އީރާނަށް ނުރައްކާވެއްޖެ ކޮންމެ ހާލަތެއްގައި ނިއުކްލިއަރ އަށް ދާނަން

Loading

Facebook
Twitter
WhatsApp

އީރާނު ދެމިއޮތުމުގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާތެރިކަން މެދުވެރި ކުރުވާ ކޮންމެ ހާލަތެއްގައި އީރާނުން ނިއުކްލިއަރަށް ދާނެކަމަށް އީރާނުގެ ސުޕްރީމް ލީޑަރ ގެ މުސްތަޝާރު ކަމާލް ޚައްރާގީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ސްޓޫޑެންޓް ނެޓްވާރކަށް ފޮނުއްވި މެސެޖެއްގައި ކަމާލް ޚައްރާގީ ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނުގެ ނިއުކްލިއަރ އެއްވެސް ވަސީލަތަކަށް ހަމަލާއެއް ދީފިނަމަ އީރާނުން ނިއުކްލިއަރ ބޮން އުފައްދާނެއެވެ. އީރާނުން މިހާރުވެސް އެކަމުގެ ގާބިލުކަން ވަނީ ލިބިގެންފައެވެ. އެހެންނަމަވެސް ނިއުކްލިއަރ ބޮމް އުފެއްދުމަކީ އީރާނުގެ ވިސްނުމެއް ނޫނެވެ.

އިސްރާއީލުން ނުވަތަ އެހެން ގައުމަކުން ވިޔަސް އަހަރެމެންނަށް ނުރައްކާތެރިކަން މެދުވެރި ނުކުރާހާ ހިނދަކު އަހަރެމެންގެ ވިސްނުން ބަދަލެއް ނުކުރާނަމެވެ. އަހަރެމެންގެ ނިއުކްލިއަރ ވަސީލަތްތަކަށް ނުރައްކާ ކޮށްފިނަމަ ނުވަތަ އަހަރެމެންގެ ގައުމު ދެމިއޮތުމަށް ނުރައްކާތެރިކަން މެދުވެރިކޮށްފި ކޮންމެ ހިނދެއްގައި އަހަރެމެން ދެވަނަ ވިސްނުމަކަށް ނުދާނަމެވެ. ނިއުކްލިއަރ ބޮން އުފެއްދުމަށްޓަކައި އަހަރެމެންނަށް ގިނަ ދުވަސްތަކެއް ބޭނުމެއް ނޫނެވެ.

މިދިޔަ އޭޕްރިލް މަހު ތެރޭގައިވެސް އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ ކޮމާންޑަރަކު ވަނީ މިމޭރުމުން އިންޒާރު ދެއްވާފައެވެ.
އިނގިރޭސި ވިލާތުގެ ސްޓްރާޓީޖިކް ކޮމާންޑުގެ އެންމެ އިސް ވެރިޔާ ޖެނެރަލް ޖިމް ހޯކެންހަލް މި ހުސްވިމަހު ސެމާފޯރއަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގިނަފަހަރަށް އީރާނުން އެފަދަ ބަޔާނެއް ހާމަކޮށްފައިވީ ނަމަވެސް ކަނޑައެޅިގެން އެކަންކުރާނެއެކޭ ބުނާކަށް ނުވާނެއެވެ. އެހެންނަމަވެސް އީރާނުން އެއްވެސް ކަމެއްގައި ވަކިގޮތެއް އިޚްތިޔާރު ކޮށްފިނަމަ ފަސްއެނބުރި ބަލާފާނެ ކަމަށްވެސް ދެކިގެން ނުވާނެއެވެ.

އިންޓަރނޭޝަނަލް އެޓޮމިކް އޭޖެންސީގެ އެންމެ އިސް ވެރިޔާ ހާމަކޮށްފައިވާގޮތުގައި އީރާނުގެ ނިއުކްލިއަރ ހަކަތައިގެ ޕްރޮގްރާމް ކުރިއަށް ގެންދާގޮތް ބެލުމުގެ އިންސްޕެކްޝަން އަށް އީރާނުން ފުރިހަމަ އެއްބާރުލުން ދެމުން ނުގެންދެއެވެ. ރަފާއެލް ގްރޮއްސީ ބުނެފައިވަނީ މި ހަފުތާގައި އީރާނަށް އެ ޖަމްއިއްޔާއިން ކުރި ޒިޔާރަތުގައިވެސް އީރާނުގެ އެއްބާރުލުން ލިބިފައިވަނީ ވަރަށް ފަނޑުގޮތަކަށެވެ. އަދި އެޓޮމިކް އޭޖެންސީގެ އިންސްޕެކްޓަރުންގެ ތެރެއިން އެ ވަސީލަތްތަކަށް ދިއުމަށް ހުއްދަދޭނެ އަދަދުވެސް ވަނީ މަދުކޮށްފައެވެ.

ގްރޮއްސީ މިހާރު މަސައްކަތް ކުރަމުން ގެންދަނީ އީރާން ސަރުކާރާއެކު މަޝްވަރާކޮށްގެން ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަށެވެ. ބައެއް ތަޖުރިބާކާރުން ދެކޭގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގައި ގޮތްދޫނުކޮށް ހިފާއްޓަމުން ގެންދާހާ ހިނދަކު އީރާނުން އެއްބާރުލުން ލިބޭނެކަމަށް އުންމީދެއް ނުކުރެވެއެވެ.
މެދުއިރުމަތީގެ މިހާރުގެ ހާލަތުގައި ތެހެރާނުގެ ސިޔާސީ ކުޅިބައިގެ އެންމެ ކުރީ ސަފުގައިއޮތީ ނިއުކްލިއަރ ހަތިޔާރުގެ ބަހުސްކަމުގައި ބުނަން ޖެހެއެވެ. ނިއުކްލިއަރ ހަތިޔާރުގެ ވާހަކަ ސަރުކާރުގެ ތެރެއިން ނިކުމެ އާންމުރައްޔިތުންނާއި އަދި މީޑިއާތަކާ ހަމަޔަށް ހިނގައްޖެކަމަށް އީރާނުގެ ޚާރިޖީ ސިޔާސަތުގެ ތަޖްރިބާކާރު އަދި އަމްވާޖް ޑޮޓް މީޑިއާގެ އެޑިޓަރ މުހަންމަދު އަލީ ޝަބާނީ އެކްސް ގައި ބުނެފައިވެއެވެ.
އީރާނުގެ މެދުމިނުގެ ވިސްނުން ގެންގުޅުއްވާ ސިޔާސީ ގޮތުން ހަރަކާތްތެރި ބޭފުޅަކު ވިދާޅުވެފައިވަނީ އިސްރާއީލުން ސީރިޔާގައި ހުރި އީރާނުގެ ސަފީރު އޮފީހަށް ހަމަލާދިން ހިސާބުން ފެށިގެން އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދައިގެން ނުވާނެ ކަމަށް ހުޅަނގުން ކުރަމުން ގެންދާ ޒުވާބުގައި އެންމެ ފަހުގެ ސިއްކަ ޖެހުނީއެވެ. އެހެންވީމާ އީރާނުން ދުނިޔޭގެ ނިއުކްލިއަރ ކްލަބަށް ނު ވަންނަންވީ ސަބަބެއް މިހާރަކު ނެތެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވެފައިވަނީ ސަރުކާރުން ހުއްދަ ލިބޭތާ އެއް ހަފުތާގެ ތެރޭގައި އީރާނުގެ ފުރަތަމަ ނިއުކްލިއަރ ބޮން ޓެސްޓު ކުރާނެ ކަމަށެވެ.
އީރާނުގެ ނިއުކްލިއަރ ތަޖްރިބާކާރ ފަރްޒާން ސާބިތު ވިދާޅުވެފައިވަނީ މިހާރުގެ ބައިނަލް އަގްވާމީ މަސްރަހްގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއަށް އިތުރު ތާއީދު ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

Loading

2 Responses

  1. މިހާރުގެ އުސޫލަކީ ނޯ ޕަވަރ ނޯ ޓޯކް. ބާރުގަދަ އެއްޗެއް ބޭނުންގޮތެއް ބަލި އެއްޗަށް ހަދާލަންވީ. އެއީ އެމެރިކާ އާއި އެބުނާ ތަޙުޒީބު ގައުމުތަކުން ދައްކަމުން ބުނެދެމުންދާ މިހާރުގެ ފިލާވަޅާއި އުސޫލަކީ

  2. ކުރެވެން ހުރިކޮންމެ ކަމެއްވެސް ކުރަންވީ މެދުއިރުމަތީގައި އިރާން ނިއުކުލިއާޕަވަރަ އަކަށް ވުމަކީ ވަރަށްމުހިންމު ކަމެއްގެ ގޮތުގައި ދެކެން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް