ރަޝިޔާގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ގިނަ އަހަރު ތަކެއްވަންދެން ހުންނެވި ސަރުގެއި ޝޮއިގޫ އެމަގާމުން ދުރު ކޮށްފިއެވެ. މިއީ ރައީސް ވްލަޑިމިއަރ ޕޫޓިން މިދިޔަހަފްތާގައި ރައީސް ކަމުގެ ފަސްވަނަ ދައުރެއް ފެއްޓެވުމާއިއެކު ކެބިނެޓަށް ގެންނެވި ބަދަލު ތަކުގެ ދަށުން ގެނައި ބަދަލެކެވެ.
ޝޮއިގޫ އަށްފަހު ޑިފެންސް މިނިސްޓްރީއާ ހަވާލުވެވަޑައިގަންނަވާނީ ވިޔަފާރީގެ ދާއިރާގައި މަޝްހޫރު ބޭފުޅެއްކަމަށްވާ އަންދްރޭ ބެލޯސޮވް ކަމަށް ވަނީ އިއުލާން ކުރެވިފައެވެ. ކެބިނެޓަށް އަދިވެސް އިތުރު މުހިންމު ބަދަލުތައް ގެނެވޭނެ ކަމަށް ބެލެވެއެވެ.
އައު ޑިފެންސް މިނިސްޓަރ އަންދްރޭ ބެލޯސޮވް މީގެ ކުރިންވެސް ވަނީ ރަޝިޔާގެ ފަރސްޓް ޑެޕިއުޓީ ޕްރައިމިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
ޓާސް ނިއުސްއެޖެންސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަގާމުން ދުރުކުރެވުނު ޝޮއިގޫ ވަނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކެޓްރީގެ މަގާމަށް އައްޔަން ކޮށްފައެވެ.
ޝޮއިގޫ ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެވުނީ 2012 ވަނަ އަހަރުއެވެ.
ނޫސްވެރިންގެ ބައްދަލް ވުމެއްގައި ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ބެލޯސޮވް ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމުގެ މައިގަނޑު މަގުސަދަކީ ސެކިއުރިޓީ ބްލޮކް ގެ އިގްތިސާދާ ގައުމުގެ އިގްތިސާދު އެއްހަމަ ކުރުން ކަމުގައެވެ.
ޓާސްގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސެކިއުރިޓީ އިދާރާތަކުގެ އެހެން ވެރިން ގެ އިތުރުން ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯވްގެ މަގާމަށް ބަދަލެއް ނުގެނެވޭނެއެވެ.
ޚަބަރުތައް ބުނާ ގޮތުން އަސްކަރީ އެއްވެސް ”ބެކްގްރައުންޑެއް“ ނެތް ބޭފުޅެއް ކަމަށްވާ އަންދްރޭ ބެލޯސޮވް ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަކީ ގިނަބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. މިކަމާ ބެހޭ ގޮތުން ތަރުޖަމާން ޕެސްކޯވް ވިދާޅުވީ ރަޝިޔާ މިއަދު ދަތުރު ކުރަމުން ދަނީ އަށްޑިހައިގެ އަހަރުތަކުގެ މެދުތެރޭގައި ސޯވިއެޓް ޔޫނިއަން އޮތް ހާލަތަށް ކަމަށެވެ. އޭރު ސޯވިއެޓް ޔޫނިއަންގެ މުޅި ބަޖެޓްގެ 7.4 އިންސައްތަ އަކީ އަސްކަރީ އަދި ލޯ އެންފޯސްމަންޓަށް ކުރާޚަރަދުކަން ފާހަގަ ކުރައްވާ ތަރުޖަމާން ވިދާޅުވީ މިހާރުގެ އަމާޒަކި އަސްކަރީ އަދި ލޯ އެންފޯސްމަންޓް އިދާރާތަކުގެ ޚަރަދުތައް ހަމަޔަކަށް އެޅުވުން ކަމުގައެވެ.
އުމުރުފުޅުން 65 އަހަރުގެ އަންދްރޭ ބެލޯސޮވް 1981 ވަނަ އަހަރު މޮސްކޯ ސްޓޭޓް ޔުނިވަރސިޓީން ޑިސްޓިންކްޝަން އާއެކު ގްރެޖުއޭޓް ވެ ވަޑައިގެންނެވިއެވެ. ފާއިތުވި ދިހަ އަހަރު އޭނާ ވަނީ ރައީސް ޕޫޓިން އިތުބާރު ކުރައްވާ އިކޮނޮމިކް އެޑްވައިޒަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައެވެ
One Response
މި ލިއުއްވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރ ޝޮއިގޫ މަގާމުން ދުރުކޮށްފިއޭ ބުނުމުގެ ބަދަލުގައި އެ މަގާމުން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަގާމަށް ބަދަލު ކުރައްވައިފިއޭ ބުނިނަމަ ހަގީގަތާ ކައިރިވީހެވެ. މަގާމުން ދުރުކުރިއްޔޭ ބުނީމާ ގިނަފަހަރަށް ހިތަށް އަރަނީ ބޭނުން ނެތިގެން އެއްލާލުން ކަމަށެވެ.
ރަޝިޔާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަކީ ވަރަށް ބާރުގަދަ މަގާމެކެވެ. އެ ކައުންސިލް އެކުލެވިގެންވަނީ ރަޝިޔާގެ ސްޓޭޓްތަކުގެ އެންމެ އިސް ވެރިންނާއި ޑިފެންސާއި ސެކިއުރިޓީ އޭޖެންސީތަކުގެ އެންމެ އިސްވެރިންގެ މައްޗަށެވެ. ޗެއަރ ކުރައްވާނީ ސީދާ ރައީސެވެ.