ކޯޓުތަކަށް ބޭނުންވާ ވަސީލަތް ތަކާއި ޖާގައިގެ މައްސަލަތަކަށް ޙައްލު ނުލިބޭކަން އެނގި ތިބެ ދައުލަތުން ރައްޔިތުންނަށް ދެމުން އެދަނީ އިންޞާފުން އެއްކިބާވެފައިވާ ހިތުން ފިލުވާލަން އުނދަގޫ އަނިޔާތަކެކެވެ.
ކުށަށް ތުހުމަތުކުރެވޭ ރައްޔިތުމީގެ މައްޗަށް ޖަލު ބަންދުގެ ދުވަސްތައް ޖަހަމުން ގޮސް އެންމެ ފަހު މަރުޙަލާގައި ދައުލަތުން ކޯޓުގައި އެދެނީ ރައްޔިތުމީހާގެ މައްޗަށް ވާނުވާ ޖެހުމަށެވެ.
ޖަލަކީ އުފާވެރި މަންޒިލެއްނޫނެވެ. އެތައްސަތޭކަ ޢާއިލާ ބެލެހެއްޓުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ އެތައްސަތޭކަ މީހުން އެތިބީ ޖަލުގައެވެ. އެއްވެސް ލުޔެއް ނުލިބެއެވެ. ނިދަނީ ތަޅުމުގައި ކުނަލެއް އަޅައިގެންނެވެ. 15 ފޫޓު 20 ފޫޓު ގޮޅިއެއްގައި ދިހަ ބާރަ މީހުން ނިދަންޖެހުމާއި، ފާޚާނާ ކުރުމުގެ އުނދަގޫ ތަޙައްމަލު ކުރަން ޖެހުމުން ނޫނީ އެކަމުގެ ދަތިކަން ހުރި މިންވަރެއް ނޭނގޭނެއެވެ. މިގޮތަށް އެތައް ސަތޭކަ މީހުން ވާނުވާ ގައި އެބަތިއްބެވެ.
ޝަރީޢަތެއް ނުނިމެއެވެ. ޖަލަށް ގެންދިޔައިރު ހަށިގަނޑުގައި ކުރިން ނެތް އެތައް ބައްޔެއް އެވަނީ އުފެދިފައެވެ. އޭގެތެރޭގައި ޕައިލްސް ގޭސްޓްރިކް ހައިބްލެޑްޕްރެޝަރު މިހެންގޮސް ހިތުގެ ބައްޔަށްދާންދެން އެވަނީ ރައްޔިތުމީހާ ވަށާލާފައެވެ. ކުކުޅު ގެންގުޅޭ އުޞޫލުން އިންސާނުން ގެން ގުޅެންޏާ ވާނީވެސް މިހެން ތާއެވެ.
ޝަރީޢަތް ނިމެންދެން ރައްޔިތުމީހާ ޖަލުބަންދުގައި ބަންދު ކުރުމަށް ދައުލަތުން އެދޭއިރު ބަންދު ކުރެވޭ މީހާގެ ކިބައިން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށްވުރެ ރައްޔިތުމީހާ ޖަލުބަންދުގައި ބެހެއްޓުމުން މުޖްތަމަޢަށް ލިބޭ ގެއްލުން ބޮޑެވެ. ރައްޔިތުމީހާ ޖަލުބަންދުގައި 6 އަހަރުކޮށްފައި ކުށެއް ސާބިތުނުވެ ނުކުންނައިރު އޭނާގެ ދެދަރިން ކިޔެވުމުން މަޙުރޫމްވެ މާވަގުންނަށްވުމުން ދައުލަތަށްވާ ފައިދާއަކީ ކޮބައި ހެއްޔެވެ.
ސަރުކާރުން ކޯޓުތަކަށް ދޭންޖެހޭ ވަސީލަތްތަކާއި ޖާގަ ހަމަނުޖެހޭ ނަމަ ޝަރީޢަތް ނިމެންދެން ރަށުބަންދަށް ވެސް ދައުލަތުން ބަދަލުކޮށް ދެވިދާނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ނުކޮށް ކޯޓުތަކުންވެސް ބަދުނާމު ކުރަނީ ސަރުކާރެވެ.
2018 ގައި ވާނުވާ ޖެހެމަށްފަހު ޖަލުބަންދުގައި ޝަރީޢަތް ނުނިމި އެތައްބަޔަކު ތިބިއިރު އެމީހުންގެ ޢާއިލާ ނުރޫޅި އޮތުމަކީ މުޢުޖިޒާތެއް ތާއެއެވެ. އެ ޢާއިލާތައް ރޫޅުމުން އެތައްކުދިންނެއް މަގުމަތިވެ ވައްކަމާއި މަސްތުވަރަކެތީގެ ތެރެއަށް ވަނުމުގެ ފުރުޞަތު ބޮޑެވެ.