އިސްރާއީލުން ގައްޒާގައި ހަނގުރާމަ ކުރަމުން ގެންދާހާ ހިނދަކު, އުތުރު އިސްރާއީލުގައި ދިރިއުޅެމުން ގެންދާ އެ ގައުމުގެ ރަށްވެހިންގެ ތެރެއިން ވިއްސިވިހާލި ކޮށްލާފައިވާ އެއްވެސް މީހަކަށް އެނބުރި ގައުމަށް ނުދެވޭނެކަމަށް ލެބަނަންގެ ބާރުގަދަ ހިޒްބުﷲ ގެ އެންމެ އިސް ލީޑަރ ސައްޔިދު ޙަސަން ނަޞްރުﷲ ވިދާޅުވެއްޖެއެވެ. އަދި އަންނަ އަހަރަށް ސްކޫލްތައް ހުޅުވޭއިރު ދަރިވަރުން ތިބެންޖެހޭނީ ސްކޫލަށް ދިއުމުންވެސް މަހްރޫމް ވެފައެވެ.
ގައްޒާގެ ހަނގުރާމަ ފެށުމާއެކު ހިޒްބުﷲ އިން ގެންދަނީ ހަމާސްއަށް ތާއީދު ކުރުމުގެ ގޮތުންނާއި އިސްރާއީލުން ލެބަނަންއަށް ދީފާނެ ހަމަލާއެއް ހުއްޓުވާނެކަން ހާމާކުރުމުގެ ގޮތުން މެދުކެނޑުމެއްނެތި ލެބަނަންއާއި އިސްރާއީލު ގުޅޭ ދެކުނު ސަރަހައްދުން ރޮކެޓް ހަމަލާ ދެމުންނެވެ.
ޓީވީ މެދުވެރިކޮށް މިދިޔަ ހޯމަދުވަހު ސައްޔިދު ޙަސަން ނަޞްރުﷲ ވިދާޅުވެފައިވަނީ އިސްރާއީލުން ގައްޒާއަށް ހަމަލާދޭހާ ހިނދަކު ހިޒްބުﷲ ގެ ހަމަލާތަކަށް އިސްރާއީލުން ކުރިމަތިލަމުން ގެންދަން ޖެހޭނެ ކަމަށެވެ. ހިޒްބުﷲ އާއި ހަމާސްގެ އެއްބައިވަންތަން ނުފޫޒު ބޭނުންކޮށްގެން ނުވަތަ އެހެން ގޮތަކުންވިޔަސް ހަލާކުކޮށްލަން ފުރުސަތު ނުދެއްވާނަމެވެ. އެ މަނިކުފާނުގެ ބަސްފުޅުންބުނާނަމަ އެ ގުޅުމަކީ “ ފައިނަލް އެންޑް ކޮންކުލޫސިވް “ ގުޅުމެކެވެ.
ހިޒްބުﷲ އާއި އިސްރާއީލު ސިފައިންނާ ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާތަކާއި ގުޅިގެން ދެ ފަރާތުންވެސް އެތައްހާސް ބަޔަކު ވަނީ ވިއްސިވިހާލިވެފައެވެ. އަދި އެކަމުގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމަ ފުޅާވެގެން ހިނގައިދާނެކަމުގެ ނުރައްކާ އޮތީ އިންތިހާއަށް ބޮޑުވެފައެވެ.
އިސްރާއީލުން ބުނަމުން ގެންދަނީ ޑިޕްލޯމެޓިކް މީޑިއޭޓަރުން ބޭނުންކޮށްގެންވިޔަސް ނުވަތަ ލެބަނަންއަށް ހަމަލާދީގެންނަމަވެސް އެގައުމުން ވިއްސި ވިހާލިވެފައިވާ ރައްޔިތުން އަނބުރާ ގެނެވޭނެ މަގެއް ހޯދާން ބޭނުން ކަމަށެވެ. އަދި ވިއްސިވިހާލިވެފައިވާ އިސްރާއީލުގެ ރައްޔިތުން އުންމީދު ކުރަމުން ގެންދަނީ ސެޕްޓެމްބަރ މަހު 1 ގައި ސްކޫލްތައް ހުޅުވުމުގެ ކުރިން އެނބުރި ގައުމަށް ދެވޭނެ ކަމަށެވެ.
އިސްރާއީލުގެ ރައްވެހިންނަށް މުޚާތަބު ކުރައްވައި ޙަސަން ނަޞްރު ﷲ ވިދާޅުވީ “ ކަލޭމެން އެނބުރި ވަޒަނަށް ދާން ބޭނުންވާނަމަ ގައްޒާގައި ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލަން ކަލޭމެންގެ ސަރުކާރަށް އަޑުގެ ކޮޅަށް ގޮވާށެވެ.“
ހަނގުރާމަ ހުއްޓުވޭނެ މަގެއް ފެނޭތޯ މިސްރާއި ގަތަރުން ކުރަމުންގެންދާ މަސައްކަތަށް މިހާތަނަށް އެއްވެސް އަލިމަގެއް ފެނިފައިނުވާއިރު މީގެކުރިން އިސްރާއީލުގެ ހަމަލާތަކުގައި ވީރާނާ ކޮށްލާފައިވާ ރަފާހްގެ އިމާރާތް ތަކުގެ ތެރެއަށް ހޯމަދުވަހުވެސް އިސްރާއީލުގެ ސިފައިން ވަނީ ޓޭންކް ފަދަ ބަރު ހަތިޔާރާއެކު ވަދެގެންފައެވެ.
އިސްރާއީލު ސިފައިން ގެންދަނީ ލެބަނަންއަށް ހަމަލާދިނުންވެސް ހުއްޓާނުލައި ކުރިއަށް ގެންދަމުންނެވެ. އަދި ހިޒްބުﷲ އިންވެސް ގެންދަނީ ރައްދުގައި ރޮކެޓް ހަމަލާތައް އިސްރާއީލަށް އަމާޒު ކުރަމުންނެވެ.
އިސްރާއީލުން ގައްޒާގައި ހިންގަމުންދާ ހަނގުރާމައިގާ ޝަހީދުވެފައިވާ މީހުންގެ އަދަދު ހަމާސްއިން ހާމަކޮށްފައިވަނީ ދުނިޔެއަށް އޮޅުވާލަން ކަމަށާއި ހަގީގަތުގައި މިހާތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވެފައިވަނީ އާންމު ރައްޔިތުންގެ ހަމައެކަނި 16000 މީހުން ކަމަށެވެ. އޭގެ އިތުރުން ހަނގުރާމަވެރިންގެ ތެރެއިން 14000 މީހުން ވަނީ މަރުވެފައެވެ. އަދި އިސްރާއީލު ސިފައިންގެތެރެއިން 620 މީހުން ވަނީ މަރުވެފައިވާ ކަމަށެވެ.
ހަމާސްއިން ހަދާ ދޮގުތަކުގައި ޔުނައިޓެޑް ނޭޝަންސް އިން ގެންދަނީ ރަބަރު ސްޓޭމް ޖަހަމުންނެވެ. އެހެންނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންގާރަ ދުވަހު ރޮއިޓާރސްއަށް މައުލޫމާތު ދީފައިވަނީ ހަމާސްއިން ދީފައިވާ އަދަދު ސައްހަ ކަމަށާއި ސުވާލު އުފެދޭން ޖާގަ ނެތް ކަމަށެވެ.
One Response
ހަސަން ނަސްރު ﷲ ފަދަ ބޭފުޅުންނެތްނަމަ މިހާރު ފަލަސްތީނަކީ އިސްރާއިލުގެ އަވަށެއް ކަމުގައި ވެފާ އޮންނާނީ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ހަގީގަތާ ތަންކޮޅެއްދުރު ވިސްނުންފުޅު ގެންގުޅުއްވާ ބޭފުޅުން ތިއްބެވުމުން ހިތާމަކުރަންޖެހޭ