އައިޖީއެމްއެޗުގައި ތުއްތުކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ ދޮގުކޮށްފި

Loading

Facebook
Twitter
WhatsApp

އައިޖީއެމްއެޗުގައި ވިހެއި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނުކަމަށް ކޮށްފައިވާ ތުހުމަތު, އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

އައިޖީއެމްއެޗުގައި ވިހެއި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނުކަމުގެ ތުހުމަތުކޮށްފައިވަނީ ސޯޝަލްމީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓަކުންނެވެ. އެ އެކައުންޓުން އެ ވާހަކަތައް ޕޯސްޓުކޮށްފައިވަނީ އެ ކުއްޖާގެ އާއިލާއާ ހަވާލާދީކަމަށް ބުނެއެވެ.

މި ތުހުމަތު ދޮގުކޮށް, އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަލިމީހުންނަށް ފަރުވާދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އަދި ސޯޝަލްމީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާބެހޭ ގޮތުން ވަކިގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް ބަލިމީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

“މި މައްސަލައިގައި ވެސް ބޭސްދިނުމާއި އަދި ފަރުވާއާ ގުޅުންހުރި އެހެނިހެން ކަންކަން ބަލިމީހާގެ އާއިލާއާ ވާނީ މަޝްވަރާކުރެވި ތަފުސީލުކޮށް ކިޔައިދީފައިވާނެ“

އައިޖީއެމްއެޗުން ބުނީ ފަރުވާދޭއިރު ހިތްހަމަނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ބަލިމީހަކަށް ނުވަތަ އެހީތެރިންނަށް ހީވާނަމަ ނުވަތަ އެފަދަކަމެއް ފާހަގަކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް އޮޅުން ފިލުވޭނެ އިންތިޒާމުތަކާއި އަދި އެއަށްފަހުގައި ވެސް މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމުތައް ވެސް އެ ހޮސްޕިޓަލުގައި ހަމަޖެހިފައިވާ ކަމަށެވެ.

“ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ޚިޔާރުކުރުމުގެ ބަދަލުގައި ސޯޝަލްމީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި އެ ހޮސްޕިޓަލުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ހުރަސްްއެޅޭފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން“

އައިޖީއެމްއެޗުން ބުނީ މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް