ކެތްތެރިވެލައްވާ

Loading

Facebook
Twitter
WhatsApp

ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށް ވެގެން ނޫނީ މިގައުމުގައި ދޮންވެ ފައްކާވަމުން އަންނަ ޑިމޮކްރަސީގެ ފޮނިމީރުކަން ރައްޔިތުންގެ ކަރުބުޑުގައި ނުލާނެއެވެ. މިގައުމުގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވެރިޔަކު ނުވަތަ ރައީސަކު ހޮވުމުގެ ފުރިހަމަ މިނިވަންކަން ރާއްޖޭގެ ގާނޫނު އަސާސީއިން އެވަނީ ރައްޔިތުންނަށް ކަށަވަރު ކޮށްދީފައެވެ.

ރާއްޖޭގައި އުފެދެމުން އަންނަ ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކާއި ކޮށްނުދޭ ކަންކަން ބަލައި ފާރަވެރިވުމަށް ވެސް ބަޔަކު ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން ރާއްޖޭގެ ޖުމްހޫރިޔާގެ ގާނޫނު އަސާސީއިން އެވަނީ ރައްޔިތުންނަށް ކަށަވަރު ކޮށްދީފައެވެ. އެއީ ރައްޔިތުންގެ މަޖިލީހެވެ.

ޒަމާން ބަދަލުވެ ރައްޔިތުންނަށް ކަންކަން ބަލާ ދިރާސާކުރުމުގެ ފުރުޞަތު ވެސް އެވަނީ ޓެކްނޯލޮޖީގެ ވާސިތާއިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައެވެ. ސިޔާސީ ބޭފުޅަކު ވިދާޅުވީތީ ރޯމަރު ބުހުތާން ދޮގެއް ގަބޫލު ކުރާކަށް ރައްޔިތުމީހާއަށް މަޖުބޫރެއް ނުވާނެއެވެ. ގިނަ ސިޔާސީ ބޭފުޅުންނަކީ ގައުމުގެ މަސްލަޙަތު ނަގާލާ ބައެކެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވީ ހިސާބުން ނުވަތަ ދުލާއި ގަލަމުގެ މިނިވަންކަން ލިބުނު ހިސާބުން ފެށިގެން ސިޔާސީ ވާދަވެރިންނަކީ ވަރަށް މުޑުދާރު ދޮގު ހައްދަވާ ބޭފުޅުންނެވެ. ރާއްޖޭގެ އާބާދީގެ މަދުނޫން މިންވަރެއްގެ މީހުން މިކަންކަން ގަބޫލު ކުރެއެވެ. އެއީ ޓެކްނޯލޮޖީގެ ޒަރީޢާއިން ގައުމުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ނުބަލާ މީހުންނެވެ.

ރާއްޖޭގެ އަބާދީ އަކީ ގާތްގަނޑަކަށް ހަތަރުލައްކައެއްހާ މީހުންކަމުގައި ވާނަމަ އޭގެތެރެއިން ދެލައްކައަށްވުރެ ގިނަ ރައްޔިތުންނީ ވޯޓުދިނުމުގެ ޙައްގު ލިބިފައިވާ ރައްޔިތުންނެވެ. މީގެތެރއެިން %40 އިންސައްތަ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއް ޚިޔާރު ނުކުރާ ރައްޔިތުންނެވެ. އަނެއް %60 އިންސައްތަ މީހުންވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނެވެ.

 ސީޔާސީ ޕާޓީތަކުގައި ހަރަކާތްތެރިވާ ގިނަ މެންބަރުންނަކީ ގައުމުގެ ޙަގީގަތް ބަލާ ބައެއް ނޫނެވެ. އެ މެންބަރުން ގަބޫލު ކުރަނީ އެ މެންބަރަކު ހިމެނޭ ޕާޓީއެއްގެ ރައީސް ނުވަތަ ލީޑަރ ޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ދައްކަވާ ވާހަކަ ފުޅެވެ.
އެއީ ކިތަންމެ ބޮޑު އިތުރުފަޅަކަށް ވިޔަސް ވަރިހަމަ ކޮށްލާފައި ގަބޫލުކުރުމުގެ ސަގާފަތެއް އެވަނީ މިރާއްޖޭގައި އަށަގެންފައެވެ.

މި ރާއްޖެއަށް ލިބޭ ފައިދާއަކާއި ދަރާފައިވާ ދަރަންޏާއި އަރަނި އޮޅުންފިލާނެ ވަސީލަތްތައްވެސް އެވަނީ ޓެކްނޯލޮޖީގެ ވާސިތާއިން ގާއިމުވެފައެވެ. އަދި ދައުލަތުން ރައްޔިތު މީހާއަށް ހައްގުވާ މިންވަރުވެސް ބައެއް ރައްޔިތުންނަކަށް ރޭކާ ނުލައެވެ. އެއީ ރައްޔިތުމީހާ ޒިންމާދާރު ނުވުމުގެ ނަތީޖާއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިތުރުފުޅެއް ހައްދަވައިފިނަމަ އޭގެ ތެދު ދޮގު ރައްޔިތުމީހާއަށް ބެލެން އޮތްހިނދު އެކަން ނުބަލާ އެރައްޔިތަކު ހިމެނޭ ޕާޓީއެއްގެ ރައީސް ހައްދަވާ ސިޔާސީ އިތުރުފުޅު ގަބޫލުކުރުމުން ގެއްލެނީ ގައުމުގެ މަސްލަޙަތު ނޫންހެއްޔެވެ. އެހެން ނުހައްދަވާށެވެ. ގައުމުގެ ކަންކަން ރަނގަޅަށް ދިރާސާކުރާ ޒިންމާދާރު ބަޔަކަށް ރައްޔިތުން ވެގެން މެނުވީ ވެރިންނާ ސިޔާސީ ބޭފުޅުން ދަހެއްނުވާނެއެވެ. ވީމާ މި ފަސްއަހަރު ނިމެންދެން ކެތްތެރިވުމަކީ ބޭނުންތެރި ކަމެކެވެ.

Loading

One Response

  1. ކެއްތެރިވެވިދަނެ. އެހެނަސް ޔާމީނުގެ ހުސްގޮޑި އާއި ޔާމީނު އެންޑޯޒްކުރި ކެންޑިޑޭޓޭ ގޮވިވަރުން ކަންފަތުގައި އެ އަޑު ނުކެނޑެނީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް