އިންޑޮނީޝިޔާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން 7 އެއާޕޯޓެއް ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

އިންޑޮނީޝިޔާގެ ޖަޒީރާއެއްގައިވާ އަލިފާން ފަރުބަދައެއް ތިން ފަހަރު ގޮވައި، ވަރަށް ބޮޑަށް ދިޔާ އަލިފާނާއެކު ދުމާއި އަޅި އަރަމުންދާތީ އެ ގައުމުގެ 7 އެއާޕޯޓެއް ބަންދުކޮށް އެ ހިސާބުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބު ތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ފަރުބަދައިން ފައިބާ ދިޔާ އަލިފާނާއި އަޅި ގިނަ އަދަދަކަށް ކަނޑަށް އެޅުމުން ސުނާމީ އުފެދޭނެ ކަމަށް ބަލާ މީހުން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ވަނީ އެހީގެ މަނަވަރަކާ އަދި ހަނގުރާމަމަތީ އުޅަނދެއް ވެސް އެ ހިސާބަށް ފޮނުވާފައެވެ.

އަންގާރަ ދުވަހު މައުންޓް ރުއަންގ ތިން ފަހަރު ވަނީ ގޮވާފައެވެ. އަދި ފަސްކިލޯމީޓަރަށް ވުރެ މައްޗަށް އަލިފާނާ އަޅި އަދި ބޯދުން އަރާފައިވެއެވެ.

އެއާއެކު ސަރުކާރުން މިހާރު ވަނީ އެހިސާބުގައި ދިރިއުޅޭ 12،000ހާ މީހުން އެހެން ތަންތަނަށް އަވަހަށް ބަދަލުވެ ތަން ހުސްކުރުމަށް ވެސް އަންގާފައެވެ.

އިންޑޮނީޝިޔާގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ބުދަދުވަހު ހާމަކޮށްފައިވާ ގޮތުގައި އަލިފާން ފަރުބަދައިން ފޭބި އަޅި އަވަށްޓެރި މެލޭޝިޔާގެ އިރުމަތީ ހިސާބުތަކަށް ވެސް ވަނީ ފޯރާފައެވެ. ހޫނު އަޅީގެ އުނދަގޫ ބޮޑުވެ ހަތް އެއާޕޯޓެއް ބަންދު ކުރަން ވަނީ މަޖްބޫރު ވެފައެވެ. އޮފިޝަލުން ވަނީ އެލަރޓް ލެވެލް އެންމެ މައްޗަށް ޖައްސާފައެވެ. އަދި ގޮވި އަލިފާން ފަރުބަދައާ ހަތް ކިލޯމީޓަރަށް ވުރެކައިރި ނުވުމަށް ދަނީ އަންގަމުންނެވެ.

ގިނަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ އިންޑޮނީޝިޔާ އޮންނަ ސަރަހައްދުގެ ގޮތުން ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުން ފަދަ ހާދިސާތައް ވަރަށް ގިނައިން ކުރިމަތިވެއެވެ.

2018 ވަނަ އަހަރު ޖާވާ އަދި ސުމަޓްރާ ޖަޒީރާއާ ދެމެދުގައިވާ އަލިފާން ފަރުބަދަ ގޮވައި، އަދި ސުނާމީ ވެސް އުފެދި ހިނގި ހާދިސާތަކުގައި 400 މީހުން މަރުވެ އެތައްހާސް ބަޔަކަށް އަނިޔާތައް ވަނީ ލިބިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް