މާލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ލ.އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަން ފާހަގަކުރައްވައި
ރައީސް ވަނީ މާވަށުގެ ބިން ހިއްކާއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމުގައި ވެސް ވިދާޅުވެފައެވެ.
ކުރިން އެ ރަށުގެ ބިން ހިއްކުމަށް ހަމަޖެހިފައި އޮތީ 15 ހެކްޓަރެވެ.
ރައީސް ވަނީ މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަހައްދު ހިމާޔަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މާވަށުގެ މަގުތައް ހެދުމާއި އެނޫން ވެސް ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން އެދޭގޮތަށް ކުރިޔަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.