ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަންކަމުގައި ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން ނަގާފައިވާ އިސްނެންގެވުން، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު ހަޤީޤަތަކަށް ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި އެ މަނިކުފާނު ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ނޫސްވެރިންނަށް ފޮނުއްވައި ނޫސްވެރީންގެ އަގުހުރި އަދި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައި ތަޢުރީފު ކުރައްވާފައެވެ.
ޤައުމެއްގެ ދެމިއޮތުމާ ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާ ޚިދުމަތް ވަރަށް މުހިންމުކަމުގައި ރައީސް ފާހަގަކުރައްވާފައި ވެއެވެ.
އަދި ރެއާދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާ، މުޖްތަމަޢު ހޭލުންތެރިކުރުވުމާ، ސަރުކާރާ ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާ، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާ، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިކަމުގައި އެ މަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
އެހެންކަމުން ނޫސްވެރިންގެ ހުށަހެޅުންތަކާއި، އުންމީދުތައް ދެނެގަނެ، އެކަންކަން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި އެ މަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާ، އެކި ދާއިރާތަކުން ތަޢުލީމާ ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާ، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައި ވެއެވެ.
އަދި ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުންކަމުގައި އެ މަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
މިއަދުގެ ޚިޠާބުގައި ރައީސް ވަނީ ތެދު މަޢުލޫމާތު ފެތުރުމަށް ބާރުއަޅުއްވާފައެވެ.
އަދި ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާ، ކޮންމެ ކަމެއްގެ ހަގީގަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވުމަށް އެ މަނިކުފާނު ބާރުއެޅުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާ ވާޖިބު ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް އިލްތިމާސް ކުރައްވާފައެވެ.
ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންދިއުމަށް ފަށާފައިމިވާ ދަތުރުގައި ސަރުކާރާ، ނޫސްވެރީންނާ، ޚިދުމަތްތެރީންނާ، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.