އީރާނުން ދީފާނެ ކޮންމެ ރައްދު ޙަމަލާއަކަށް އިސްރާއީލުން ތައްޔާރު - ގަލަންޓް

Loading

Facebook
Twitter
WhatsApp

އޭޕްރިލް 1 ވަނަދުވަހު ދިމިޝްގުގައި ހުންނަ އީރާނުގެ ސަފީރު އޮފީހަށް އިސްރާއީލުން ދިން ޙަމަލާގައި އީރާނުގެ ބައެއް އިސް ޖެނެރަލުން ޝަހީދުވުމާ ގުޅިގެން އީރާނުން ދީފާނެ ކޮންމެ ރައްދު ޙަމަލާއަކަށް އިސްރާއީލުން އޮތީ ތައްޔާރަށް ކަމުގައި އިސްރާއީލުގެ ދިފާއީ ވަޒީރި ޔޯ ގަލަންޓް ބުނެފިއެވެ.                   

ޔޯ ގަލަންޓް މިކަން ހާމަކުރުމުގެ ކުރިން މިލިޓްރީގެ އިސް ވެރިންނާއިއެކު އީރާނުގެ ޙަމަލާއަކަށް ތައްޔާރުވުން އިންތިޒާމް ކުރެވިފައިވާ ގޮތް ބަލާލިއެވެ.

ދިމިޝްގަށް ދިން ޙަމަލާގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ 7 މީހަކު ވަނީ ޝަހީދު ވެފައެވެ. އޭގެތެރޭގައި ވަރަށް ސީނިއަރ ކޮމާންޑަރަކުވެސް ހިމެނެއެވެ.                

އީރާނުގެ ދީނީ އިމާމުގެ ސީނިއަރ މުސްތަޝާރު ޔަހްޔާ ރަހީމް ސަފާވީ ވިދާޅުވެފައިވަނީ އިސްރާއީލުގެ އެމްބަސީތައް ކޮންމެ ތަނަކު ހުއްޓަސް އެތަނަކަށް ޙަމަލާދިނުމުގެ މަގު މިހާރުއޮތީ އިސްރާއީލުން  އީރާނަށް ހުޅުވާލަދީފައި ކަމަށެވެ. އަދި އެއިން އެއްވެސް އެމްބަސީއަކަށް ދެން ރައްކާތެރިކަމެއް ނޯންނާނެއެވެ.

އީރާނުން ސީދާ އިސްރާއީލަށް ޙަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ 9 ވައްތަރެއްގެ މިސައިލްގެ ކުރެހުން މިދިޔަ އާދީއްތަ ދުވަހު އީރާނުގެ ސެމީ ރަސްމީ ނޫސް “ އިސްނާ “ އިން ވަނީ ދައްކާލާފައެވެ.

ދިމިޝްގުގައި ހުންނަ އީރާނުގެ ސަފީރު އޮފީހަށް ޙަމަލާދިނީ އިސްރާއީލުން ކަން އެ ގައުމަކުން ނުބުނެއެވެ. އެހެންނަމަވެސް ގައްޒާ ހަނގުރާމައިގާ މުޖާހިދުން ކުޅެމުންގެންދާ ދައުރުގެ މައްޗަށް ބިނާކޮށް އިސްރާއީލުގެ ބައެއް އިސް ވެރިން ގެންދަނީ އީރާނުގެ އަމާޒުތަކަށް ޙަމަލާދޭނެ ކަމަށް ބުނަމުންނެވެ.               

އީރާނުން ބަދަލުގައި ދީފާނެ ޙަމަލާއަކަށް އެމެރިކާއިންވެސް އޮތީ ތައްޔާރަށް ކަމުގައި އެގައުމުން ވަނީ ހާމަކޮށްފައެވެ.   

1994 ވަނައަހަރު އާރޖެންޓީނާގެ ވެރިރަށުގައި ހުންނަ ޖުވިޝް ސެންޓަރަށް ދިން 85 މީހުން މަރުވި ޙަމަލާގެ ތުޙުމަތު އިސްރާއީލުން ކުރަމުން ގެންދަނީ އީރާނަށެވެ. އެކަމަކު އީރާނުން އެތުޙުމަތު ދޮގު ކުރެއެވެ.

އިސްރާއީލުގެ މިހާރުގެ ޙާލަތަށް ބަލާއިރު ގައުމުގެ އެތެރޭގައި ސަރުކާރާއި ދެކޮޅަށް ހިންގަމުން ގެންދާ މުޒާހަރާތަކާއި އަދި އެންމެ ގާތް ރަޙްމަތްތެރިނާއި އެކު އޮންނަ ގުޅުންތަކަށްވެސް ބުރޫ އަރަމުން ދިއުން ފާހަގަ ކުރެވެއެވެ.                                                            

އެތެރޭގެ ދެކޮޅުވެރި މުޒާހަރާތަކާއި ގާތް ރަޙްމަތްތެރިންގެ ނުރުމަކީ ނަތަންޔާހޫއަށް މާ ބޮޑުކަމަކަށް ނުވެއެވެ. އެހެންނަމަވެސް އަލްޓްރާ އޮތޯޑޮކްސް ޔަހޫދީން ގައުމުން ފައިބަން މަޖުބޫރު ކުރުވިގެންދާފަދަ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅިފައި އޮތުމަކީ ނުވަތަ އެމީހުން ވެސް ސިފައިންގެ ތެރެއަށް ވަނުން މަޖުބޫރު ކުރެވިގެން ދިއުމަކީނަތަންޔާހޫގެ “ ބިއްލޫރިކޮށީގައި “ ހިންގަމުންގެންދާ ސަރުކާރަށް ބޮޑު މައްސަލައެކެވެ. 

އިސްރާއީލުގެ އާބާދީގެ ނިސްބަތުން ގާތްގަނޑަކަށް %13 އަކީ އޮތޯޑޮކްސް ޔަހުދީންނެވެ. އަދި ޒުވާން ޖީލުގެތެރޭގައި މިއަދަދު %60 ގައި އުޅޭކަމަށް ތަފާސް ހިސާބުތަކުން އެނގެއެވެ. އެހެންނަމަވެސް ޒުވާންޖީލުގެ ތެރޭގައި އެއްވެސް ދީނެއް ގަބޫލު ނުކުރާމީހުންގެ އަދަދު މިހާރު ވަރަށް ފޯރީގައި މައްޗަށް އަރަމުންދާކަންވެސް އޮތީ ފާހަގަ ކުރެވިފައެވެ. 

އަލްޓްރާ އޮތޯޑޮކްސް ޔަހޫދީން ޒަޔަނިޔަމްގެ އުސޫލުތައް ގަބޫލެއް ނުކުރެއެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމައަށްވެސް އެމީހުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަލްޓްރާ އޮތޯޑޮކްސް ޔަހޫދީން ގަބޫލުކުރާގޮތުގައި ވަޢުދުކުރެވިގެން ބިން އެމީހުންނަށް ގެއްލުނީ މާތް ރަސްކަލާންގެ އަމުރުފުޅަށް އުރެދުނީމައެވެ. އެ ބިމަކީ ހަނގުރާމަކޮށްގެން ހޯދޭނެ އެއްޗެއް ނޫނެވެ. އެކަމަށް އިރާދަކުރައްވަން ލިއުއްވާފައިވާ ވަގުތު ޖެހުމުން އެކަންތައް ހަމަޖެހިގެންދާނެއެވެ.

ނަތަންޔާހޫ އަކީ އިސްރާއީލުގެ ރައްޔިތުންގެ ކުރިމަތީގައި މިހާރު ސިޔާސީގޮތުން އެހާ ފުންނާބު އުސްމީހެއް ނޫންކަން އޭނަޔާއި ދެކޮޅަށް އެއްވާ މީހުންގެ ޢަދަދުންނާއި ކެބިނެޓް ނުރުހުމުގެ އޮއިވަރުން ފެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް