ބޮޑުރަަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ދުންހޮޅިން ބަދިގެތެރެއަށް ދުން ލީކުވުމާ ގުޅިގެން ހަތް މީހަކު އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބޮޑުރަަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގޭ ދުންހޮޅިން ބަދިގެތެރެއަށް ދުން ލީކުވެ ހަތް މީހުން އަނބުރައިގަނެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މިއަދު ފަތިހު 5:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މީހުންގެތެރޭގައި ހިމެނެނީ ސްރީލަންކާ މީހަކާއި އިންޑިއާ މީހަކާއި ބަނގްލަދޭޝް ދެ މީހުންނާއި ނޭޕާލް ތިން މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އެކަކަށް މިހާރު ފަރުވާދެމުންދަނީ އޭޑީކޭގައި ކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ހާދިސާއާާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.