ރަޝިޔާއިން ނޭޓޯއާއި ހަނގުރާމަ ނުކުރާނެ : ނޭޓޯގެ ތެރޭގައި ފަނިއަޅުވާނީ

Loading

Facebook
Twitter
WhatsApp

ބައެއް ސިޔާސީ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ފަހުން ރަޝިޔާގެ ނުރައްކާ ޔޫރަޕަށް އެންމެ ބޮޑުވެފައިވަނީ މިހާރުއެވެ. ޔޫކްރެއިނާއެކު ގިނަ ދުވަސްތަކެއް ވާންދެން ހަނގުރާމަ ކުރަންޖެހުމުގެ ސަބަބުން ރަޝިޔާ ވަނީ ނޭޓޯއަށް ޙަމަލާ ދެވޭވަރަށް ވުރެން ބަލި ވެފައިކަމުގައި ބުނެއެވެ.       

ނޭޓޯގެ ތަޖްރިބާކާރުން ދެކޭ ގޮތުގައި ރައީސް ޕޫޓިން މިހާރު މަސައްކަތް ކުރައްވަނީ ނޭޓޯގެ ތެރޭގައި ފަނި އަޅުވައިގެން ނޭޓޯ ހަލާކު ކޮށްލާށެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕުން އުފާކުރަމުން ދިޔަ ރައްކާތެރިކަމާއި ކުރިއެރުން ނިމުމަކަށް އަންނަނީ ކަމަށްވެސް ބެލެވެން ފަށައިފިއެވެ. މިދިޔަ މާރޗް މަހުގެ ތެރޭގައި ޕޯލޭންޑުގެ ބޮޑުވަޒީރު ޑޮނާލްޑް ޓަސްކް ވިދާޅުވެފައިވަނީ ރަޝިޔާއަތުން ޔޫކްރެއިން ބަލިވެއްޖެނަމަ ޔޫރަޕްގެ ސަލާމަތަށް ބޮޑެތި ނުރައްކާ ކުރިމަތި ވަމުންދާނެކަމަށެވެ.

ޔޫރަޕްގެ ގިނަ މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ޓަސްކް ވިދާޅުވީ ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ރަޝިޔާއިން ކުރާނެ ހަނގުރާމަ ޔޫކްރެއިނަށް އަރާގަތް ހިސާބުން އެއޮތީ ފެށިފައެވެ. ޔޫކްރެއިންގެ ހަނގުރާމަ އިތުރަށް ފުޅާވެގެން ނުދާނެ ކަމަށް ބަލައިގެން ނުވާނެއެވެ.                         

މިދިޔަ ޖެނުއަރީ މަހު ލީކުވެފައިވާ ޖަރުމަން މިލިޓްރީގެ ޑޮކިއުމެންޓެއްގައި ބުނެފައިވަނީ ޔޫރަޕުން ޔޫކްރެއިނަށް ފޯރުކޮށްދެމެން ގެންދާ އެހީތައް މިދުވަސްކޮޅު މަދުވެފައިވާތީ ރަޝިޔާއިން އޭގެ ފައިދާ ނަގާނެ ކަމަށާއި އެއަށްފަހު އިރުމަތީ ޔޫރަޕުގެ ނޭޓޯ ގައުމުތަކަށް ރަޝިޔާ އަމާޒު ހިފާނެކަމަށެވެ. އެ ކަމުގައި ރަޝިޔާއިން ބޭނުން ކުރާނީ ސައިބަރ އެޓޭކް ތަކާއި ގައުމުތަކުގެ އެތެރޭގައި ހަލަބޮލިކަން އުފެއްދުމެވެ.

މިދިޔަ އަހަރު ފަހުކޮޅު ޕޯލެންޑުގެ ސަލާމަތީ ބާރުތަކުންވެސް ބުނެފައިވަނީ ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި ރަޝިޔާއިން ނޭޓޯގެ ގައުމުތަކަށް ޙަމަލާދޭނެކަމަށް ބެލެވޭ ކަމަށެވެ.                      

ނޭޓޯގެ ޗާޓަރުގައި ބުނެފައިވާ ގޮތުން އެ ޖަމާޢަތުގެ އެއްވެސް ގައުމަކަށް އެހެންގައުމަކުން އަރާގެންފިނަމަ ނޭޓޯގެ ގައުމުގެ ދިފާއުގައި ނިއުކްލިއަރ ހަކަތައިގެ ބާރު ލިބިފައިވާ ނޭޓޯގެ ގައުމުތައްވެސް ހިމެނޭ ގޮތުގައި އެ ގައުމަކާއި ދެކޮޅަށް ނިކުންނަން ޖެހޭނެއެވެ.

އެ ޙާލަތުގައި ނިއުކްލިއަރ އެތައް ގައުމަކާ ދެކޮޅަށް ރަޝިޔާއިން ކުރިމަތިލާން ޖެހޭނެއެވެ. އެކަމަކު މިއީ ހަމައެކަނި ކުރިމަތިން ފެންނަ މަންޒަރެކެވެ. ޔަގީންކަމާއެކު ބުނާނެ ހުއްޖަތެއް އަދި މިހާތަނަށް ލިބިފައެއް ނެތެވެ.                                     

ރަޝިޔާއިން ނޭޓޯއަށް ޙަމަލާ ދޭނެކަށް ނޭޓޯގެ ބައެއް އިސް ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާއި ގުޅިގެން މިދިޔަ މާރޗްމަހުގެ ތެރޭގައި ރައީސް ޕޫޓިން ވިދާޅުވެފައިވަނީ “  އެއީ އެއްވެސް ވަރަކަށް އަހަރެން ގެންގުޅޭ ވިސްނުމެއް ނޫން ކަމަށާއި މޮޔަވެގެން އުޅޭ ބަޔަކު ދައްކާ ވާހަކައެއް ކަމަށެވެ“.           

ރައީސް ޕޫޓިންގެ މިވާހަކަފުޅު ހުޅަނގުގެ މިލިޓްރީ އިސްބޭފުޅުން ގަބޫލެއް ނުކުރެއެވެ. އަދި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ތާއީދުކުރަމުން ގެންދިއުމަކީ ރައީސް ޕޫޓިން އަޅާނުލާ ހުންނަވާނެ ކަމެއް ނޫންކަމަށާއި މީގެ މަހެއްހާ ދުވަސް ކުރިންވެސް ނޭޓޯއަށް ނިއުކްލިއަރ ހަތިޔާރުން ޙަމަލާ ދޭނެކަމަށް އިންޒާރު ދެއްވާފައިވާކަމަށެވެ.

ރައީސް ޕޫޓިންގެ މި އިންޒާރު ގުޅުއްވާފައިވަނީ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމައިގާ ބައިވެރި ވުމަށް ފަރަންސޭސި ސިފައިން ޔޫކްރެއިނަށް ފޮނުއްވަން ގަސްދުކުރައްވާ ކަމަށް ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވުމާ ގުޅިގެންނެވެ.                                               

ޖިއޯ ޕޮލިޓިކްސް ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ޔޫކްރެއިން ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން ރަޝިޔާއިން މިވަގުތު އޮތީކީ ނޭޓޯއަށް ޙަމަލާދިނުމަށް ތައްޔާރީ ޙާލަތެއް ގައެއް ނޫނެވެ. 

ފެންނަފެނުމަށް ރައީސް ޕޫޓިންގެ ވިސްނުން މިވަގުތު ގެންގުއްވަނީ ނޭޓޯގެ ތެރޭގައި ކަތުރުފަނި އަޅުވައިގެން ދަބަރު ޖައްސާ ހަލާކު ކޮށްލާށެވެ.                                                 

އިނގިރޭސި ވިލާތުގެ ކުރީގެ ޖާސޫސީ އޭޖެންޓް ޕިލް އިންގްރާމް ބިޒްނަސް އިންސައިޑަރަށް ކިޔާދީފައިވާ ގޮތުގައި ރައީސް ޕޫޓިން އަތްޕުޅުގައި ނޭޓޯގެ ވެރިންނަށް ލިބިފައިނެތް ކާލާ މަންނައެއް އެބައޮތެވެ.        

ޔޫރަޕްގެ ލީޑަރުން ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އޮންނަ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރައްޔިތުން ރުއްސަން ޖެހޭނެއެވެ. ޕޫޓިން އަކަށް އެ މައްސަލަ ދިމާ ނުވާނެއެވެ. އޭނާ ވެރިކަމުގައި ހުރުމަށް ދެކޮޅޫ ހެދޭނެ މީހަކު ރަޝިޔާގެ ފަސްގަނޑުގައި ނެތެވެ. ރައްޔިތުން ދެކިފާނެ ގޮތަކާ ދޭތެރޭ ރައީސް ޕޫޓިން ވިސްނަވާކަށް ނުޖެހޭނެއެވެ.

ފިލް އިންގްރާމް ދެކޭގޮތުގައި މި ވަގުތު ނޭޓޯއަށް ޙަމަލާ ދިނުމުގެ ވިސްނުންފުޅު ރައީސް ޕޫޓިން ނުގެންގުޅުއްވާނެއެވެ. އޭނާގެ ރޭވުންތެރިކަން ހުންނާނީ މުޅިން ތަފާތު ގޮތަކަށެވެ. އޭނާ ބައްލަވަމުން ގެންދަވާނީ ނޭޓޯގެ އެތެރޭގައި ފަނި އަޅުވައިގެން ނޭޓޯ ބަލިކަށި ކޮށްލާށެވެ. މި ބޭނުމުގައި އޭނާ ގެންދަވާނީ ނޭޓޯއާއި ދެކޮޅަށް ހައިބްރިޑް ވޯރފެއަރ ވަރުގަދަ ކުރަމުންނެވެ.

ލަންޑަންގެ ކިންގްސް ކޮލެޖްގައި ހުންނަވާ ރަޝިޔާގެ މިލިޓްރީ އާބެހޭ ތަޖްރިބާކާރު ރޫތު ޑެޔަރމަންޑް ބިޒިނަސް އިންސައިޑަރަށް ކިޔާދީފައިވާ ގޮތުގައި ރަޝިޔާގެ ހައިބްރިޑް ވޯރފެއަރގެ ނުރައްކާ ނޭޓޯއަށް ވަރަށް ބޮޑެވެ. މިކަމުގައި ރަޝިޔާއިން ބޭނުންކުރާނެ އެންމެ ނުރައްކާތެރި އުކުޅަކީ ދޮގު މަޢުލޫމާތު ފަތުރައިގެން އެމެރިކާއާއި ޔޫރަޕްގެ ދެމެދަށް ނަފްރަތާއި ދެކޮޅުވެރިކަން އުފެއްދުމެވެ. މިކަންތައް މިހާރުވެސް ހިނގަމުން ދާކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ.

މިދިޔަ ހުކުރުދުވަހުވެސް އިނގިރޭސި ވިލާތުގައި ޔޫކްރެއިންއާއި ގުޅުން ހުރި ވިޔަފާރިއާ ގުޅުން ހުރި މަރުކަޒުތަކަކަށް ރަޝިޔާގެ ޖާސޫސުންނާއި ގުޅުން ހުރި ބަޔަކުޙަމަލާދީފައިވާ ކަމަށް ތުޙުމަތު ކުރެވިގެން ވަނީ ހައްޔަތު ކުރެވިފައެވެ.

އޭގެ ކުރިން ފާއިތުވެގެންމިދާ މައްސަރުތަކުގައި އުތުރު ޔޫރަޕާއި ބޯލްޓިކް ގައުމުތަކުގެ ވައިގެ ދަތުރުފަތުރަށް ގޯނާކުރުމުގެ ނިޔަތުގައި ރަޝިޔާއިން ވަނީ އެތައްފަހަރަކު ޖީ. ޕީ. އެސް. ސިގްނަލްތައް މަސްހުނި ކޮށްލާފައެވެ. 

ޔުނިވަރސިޓީ އޮފް ހަލްގެ އިންޓަރނޭޝަނަލް ސެކިއުރިޓީ އާބެހޭ ޕްރޮފެސަރ ރޮބާރޓް ޑޯވަރ ބިޒްނަސް އިންސައިޑަރަށް ކިޔާދީފައިވާ ގޮތުގައި ނޭޓޯގެ ގައުމުތަކަށް ރަޝިޔާގެ ހައިބްރިޑް ވޯރފެއަރގެ ނުރައްކާ މިހާރުވެސް އޮތީ ހައްދުފަހަނަޅާ ފައިވާ ފެންވަރެއް ގައެވެ.

އަނެއްކޮޅުން އެމެރިކާގެ އެހީއާއި މަދަދު ޔޫކްރެއިނަށް ލިބެމުން ނުދާއިރު ޔޫރަޕުން އެކަން ފޫބައްދާ ނުދެވުމަކީވެސް ވިސްނަން ޖެހޭ މައްސަލައެކެވެ.                                      

ޔޫކްރެއިންގެ ހަނގުރާމައިގާ ނޭޓޯގެ މިލިޓްރީ ބާރުތަކުގެ ނިކަމެތިކަން މިހާރު އޮތީ ވަރަށް ރަނގަޅަށް ރަޝިޔާއަށް ހާމަވެފައެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ޖާސޫސީ އޭޖެންޓް ޕިލް އިންގްރާމް ބިޒްނަސް އިންސައިޑަރަށް ކިޔާދީފައިވާގޮތުގައި ކިތަންމެ ގިނަ އަހަރުތަކެއް ނެގިކަމުގައިވިޔަސް ޔޫކްރެއިން ހަނގުރާމައިގާ ކާމިޔާބު ނުލިބެނީސް ރައިސް ޕޫޓިން ހުއްޓާ ނުލައްވާނެއެވެ. 

ޕޫޓިންގެ އަމާޒަކީ ކުރީގެ ރޫސީ ވިލާތާއެއްވަރަށް މިހާރުގެ ރަޝިޔާ ގަދަވެ ފުޅާކުރުމެވެ. އެކަމުގައި އޭނާ ދެމިހުންނަވާނެއެވެ.   

Loading

One Response

  1. ޕުޓީން ތިކަހަލަ ކަންތަކަށް ވަރަށް މޮޅުވާނެއެވެ. އެމެރިކާއާއި ހުޅަނގަށް ގޮންޖަހާ ހަނގުރާމައެއް އެގޮތަށް ކުރެވޭނީ ޕްޓިންކަހަލަ ގަޓްހުރި މީހަކަށެވެ. ގަދަ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް