ފަލަސްތީނުގެ ގައިދީންނަށް އިސްރާއީލުގެ ސިފައިން ދެމުންގެންދާ އަނިޔާތައް ބަލަން ކުޅަދާނަ ނުވެގެން އިސްރާއީލުގެ ވިސްލް ބްލޯވަރުންތަކެއް މީޑިއާގެ ކުރިމައްޗަށް ނިކުމެއްޖެއެވެ.
އިސްރާއީލުގެ މިލިޓްރީ މަރުކަޒެއްކަމުގައިވާ ނެގޭވް ސަހަރާ ގައި ހުންނަ މިލިޓްރީ ޑިޓެންޝަން ކޭމްޕެއްގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ކަނުބަނދެފައިވާ ހާލުގައި އިސްއުފުލާލަންނުކެރޭވަރުގެ ގަދަ އަލި މޫނަށް ދިމާކޮށް ކަރުދާސް ގަނޑެއްހާތުނި ޝީޓެއްގެ މަތީގައި ބައިތިއްބާފައި ތިބޭ ހިތްދަތި މަންޒަރު އިންސާނަކަށް ތަސައްވުރުވެސް ނުކުރެވޭނެއެވެ.
އެތަނުގައި ހިނގާ ކަންތައްތައް އެނގޭ އިސްރާއީލުގެ ވިސްލްބްލޯވަރުން ސީއެންއެންއަށް ކިޔައިދިން ގޮތުގައި އެމީހުން އިށީންދެގެން ތިބެން ޖެހޭނީ ސީދަލަށެވެ. ގުދުވުމާއި އެކަކު އަނެކަކަށް ވާހަކަ ދެއްކުމާއި ކަނުބަނދެފައިވާ ފޮތިގަނޑުގެ އެއްވެސް ދިމާލަކުން ބެލުން ހުއްދައެއް ނޫނެވެ. އެހެންނަމަވެސް ބައެއްފަހަރު އެމީހުން ސިއްރުން ކޮންމެވެސް މުއާމަލާތެއް ކުރެއެވެ. އަހަރެމެންނަށް އޮންނަނީ އެކަންތައްތަކަށް ފިސާރި ރަނގަޅަށް ފާރަވެރިވުމަށް އަމުރުކޮށްފައެވެ. ގާޑުންނަށް އަމުރުކޮށްފައި އޮންނަނީ އޭގެތެރެއިން އަމުރަށް ކިޔަމަންވުމަށް ދެކޮޅުހަދާ މީހުންނަށް އިތުރު އަދަބު ދިނުމަށެވެ. އެއީ ވަރަށް އަނިޔާވެރި އަދަބު ތަކެކެވެ. ހަށިހަނޑުގެ ތަންތަން ފަޅައިގެންދާ ވަރަށް ތަޅައި ކަށިތަކުގައި ރެނދު އަޅުވާލާނެއެވެ.
މިހާރު ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގާ އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ތިބި ކޭމްޕުގައި މަސައްކަތްކުރި އިސްރާއީލުގެ 3 ވިސްލް ބްލޯވަރެއްގެ ފަރާތުން މައުލޫމާތު ހޯދާފައިވާކަމަށް ސީއެންއެންއިން ބުނެފައިވެއެވެ. އެމީހުންނަކީ ކޮންބައެއްކަން އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސިޔާސަތަށް ތާއީދުކުރާ މީހުންނަށް އެނގިއްޖެނަމަ ކުރިމަތިލާން ޖެހޭނެ ނުރައްކާތެރިކަން ވަރަށް ރަނގަޅަށް އެމީހުންނަށް އެނގޭމެއެވެ.
އެތަނުގައި އެއް ވަހަކަށް އޮންނަނީ ބިޑިއަޅާފައި ތިބުމާއި އެހެނިހެން އަނިޔާތަކުގެ ސަބަބުން އުފެދިފައިވާ ފާރުގަނޑުތަކުން ދުވާ ކުނިވަހެވެ. ބައެއްފަހަރު ދަސްކުރާ ޑޮކްޓަރުން ލައްވާ މީސްމީހުންގެ ފާރުވެފައި ހުރި ގުނަވަންތައް ބުރިކުރަމުން ގެންދެއެވެ.
ގައްޒާގެ އިމުން ފެށިގެން 18 ވަރަކަށް މޭލު އެތެރޭގައި ހުންނަ މިސަރަހައްދު އޮންނަނީ 2 ކޭމްޕަކަށް ވަކިކޮށް ބަހާލާފައެވެ. އެތަނުގައި ޖިސްމާނީގޮތުން އިންސާނަކަށް ދެވިދާނެ އެންމެ ބޮޑެތި އަނިޔާތައް ތަހަންމަލް ކުރަންޖެހިފައިވާ ހަތްދިހަ ވަރަކަށް ފަލަސްތީނީން ތިބޭނެއެވެ. އޭގެ އިތުރުން ޒަޚަމްވެފައިތިބި ފަލަސްތީނުގެ ގައިދީން ތިބެނީ ޑައިޕަރ ޖަހާފައި އެމީހުންގެ އެނދާއެއްކޮށް ބަނދެފައެވެ. ކާންދެނީ ހޮޅިލައްވައިގެންނެވެ.
ފަލަސްތީނުގެ ގައިދީން ގައިގާ ތަޅާ އަނިޔާ ކުރަމުން ގެންދަނީ މައޫލޫމާތު ހޯދާކަށް ނޫނެވެ. އެއީ ހަސަދަ ފިލުވާލުމަށްޓަކައި ކުރާ ކަމެކެވެ.
އެތަނުގައި މަސައްކަތްކުރި ޑޮކްޓަރަކު ކިޔާދިން ގޮތުގައި އިންސާނެއްގެ އައިބުތަކާއި ލަދުވެތިކަން ފޮރުވުމަށްޓަކައި ބޭނުންކުރާ ހުރިހާ ވަސީލަތެއް ގައިދީންގެ ކިބައިން ބައެއްފަހަރު ނިގުޅައިގަނެއެވެ.
ސީއެންއެންއަށް ލިބުނު މައުލޫމާތު ކަށަވަރުކުރުމުގެ ގޮތުން އިސްރާއީލުގެ ޑިފެންސް ފޯސް އަށް ސުވާލު ކުރުމުން ޖަވާބު ދީފައިވަނީ
“ ގައިދީންނާ ދޭތެރޭ ކަންތައް ކުރަންޖެހޭ ގޮތަކަށް ”އައިޑީއެފް އިން ކަންތައްކުރާނެ ކަމަށެވެ. އައިޑީއެފްއަށް ނިސްބަތްކުރެވޭ ކޮންމެ ފަރާތުން ހިންގާ އިންސާނިއްޔަތާ ޚިލާފު ހުރިހާ ކަމެއް ތަޙްގީގު ކުރެވި ޖަވާބުދާރީ ކުރެވެމުންދާނެއެވެ. ތަހްގީގުކުރަން ޖެހޭ ކޮންމެ ހާލަތެއްގައި އެކަން ކުރެވެމުންދާނެއެވެ. ގައިދީން ބިޑިއަޅުވާފައި ތިބޭނީ އެމީހުންގެ ސިއްހީ ހާލަތު އެގޮތަށް މަޖުބޫރު ކުރުވާނަމައެވެ. ބޭނުންނެތް ގޮތެއްގައި އެއްވެސް މީހަކު ބިޑިއެޅުވުމަކީ އައިޑީއެފްއިން ކުރާނެ ކަމެއް ނޫނެވެ ”.
ގައިދީންގެ ތެރެއިން ބަލިމީހުން ޑައިޕަރ ޖައްސާފައި އެނދާއެއްކޮށް ބަނދެފައި ތިބުން އައިޑީއެފް ދޮގެއް ނުކުރެއެވެ. އެކަމާ ގުޅޭގޮތުން ބުނެފައިވަނީ އެމީހުންގެ ފަރާތުން ނުރައްކަލެއް ނެތްކަން ޔަގީންކުރެވުމާއެކު އެމީހުންގެ ހެދުންތައް އަނބުރާ އެމީހުންނަށް ދެވޭނެ ކަމަށެވެ.
ޓައިމަން ސަހަރާގެ އަނިޔާވެރިކަން މިހާރު އޮތީ ބައިނަލް އަގްވާމީ ސަމާލުކަމަށްވެސް ގެނެވިފައެވެ. އިސްރާއީލާއި އަރަބި ދުނިޔޭގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ގެންދަނީ އެކަމާ ދޭތެރޭ އަޑު އުފުލަމުންނެވެ.
އެތަނުގައި މަސައްކަތްކުރި މީހުންގެ ފަރާތުން މިލިބުނު މައުލޫމާތުތަކުގެ ސަބަބުން އިތުރު ހަގީގަތްތަކެއްވެސް ހާމަވެގެން ހިނގައްޖެއެވެ. އަދި އިސްރާއީލުން އަމަލު ކުރަމުންގެންދަނީ ބައިނަލް އަގްވާމީ ގާނޫނުތަކާ އެއްގޮތަށޭ ބުނެ ހަދާ ދޮގުތައް ފަޅާއެރުމަށްވެސް އެހީވެދީފިއެވެ.
ސީއެންއެންއިން ޓައިމަން ބޭސްއަށް ޒިޔާރަތް ކުރަން ބޭނުންވާތީ އިސްރާއީލުގެ މިލިޓްރީގެ ހުއްދައަށް އެދި މި ހުސްވި މަހުގެތެރޭގައި ހުށައެޅުމުން ހުއްދަ ލިބިގެން ދިޔައިރު އެތަނުގެ މައި ދޮރާށި ކުރިމަތީގައި ތިރީހަކަށް މީހުން އެތަން ބަންދުކުރަން ގޮވަމުން މުޒާހަރާކުރަމުން ގެންދިޔައެވެ. އޭގެފަހުން އިސްރާއީލުގެ ސެކިއުރިޓީ ފޯސަސް އިން ބައިގަޑިއެއްހާއިރު ވަންދެން އެމީހުންނާ ސުވާލު ކުރަމުން ގެންދިޔަ މަންޒަރުފެނުނެވެ. އަދި ސީ އެން އެން ގެ ޖާނަލިސްޓުން ނެގި ފޮޓޯތައްވެސް ބަލާ ފާސްކުރިއެވެ.
މިދިޔަ ޑިސެމްބަރު މަހު އިސްރާއީލުން ފާސްކުރި ގާނޫނެއްގެ ދަށުން ޝައްކުކުރެވޭ ފަލަސްތީނީން ވަގުތީ ގޮތުން ބަންދުކޮށް ބޭތިއްބުމަށްޓަކައި ޓައިމަން ސަރަހައްދުގެ މިލިޓްރީ 3 ވަސީލަތެއް މިހާރު ހުރީ ޑިޓެންޝަން ސެންޓަރުތަކަކަށް ބަދަލުކޮށްފައެވެ. އެތަނަށް ގެނެވޭ މީހުންގެތެރެއިން މުޖާހިދުންނާ ގުޅުން ނެތްކަން ސާބިތު ކުރެވޭ މީހުން އަނބުރާ ގައްޒާއަށް ފޮނުވަމުން ގެންދެވޭނެކަމަށް އައިޑީއެފްއިން ބުނެއެވެ.
އިސްރާއީލުގެ ޑިޓެންޝަން ސެންޓަރުތަކުން މިނިވަންވި ބައެއްމީހުންނާ ސީ އެން އެން އިން ސުވާލުކުރުމުން ދިން ޖަވާބަކީ އެމީހުން ގެންދިޔަތަނަކާއި ތިބެން ޖެހުނުތަނެއް ނޭންގޭކަމަށެވެ. އެ ދުވަސްތަކުގައި އެމީހުންތިބީ ކަނުބަނދެފައެވެ. އެމީހުންގެ ވާހަކަތަކުން ވިސްލްބްލޯވަރުންގެ ވާހަކަތައް ތެދުކަން އެނގިގެންދެއެވެ.
އުތުރު ގައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ސާރޖަރީ ޔުނިޓުގައި އެންމެ އިސްކޮށް މަސައްކަތްކުރަމުން ގެންދިޔަ ބޮސްނިޔާގެ ރައްވެއްސަކުކަމުގައިވާ ޑޮކްޓަރ މުހަންމަދު އަލް ރާން ޑިސެމްބަރ 18 ވަނަ ދުވަހު އިސްރާއީލު މިލީޓްރީން ހައްޔަރުކޮށްގެން ގެންގޮސް ހަމަ އެކަނި ޖަނގިޔާއަކާއެކު ގިނަ ދުވަސްތަކެއް ވާންދެން ކަނުބަނދެގެން ގެންގުޅުނުކަމަށް ސީ އެން އެން އަށް ކިޔާދިނެވެ. އަހަރެމެންގެ ދުވަސްތައް ހޭދަކުރެވިގެން ދިޔައީ ދުޢާކުރުމާރި ރުއިމުގެ ތެރޭގައެވެ. އަހަރެމެންގެ ދުއާއާއި ރުއިން ބިނާވެފާއޮތީ އަހަރެމެންގެ އަމިއްލަ ނަފުސާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި އަދި ގައުމާއި ވަޒަން ވެސް ހިމެނޭ ގޮތުގައެވެ. ކުރަމުން ގެންދިޔާ ދުއާގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދިޔައެވެ.
އަލް ރާންގެ ވާހަކަތައްވެސް ވިސްލް ބޮލޯވަރުންގެ ވާހަކަތަކާ މުޅިން އެއްގޮތެވެ. އަލް ރާން ކިޔާދިން ގޮތުގައި ހަފްތާއެއްހާދުވަސް ޑިޓެންޝަން ކޭމްޕުގައި ކަނުބަނދެފައިވާ ހާލުގައި ހޭދަކުރުމަށްފަހު އެތާގައި ތިބި ބައެއް ގައިދީންގެ ސުޕަރވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހުނެވެ. ކަނުބަނދެފައިވުން ނިމުމަކަށް އައުމުން ލިބުނު ހިތްހަމަޖެހުމަށްވުރެން އެތަނުގައި ހައްޔަރުކޮށްފައިތިބި ގައިދީންގެ ހާލަތު ލޮލަށް ފެނުމުން ލިބުނު ހިތްތަދިކަން އަދި މާބޮޑެވެ.
ރޭގަނޑު ނިދާފައިތިބޭ ގައިދީންނަށް ދޭ އަދަބުތަކުގެ ތެރޭގައި އެމީހުންގެތެރެއަށް ބިޔަ ކުއްތާތަކެއް ފޮނުވުން ހިމެނެއެވެ. ގައިދީން ނިދާފައި ތިބެންޖެހެނީ މޫނު ވަތަށެވެ. ކުއްތާތައް އެމިޙުންގެ ގައިމަތިން ދުއްވާނެއެވެ.
ޓައިމަން ޑިޓެންޝަން ސެންޓަރުތަކުގައި ދޭ އަނިޔާތައް ކުރީޒަމާނުގެ އެންމެ އަނިޔާވެރި ރަސްރަސްކަލުންގެ ތާރީޚުންވެސް ފެންނާކަށް ނުހުންނާނެއެވެ.
ޑޮކްޓަރ މުހަންމަދު އަލްރާން ބުނީ އޭނާ މިނިވަންވި ދުވަހު އެ ތަނުގައި އެކުގައި އުޅެންޖެހުނު މީހުންނަކީވެސް އޭނާގެ އާއިލާކަން އިޙްސާސްކުރެވުނެވެ. އެމީހުންނާ ވަކިވެގެން ދިއުމަކީ ހިތްދަތި ތަޖުރިބާއެކެވެ. އެހުރިހާ މީހުންގެ އިހްސާސްތަކަކީވެސް އެއީކަން އަހަރެންނަށް އެނގެއެވެ. އެކަމަކު ކިތަންމެ ކުޑަނަމަވެސް އެހީއެއް ފޯރުކޮށްދެވިދާނެ އެއްވެސް މަގެއް ނެތެވެ. އޭތެރެއިން އެކަކު އޭނާގެ ބަލިކަށި އަޑުން އަހަރެންނަށް ގޮވާލާފައި އާދޭސްކުރިއެވެ. ޑޮކްޓަރ އެވެ. ގައްޒާގައި ދިރިއުޅޭ އަހަރެންގެ އަނބިމީހާއާއި ކުޑަ ދަރިފުޅު ފެނޭތޯ މަސައްކަތްކޮށްދޭށެވެ. އަދި އެމީހުން ފެނިއްޖެނަމަ މާތް ރަސްކަލާނގެއަށްޓަކައި ޝަހީދުވުމަށް ނަސޭހަތްތެރިވެދޭށެވެ.
One Response
މިކަހަލަ ލިއުންތައް ކިއުމަށް ހިތް ނުކުޅެދޭއިރު އެ އަނިޔާތައް ތަހަންމަލް ކުރުމުގެ ވޭން ހިތަށް ގެނެސްގަންނާނީ ކިހެނެއް ހެއްޔެވެ. އިންސާނަކު އޭނާގެ އަނބިދަރިން ޝަހީދުވުން އިޚްތިޔާރުކުރަން އެދޭނީ ކޮންފަދަ އަނިޔާއަކުން ރެކެންކަން އެހެންމީހަކަށް ނުވިސްނޭނެއެވެ.