އީރާނުން އިސްރާއީލަށް ދިން ހަމަލާގައި 9 ބެލިސްޓިކް މިސައިލެއް އިސްރާއީލުގެ ވަރުގަދަ އެއާރޑިފެންސްތައް ފޫ އަޅުވާލުމަށްފަހު އިސްރާއީލުގެ 2 މިލިޓްރީ ބޭސް އަކަށް އަމާޒުވިކަމަށް އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން އެމެރިކާގެ އޮފިޝަލުންނަށް ޙަވާލާދީ އިއްޔެ ހަވީރު ހާމަކޮށްފިއެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ އެ މިސައިލްތައް އަމާޒުވި މިލިޓްރީ ބޭސްތަކަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
މީގެކުރިން އެމެރިކާއާއި އިސްރާއީލުން ބުނެފައިވަނީ އީރާނުން 300 ވަރަކަށް ޑްރޯން އާއި މިސައިލް އިސްރާއީލަށް ފޮނުވާލިކަމަށެވެ. އެހެންނަމަވެސް މިހާރު އަދަދުތައް ގުނުމުގައި ބޭނުންކުރަމުން ގެންދަނީ ސަތޭކައަށްވުރެން ގިނަ ޑްރޯންއާއި ކްރޫޒް މިސައިލް އީރާނުން ފޮނުވާލި ކަމަށެވެ.
އަދި އޭގެތެރެއިން %99 ހަލާކުކޮށްލެވުނު ކަމަށާއި އޭގެ ތެރެއިން 5 ބެލިސްޓިކް މިސައިލެއް އިސްރާއީލުގެ އެއާރ ޑިފެންސް ނިޒާމަށް ނުފެނުނު ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ. އެހެނަސް ޚަބަރުތަކުން ބުނެފާވަނީ އޭގެތެރެއިން ގިނަ މިސައިލް އާއި ޑްރޯން ވައިގެ ތެރޭގައި ހަލާކޮށްލީ އެސަރަޙައްދުގައިވާ އެމެރިކާ އާއި އިނގިރޭސިވިލާތުގެ މަނަވަރުތަކުން ކަމުގައެވެ.
މިއިން ދޭހަކޮށްދެނީ ސައްދާމް ހުސޭނުގެ ވެރިކަމުގައި 1991 ވަނައަހަރު އެ ނިޒާމް ބޭނުންކޮށްގެން އިރާގަށް ޙަމަލާދިން އެރޯ މިސައިލް ޑިފެންސް ސިސްޓަމްގައި މިހާރު އުނިކަން އެބަހުރިކަމެވެ. އެ މިސައިލްތައް އަމާޒުވީ ދެކުނު އިސްރާއީލުގެ ނެގޭވް ސަހަރާގައި ހުންނަ ނެވާޓިމް މިލިޓްރީ އެއާރބޭސްއަށް ކަމަށާއި އެތަނުގެ ރަންވޭ އިން ބޭރުގައި އޮތް ސީ-130 މަރުކާގެ ކާގޯ ޕްލޭނެއް ހަލާކުވި ކަމަށްވެސް އޭ ބީ ސީ ނިއުސްއަށް އެމެރިކާގެ އޮފިޝަލުން މައުލޫމާތު ދީފައި ވެއެވެ. އިތުރު 4 މިސައިލެއް ނެގޭވްގެ އެހެން މިލިޓްރީ އެއާރބޭސްއަކަށް އަމާޒުވެ ގެއްލުންތަކެއް ލިބުނު ކަމަށްވެސް އެ މައުލޫމާތުގައި ބުނެފައިވެއެވެ.
އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރޫން ސްކައިނިއުސް އަށް ބުނެފައިވަނީ އީރާނުން އިސްރާއީލަށްދިން ޙަމަލާއަކީ މުޅިން ފޭލި ވުމެއް ކަމަށެވެ. މިހާތަނަށްވެސް އީރާނުން ބުނަމުން ގެންގޮސްފައިވަނީ މެދުއިރުމަތީގައި އީރާނާ ނުކުޅެވޭނެ ކަމަށެވެ.
އެކަމަކު މިހާރު އެނގިގެން މިދިޔައީ އީރާނަކީ ހަމައެކަނި ދެއްކުންތެރި ގައުމެއް ކަމަށެވެ. އީރާނުގެ ހަމަލާއަށް ރައްދު ދިނުމުގެ ހައްގު އިސްރާއީލަށް ލިބިގެންވެއެވެ. އެހެންނަމަވެސް އަހަރެމެން އިސްރާއީލަށް ދޭ މަޝްވަރާއަކީ ރައްދު ޙަމަލާދިނުމުން އެކަހެރިވުމަށެވެ. މެދިއިރުމަތީގެ މަސްރަހް އިތުރަށް ހޫނުކުރާކަށް އަހަރެމެން ބޭނުމެއް ނުވެއެވެ. އޭނާ ބުނެފައިވެއެވެ.
އިސްރާއީލުގެ ޑިފެންސް ފޯސްގެ ތަރުޖަމާނު ޑެނިއަލް ހަގާރީ އާދީއްތަ ދުވަހުގެ ރޭ ބުނެފައިވަނީ އިސްރާއީލުގެ ދިފާއީ ނިޒާމުން ރެކިގެން އެ ގައުމަށް އަމާޒުވީ ހަމައެކަނި އީރާނުގެ 5 ކްރޫޒް މިސައިލް އާއި އަދި މަދު އަދަދެއްގެ ބެލިސްޓިކް މިސައިލް ކަމަށާއި ބޮޑެތި ގެއްލުންތަކެއް ނުލިބޭ ކަމަށެވެ. މިހާރުވެސް އެ މިސްއިލްތައް އަމާޒުވި މިލިޓްރީ އެއާރބޭސްތައް ރަނގަޅަށް މަސައްކުރާކަމަށެވެ.
ކޮންދުވަހެއްގެ ހާދިސާއެއްކަން ފާހަގަނުކުރެވޭ ފޮޓޯތަކެއް އާދިއްތަ ދުވަހުގެރޭ އިސްރާއީލުގެ ޑިފެންސް ފޯސް އިން ހާމަކުރިއެވެ. އެ ފޮޓޯތަކުން ފައިޓަރ ޖެޓެއް ރަންވޭއަށް ޖައްސާ މަންޒަރާއި ރަންވޭގެ ވަކި ހިސާބެއްގައި އިތުރު އެސްފަލްޓް ފަށަލައެއް އަޅަމުން ގެންދާ މަންޒަރު ފެނެއެވެ.
އީރާނުގެ ވެރިންގެ ވާހަކަތަކަށް ބަލާއިރު އެގައުމުން ހާމަކުރަމުން ގެންދަނީ އެ ޙަމަލާތަކުން ބޮޑު ކާމިޔާބެއް ލިބިފައިވާ ކަމަށެވެ. އަދި މީޑިއާތަކުން ބުނާ ގޮތުގައި ޗިލީގައި ރޯވި ކޮންމެވެސް އަލިފާނުގެ މަންޒަރުތަކެއް އީރާނުގެ ޓީ. ވީ. އިން ދައްކަމުން އެއީ ނެވާޓިމް އެއާރބޭސްގައި ރޯވެ އަދަމުންދާ މަންޒަރުކަމަށް ގެންދަނީ ބުނަމުންނެވެ.
އީރާނުގެ އަލް މަނާރް ނިއުސް އޭޖެންސީގެ ޚަބަރުތަކަށް ބަލާއިރު މަދުވެގެން 15 މިސައިލް ނެވާޓިމް އަށް އަމާޒުވި ކަމަށާއި ބޮޑެތި ގެއްލުންތަކެއް އެތަނަށް ދެވިފައިވާކަމަށް ބުނެފައި ވެއެވެ. އަދި އެތަނުގެ ހުރިހާ މަސައްކަތެއް ވަނީ ހުއްޓިފައެވެ.
އީރާނުން އިސްރާއީލަށް ދިން ޙަމަލާތަކާ ގުޅިގެން އެމެރިކާއާއި އިސްރާއީލުން އަދި އެ ދެ ގައުމުގެ ބައިވެރިންވެސް ހިމެނޭ ގޮތުގައި ދުނިޔެއަށް ސިއްރުކުރަން މަސައްކަތްކުރާ މައުލޫމާތުތަކެއް އެމެރިކާގެ ސިފައިންގެ ތެރޭގައި މަސައްކަތްކުރި ޖާސޫސީ ދާއިރާގެ ތަޖްރިބާކާރުވިލިއަމް ސްކޮޓް ރިޓަރ ޖޫނިއަރ މީޑިއާތަކަށް ތިލަ ކޮށްލައިފިއެވެ.
އޭނާއަކީ އިސްރާއީލުގެ މޮސާދާއި ގުޅިގެންވެސް މަސައްކަތްކޮށްފައިވާ ތަޖްރިބާ ކާރެކެވެ. އަދި އޭނާއަކީ ޔުނައިޓެޑް ނޭޝަންސްގެ ޚާއްސަކޮމިޝަނުން އިރާގުގައިހުރި ކަމަށްބުނާ ފަނާކުރަނިވި ހަތިޔާރުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ދިޔަގޮތް ބެލެހެއްޓުމާއި ޙަވާލުވެގެންހުރި އޮފިސަރވެސް މެއެވެ.
އެމެރިކާގެ ސިފައިންގެ ތެރެއިން އޭނާ އިސްތިއުފާ ދިންކަމަށް ބުނެވެނީ އެމެރިކާގެ ބައިވެރިން އިރާގުގައި ހިންގި ހަނގުރާމައާއި ދޭތެރޭ ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ.
ސްކޮޓް ރިޓަރ ބުނެފައިވާގޮތުގައި އީރާނުން އިސްރާއީލަށް ދިން ޙަމަލާގައި އެންމެ ފުރަތަމަ ފާހަގަކުރަންޖެހެނީ އެ ޙަމަލާ ދިނުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދިނުމެވެ. އެގޮތުން އެމެރިކާއަށާއި އިންގިރޭސީންނަށް 72 ގަޑިއިރުގެ ނޯޓިސްއެއްވެސް ދިނެވެ.
އީރާނުގެ މަގްސަދަކީ ކޮބައިކަން މިއިން ހާމަކޮށްދެއެވެ. އީރާނުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ގަސްދުކޮށްފައިވާނަމަ އެ މަޢުލޫމާތު ހާމައެއް ނުކުރާނެކަމަށެވެ. އިސްރާއީލުން އެމީހުން ރައްކާތެރިކުރަން ބޭނުންވާ ހަތިޔާރުތަކާއި ވަސީލަތްތައް އެހެންތަންތަނަށް ގެންދިއުމަށް އީރާނުން ފުރުސަތު ދިނުމުން އެނގިގެންދަނީ “ އަހަރެމެން ބޭނުންގޮތަކަށް “ ކަލޭމެންނަށް ޙަމަލާދެވިދާނެއޭ ބުނުން ކަމަށެވެ. އަދި މިފަހަރުގެ ޙަމަލާގެ މަގްސަދަކީ ކަލޭމެން ހަމަބިމަށް ތިރިކުރުވުން ކަމަށެވެ.
ދެވަނައަށް އޭނާ ފާހަގަ ކޮށްފައިވަނީ އީރާނުން ބޭނުންކުރި ޑްރޯންތަކާއި މިސައިލްތަކަށެވެ. އޭނާ ބުނެފައިވާ ގޮތުގައި އީރާނުން ބޭނުންކޮށްފައިހުރީ އެގައުމުގައި ހުރި އެންމެ އާދައިގެ ޑްރޯން ތަކާއި މިސައިލްތައް ކަމަށާއި އަދި ދުވެލި އެންމެ މަޑު އެންމެ އަގު ގަދައެއްޗެހި ކަމަށެވެ.
މީގައި ފާހަގަކުރަންޖެހޭ މުހިންމު އަނެއް ކަމަކީ މާލީ ގޮތުން އެމެރިކާއާއި އިސްރާއީލަށް އުފުލަން ޖެހުނު ގެއްލުމެވެ. އީރާނުން އެ ޙަމަލާގައި ބިލިއަން ޑޮލަރާއި ގާތަށް ގެއްލުން ބޮލުގައި އަޅާފައިވާއިރު އެމެރިކާއާއި އިސްރާއީލުން އެ ޑްރޯންތަކާއި މިސައިލްތައް ނައްތާލަން ކުރަންޖެހުނު އިތުރު ޚަރަދު އެތައް ސަތޭކަ މިލިއަން ޑޮލަރަށް އަރައިގެން ދާނެއެވެ.
މާލީ ގޮތުން ބަލާއިރު މިއީ އީރާނަށް ލިބުނު ކާމިޔާބީ އެކެވެ. ސްކޮޓް ރިޓަރ ގެ ބަހުން ބުނާނަމަ “ ކަލޭމެންނަށް ހަނގުރާމައެއްގައި އަހަރެމެންނާއިއެކު އިގްތިސާދީގޮތުން ހިފާއްޓާ ނުލެވޭނެއޭ އީރާނުން ބުނެދިން ކަހަލައެވެ ”.
އީރާނުން ތިންވައްތަރެއްގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްފާހުރިކަން އެނގެއެވެ. އެ ވީޑިއޯތައް ބެލުމުންމިސައިލްތަކުގައިވެސް ވަރަށް ޚާއްސަ ސިފަތަކެއް ވަނީ ގާއިމް ކޮށްފައިކަން ފާހަގަކުރެވިގެން ދިޔައެވެ.
އެ މިސައިލްތަކުގައި ހަރުކޮށްފައިހުރި ވޯރހެޑްތަކަކީ އެއާރ ޑިފެންސް ނިޒާމަށް އޮޅުވާލަން ބޭނުންކޮށްފާހުރި އެއްޗެހި ތަކެކެވެ. ބޭނުމަކީ އެއަރޑިފެންސް ނިޒާމަށް އެ މިސައިލްތައްފެނިގެން ޙަރަކާތްތެރިވާން ފެށުމުން އެ މިސައިލުން ވޯރހެޑް ނައްޓާލައި އޭގެ ޒާތުގައި މިސައިލް ގޮއްވާލަން އެއަރޑިފެންސް ސިސްޓަމަށް ފުރުސަތު ދެނީއެވެ. އެހިސާބުން އެއަރޑިފެންސް ނިޒާމުން ބަލާގަންނަނީ އެ މިސައިލް ގޮއްވާލެވުނީ ކަމަށެވެ.
އެކަމަކު ޙަގީގަތަކީ މިސައިލްގައި ވަކިން ހަރުކޮށްފައިހުރި ލުއި ވޯރހެޑްތައް މިސައިލް ގޮއްވާލުމުގެ ކުރިން މިސައިލުން ވަކިކޮށްލުމަށްފަހު ބޫސްޓަރ އިންޖީނެއްގެ ބާރު ދުވެލީގައި ގޮސް ވެގެން މިއުޅޭ ގޮތެއް އެއަރޑިފެންސް ސިސްޓަމަށް ރޭކާ ލުމުގެ ކުރިން އީރާނުން ބޭނުންވާ ތަނަކަށް އަމާޒުކުރުވަނީއެވެ.
މީގައިވެސް ހަނގުރާމައިގެ ތަޖްރިބާގެ އަލީގައި ބުނަންޖެހެނީ އީރާނުން ބޭނުންވާނަމަ އެތައް ކިލޯއެއްގެ ބަރު ވޯރހެޑްވެސް އެ މިސައިލް ތަކާއެކު އުފުލުދާނެ ކަމަށެވެ. އެކަމަކު އީރާނުން އެގޮތް ބޭނުން ނުވީއެވެ. ފާހަގަ ކޮށްލާންޖެހޭ އަނެއް ޚަަގީގަތަކީ އިސްރާޢީލުގެ ބައިބޯ މީހުންއުޅޭ އެއްވެސް ޝަހަރަކަށް ޓާރގެޓް ކޮށްފައިނެތުމެވެ.
އެމެރިކާއާއި އިސްރާއީލުގެ ބައިވެރިންނަށް ނައްތާލެވުނީ 25 މިސައިލްކަމަށް ބުނެއެވެ. މިސައިލްތަކުގައި ހަރުކޮށްފައިހުރި ވޯރހެޑްތައް ބޭނުންވީ އަމާޒަށް އީރާނުން ވާސިލުކުރުވިއެވެ. އެމެރިކާއާއި އިސްރާއީލުން ކިތަންމެ ވަރަކަށް ސިއްރު ކުރި ނަމަވެސް އޭގެސަބަބުން ބޮޑެތި ގެއްލުންތަކަކާއި ސިހުންތަކެއް ޔަހޫދީންނަށް ވަނީ ލިބިދީފައެވެ. މީޑިއާގެ ކޮންޓްރޯލް އޮތުމުގެ ސަބަބުން ގިނަ ކަންތައްތަކެއްގައި އެމީހުން ބޭނުންވާ މަންޒަރާއި ކުލަ ޖައްސައިގެން ދައްކަމުން ގެންދާކަމަށް ފާހަގަކޮށްފައިވެއެވެ.
މި ޙަމަލާތަކާގުޅިގެން އަހަރެންގެ ތަޖުރިބާގެ އަލީގައި ބުނެވޭނީ އީރާނުގެ މިލިޓްރީ އޮތީ އިސްރާއީލުން އަތްފޯރާ ހިސާބަށްވުރެން މާ ކުރީގައި ކަމަށެވެ.
މިއަދު އެންމެފަހުގެ ޚަބަރުތައ ްބުނާގޮތުއި އީރާނަށް އިތުރު ޙަމަލާއެއް ޒައަނިސްޓުން ދީފިނަމަ ކުރިންދެވުނު ޙަމަލާގެ ދިހަގުނަ ބާރުގަދަކޮށް އިސްރާޢީލަށް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުންވަނީ ދީފައެވެ. އަދި އީރާނާއީ އިސްރާޢީލާއި ދެމެދު ދެވޭ ޙަމަލާއެއް ހުއްޓުވުމުގައި އެހެންގައުމަކުން އީރާނާއި ދެކޮޅަށް ބައިވެރިވެއްޖެނަމަ އެގައުމަކި ހަނގުރާމައިގެ ބައިވެރިއެއްކަން ދަންނަން ޖެހޭނޭކަމަށެވެ.