އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ ބަނގުރާ ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ ބްރޭންޑެޑް 1117 ފުޅި، 210 ޕެޓް ފުޅި އަދި 2357 ދަޅު ބިޔަރެވެ.
މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 53 އައިޓަމް ނައްތާލާފައި ވެއެވެ.
ފުލުހުން ބުނީ ނައްތާލާފައިވާ ބަނގުރަލަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލު ކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާ ކަމަށެވެ.