އިސްލާމް އާބާދުން ބުދަދުވަހު މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ވަގުތު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ އީރާނުގެ ރައީސް އަށް ޕާކިސްތާނުގެބޮޑުވަޒީ ވަރަށް ހޫނު މަރުޙަބާއެއް ކިޔުއްވައިފިއެވެ.
ދެބޭފުޅުން ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ބިނާ ކުރައްވައި ނެރުއްވި ގުޅިފައިވާ ބަޔާނުގައި އަފްގާނިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ސަބަބުން އެ ސަރަޙައްދަށާއި އަދި މުޅި ދުނިޔެއަށްވެސް ކުރިމަތި ވެފައިވާ ނުރައްކާތެރިކަމާއި ދެކޮޅަށް އިރާނާއި ޕާކިސްތާނުން ގުޅިގެން މަސައްކަތް ކުރަން ނިންމަވައިފިއެވެ.
އީރާނާއި ޕާކިސްތާނުގުޅޭ ސަރަޙައްދުތަކަކީ އަމާންކަމާއި އެކުވެރިކަމުގެ ސަރަޙައްދަކަށް ހެދުމަށްވެސް ދެ ބޭފުޅުން ނިންމަވާފައިވާ ކަން ހާމަކުރެއްވިއެވެ. މި މަގްސަދު ޙާސިލު ކުރުމަށްޓަކައި ދެ ގައުމުގެ ސިޔާސީ އަދި މިލިޓްރީ ގުޅިގެން މަސައްކަތް ކުރުމަށާއި އެ މަސައްކަތުގައި މަސްތުވާ ތަކެއްޗާއި އިންސާނުންގެ ވަގު ވިޔަފާރިއާއި މަނީ ލޯންޑްރިންގެ ޙަރަކާތަތަކާއި އަދި ޓެރަރިޒަމާ ދެކޮޅަށް ޙަރަކާތްތެރިވުން ހިމެނެއެވެ.
ހަމައެހެންމެ ދެގައުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ދެ ގައުމު ގުޅޭ ސަރަޙައްދުގައި ވިޔަފާރީގެ މާކެޓްތަކާއި ފްރީ ޓްރޭޑް ޒޯންތައް ހުޅުވުމަށާއި އެއްގައުމުން އަނެއްގައުމަށް ފަސޭހަކަމާއެކު ވަދެ ނިކުވެނޭ އިތުރު ބޯޑަރ ކޮރްސިންގް ސަރަޙައްދުތައް ވެސް ހުޅުވުމަށް ދެބޭފުޅުން ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
ދެބޭފުޅުންގެ ވާހަކަފުޅުގައި އިސްލާމީ މި ދެގައުމުގެ މެދަށް ވަންނަށް އުޅޭ ދުޝްމަނުންނަށް ލިބެންހުރި ފުރުސަތުތަކާއި މެދު ޚަބަރުދާރުވެ އެފަދަ ފުރުސަތުތަކަށް ހަނި މަގެއްވިޔަސް ހުޅުވިފާ އޮވެގެން ނުވާނެކަމަށް ބާރު އެޅުއްވިއެވެ. މިހާރުވެސް އެމެރިކާއިން ދަނީ ޕާކިސްތާނަށް ބޭނުންވާ ހަކަތަ އީރާނުން ސިދާ ޕާކިސްތާނަށް އެތެރެކުރަން ފަށްޓައިފިނަމަ ޕާކިސްތާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ ބިރު ދައްކަމުންނެވެ.
ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ޕާކިސްތާނަށް ވަޑައިގެން އެގައުމާއެކު އީރާނުން ކުރާ ވިޔަފާރި އަހަރަކު 10 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެން އިތުރު ކުރައްވާނެ ކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.
އީރާނުގެ ރައީސްގެ މިދަތުރުފުޅަކީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ދެ ގައުމުގެ ސަރަޙައްދުގެ ތެރޭގައި ޙަރަކާތްތެރިވަމުން ގެންދާ ހަނގުރާމަވެރިން ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގެ ސަބަބުން އުފެދިގެންދިޔަ ހިތްހަމަ ނުޖެހުން ނައްތާލުމުގެ ބޭނުމުގައި ކުރެއްވި ދަތުރުފުޅެކެވެ. އީރާނުގެ ރައީސްގެ މި ދަތުރު ފުޅުގައި ޕާކިސްތާނުގެ ރައީސްއާސިފް އަލީ ޒަރުދާރީ އާއި ޕާކިސްތާނުގެ ބާރުގަދަ އާރމީ ޗީފް ޖެނެރަލް އާސިމް މުނީރާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
ފަހަކަށް އައިސް އަފްގާނިސްތާނުގައި ޙަރަކާތަތްތެރި ވަމުންގެންދާ ޕާކިސްތާނުގެ ތާލިބާނުންގެ ޖަމާޢަތްތަކުން އީރާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ޙަމަލާތައް ދިނުން އޮތީ އިތުރު ވެފައެވެ. ޕާކިސްތާނުގެ ތާލިބާނުން “ ތަހްރީކޭ ތާލިބާން ޕާކިސްތާނަކީ “ އަފްގާނިސްތާނުގެ ވެރިކަން ކުރާ ތާލިބާނުންގެ ޖަމާޢަތާއި މުޅިން ވަކި ޖަމާޢަތެކެވެ. އެހެންނަމަވެސް މި ދެ ޖަމާތުން މިހާރު ވަނީ ގުޅިގެން ޙަރަކާތްތެރިވާން ފަށާފައިކަމަށް ޕާކިސްތާނުން ތުޙްމަތު ކުރެއެވެ.
ޕާކިސްތާނުގެ ތުޙްމަތުތަކަށް ރައްދު ދިނުމުގެ ގޮތުން އަފްގާނިސްތާނުން ބުނެފައިވަނީ އެ ގައުމުގެ ބިމުގައި އެހެން ހަނގުރާމަވެރި ޖަމާއަތަކުން ޙަރަކާތްރެތި ވުމުގެ ފުރުސަތު ނުދޭނެކަމަށެވެ.
މިހުސްވި މާރޗް މަހުގެތެރޭގައި އަފްގާނިސްތާނުގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރި ވަމުން ގެންދާކަމަށް ޝައްކު ކުރެވޭ ޕާކިސްތާނަށް ނިސްބަތް ކުރެވޭ ތާލިބާނުން ފިލާތިބޭ ތަންތަނަށް ފާކިސްތާނުގެ އެއާރފޯސްއިން ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތަކުގައި 8 މީހުން މަރުވި ކަމަށް އަފްގާނިސްތާނުން ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ ބަލޫޗިސްތާނާއި އީރާނު ގުޅިފައިވާ ސަރަޙައްދު ތަކުގައި ޙަރަކާތްތެރި ވަމުން ގެންދާ އައި އެސް އައި އެސް ގެ ހަނގުރާމަވެރިންގެ ޙަމަލާތަކަށްވެސް އީރާނަށް ވަނީ ކުރިމަތިލާން ޖެހިފައިކަމަށް އެގައުމުން ބުނެއެވެ. ފަހަކަށް އައިސް ޕާކިސްތާނަށް ނިސްބަތްކުތެވޭ ހަނގުރާމަވެރިން އީރާނުގެ ސަރަޙައްދު ކައިރީގައި ތިބެގެން ބަލޫޗިސްތާނުގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ހިންގަމުންގެންދާ ޢުދުވާނީ ޙަމަލާތަކާ ދޭތެރޭ ހަރުކަށި ގޮތެއްގައި ފިޔަވަޅު އެޅުމަށް ޕާކިސްތާނުން ވަނީ އީރާނު ކިބައިން އެދިފައެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރުން ޕާކިސްތާނުން ވަގުތީގޮތުން ހުއްޓާލާފައި އޮތް އެގައުމުގައި ބަޑަށްޖެހިފައިވާ ހަކަތަ ފަސޭހަގޮތެއްގައި ޕާކިސްތާނަށް ފޯރުކޮށް ދިނުމަށްޓަކައި އެއްގަމު މަގުން އީރާނުން އަޅަން ބޭނުންވި ޕައިޕްލައިންގެ މަސައްކަތް އަލުން ފެށުމާއި ބެހޭ ގޮތުންވެސް އީރާނުގެ ރައީސް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވިމަޝްވަރާ ތަކުގައި ހިމެނުއްވިެއެވެ.
އެއީ އަމިއްލަ ފުދުންތެރިކަމާއި މިނިވަންކަން ކަށަވަރުކުރުމުގައި ބިރުފަހަނަޅާ ދާންޖެހޭނެކަން ދޭހަވާ މޭރުމަކުން އީރާނުގެ ރައީސް ވާހަކަފުޅު ދެއްކެވިކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ.
މެދުއިރުމަތީގެ ޙާލަތު މިއިންޒަމާނަކު ނުދެކޭވަރަށް ނުރައްކާތެރި ވެފައިވާ މި ދަނޑިވަޅުގައި އިސްރާއީލުން ދިމިޝްގުގައިހުންނަ އީރާނުގެ ސަފީރު އޮފީހަށް ދިން ޣައިރު ގާނޫނީ ނިރުބަވެރި ޙަމަލާއާއި ގުޅިގެން ފިޔަވަޅު އެޅުމަށް ޔުނައިޓެޑް ނޭޝަންސް އަށް ދެގައުމުންވެސް ގޮވާލެއްވިއެވެ.
އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ޢުދުވާނީ ހަނގުރާމައިގެ ޖަރީމާތައް ވަގުތުން ވަގުތަށް ހުށްޓުވުމަށްވެސް ދެލީޑަރުން ގޮވާލެއްވިއެވެ.ޕާކިސްތާނަކީވެސް ފަލަސްތީނަށް ގަދަޔަށް ސަޕޯޓްކޮށް ބަސްބުނާ ގައުމެކެވެ. އަދި ދުނިޔެ ގަބޫލުކުރާ ނިއުކުލިއަރ ބޮމުގެ ވެރިޔެއްމެއެވެ.