އީރާނާއި ޔަމަން ހޫތީންގެ ކުރިމަތީގައި އެމެރިކާގެ މިލިޓްރީގެ ފެންވަރާއިމެދު ސުވާލު އުފައްދައިފި

Loading

Facebook
Twitter
WhatsApp

ސަންދާނުގެ ކިއުންތެރިންގެ މައުލޫމާތަށްޓަކައި މިގެނެސްދެނީ މިވަގުތު ދުނިޔޭގެ ސިޔާސީ ލީޑަރުންގެ ލޯތައް އެންމެ ބޮޑަށް އަމާޒުކުރެވިފައިވާ އިސްރާއީލް-ހަމާސްގެ ހަނގުރާމައި އެއް ފިޔަ ކަމުގައި ބެލެވޭ ޔަމަނުގެ ހޫތީ މުޖާހިދުންނާއި އެ ޖަމާއަތުގެ އެންމެ ބޮޑު ވާގިވެރިން ކަމުގައި ހުޅަނގުގެ ގައުމުތަކުން ދެކެމުން އަންނަ އީރާނުގެ މިލިޓްރީ ގާބިލުކަން މިލިޓްރީ ތަޖުރިބާކާރުން ދެކޭގޮތެވެ.

އެބޭފުޅުންގެ ބަހުން، އެމެރިކާގެ މިލިޓްރީއާއި އަޅާކިޔައި އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން ތައްޔާރު ކޮށްފައިވާ ދިރާސާ ރިޕޯރޓުގައި ބުނެފަވެއެވެ. އަދި މި ރިޕޯރޓުގައި ބައެއް އެހެން ބައިނަލް އަގްވާމީ ބޮޑެތި މީޑިއާތަކުން ފާޅުކޮށްފައިވާ ރައުޔުވެސް ހިމަނާފައިވާނެތީ ކިއުންތެރިންގެ މައުލޫމާތަށްޓަކައި އެކަންވެސް ހާމަކޮށްލަން ބޭނުންވީއެވެ.

މި ދިރާސާ ރިޕޯރޓްގައި ބުނެފައިވާ ވާހަކަ ތަކަކީ ތަޖްރިބާކާރުންގެ ރަޢުޔު ކަމަށާއި ޙާލާތު ބަދަލުވެގެންދިއުމުގެ ފުރުސަތު ނެތް ކަމަށް ދެކިގެން ނުވާނެއެވެ.                                         

މީގެ އަހަރުތަކެއް ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރެއްވިކަމަނާ މެޑަލިން އޯލްބްރައިޓް ވިދާޅުވެފައިވާ “ އެމެރިކާއަކާ ނުކުޅެވޭނެ … ނުވަތަ އެކަމަނާގެ ބަސްފުޅުން ބުނާނަމަ އެމެރިކާ އިޒް ދަ އިންޑިސްޕެންސިބްލް ނޭޝަން“ މިއީ މިއަދުވެސް އެމެރިކާގެ ސިޔާސީ ޢިމާރާތްގެ ބިންގަލުގެ ވަރަށް މުހިންމު ބައެއް ކަމުގައި އެމެރިކާގެ ސިޔާސީ ބޭފުޅުން ދެކިވަޑައިގަންނަވައެވެ. 

އެކަން މުޅިދުނިޔެއަށް ސާބިތުކޮށް ދިނުމަށްޓަކައި ކުރަންޖެހުނު އެއްވެސް ކަމަކަށް އެމެރިކާ ފަސްޖެހިފައިނުވާކަން ފަހުގެ ތާރީޚުން ގިނަ ހެކިތަކެއް ލިބެން އެބަހުއްޓެވެ. އެއީ ގައުމުތައް ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ފައްތާލުން ކަމަށް ވިޔަސް ކޮންމެފަދަ ގޮތެއް ހަދާފަ ނަމަވެސް ގައުމެއް ވީރާނާ ކޮށްލުން ކަމަށްވިޔަސް ނުވަތަ ގައުމެއްގެ އިގްތިސާދު ފުނޑާލުން ކަމަށްވިޔަސް އެކަމުގައި އެމެރިކާއަށް ފައިދާ ކުރާނެކަމަށް ބެލެވޭނަމަ އެ ޙާލަތު ތަންފީޒުކުރުމަށް ފަސްނުޖެހޭނެކަން ގެންދަނީ މިހާރުވެސް ހާމަ ކުރަމުންނެވެ. 

މިއީ އެމެރިކާއާއި ނުކުޅެވޭނެކަމަށް އެދުވަހު މެޑަލިން އޯލްބްރައިޓް ވިދާޅުވި ބަހުގެ ކުރު ޚުލާސާއެކެވެ.          

މިދިޔަ އަހަރު އޮކްޓޯބަރ މަހުގެ ތެރޭގައި ރައީސް ޖޯ ބައިޑްން ވަނީ މެޑަލިން އޯލްބްރައިޓަށް ތަޢުރީފް ކުރައްވައި އެ ބަސްކޮޅު ތަކުރާރު ކުރައްވާފައެވެ. ރައީސް ބައިޑްންގެ ބަސްފުޅުންނަމަ “ މައި ފްރެންޑް މެޑަލިން އޯލްބްރައިޓް ވިދާޅުވެފައިވާ ފަދައިން އެމެރިކާ އަކާ ނުކުޅެވޭނެއެވެ. އެމެރިކާއަކީ މުޅި ދުނިޔެއަށް އަލިކޮށްދޭ ފާނޫޒެކެވެ“.                                                  

އެމެރިކާގެ މި ބަސްކޮޅު ގަބޫލުނުކޮށް ހަދާނެ އެހެން ގޮތެއް ނެތޭވެސް ބައެއްފަހަރު ގިނަބަޔަކަށް ހީކުރެވިދެއެވެ. ޚާއްސަ ގޮތެއްގައި އެމެރިކާއާއި ޔަހޫދީންގެ މަދަދު ލިބޭ ޢަރަބި ވެރީންތައްވެސް މެއެވެ. 

ދުނިޔޭގެ އިގްތިސާދުގެ ހަތަރުބައި ކުޅަ އެއްބައި އޮތީ އެމެރިކާގެ މުށުތެރޭގައެވެ. އެމެރިކާގެ މިލިޓްރީއާއި އަޅާ ކިޔާލެވިދާނެ އެހެން މިލިޓްރީއެއް ނެތޭ ވެސް ބުނެވިދާނެއެވެ. އެމެރިކާގެ މިލިޓްރީ ހޭދައަކީ ޖެހިގެން އޮތް ނުވަ ގައުމުގެ މިލިޓްރީ ހޭދައަށްވުރެން ބޮޑު އަދަދެކެވެ.

ބައިނަލް އަގްވާމީ ވިޔަފާރި އެމެރިކާގެ އެނހިއާ ނުލައި ނުކުރެވޭނެއޭ ބުނެވިދާނެއެވެ. ދުނިޔޭގެ ރިޒާވް ފައިސާގެ %58 އަކީ އެމެރިކާ ޑޮލަރެވެ. ދުނިޔޭގެ ބޭންކާއި ބައިނަލް އަގްވާމީ މަނިޓަރީ ފަންޑް އޮތީ އެމެރިކާގެ ގޮށްމުށު ތެރޭގައެވެ. 

މިނިވަން ކުރެވޭނެ ގޮތެއް ނެތެވެ. ދުނިޔޭގެ ކަންކޮޅުތަކަށް އެމެރިކާގެ ނުފޫޒު ފޯރުވާފައިވަނީ ފަސޭހައިން ނުރެކެވޭނެމިންވަރަކަށެވެ. އާއެކެވެ! އެމެރިކާއަކާ ނުކުޅެވޭނެއެވެ.                                         

ދާދި މިދާކަށްދުވަހު ދުނިޔޭގެ ޖަމްޢިއްޔާ އިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް ނެގި ވޯޓުގައި 143  މެމްބަރު ގައުމުން ފެންނަކަމަށް ވޯޓުދިން ނަމަވެސް އެމެރިކާގެ އެންމެ ވޯޓަކުން އެ ގަރާރު ހުއްޓުވާލީއެވެ. މިއަދުވެސް އެމެރިކާއާއި ނުކުޅެވޭނެކަން ދައްކާލީއެވެ.

އިސްރާއީލު-ފަލަސްތީނު ހަނގުރާމައިގާ ގައްޒާ ވިރާނާކުރެވި އެތައްހާސް އާންމުރައްތިޔުން މަރަމުން ގެންދާއިރު އެ ހަނގުރާމައިގާ އިސްރާއީލަށް ދިފާއުވުމުގެ ޙައްގު ލިބިފައިވެއޭ ބުނެ ހުޅަނގުގެ ބައެއް ގައުމުތައް ފިޔަވައި މުޅި ދުނިޔެއިން އެމެރިކާއިން ނުރުހުން ފާޅުކުރަމުން ގެންދާއިރު އެންމެ ފަހުގެ ޚަބަރުތަކުގައިވެސް ބުނެފައިވަނީ އެމެރިކާއިން އިސްރާއީލަށް އެތަކެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ފޮނުވަން ރާވަމުންގެންދާ ކަމަށެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީގެ ތަރުޖަމާނު ޖޯން ކަރބީ ބުނެފައިވަނީ އިސްރާއީލަށް ބޭނުން ހަތިޔާރާއި މިލިޓްރީ ބާރުވެރިކަން އެމެރިކާއިން އަބަދުވެސް ކަށަވަރުކޮށްދޭނެ ކަމަށް އަޑަށްބާރުލައި ބުނެފައެވެ. އާދެ! އެމެރިކާއާއި ނުކުޅެވޭނެއެވެ. 

އެމެރިކާގެ 64 ވަނަ ޚާރިޖީ ވަޒީރު 1997 ން 2001 އާ ދެމެދު ހާމަކުރެއްވި އެ ޝުއޫރު މިއަދު ކޮންމެ ކަމެއްގައިކިހާވަރަކަށް ތަންފީޒުކުރެވޭތޯ ދެން ބަލާލުން ބުއްދިވެރިއެވެ.

މިއަދުގެ ޙާލަތުގައި ބައެއްފަހަރު ފެންނަމުންދާ މަންޒަރުތައް އެބަ ތަފާތު ވެއެވެ. މިއީ ވަރަށްގިނަފަހަރު މާޒީގެ ތާރީޚުގެ ތެރެއިންވެސް ފެނިފައިވާ ޙަގީގަތެކެވެ. ވަކިވަރަކަށް ބާރުގަދަވުމުން އެހެން ގައުމުތައް އަޅުވެތި ކުރުމާއި ނިކަމެތި ކުރުން ވަރަށް ކައިރި މާޒީންވެސް އޮތީ ފެނިފައެވެ. 

އިނގިރޭސި ދިދައަށް އިރު ނޯއްސޭނެ ކަމަށްބުނެ ކިބުރުވެރިވެ ބޮޑާކަމުގެ އިންތިހާއަށް ދިޔައީ އިއްޔެގެ މާޒީގައެވެ. މިއަދު އެމެރިކާގެ ސިޔާސަތު ރޭވުމުގައިވެސް ފެންނަމުންދަނީ މިކަހަލަ ވިސްނުމެއް ގެންގުޅޭތަނޭ ބުނެވިދާނެއެވެ. އެމެރިކާގެ ފޮރިން ޕޮލިސީ ޒައަނިސްޓުންގެ ބާރުގެ ދަށުގައިވާތަނެވެ. ބޭރުގައުމެއްގެ ނުފޫޒް ވަދެ ޕޮލިސީ ޚަރާބުވެފައިވާ ތަނެވެ.           

މިސާލެއްގެ ގޮތުން ޔަމަނުގެ ހޫތީ މުޖާހިދުންނާއި އީރާނަށް ބަލާލުން ރަނގަޅެވެ. ފާއިތުވެގެން މިދާ ވިހި ފަންސަވީސް އަހަރުގެ ތެރޭގައި އީރާނާ ދެކޮޅަށް އެމެރިކާ ހުރިހާ ނުފޫޒަކާއި ބާރެއް ގެންދަނީ ތަންފީޒު ކުރަމުންނެވެ. އެއްދުވަސްވަރެއްގައި މެދު އިރުމަތީގެ އެންމެ ފާގަތި އިގްތިސާދު ކަމުގައި ބެލެވުނު އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިމަތިކުރި އިގްތިސާދީ ފިއްތުންތަކުގައި އެގައުމު އޮތީ ދެއަތާއި ދެފައި އެއްކޮށް ހިލިހިލާއިން ކަސްކޮޅު އަޅުވާފައޭ ބުނުން ދޮގަކަށް ނުވާނެއެވެ.

އީރާނުގެ ގައުމުގެ އާބާދީ ބަޑަށް ޖައްސާލާފައެވެ. އިރާގާއި ޢަރަބީންގެ ބޮލަށް އެރިގެން 8 އަހަރުގެ ފަނާކުރަނިވި ހަނގުރާމައެއް އީރާން ފައިމައްޗަށް ތިރިކޮށްލުމަށް ކުރުވިއެވެ. ރައީސް ޓްރަމްޕުގެ ރިޔާސަތުގައި އީރާނަކީ އެމެރިކާގެ އެންމެ ބޮޑު ދުޝްމިނު ކަމުގައި އޮތީ ޢިއުލާނު ކޮށްފައެވެ. 

އީރާނަށް ފިއްތުން ކުރިމަތި ނުކުރާ ދާއިރާއެއް ނެތެވެ. އީރާނުން ދުވާލަކު އެކްސްޕޯރޓް ކުރަމުންގެންދިޔަ 1.8 ބިލިއަން ފީފާތެޔޮ ދުވާލަކު 445،000 ފީފާއަށް ދަށްކުރުން އޮތީ މަޖްބޫރު ކޮށްފައެވެ. އީރާނުގެ ތެޔޮ ގަންނަ ފަރާތްތަކަށްވެސް އެމެރިކާގެ އިންޒާރުތައް އޮތީ ކުރިމަތި ވެފައެވެ. އީރާނުގެ ތެޔޮގަންނަ ނަމަ އެގައުމަކަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރީން ސެންކްޝަން ކުރާނެކަމުގެ ބިރުދައްކާފައެވެ.                                               

ނަތީޖާ ބަލާލަމާތޯއެވެ! އީރާން ބަލިކުރެވިއްޖެ ހެއްޔެވެ؟ މިއަދުވެސް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އީރާނުން ނިއުކްލިއަރ ބާރު ލިބިގެންފާނެ ކަމުގެ ނުރައްކަލެވެ. އީރާނުން ބޭނުންވެއްޖެ ހިނދެއްގައި މަދު ހަފުތާއެއްގެ ތެރޭގައި ނިއުކްލިއަރ ބާރު ލިބިގެންފާނެކަން ހުޅަނގުގެ ގައުމުތަކަށްވެސް ޔަގީން ކުރެވެއެވެ. މުޅި މެދުއިރުމަތީގެ ބާރުގަދަ މިލިޓްރީ ޖަމާޢަތްތަކުން އީރާނާއެކު އާދަޔާ ޚިލާފް ގާތްކަމެއް އޮތީ ކަށަވަރު ކޮށްފައެވެ. އަދި އޭގެ އިތުރުން މިހާރު ޗައިނާއާއި ރަޝިޔާވެސް އޮތީ އީރާނުގެ ދިފާއުގައެވެ.                                                  

ޔަމަނުގެ ހޫތީ މުޖާހިދުންނަށް ބަލާލާއިރު އެއީ މީގެ ދިހަވަރަކަށް އަހަރު ކުރިން ދުނިޔެ ދަންނަ ޖަމާއަތެއް ނޫނެވެ. އެމެރިކާގެ ފުރިހަމަ މަދަދާއި އެކު ސަޢޫދީއާއި އިމެރެޓްސް އަދި އިސްރާޢީލު ބޭނުން ކޮށްގެން އެ ޖަމާޢަތާއިދެކޮޅަށް އެމެރިކާއިން އެތައް އަހަރެއް ވާންދެން ހަނގުރާކޮށް ޔަމަނުވަނީ ވީރާނާ ކޮށްލައިފިއެވެ. އެތައްހާސް ބަޔަކުމަރައި ބައިލައްކަ ގެދޮރު ބިމާހަމަކޮށްލާފައެވެ.

ކޮންމެ ހަނގުރާމައަކީވެސް އެ ބާރުގަދަ ގައުމަކުން ބޭނުންވާ ނަތީޖާ ނެރުމުގެ އަޒުމުގައި ކުރާކަމެކެވެ. ގައުމެއް ވިރާނާ ކޮށްލައި އާބާދީގެ އެތައްބަޔަކު މަރައި ދެންތިބި މީހުން ވިއްސި ވިހާލި ކޮށްލުމަކީ މިޒަމާނުގައި ކާމިޔާބީ އެއްކަމަށް ބަލާ ބަޔަކުނެތެވެ. 

އަދި އިދިކޮޅު ހަނގުރާމަވެރިން ބަލިކޮށްލެވުނީ ކަމަކަށްވެސް ބެލެވޭކަށް ނެތެވެ. މި ނަޒަރިއްޔާތުން ބަލާއިރު އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއާއި ނާގަސާކީއަށް ނިއުކްލިއަރ ބޮން އަޅައިގެން އެ ދެ ޝަހަރު ވީރާނާކޮށްލައި އެ ޝަހަރުތަކުގެ ރައްޔިތުން ހަށިގަނޑު ދިރިދިރިތިއްބާ ނިއުކްލިއަރ ދުންގަނޑުގެ ތެރެއަށް ގިރުވާލުމަކީ އެމެރިކާއިން ހޯދި ކާމިޔާބީއެއްކަމަށް ދުނިޔެ މިއަދު ގަބޫލެއް ނުކުރެއެވެ.                    

ހަމައެފަދައިން ފާއިތުވެގެން މިދާ ދިހަވަރަކަށް އަހަރު ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ކުރަމުން އެގެންދާ ހަނގުރާމައިގެ ނަތީޖާއަކީވެސް ސުމެކޭ ބުނެވިދާނެއެވެ. އެމެރިކާއާއި ބައިވެރިންގެ އަތުގައިހުރި ޒަމާނީ ބަރު ހަތިޔާރުތައް ބޭނުން ކޮށްގެން ޔަމަން ވީރާނާ ކޮށްލައި އެތައް ހާސް  ބަޔަކު މަރާލައި ބާކީތިބި ރައްޔިތުން ވިއްސި ވިހާލި ކޮށްލައި ބަނޑަށް ޖައްސައިފިއެވެ. ތެދެކެވެ.

އެކަމަކު ހޫތީން ހަނގުރާމައިގެ މައިދާނުގައި ބަލިކޮށްލުމާ ކައިރިއަށްވެސް ދެވިފާނުވާކަމަށް މިއަދު އެމީހުންވެސް ގަބޫލުކޮށްފިއެވެ. ހަފުތާއަކު އެތައްފަހަރަކު އެއްގަމާއި ވައިގެ މަގުން އެމެރިކާއާއި އިނގިރޭސި ވިލާތުގެ މިލިޓްރީން ހޫތީންގެ އަމާޒުތަކަށް ޙަމަލާދެމުން ގެންދިޔަ ނަމަވެސް މިއަދުވެސް ހޫތީންގެ ޙަމަލާތަކަށް މެދުކުނޑުމެއް ނާދެއެވެ.އަދި ހޫތީންގެ ފިކުރުވެސް ބަދަލެއް ނުކުރެވުނެވެ.ޙަމަލާތައްވެސް ދަނީ ގަދަކުރަމުންނެވެ.

އިސްރާއީލު- ފަލަސްތީނުގެ ޙަމާސް ޖަމާއަތް ފުނޑާލުމުގެ ނަމުގައި ބަހަނާދައްކާ ޒައަނިސްޓް ނަތަންޔާހޫ ފެށުމާއިއެކުހޫތީ މުޖާހިދުން އިއުލާންކޮށްފައި ވަނީ އެމެރިކާއާއި އިނގިރޭސި ވިލާތައި އަދި އިސްރާއީލާ ގުޅުން ހުރި އެއްވެސް އުޅަނދަކަށް ރެޑްސީގެތެރެއިން ދަތުރު ކުރުން އަމާން ނުވާނެ ކަމަށެވެ. ގާޒާއަށް ދެމުންގެ ގެންދާ ޙަމަލާތައް ހުށްޓަންދެން އެބައިމީހުންގެ ކޮންމެ އުޅަނދަކަށް އެ ޖަމާޢަތުން ޙަމަލާދެމުން ގެންދާނެ ކަމަށެވެ. މިއަދުވެސް ހަމަ އެގޮތުގައި އެ ދެމިތިބީއެވެ.          

ރެޑްސީގެ ދަތުރުތައް އަމާންކުރުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސި ވިލާތާއި އަދި ބައެއް އެހެން ބައިވެރިންނާއިއެކު ހޫތީ ހަނގުރާމަވެރިންގެ ޙަމަލާތައް ހުއްޓުވުމަށް ހިންގަމުން ގެންދާ ޙަމަލާތަކުގައި ދިމާވަމުންދާ ނުރައްކާތެރިކަމާއި އެއްވަރުގެ ނުރައްކާތެރިކަމެއް ފިނި ހަނގުރާމައިގެ ފަހުން މިހާތަނަށް ކުރި އެއްވެސް ހަނގުރާމައެއްގައި އެމެރިކާގެ މިލިޓްރީން ކުރިމަތިލާން ޖެހިފައިނުވާކަމަށް އެތައްފަހަރަކު އެމެރިކާގެ ކޮމާންޑް ސެންޓަރުންވަނީ އިއްތިރާފް ވެފައެވެ.                                

އިސްރާއީލުން ގައްޒާއަށް ޙަމަލާ ދެމުން ގެންދާހާ ދުވަހަކު އެ ގައުމުތަކުގެ އުޅަނދުފަހަރުން ރެޑްސީ ބޭނުން ނުކުރެވޭނެކަމަށް ހޫތީން ކުރި ޢިއުލާން އަދިވެސް އޮތީ ހަމަ އެގޮތުގައެވެ. ޢަމަލު ކުރަމުން ގެންދަނީވެސް އެގޮތަށެވެ.

އެމެރިކާއާއި އިނގިރޭސި ވިލާތާއި އަދި ގުޅިފައިވާ ލަޝްކަރުތަކުން ޔަމަނުގެ ވިރާނާ ކޮށްލާފައިވާ ޢިމާރާތްތައް ބިމުގެ ވެއްޔަށް ބަދަލުކޮށްލުން ފިޔަވައި ހޯދުނު އެއްވެސް ކާމިޔާއެއް ނެތެވެ. ހޫތީ މުޖާހިދުންގެ ޙަމަލާތަކަށް ނިމުމެއް ނުގެނެވުނެވެ.       

ސިޔާސީ އަދި މިލިޓްރީ ތަޖްރިބާކާރުން ވިދާޅުވެފައިވަނީ ވަރަށް ބޮޑު ތެދެކެވެ. ގިނަބާރުތަކެއް މުށުތެރެއަށް ގެންނަން ބޭނުންވާ ސިޔާސީ ފަރާތްތަކަށް އެބާރުތަކުގެ މިސާލަކީ ފުއްޕާހަމެއްކަން ނޭގެއެވެ. 

ފުއްޕާ ހަމަކަށް ވައިޖަހަން ބޭނުންވާ މީހާ ބަލަމުން ގެންދާނީ އަދިވެސް އިތުރަށް ވައިޖަހާ އެހަން ފުއްޕޭތޯއެވެ. ފުއްޕާހަން ފަޅައިގެން ހިނގައިދާނެ ކަމާމެދު މާބޮޑު ސަމާލުކަމެއް ނުދެވޭނެއެވެ. 

ނަތީޖާއަކަށްވަނީ ކުއްލިއަކަށް ފުއްޕާހަން ފަޅައިގެންގޮސް އޭގެ ބޭނުން ނެތިގެންދިއުމެވެ. ގިނަ ބާރުތައް ޖަމާކުރަން ބޭނުންވާ ފަރާތްތަކަށްވެސް އާޚިރުގައި ކުރިމަތިލާންޖެހޭ ޙަގީގަތަކީވެސް މިހާރު އެމެރިކާއާއި އޭނާގެ ބައިވެރީންނަށް ކުރިމަތިވެފައިވާ ގޮތެވެ. ހުރިހާދިމާލަކުން އަންނަނީ ނުރުހި ފައުޅުގައި ދެކޮޅުހަދަމުންނެވެ. މިއަދު އެވަނީ ޗައިނާއާއި ރަޝިޔާއާއި އީރާނާއި އެމެރިކާގެ މޫނުމަތީ ސައްޕުޖަހާފައެވެ.   

Loading

5 Responses

  1. އަލްޙަމްދުލިالله އެމެރިކާއަށް ލިބޭކޮށްމެ ނާކާބީއަކީ އަހަރެމެންނަށް ލިބޭކާމިޔާބީއެއްކަމަށްދެކެން މާތްالله ގެއިރާދަފުޅާއިއެކު އެދުވަސް ލަސްތަކެއްނުވެ ދައްކަވާށި …
    * ސަންދާނު ނޫހުންމިފަދަ މުހިއްމުޚަބަރުތައް ގެނެސްދިނުމަކީ ކިއުންތެރިއެއްގެ ހައިސިއްޔަތުން ޝުކުރުވެރިކާއިއެކު ބަލަގައްނަކަމެއް ސަންދާނުގެ ބާނީ މަރުޙޫމް އަހައްމައިދީ ރަހިމުހުމުالله އަކީ 1994 ގައި ގާމާދޫ ރިސޯޓުންބައްދަލުވެ ރައްޓެހިކަން އުފެދިފައިވާ ވަރަށްހެޔޮލަފާ ބޭފުޅެއް ވަރަށްސިޔާސީހެޔޮވިސްނުންފުޅު ގެންގުޅުއްވިމަދުބޭފުޅުންކޮޅެއްގެ ތެރޭގައި ހިމެނިވަޑައިގައްނަވާ ވަރަށްހީވާގި ޖެހިލުންކުޑަ ބެފުޅެއް މާތްالله މަރުޙޫމް އަހައްމައިދީއަށް ސުވަރުގޭގެ ދާޢިމީނިޢުމަތް މިންވަރުކުރައްވާށި އާމީން …

  2. Raajjeves mivanee thi yahoodheenaa eku thamreenuthah hadhaabaeh kamuga varah dhera dhivehi sifaingeves efikurah badhalu koffaaneibrahi

  3. މިކަހަލަ ދިރާސާތަކުގެ މައުލޫމާތު ގެނެސްދިނުމަކީ ކިއުންތެރިންގެ މައުލޫމާތުވެސް މުއްސަނދި ވެގެން ދާނެ ކަމެކެވެ. ކޮންމެ ކޮންމެ މީހަކަށް ބޭރުގެ ނޫސްތަކުން މިކަހަލަ ދިރާސާތައް ލިބިގަތުން އެހާ ފަސޭހައެއް ނުވާނެއެވެ. މި ފަހަކަށް އައިސް މިބާވަތުގެ ދިރާސާތަކުގެ މައުލޫމާތު ސަންދާނުން ކިޔަން ލިބޭތީ އުފާ ކުރަމެވެ. ސަންދާނުން މިކަން ދަމަހައްޓާނެ ކަމަށް އުންމީދު ކުރަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް