ގިނަމީހުން މާލެއަށް ބަދަލުވަނީ ރަށްރަށުގެ ތަޢުލީމީ ހާލަތު ދަށްވުމުން

Loading

Facebook
Twitter
WhatsApp

ރާއްޖެތެރޭގެ މީހުން މާލެއަށް ބަދަލުވަނީ ރަށްރަށުގައި ހުންނަ ރަށު ސްކޫލް ތަކުގެ ތަޢުލީމީ ޙާލަތު ދަށްވުމުން ކަމަށް ގިނަބަޔަކު ބުނެއެވެ. -/18000 ރުފިޔާ އަށް 3 ކޮޓަރި އެޕާޓްމެންޓެއް ނަގައިގެން އުޅޭ އަންހެނަކު ވަރަށް އަސަރާއެކު ބުންޏެވެ. އޭނާގެ ތިބީ ދެކުދީންނެވެ. މި ދެކުދީން ކިޔަވައި ނިމެންދެން މާލޭގައި އުޅެން މިވަނީ މަޖުބޫރުވެފައެވެ.

ފިރިމީހާ ބުރަ މަސައްކަތްކޮށްގެން ވެސް ކުދިންނަށް ތަޢުލީމު ހޯދައި ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށާއި ގައުމުގެ މުސްތަގުބަލަކީ ރަނގަޅު ތަޢުލީމު ލިބިގެން މުޖުތަމަޢަށް ހެޔޮގޮތުގައި ނުކުންނަ ޒުވާނުން ކަމަށްވާއިރު މައިންބަފައިން މަރުކަށި ކެނޑިގެން ނަމަވެސް ރަނގަޅު ތަޢުލީމީ ދަރިން ގައުމަށްޓަކައި ބިނާކުރަންޖެހިފައިވާކަމުގައި އޭނާ ބުންޏެވެ.

މާލެ ސަރަޙައްދު ތޮއްޖެހޭ ވާހަކައަކީ ޢާންމު ވާހަކައެކެވެ. މިގޮތުން މުޅި ރާއްޖޭގެ ރައްޔިތުން ތިބެން މަޖުބޫރުވަނީ މާލޭ ސަރަޙައްދުގައެވެ. ހުރިހާ ފައިދާއެއް މާލޭގެ ގެދޮރުހުރި ބިންވެރީންނަށެވެ. މިއީ މާލޭގައި ވެރިކަން ކުރާތީ ސަރުކާރުތަކުން މާލެ ރައްޔިތުން ނޫން މީހުނަށް ކުރާ ޖެއްސުމެއް ބާވައެވެ. މާލޭ ބިންވެރިން ދިރިއުޅެނީ މެލޭޝިއާއާއި ސިންގަޕޫރާއި އިނގިރޭސިވިލާތާއި އިންޑިއާއާއި ސްރީލަންކާ ފަދަ ގައުމުތަކުގައެވެ. އެމީހުން އެތަންތަނުގައި ދިރިއުޅެނީ އެ މީހުންގެ ގެދޮރު, ރާއްޖެތެރޭގެ މީހުނަށް ބޮޑުއަގުގައި ކުށްޔަށްދީގެން ލިބޭ ފައިސާއިންނެވެ.

ރާއްޖެތެރޭގައި ތަޢުލީމީ ޙާލަތު ރަނގަޅު މަދު ސްކޫލްތަކެއް ހުރިނަމަވެސް ނިސްބަތުން އާބާދީ ކުޑަރަށްރަށުގެ ސްކޫލްތަކުގައި ކިވައިދިނުމުގެ ފެންވަރު ނުހަނު ދަށެވެ. ސަރުކާރުތަކުގެ މި ސިޔާސަތުގެ ސަބަބުން ރާއްޖެތެރެ ވަނީ ފަޅުވުމުގެ މަގުމަތީގައެވެ. ރަށްރަށުން ނުލިބެނީ ރަނގަޅު ތަޢުލީމު އެކަންޏެއް ނޫނެވެ. ރަނގަޅުބޭސް ފަރުވާއެއް ވެސް ނުލިބޭއިރު ބޭސްކޮޅު ލިބޭނެ ވަސީލަތެއް ވެސް ގާއިމުވެފައިވަނީ މަދުރަށެއްގައެވެ.

ރައްޔިތުމީހާއަށް ބޭނުންވާ އެންމެހައި އަސާސީ ޙައްގުތައް ރާއްޖޭގެ ގިނަ ރަށްރަށުން ލިބެމުންނުދާތީ އެ ޙައްގުތަށް ހޯދުމަށްޓަކައި ސަލާމް ޖަހަން މާލެ އަންނަން މަޖުބޫރުވަނީއެވެ. ރަށުގައި ނުހަނު ރީތި ގެއެއް ބިނާކޮށް އަމިއްލަ ޙަލާލު މަސައްކަތުން ކައިބޮއި އުޅެވެން އޮތް ނަމަވެސް ދުނިޔޭގެ ޓެކްނޮލޮޖީއަށް އައިސްފައިވާ ޒަމާނީ ކުރިއެރުންތަކުގެ ސަބަބުން ގައުމު ބިނާކުރާނޭ ދަރިން އުފެއްދުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެގޮތުން ރާއްޖެތެރެ ކުރިއަރާފައި ނުވުމުގެ ނަތީޖާއަކީ ރާއްޖެތެރޭގެ މީހުން މާލޭ ސަރަޙައްދަށް ކަހާލުމަށް ސަރުކާރުތަކުން ހިންގާ ޖަރީމާއެވެ.

ނުހަނު މިނިވަންކަމާއި ހިތްހަމަޖެހުމާއެކު ރަށުގައި ޢާއިލާތަށް ގުޅިގެން އުފާވެރިކަންމަތީ ތިބުމުގެ ނަޞީބުން ރާއްޖެތެރޭގެ ރައްޔިތުން މަޙުރޫމްވެގެން އެދަނީ ސަރުކާރުތަކުގެ އަނިޔާވެރި ރޭވުންތަކުގެ ސަބަބުންކަމާމެދު އެއްވެސް ޝައްކެތް ނެތެވެ. ގާނޫނުތަކުގައި މާލެއެކޭ ރާއްޖޭގެ ރަށެކޭ ތަފާތު ނުކުރުމަށް ބުނެފައިވާއިރު ގާނޫނު ތަންފީޒުވަމުންދަނީ އަމާބުނީތީ ފަރަށްދާހެންނެވެ.

ރާއްޖެތެރޭގައި އެެއާޕޯޓުތައް އަޅައި ސްކޫލްތައް ބިނާކޮށް ހޮސްޕިޓަލްތައް އަޅައި ބަނދަރުތައް ހަދައި ނަރުދަމާ ގާއިމު ކުރަމުން އެދަނީ ކޮންބައެއްގެ ފައިދާއަށްބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅާ ޢިމާރާތްތަކުން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ. ރައްޔިތުންގެ ވާރު ފައިސާއިން ފެންވަރު ރަނގަޅު ހޮސްޕިޓަލުތަކާއި ސްކޫލްތައް އަޅަމުންދާއިރު އެއިން ކުރާ ފައިދާއެއް ނުފެނެއެވެ.

ބޮޑު ޚަރަދު ކޮށްގެން އަޅާ ސްކޫލްތަކުގައި ކިޔަވައިދޭ ފެންވަރު ދެރަކަމުން ރައްޔިތުން އެބައިމީހުންގެ ދަރީންނަށް ކިޔަވައިދޭން އަންނަނީ މާލެއަށެވެ. ބަލިވެއްޖެނަމަ އެކަށޭނެ ބޭސްފަރުވާ ނުލިބިގެން އަންނަނީ މާލެއަށެވެ. ރާއްޖޭގައި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ އެތައްހާސް މީހުން ތިބިއިރު އެއިން އެއްވެސް މީހަކަށް ރަށުން ލިބޭނެ ފަރުވާއެއް ނެތެވެ.

ބަލީގެ ކޮޅެއްމެދެއް ނޭނގި މަރުވަންދެން ތިބެން ޖެހިފައިވަނީ މާލޭ ސަރަޙައްދުގައެވެ. މި ތިބޭ ތިބުމުގައި މިފަދަ ބަލިމީހުން އުފުލަމުން ގެންދާ ތަކުލީފުތައް އެނގެނީ ކޮންބަޔަކަށް ހެއްޔެވެ. މިފަދަ އެންމެންވެސް ތިބެނީ ބޮޑު ކުލިދީގެން މާލޭ ސަރަޙައްދުގައެވެ. މާލެއިން ރަނގަޅުނުވާ ބައެއް ބަލިތަކަށް ފަރުވާހޯދަން ރާއްޖެއިން ބޭރަށް ނުދެވި ހަނާވަމުންދާ އެތަކެއް ބަލިމީހުން އެބައުޅެއެވެ.

މިގޮތުން ކ.ގުރައިދޫ އަންހެނަކަށް ކުރިމަތިވެފައިވާ ބައްޔަށް މާލެއިން ފަރުވާ ހޯދަމުން އަންނަތާ 14 އަހަރާ ގާތްވެފައިވާއިރު އެ އަންހެންމީހާގެ ބަލި ހާލަތު ގޯސްވެ އެ ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. 3 ކުދިންގެ މަންމައެއް ކަމުގައިވާ މި އަންހެން މީހާގެ ޢުމުރަކީ 45 ކަމުގައިވާއިރު އޭނާ ކަމުންގެންދާ ބާރުގަދަ ބޭހުގެ ސަބަބުން އޭނާ ފެންނަނީ 65 އަހަރުވެފައިވާ އަންހެނެއްގެ ސިފައިގައެވެ.

ހުޅުމާލެއިން ކޮޓަރިއެއް ކުއްޔަށް ނަގައި އޭނާގެ ފިރިމީހާ ކަނޑުދަތުރުކޮށްގެން ލިބޭ މަދު ލާރިކޮޅުން ތަނުގެ ކުލިދައްކައި 3 ކުދީންނަށް ކިޔަވައިދެމުން އެވާ ގުރުބާނީގެ އަގު ވަޒަން ކުރާނޭ އޯގާވެރި މަހުޖަނަކު ނެތްއިރު އާސަންދައިން ވެސް އެއަންހެން މީހާ ބޭރުގެ ފަރުވާއަށް އަދި ފޮނުވައެއް ނުދެއެވެ.

މިފަދަ އެތަކެއް ބަލިމީހުން ބަލިއެނދުގައި އެ އުފުލަމުންދާ ތަކުލީފުތައް ތަޞައްވުރު ކުރެވޭތޯއެވެ. ސަރުކާރުތަކުން ވަޢުދުތައް ވާން ޖެހެނީ ރައްޔިތުމީހާގެ ޙައްގުތައް ހިމާޔަތް ކުރުމަށް ކަމަށްވާއިރު ވާނުވާ ނޭނގި މިފަދަ ބަލިމީހުން އެދަނީ ހަނާވަމުންނެވެ.

ކަން މިހެން ހުރިއިރު ރާއްޖެއިން ހުރިހާ ބަލިތަކަށް ފަރުވާ ނުލިބެންވީ ސަބަބެއް ނުވިސްނެއެވެ. ކެންސަރު ބައްޔާއި ކިޑްނީ އަދި މިނޫންވެސް ގޮތްނޭނގޭ އެތައް ބަލިތަކަށް ފަރުވާ ހޯދާ މީހުން މަދެއްނުވެއެވެ. ބޯންމެރޯ ބަދަލުކުރުމާއި ކިޑްނީ ބަދަލުކުރުން ފަދަ ކަންކަމަށް ރާއްޖޭއިން ފަރުވާ ނުލިބެނީ ހޮސްޕިޓަލު ޢިމާރާތުގެ ފެންވަރު ދެރަކަމުންތޯއެވެ. ރައްޔިތުން ޒިންމާދަރުވެ ހޭލުންތެރިވެ ސަރުކާރުތައް އެކުލަވާލުމަށް ރައްޔިތުން ކުރާ ބުރަ މަސައްކަތުގެ މީރުރަހަ ލިބިގަތުމަށް ގޮވާލަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް