ނަމަނަމަ އިސްރާއީލަށް ޙަމަލާ ނުދޭތި - ބައިޑަން

Loading

Facebook
Twitter
WhatsApp


އިސްރާއީލުން ދިމިޝްގުގައި ހުންނަ އީރާނުގެ ސަފީރު އޮފީހަށް ދިން ޙަމަލާގެ ބަދަލު އީރާނުން ހިފާނެކަންވަނީ އަންގާފައެވެ. އިސްރާއީލަށް ފިލާވަޅެއްދޭނެ ކަމަށްބުނެ އެފަދަ ޙަމަލާއެއް ދިނުމަށް އީރާނުން ތައްޔާރުވަމުންދާތާ ހަފްތާއެއްވީއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއިންވެސް މިއަދު ބުނެފައިވަނީ ކުރިއަށް އޮތް 24 ގަަޑިއެއްހާއިރުގެ ތެރޭގައި އީރާނުން އިސްރާޢީލަށް ހަމަލާ ދޭނުމުގެ ހުރިހާ ތައްޔާރީތަކެއް  ވެއްޖެކަމަށެވެ. އެޚަބަރާއި ގުޅިގެން  އެކަން ނުކުރުމަށާއި އިސްރާއީލު ދިފާއުކުރުމަށްޓަކައި އެމެރިކާއިން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެކަން ރައީސް ބައިޑަން އީރާނަށް އިންޒާރު ދީފިކަމަށް ދާދި ދެންމެއަކު އޭ ބީ ސީ ނިއުސް އިން ޚަބަރު ދީފިއެވެ.    

ކުރިން ހާމަކޮށްފައި ނުވާ ހަފުލާއަކުން ނިކުމެ ވަޑައިގެން ރައީސް ބައިޑްން ހިންގަވާފައި ވަޑައިގަންނަވަން ފެއްޓެވުމުން އޭ ބީ ސީގެ ވައިޓް ހައުސްއާއިބެހޭ ކޮރެސްޕޮންޑެންޓް ނިއުސް ޗީފް މޭރީ ބުރޫސް ފަހަތުންގޮސް އެމެރިކާއިން އީރާނަށް ޙަމަލާދޭނަންތޯ ތަކުރާރުކޮށް ސުވާލު ދެންނެވުމުން އެނބުރި ލެކްޓާރނަށް ވަޑައިގެން ވިދާޅުވީ “ އިސްރާއީލު ދިފާއުކުރުމަކީ އަހަރެމެންނަށް އަޅުކަމެއް ކަމަށާއި އިސްރާއީލު ދިފާޢު ކުރާނެ ކަމަށާއި އީރާނަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ“.

ރައީސް ބައިޑަން މިހެން ވިދާޅުވި އިރު އެމެރިކާގެ ސިޔާސީ އިސް ބޭފުޅުންވެސް ގެންދަވަނީ އީރާނުގެ ޙަމަލާގެ ސަބަބުން މުޅި މެދު އިރުމަތީގައި ހަނގުރާމައެއް ފެށިދާނެތީ އިސްރާއީލަށް ޙަމަލާ ނުދިނުމަށް އީރާނަށް ބާރު އަޅުއްވަމުންނެވެ. ނަމަވެސް އިސްރާޢީލުން އެއްވެސް ދިމާލެއްގައި ހިންގާ ގަތުލު ޢާންމުތައް ނުހިންގުމަކަށް ބައިޑަން އަކަށް އިންޒާރެއް ނުވަތަ މޫނު ކުނިކޮށްފާ އެއްޗެއް ބުނެލާތަނެއް ދުނިޔެދެކެފަކާ ނެތެވެ.

އީރާނަށް އިންޒާރުދެމުން އެމެރިކާއިން ގެންދަނީ ސިފައިންނާއި އެހެނިހެން ވަސީލަތްތައް މެދުއިރުމައްޗަށް ޖަމާކުރަމުންނެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އިސްރާއީލަށް ޙަމަލާ ދިނުމަށްޓަކައި އީރާނުގެ ގިނަ އަދަދެއްގެ މިސްއިލް އާއި ޑްރޯން ވަނީ ތައްޔާރީ ޙާލަތަކަށް ގެނެސް ފައެވެ.

އެމެރިކާއިން ބުނެފައިވަނީ އެމެރިކާގެ ސިފައިންނާއި އެހެން ވަސީލަތްތައް ޖަމާކުރެވެނީ އެ ސަރަޙައްދުގައި ތިބި އެމެރިކާގެ ސިފައިންނާއި ވަސީލަތްތައް ރައްކާތެރި ކުރުމަށް ކަމަށެވެ. އެ ސަރަޙައްދަށް ޖަމާކުރެވޭ ވަސީލަތްތަކުގެ ތެރޭގައި މަނަވަރު ފަހަރާއި ހަނގުރާމަމަތި މަތިންދާ ބޯޓުފަހަރުވެސް ހިމެނެއެވެ.

އެމެރިކާ ކަނޑު ސިފައިންގެ 2 ޑެސްޓްރޯޔަރ މިހާރުވެސް އޮތީމެޑިޓެރޭނިއަން ކަނޑުގައެވެ. އެ އުޅަނދުފަހަރުގައި ބެލިސްޓިކް މިސައިލުން ދިފާއުގެ ނިޒާމާއި އޭޖީސް ކޮމްބެޓް ސިސްޓަމް ވެސް ހުރީ ގާއިމް ކޮށްފައެވެ. މިއީ ޔަމުނުގެ ހޫތީ މުޖާހިދުނެ ރެޑްސީއިން އިސްރާޢީލަށް ދަތުރުކުރާ އުޅަނދުފަހަރު ހުށްޓުވުން ހުށްޓުވަން ކޮށްފައިވާ ކަމެކެވެ. ނަމަވެސް މާބޮޑު ކާމިޔާބެއް މިއަދާހަމަޔަށްވެސް ވަނީ ނުލިބިފައެވެ. ހޫތީން ބިރުގަންނަކަމަށްވެސް ވަނީ ނުވެފައެވެ.

އިރާގާއި ސީރިޔާގައި އެކަނިވެސް އެމެރިކާގެ 3400 ސިފައި ތިބެއެވެ. މެދު އިރުމަތީގެ އެހެން ސަރަޙައްދުތަކުގައިވެސް އެތައް ހާސް އެމެރިކާ ސިފައިން ތިބީ ގާއިމް ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް ބައިޑަން އެއަރފޯސް 1 އަށް އަރާވަޑައިގަންނަވަނިކޮށް އީރާނުން އެމެރިކާމީހުންނަށް ޙަމަލާދީ މަރާފާނެހެން ހީފުޅުކުރެއްވޭތޯ ދެންނެވުމުން ވިދާޅުވެފައިވަނީ “ އަހަރެން އަބަދުވެސް އެކަމާހުރެ ޖެހިލުންވާ “ ކަމަށެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ކާރބީ ބުނެފައިވަނީ އެމެރިކާ ސަރުކާރުން މެދުއިރުމަތީގެ ޙާލަތު ވަރަށް ކައިރިން ބަލަމުން ގެންދާކަމަށާއި އެމެރިކާގެ ރައްޔިތުންނާއި އިސްރާއީލުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެމެރިކާގެ އެންމެ އިސް ވާޖިބު ކަމަށެވެ. އެހެންގައުމެއްގެ ސަލާމަތާއި ރައްކާތެރިކަމުގެ އެއްވެސް ވާހަކައެއް ބުނެފާނުވެއެވެ.

އެމެރިކާގެ އެމްބަސީއެއް ތެހެރާނުގައި ނެތުމާއިއެކު އެކުވެރި ބައެއްދައުލަތްތަކުގެ ނުފޫޒު ބޭނުންކޮށްގެންވެސް ޚަރިޖީ ވަޒީރު ބްލިންކަން ގެންދަވަނީ އީރާނުގެ ވިސްނުން ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ޚާރިޖިއްޔާގެ ތަރުޖަމާނު މެތިއު މިލަރ ބުނެފައިވަނީ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މިހާތަނަށް ޗައިނާއާއި ތުރުކީއާއި އަދި ސައޫދީ ޚާރިޖީ ވަޒީރަށް ދަންނަވާފައިވާކަމަށެވެ. ނަމަވެސް އީރާނުގެ ”ބޯހަރުކަމުން“ އެދެވޭ އެއްވެސް ނަތީޖާއެއް ލިބިފައި ނުވާކަމަށެވެ.                          

Loading

6 Responses

  1. އެމެރިކާ ހީކުރަނީ އެމީހުން ނޫނީ ދުނިޔޭގެ އެންމެން ގަމާރުކަމަށް ހެއްޔެވެ. އަސްލު ގަމާރީ އެމެރިކާގެ ވެރީންނެވެ. ދެކެބަލާށެވެ. 6 މަސްދުވަސްވަންދެން ހަތިޔާރާއި ނަގުދު އަދި މިލިޓަރީ ގައިޑްންސްދީގެން ފަލަސްތީނުގެ 38 ހާސް މީހުން މަރާ 1.5 މިލޔަން މީހުން ވިއްސިވިހާލިކޮށް ބަނޑަށް މަރަން ޙާލުގައިޖައްސާފަ އެބުނަނީ އެހެން ހުރިހާ ގައުމުކައިރީ އިޒްރޭލުގެ ޖެނޮސައިޑް ހުށްޓުވަން މީގެ ތެރަށް ނުވަންނާށޯ! ބޯ ބުރާންޗެއް ނޫންހެއްޔެވެ. މި ބައިޑަން މައްޔިތާ ބޭނުންގޮތަކަށް ޔަހޫދީންލައްވާ ޖަރީމާ ހިންގާފަ އީރާނަށް ޙަމަލާވެސް ދީފަ ސީރިޔާގައި ހުންނަ އީރާނުގެ އެމްބަސީއަށް ބޮންވެސް އަޅާ އީރާނުގެ އޮފިޝަލުން މަރާލައިފާ އަދިވެސް އީރާނު ކައިރީ މިބުނަނީ މީގެތެރެއަށް ނުވަންނާށޯ! ކާކުތަ މިއުޅޭނީ މީގެ ތެރަށް ވަދެގަނެގެން. ކާކު ކާކުލައްވާ ކުރާ ކާކުގެ ހަނގުރާމައެއްކަން މިހާރު ދުނިޔޭގެ މަގުތަކުގައި އެހިގާ މުޒާހަރާތައް ބަލައިލީމާ ނޭންގޭހެއްޔެވެ. އަޖައިބުން ޙައިރާނެއް ނުވާނެހެއްޔެވެ؟

  2. ޔަގީން އީރާނުންވެސް އެތިފަހަރެއް އަޅާނެެެއެވެ. ހަނގުރާމަޔަކީ ފަނާކުރުމެކެވެ. އެހެނަސް ހަމަ ގަދަހެން ހީވާ ބަޔަކުއައިސް ތަޅާވަރަކަށް ތަޅަންދީގެން އަތުގައި އާލާތެއް އޮތް މީހަކު އެތިފަހަރެއް ނުޅަނޑާ ނުހުންނާނެތާއެވެ. މިހާރު އެނގިގެން މިދަޔައީ އިޒްރޭލަކި އެމެރިކާގެ މެދުއިރުމަތީ އެޖެންޓްކަމެވެ. އެމެރިކާ ބޭނުންވާހާ ކުޅިޔެއް ޖެއްސުމެއް ފަނާކުރުމެއް ބިރުދެއްކުމެއް އިޒްރޭލު ލައްވާ ކުޅުވަނީކަން އެނގި ހާމަވެއްޖެއެވެ!

  3. ހުރިހާ ވެސް މައްސަލައަކީ ސައުދީން އިސްލާމީ އުއްމަތުގެ ބައްޕަ އޯ ޖެހިގެން އޮތް ޣައްޒާ ގެ ކުޑަކުދިންގެ ރޯ އަޑުތައް ވެސް އިވޭނެ އެކަމަކުވެސް ހުންނަ މުނާފިޤު ކަން ނިކަން ދެކިބަލަ. އިރާދަކުރެއްވިޔާ މިހާރު ހުރިމީހަ ނެތިކުރައްވާށެ. އެހެން މީހެއްގެ ހެޔޮ ވެރިކަމެއް ދައްކަވާށި.

  4. ޔަހޫދީ އެމެރިކާ އާއި ޔަހޫދީ އިޒުރޭލުގެ ވެރިންގަނޑު އިރާނު ދެކެ ވަރަށް ބިރުގަނޭ، އެމެރިކާ އާއި އިޒުރެއިލު އާއި އޭގެ ހުރިހާ އެކުވެރިން ބަލިކުރައްވާށި!

  5. މިހާރަކަށް އައިސް އެމެރިކާގެ ބައެއް ނުފޫޒުގަދަ ސިޔާސީ ވިސްނުމުގެ ބޭފުޅުންނަށްވެސް އެމެރިކާގެ މުނާފިގު ސިޔާސަތު ރަނގަޅަށް އެނގި ބައިނަލް އަގްވާމީ ޕްލެޓް ފޯމްތަކުގައި އެބޭފުޅުންގެ ވިސްނުން ހާމަކުރުމުގެ ހިތްވަރު ލިބިފައިވާކަންވެސް ހާމަ ވެއްޖެއެވެ. ދުނިޔޭގައި ހިނގަމުންދާ އެންމެހާ އަނިޔާއާއި ގައުމުތައް ޚަރާބުކުރުމަކީ އެމެރިކާއިން ކުރަމުން ގެންދާ ކަމެއް ކަން ވަރަށް ހާމަގޮތެއްގައި އެބޭފުޅުންވެސް އެގެންދަވަނީ ވިދާޅުވަމުންނެވެ.
    އަޅުގަނޑުމެންގެ ބައެއް އިސްލާމީ ގައުމުތަކުން އެހާވަރު ކޮށްލަންވެސް ނުކެރެއެވެ.

  6. ހަގީގަތުގައި އީރާނާއެކު ހަނގުރާމަކުރަން އެމެރިކާއާއި އިސްރއީލުން ބޭނުންވެގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. އެކަމަކު މިފަހަރު މިދިމާވީ ހީކުރި ގޮތަކަށް ނޫނެވެ. ހަމަސްދުވަސްވާންދެން އަތުގައި ދަނޑުބިން އެއްވަރުކުރަން ގެންގުޅޭ އުދައްޔަކާއި ކޮންނަ މެޝިނެއް ނޫން އެހެން އެއްވެސް އެއްޗެއް ނެތްބަޔަކާ އެ ދެ ގައުމުން އަދި އިތުރު ބައިވެރިންގެ މަދަދާއެކު ހަނގުރާމަ ކުރަމުން ގޮސް މިހާރު އެތިބީ އަތުގައި ހުރި ޒާމާނީ ހަތިޔާރު ހުސްވެ ވަރުބަލި ވެފައެވެ. އެއްޔެގެ އެންމެ ހޫނު ޚަބަރަކަށްވެސް އޮތީ ރެޑްސީ ގައި އޮތް ފަރަންސޭސީންގެ އެންމެ ބޮޑު މަނަވަރުން ހަތިޔާރު ހުސްވެގެން އެނބުރި ގައުމަށް ދަތުރު ފެށި ވާހަކައެވެ. ފަރަންސޭސީންނަކީ ހޫތީންނާދެކޮޅަށް މާބޮޑު ކަމެއް ކުރި ބަޔަކުވެސް ނޫނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް