކޮލެޖް ޔުނިވަރސިޓީތަކަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މި މަހުގެ 25 އަށް ކުރިއަށް ދާ މިމުބާރާތުގައި 9 ޓީމަކުން ބައިވެރިވެފައިވެއެވެ.