ސުރުޚީއަކީ އަޅުގަނޑުމެންގެ ތެރޭގައި ބުނެ އުޅޭފަދައިން “ އަތް ނުލައި އައްދޯއި “ ކިޔުއްވުންފަދަ މުހާވަރާ ބަހެކެވެ.
އީރާނުގެ މި މުޙާވަރާބަހުން ދޭހަކޮށްދެނީ އެމީހުންގެ އާދަކާދައިގާ ކަމެއްގެތެރެއަށް ނުވަދެ އެކަމުގައި ޙިއްސާއެއް އަދާކުރުމުގެ މާނަ ދޭހަކޮށްދިނުމަށެވެ. ނުވަތަ އެހެންބަޔަކަށް އެކަން ވިސްނާ ދިނުމަށެވެ.
މި މުހާވަރާބަސް ކުއްލިއަކަށް ފެންމަތިވެފައި މިވަނީ އެމެރިކާގެ އެނހީއާއި އެއްބާރުލުމާއި އެކު އިސްރާއީލުން ފަލަސްތީނުގެ ގައްޒާއަށް ދެމުންގެންދާ އަނިޔާވެރި ޙަމަލާތަކާއި ގުޅިގެންނެވެ.
ބޮކުގެ މިޒާޖުގައި ފެނު ކައްކަނީ އެ ސޮރު މަރާލަންކަން ދެނެގަތުމުގެ ވިސްނުމެއް ނުހުރެއެވެ. މަޑުމަޑުން ފެންހޫނު ވަމުން ދިއުމަކުން ފެންގަނޑުތެރެއިން ފުންމާލާކަށް އެސޮރުގެ ވިސްނުމަކަށް ނާންނާނެއެވެ. އެންމެފަހުން ފެންގަނޑުގެ ހޫނުމިން މައްޗަށްގޮސް އެސޮރަށް ކެތްނުވާވަރު ވެގެން ސަލާމަތްވުމުގެ ވިސްނުން އަންނައިރު އޮންނަނީ ވަގުތު ފާއިތުވެގެން ގޮސްފައެވެ.
ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުގައި ގައްޒާ ހަނގުރާމައިގާ އީރާނުން ކުޅެމުންގެންދާ ރޯލުން “ ބޮއް ފެނުކައްކަނީ“ ކަމަށް ގެންދަނީ ސިފަކުރަމުންނެވެ.
އިސްރާއީލުން ގައްޒާއަށް ޙަމަލާދީ ސުންނާފަތި ކުރަމުން ގެންދާއިރުވެސް އީރާނުން ހަނގުރާމައިގެ ތެރެއަށް ސީދާ ނުވަންނާތީވެ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުމެއް އިސްރާއީލަށް ލިބޭ ކަހަލައެވެ. ފެނުތެރޭގައި އޮންނަ ބޮކަށް ކުރެވޭ ކަހަލަ އިހްސާސެއް ކަމަށް މީޑިއާތަކުން ވަނީ ސިފަ ކޮށްފައެވެ. ޙަގީގަތުގައި ވަމުން މިދާ ގޮތަކާއި ދޭތެރޭ އިސްރާއީލުންނަށް ވިސްނައެއް ނުލެވޭކަހަލައެވެ.

އިސްރާއީލުގެ ވަށައިގެން ތިބީ އީރާނަށް ބައިއަތު ހިފައިގެން އީރާނުގެ ފުރިހަމަ ތާއީދު ލިބެމުންދާ މުޖާހިދުންގެ ޖަމާއަތްތަކެވެ. މިކަން އިސްރާއީލަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ވިސްނުން ކަސިޔާރުވެފައި ހުރީ ހަމައެކަނި އަމިއްލަ ފައިދާއަށެވެ. “ އަހަރެމެންގެ ބޮޑުބަޑީގެ ކުރިމަތީގައި “ އަމާންދިނުން ނޫން އެހެން ގޮތެއް ނޯންނާނެކަމަށް ބުނާކަހަލަ ގަބޫލުކުރުމެކެވެ. އެއްލޮލުން ބަލާއިރު އެއީ ފެންނަގޮތް ކަމަށް ބުނެވިދާނެއެވެ.
ހަނގުރާމައިގާ އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް ދިރާސާކުރަމުން ގެންދާ ތަޖްރިބާކާރުންގެ ވިސްނުން ހާމަކުރަމުން ގެންދާ މީޑިއާތަކުންވެސް ބުނަމުންގެންދަނީ މިހާރު ހިނގަމުންދާ ހަނގުރާމައިގާ އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑުކަމަށެވެ.
މީޑިއާތަކުގައި ފާހަގކޮށްފައިވާ ބައެއް ކަންތަކަށް ބަލާއިރު އީރާނުގެ ރުހުން ލިބިފައިވާ މުޖާހިދުންގެ ކިބައިން އިސްރާއީލަށް ސަލާމަތް ވެވޭނެ މަގެއް މުސްތަގްބަލްގައި ނުހޯދޭނެއެވެ. މިހާރުން މިހާރަށް ބަލާއިރު އިސްރާއީލުގެ އިގްތިސާދު އޮތީ ސޮމާލިޔާއާއި އަޅާކިޔޭ ފެންވަރަށްވެއްޓިފައެވެ.
އިސްރާއީލުގެ އެންމެ ޙަރަކާތްތެރި އިލާތުގެ ބަނދަރު އޮތީ ހޫތީ މުޖާހިދުންގެ ސަބަބުން އެއްވެސް ޙަރަކާތެއް ނެތި ފަޅުވެފައެވެ. އެ ބަނދަރަށް ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އެ ބަނދަރުން ގައުމަށް މުދާ އެތެރެ ކުރެވޭނެ މަގެއް ނެތެވެ.
ދެން އޮތް އެންމެ ޙަރަކާތްތެރި 2 ބަނދަރު އަޝްދުދާއި ހައިފާ އޮތީ އީލާތުގެ ޙާލަތަށް ނުވަތަ އެއަށްވުރެންވެސް ނިކަމެތި ޙާލަތަކަށް ވެއްޓެން އަރިއަޅާލާފައެވެ.
އިސްރާއީލުގެ އުތުރާއި ދެކުނުން އެތައް ހާސް ރައްޔިތުންނެއް ވިއްސި ވިހާލި ވެއްޖެއެވެ. އިސްރާއީލުން ބޭރުގައި ދިރިއުޅެމުން ނުވަތަ ވަޒީފާގައި އުޅެމުންދާ މީހުންގެ ތެރެއިން %80 އަށް ވުރެން ގިނަ މީހުން އެނބުރި އިސްރާއީލަށް ދާކަށް ބޭނުމެއް ނުވެއެވެ. އަދި މިހާރު އަލަށް ތައާރުފް ކުރެވޭ ރަށްވެހިކަމުގެ ގާނޫނުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ދީންވެރި ޔަހޫދީން ގައުމު ދޫކޮށް ދިއުން މަޖުބޫރު ކުރުވާނެއެވެ.
އިސްރާއީލުގެ އެތެރޭން ދިމާވެފައިވާ އަދި ދިމާވަމުންދާ މި ޙާލަތުތަކުގެ އިތުރުން ބައިނަލް އަގްވާމީ މުޖުތަމާގައި އިސްރާއީލު މުޅިން އެކަހެރިވެގެން ހިނގައްޖެއެވެ. ދުނިޔޭގެ ރައްޔަތުން އިސްރާޢީލަކީ ނަސްލީއިމްތިޔާޒް ގައުމެއްގޮތުތައި ލޭބަލްކޮށްފިއެވެ. އަދި ގިނަ ގައުތަކެއްގެ ރައްޔަތުން އިސްރާޢީލަކީ ޓެރެރިސްޓް ގައުމެއްގޮތުގައި ބަލައިގެންފިއެވެ.
އީރާނުން ބޮއް ފެނު ކައްކާ ގޮތަކީ މިއީ އެވެ. ހޫނުފެން ތެލިން ފުންމާލެވޭ ވަރަށްވުރެން ބޮޑަށް ބޮއް ފިހިއްޖެއެވެ. ވަށައިގެން ތިބި އީރާނުގެ ވާގިވެރިންގެ ސަބަބުން އިސްރާއީލު އޮތީ ފިތި ބާރުވެފައެވެ.
މިހާލަތުގައި އެމެރިކާއިން ހަނގުރާމަ ހުއްޓުވަން މަސައްކަތްކުރަމުން ގެންދިއުމަކީ ގައްޒާއަށް ނުވަތަ ފަލަސްތީނަށް ރަނގަޅު ގޮތެއް ހޯދަން ކުރެވޭތޯ އުޅޭ ކަމެއް ނޫނެވެ. ހުރިހާވެސް މަގްސަދަކީ އީރާނުގެ ފެންތެލިން ބޮއް ސަލާމަތްކުރެވޭނެ މަގެއް ހޯދުމެވެ. އެމެރިކާގެ މަކަރުވެރި ސިކުނޑިއަށް މިކަންތައް ވަރަށް ރަނގަޅަށް ތަސައްވުރު ކުރެވެއެވެ.
One Response
ފާރިސީންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ގަބޫލުކުރުންތަކެއް ގެންގުޅޭ ބައެކެވެ. ވަރަށް މަދުފަހަރެއްގައި މެނުވީ އެމީހުން ކަމަކާދޭތެރޭ ގޮތް ބަދަލު ނުކުރެއެވެ. މިފަހަކަށް އައިސް އެމެރިކާގެ ބާރުގައި އީރާން ފަނާކޮށްލަން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ނުވެގެން އުޅެނީވެސް މި ސަބަބާ ހުރެ ކަމަށް ހުޅަނގުގެ ގައުމުތަކުންވެސް ގަބޫލު ކުރެއެވެ.