ތަރައްގީއޭ އެ ކިޔަނީ ކޮން އެއްޗަކަށްތޯ ރައްޔިތުންނަށް އެނގެންވެއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖެ ތަރައްގީ ކޮށްފީމޭ ކޮންމެ ސަރުކާރަކުންވެސް ބުނެއެވެ. އެހެނަސް އެބުނާ ތަރައްގީ އަކީ ކޮބައި ކަމެއް ރައްޔިތު މީހާއަކަށް ކުޑަކޮށް ވެސް ރޭކާނުލަވެއެވެ. ރާއްޖޭގައި ޑިވެލޮޕްމެންޓް ވިޝަންއެއް ގާނޫނަކުން ބާރު ލިބިގެން އެކުލަވާލާފައެއްނެތެވެ. އެހެން ކަމުން ތަރައްގީގެ މާނަ ދިވެހީންނަށް އެވަނީ އޮޅިފައެވެ.

މިސާލަކަށް ކުންފުންޏެއް ހިންގަމުން އައި ބަޔަކު އެކުންފުނި ނުހިންގިގެން އެހެން ބަޔަކާ ހަވާލު ކުރާނީ އެކުންފުނި ހިންގާނޭ ފައިސާ ނެތީމައެވެ. އެހެނެއްކަމަކު އަލަށް ކުންފުންޏާ ޙހަވާލުވާ ފަރާތުން އެކުންފުނީގައި ކުރިންތިބި 50 ހަކަށް މުވައްޒަފުން ބޭރުކޮށް އިތުރު 150 މުވައްޒަފުންނަށް ވަޒީފާ އެބަދެއެވެ.

ރާއްޖެ ޑިވެލޮޕްކުރާ މިދެންނެވި ކުންފުނި ދަރާފައިވަނިކޮށް ލީޑަރ ޝިޕް ނުވަތަ ކުންފުނީގެ ވެރިން ދިފާޢު ކުރުމަށްޓަކާ ކުންފުނީގެ ރައުސުލް މާލާ ނުބައްދަލު މިންވަރަށް ވަޒީފާ އިތުރުކޮށް އެފަރާތްތަކަށް ވަޒީފާ ދިނުމުގެ ސަބަބުން ކުންފުންޏަށް ވާނީ ގެއްލުން ކަން ނޭނގޭ މިންވަރަށް ރައްޔިތުންގެ ބުއްދި ފަސްވެގެން ނުވާނެއެވެ.

ގައުމު ތަރައްގީ ވާނީ ގައުމު ތަރައްގީކުރާނޭ ފައިސާ ބައިތުލްމާލުގައި ހުރިއްޔާ ނޫންހެއްޔެވެ. ރައްޔިތުން ވާރުދައްކަދައްކައި ތިއްބެއް ކަމަކު އެދައްކާ ވާރުފައިސާ ވެރިކަމަށް އަންނަފަރާތުން ކަނޑައަޅާފައި ތިބޭ ބާރުގަދަ މަދުބައެއްގެ ވަކިތަކުގެ ދަށުން ސަލާމަތް ވާނޭ އެއްވެސް މަގެއް ގާނޫނަކުން ފެންނާނެގޮތެއް ނެތެވެ. ކޮންމެ ވެރިކަމެއް ނިންމާފައި އެދަނީ ތަރައްގީގެ ނަމުގައި ރައްޔިތުންނަށް ދަޅަދައްކާފައެވެ.

ކޮންމެ ވެރިކަމެއް ނިމިދަނީ ރައްޔިތުން ވިއްކައިގެން ނެގި ލޯނުތަކާއި ރައްޔިތުން ދައުލަތަށް ދެއްކިހާ ވާރުފައިސާ އަށް ވީ ނުވީއެއް ބުނެނުދީ ތަރައްގީގެ ނަމުގައި ދިދަޖަހާލައިގެންނެވެ.

ތަރައްގީވުމަކީ ދައުލަތުގެ ދަރަނި އަރަނިކޮށް ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫޢުތައް ހިންގާ ނިންމައި ސަރުކާރު ނިމިގެންދާއިރު ދައުލަތުގެ ބައިތުލްމާލު އިތުރަށް ފުޅާވެފައި އޮތުމެވެ.

އެހެނަސް ވެރިކަން ނިމިގެން ދާއިރު ދައުލަތުގެ ދަރަނި އޮންނަނީ ހަގުނަ ކުރީގައެވެ. މިހެން އެވަނީ ތަރައްގީ ކުރާން ޙަވާލުވާ ބަޔަކު ތަރައްގީގެ ނަމުގައި ވެރިކަން ދަމަހައްޓަން އެ ކުރާ ބޭކާރު ބޭ އިސްރާފު ޚަރަދު ތަކުގެސަބަބުންނެވެ. ރައްޔިތުންނަށް އެ ވަނީ ތަރައްގީ އޮޅިފައެވެ. އަލަށް ވެރިކަމަށް އަންނަ ފަރާތުން އަބަދުވެސް ކުރާ ކަމަކީ ވެރިކަމެއް ނިންމާފައިދާ މީހާއާ ދިމާއަށް އެއްޗެހި ގޮވުމެވެ.

އޭގެ ބަދަލުގައި ރާއްޖެ ތަރައްގީ ކުރާނޭ ޕްލޭނެއް ގާނޫނަކުން ކަނޑައަޅާ ވެރިކަން ނިންމާފައި ދާއިރު ދައުލަތުގެ ދަރަނި އަރަންޏަށް ބަދަލުވާންޖެހޭނެއެވެ. ރައްޔިތުންނަށްޓަކާ ވެރިކަމެއް ކުރާނަމަ ވެރިކަން ނިންމާފައި އަލަށް ވެރިކަމަށް އަންނަ ފަރާތާއި ގައުމު ޙަވާލުކުރާއިރު ދައުލަތުގެ ބައިތުލްމާލު އޮންނަންވާނީ އަރަނިވެފައެވެ.

ހަމަބުއްދިން ވިސްނާ ކޮންމެ މީހަކަށްވެސް އެގެންޖެހޭ ކަމަކީ ގައުމާ ރައްޔިތުންނަށްޓަކާ ވެރިކަން ކުރާނަމަ ދައުލަތުގެ ދަރަނި އަތްނުފޯރާ ހިސާބުގައި ނުއޮންނާނެ ކަމެވެ. އަލަށް ވެރިކަމާ ޙަވާލުވާ ކޮންމެ ބޭފުޅަކުވެސް ވެރިކަމަށް ވަޑައިގަންނަވަނީ ދައުލަތުގެ ދަރަނި އިންތިހާ އަށް ބޮޑުވެފައި އޮއްވައެވެ. އެހެނަސް ވެރިކަން ކުރާ ފަރާތުން ކަނޑައަޅާފައި ތިބޭ މަދުބަޔަކު ތަރައްގީގެ ނަމުގައި ހިންގަނީ ކޮރަޕްޝަނާ ފަސާދައެވެ.

ބަލަން ތިބެމާ ހިނގާށެވެ. މިސަރުކާރުން ވަޢުދުވެފައިވަނީ ދައުލަތް ދަރާފައިވާ ދަރަނި ފޫބައްދާ ދޭނެކަމުގައެވެ. އެގޮތުން ރައްޔިތުންގެ ނަމުގައި ނަގާފައި ހުރިލޯނުތަކަށް ފައިސާދައްކާ ޚަލާސްކޮށް ރައްޔިތުން އިތުރަށް ނުދަރާނެ ޕްލޭނެއް ރާވާދޭނެ ކަމުގައެވެ. ތަރައްގީ ކުރުމަކީ ކުރީގެ ސަރުކާރުތަކުން ފަށްޜާފައިވާ މަޝްރޫޢުތައް ނިންމާ އެއިރެއްގައި އޮންނަސަރުކާރަކުން ހިންގާން ކަނޑައަޅާފައިވާ މަޝްރޫޢުތައް ރައްޔިތުން ނުދަރުވާ ނިންމައި ދިނުމެވެ.

ދެރަކަމަކީ ވެރިކަން ހިންގާ މައިޕާޓީ ގައި ނުހިމެނޭ އެންމެންބާކީ ކުރުމެވެ. އެހެންކަމާއެކު ސަރުކާރު ބަދަލުވިއަސް ކުރީސަރުކާރުގައި ތިބި ގައުމަށާއި ރައްޔިތުންނަށް އިޚުލާޞްތެރި ތެދުވެރި ކަމަށް ގާބިލް ބޭފުޅުންގެ މަގާމުތައް ނުގެއްލޭނެ ގޮތަށް ގާނޫނެއް ހެދުމަކީ ވެސް ކުރާންޖެހިއްޖެ ކަމެކެވެ.

Loading

4 Responses

  1. ތަރައްގީއޭ އެ ކިޔަނީ ކޮން އެއްޗަކަށްތޯ ރައްޔިތުންނަށް އެނގެންވެއްޖެ
    ޖަވާބު: ތަރައްގީ ވަނީ މޭމަތި

  2. އާއެކެވެ. މިއީ ޢަޖައިބެއްކަހަލަ ބައެކެވެ. ތަރަށްގީ ތަރަށްގީ. އެންމެނަށް ދަރާ. ކިންފުނި ވިއްކާލީމާވެސް ދަރަނިން ސަލާމަތެއްނުވެވޭވަރަށް ދަރުވާލާފަ. މިސާލަކަށް ފެނަކާ. މިފްކޯ، ހަމަ އެގޮތަށް ދައުލަތްވެސް ދަރުވާލާފަ. އެއްވެސް ޕްލޭނެއް ނެތެވެ. ޕްލޭނަކީ ސަރުކާރާއި ޙަވާލުވާ ބަޔަކު އަރާމުކޮށް ދިރިއުޅިލާފަ ވައްކަން ހަބޭހަށްކޮށްގެން 5 އަހަރުފަހުން ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ހަމަޖެހިލައިގެން އުޅެލުމެވެ. ރައްޔަތުމީހާ ކޮންމެ ދަރުކާރުއްގެ ދަރަނި ދައްކަން އިތުރަށް މަސައްކަތްކޮށް ޓެކްސް ދައްކަންވީއެވެ. ޕްލާސްޓިކް ކޮތަޅެއް 7 ރުފިޔާޥެސް ނަގަންވީއެވެ. ރައްޔަތުމީހާ ފެލާ ހުސްކުރީމައި އެނިމުނީއެވެ. އެއިރެއްގައި ނަފާލިބޭ މީހުންތައް ސަނާކިޔާ ނަށާ ދުވާނީއެވެ. މިއީވާ ދިވެޙިންގެ ވަރަށް ރާއްޖެއެވެ.

  3. ވަރަށް ބޮޱު އޮޅުވާލުމެކެވެ. ތަރަށްގީވަނީ އަބަދުވެސް ވެރިކަމުގައި ތިބޭ މީހުންގެ ޖީބުތަކެވެ. މާލެކައިރިން ބިން ހިއްކައިގެން ރާއްޖެތެރެއިން ރައްޔަތުން އެއްފަސްކޮށް ޖަމާކުރަނީވެސް އަޅުވެތިކުރުމާއި ތަކުލީފު ޖައްސުވާށެވެ. އޭރުން ހޭބޯ ނާރައި އަބަދު އެބައިމީހުންގެ ޚަރަދުތައް ދެކޮޅުނުޖެހިން ތެޅިބާލަނީ ނޫންހެއްޔެވެ. ބޮޑެރި ރަށްރަށުގައި ހުރި ހޮސްޕިޓަލްތައް ފެންވަރު ރަނގަޅުކޮށް މޮޅެތި ޑޮކްޓަރުންލައި މާލޭ އޭރިޔާގެވެސް ހޮސްޕިޓަލްތައް އޭޑީކޭ ފެންވަރަށް ނުހަދަނީ އެ ޖަރީމާ ހިންގަންވެގެނެވެ. ދެން ތަރައްގީ ތަރައްގީ. ތަރައްގީކޮށް ގައުމު 100 ގުނަޔަށް ދަރުވާލާފައެ ބެޗީއެވެ. ކޮބާތ އިބޫ ޗޯރޭގޮވައި ނެށިމީހުންތައް! ކޮބާތަ އިބޫ ކުރީ ޗޯރު ކަމެއް؟ ފެނަކާ ސައީދު ކުރި ޗޯރުކަމެއް؟ ކީހާ ލަވަ ވެރިކަން ލިބުމުން ފަަރިއްސައްވެ ނިމުނީނު؟

  4. ތަރައްޤީއަކީ ފާޑުފާޑުގެ ޤާނޫނުތައް ހަދައިގެން ރައްޔިތުގެ ބަޖެޓް ލޫޓުވުން! ތަޢުލީމެއްނެތް ގާތްމީހުންނައް ވަޒީފާތައްދިނުން. އެބައިމީހުންލައްވާވައްކަންކުރުވުން! އަދި އޭސީ.ސީ, އޮޑިޓް އޮފީސް ފަދަ މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ވައްކަންކުރުމުގެ ފުރުސަތުތައް ފުޅާކުރުން!ވެރިކަމުގެ ދައުރެެއްނިންމާލާއިރު ދައުލަތުގެ ހަރުމުދާތައް ފުޅިކަނޑާއަޚުންނައްބަހާލުން! ޤާނޫނު އަސާސީއައް އިހުތިރާމުނުކުރުން! ރިބާއާއްމުކުރުން! އޫރުމަސް ވިއްކޭނެ މަގުފަހިކުރުން! ވަޒީފާގެދަހިވެތިކަމުގައި ދީންޚަރާބުކުރުން! މުޖުތަމަޢުގައިހިނގަމުންދާ ވިޔާނުދާކަންކަން ރަނގަޅުވެދާނެގޮތައްޚުތުބާ ބައްޓަން ނުކުރުން! ޓެކެސްނެގުން!ޒަކާތުގެ ފައިސާއައްޚިޔާނަތްވުން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް