ރަޝިއާގެ ރައީސް ވްލާޑިމިރް ޕުޓިން އެގައުމުގެ ސަދަން މިލިޓަރީ ޑިސްޓްރިކްޓްގެ ވަޔާއި ކަނޑުގެ ސިފައިންނަށް ހަނގުރާމައަށް ތައްޔާރުވުމަށް އަންގައި އިރުޝާދުދީފިއެވެ.
މިގޮތުން، ޕުޓިން އަންގާފައިވަނީ، ހަނގުރާމައަށް ތައްޔާރުވުމަށް ހިންގާ ހަރަކާތްތަކާއި ކަސްރަތުތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރުތައް ބޭނުންކުރުން ފަރިތަކުރުމަށެވެ.
ޕުޓިން އޭނާގެ ސަފުތަކަށް މިގޮތަށް އަންގާފައިވަނީ ފްރާންސުން ޑޮންބާސް ފްރޮންޓްލައިނަށް އެގައުމުގެ ސިފައިން ނެރުމުގެ ވާހަކަތަކެއް ހިއްސާކޮށްފައިވަނިކޮށެވެ.
އެގޮތުން، ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑެވް ބުނީ، ރަޝިއާއާއި ފްރާންސްގެ ސިފައިން ޔޫކްރޭނުގައި ކުރިމަތިލުމަކަށް ހިނގައްޖެނަމަ، އެކަމުގެ ލޮޅުން އަރާނީ ފްރާންސްގެ ސަރަހައްދައް އެކަނިނޫންކަމަށާއި، ފްރާންސްގެ ބޭރަށްވެސް އޭގެ އަސަރުތައް ފޯރާނެކަމަށެވެ.