ވޯޓު ގަނެގެން ރައްޔިތުންގެ މަޖިލީހަށާއި ގައުމުގެ ވެރިކަމަށް އައުން ނިމުމަކަށް ގެންނަން އެބަޖެހެއެވެ. ވޯޓު ގަނެގެން ރައްޔިތުންގެ މަގާމުތަކަށް ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި އިޚުލާޞްތެރިކަމުގެ ގޮތުންނާއި ތެދުވެރިކަމުގެ ގޮތުން ކަމަށް އެކަށީގެން ނުވާ މީހުން ހޮވޭ ގޮތް އަންނަނީ މެދުވެރިވަމުންނެވެ.
މި ސިސްޓަމަކީ ރަނގަޅު ސިސްޓަމެއްކަމަށް ގައުމާދޭތެރޭ ވިސްނާ ހެޔޮލަފާ އެއްވެސް ރައްޔިތަކު ގަބޫލު ކޮށްފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. މި ނިޒާމަކީ މުޅިން ވެސް ގަޑުބަޑު ނިޒާމެއްކަމަށް ބަލަން އެބަޖެހެއެވެ. މި ނިޒާމުގެ ހުރިހާކަމެއްވެސް ހިނގަމުން އަންނަނީ ރިޝްވަތަށް މަގުފަހިވެގެންނެވެ.
މިގޮތުން ރައްޔިތުންގެ މަޖިލީހަށް ބަލާލަމާ ހިނގާށެވެ. ބައެއް ޕާޓީތަކުން ވިޕްލައިން އެބަނެރެއެވެ. އެކި މެންބަރުން ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބައެެއް ބިލްތައް ފާސްކުރުމަށްޓަކައެވެ. އެހެން ވެއްޖެނަމަ ބައެއް ޕާޓީތަކުން އެ ބިލް ފާސް ކުރުމަށްޓަކާ ބައެއް މެންބަރުންނަށް ރިޝްވަތު އެބަ ހުށަހަޅައެވެ. އަދި އެ ބިލް ފާސްވިޔަ ނުދިނުމަށްޓަކާ ބައެއް ޕާޓީ ތަކުން ވެސް މެންބަރުން ގަންނަން އެބަޖެހެއެވެ.
މިހެން މިވަނީ ނިޒާމުގެ މައްސަލައެއް ކަމަށް ގަބޫލު ކުރެވެއެވެ. މި ނިޒާމުގެ ތެރޭގައި އެނބުރެމުން ދަނީ އިންސާނުންކަން، އަދި އެއީ މުސްލިމުންކަން ވެސް، އަދި އެބޭފުޅުން އިޚުލާޞްތެރިވާނަމަ ސިސްޓަމުގެ ތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭނެކަން ވެސް އެނގެއެވެ.
އެހެނަސް މަގާމުތަކަށް ކުރިމަތިލައްވާ ގިނަ ބޭފުޅުންގެ ބޭނުމަކީ ރައްޔިތުންގެ ސަޕޯޓެއް ނެތަސް މަގާމު ޙާޞިލްކުރުމެވެ. ރައްޔިތުން ސަޕޯޓު ނުކުރާ ފަރާތެއް ރައްޔިތުން ތަމްސީލު ކުރާ މިފަދަ މަގާމެއް ޙާޞިލްކުރާނޭ އޮތީ އެންމެގޮތެކެވެ. އެއީ ވޯޓު ގަތުމެވެ.
ވޯޓު ގަނެގެން މަގާމު ޙާޞިލްކޮށްގެން ރައްޔިތުން ތަމްސީލްކުރާ މަގާމުތަކަށް ވައްކަންކުރާ މީހުންނާއި ރިޝްވަތުނަގާ މީހުން އައުމުގެ ނުރައްކާ ވަރަށް ބޮޑެވެ.
މިފަދަ މީހުންގެ ސަބަބުން ގައުމަށް އަގުނުކުރެވޭފަދަ ބޮޑެތި ގެެއްލުން ލިބިދާނެ ކަމުގެ ބިރު އޮތުމާއެކު ވޯޓުގަނެގެން މަގާމުތަކަށް އައުމުގެ ސިސްޓަމު އުވާލާން ނުކުންނާނޭ ސިޔާސީ ޕާޓީއެއް އުފެދެން އެބަޖެހެއެވެ. ރާއްޖޭގެ ބާރުގަދަ ގިނަ ސިޔާސީ ބޭފުޅުން މި ނިޒާމު ބަދަލު ކުރަން ބޭނުމެއް ނޫނެވެ. އަދި ބައެއް ރައްޔިތުންވެސް ބޭނުމެއް ނޫނެވެ.
އެހެނަސް މިނިޒާމު ބަދަލުވާން އެބަޖެހެއެވެ.
މި ނިޒާމު ބަދަލުވާނީ ރައްޔިތުން ޒިންމާދާރުކުރުވައި ހޭލުންތެރި ބަޔަކަށް ހަދާދޭނޭ އިޚުލާޞްތެރި ސިޔާސީ ބޭފުޅަކު މިއަދު މިގައުމަށް ލިބިގެންނެވެ. ރައީސް މައުމޫނުގެ ވެރިކަން ވެސް ބަދަލުވެގެން ދިޔައީ ރައްޔިތުން ޒިންމާދާރުވެ ބިރުފަހަނައަޅާ ގޮސްގެންނެވެ. އެހެންކަމާއެކު މި ސިސްޓަމު ވެސް ބަދަލު ކުރެވޭނެއެވެ.
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމުވެސް ބަދަލު ނުވެ އޮތުމުގެ ސިއްރަކީ ފައިސާއަށް ވޯޓުގަނެގެން ވެރިކަން ކުރަން ބޭނުންވާ ނުފޫޒުގަދަ ބައެެއްގެ ގަދަބާރެވެ. މި ސަރަޙައްދުގެ ގިނަ ގައުމުތަކުން ވެރިކަންކުރަނީ ރިޔާސީ ނިޒާމަކުން ނޫނެވެ. ރާއްޖޭގައި ވެސް އެނިޒާމާ ނުލައި ވެރިކަން ކުރެވޭނެއެވެ.