މި ލިއުމުގެ އަސްލެއްކަމަށް އަޅުގަނޑު ބަލާފައިވާނީ ސީ. އެން. އެން. އިން ހަފުތާއަކު ތިން ފަހަރު ގެނެސްދޭ މެދުއިރުމަތީގެ “ ލުކް އިންސައިޑް ދަ ރީޖަންސް ބިގަސްޓް ސްޓޯރީޒް “ އެވެ.
ފަލަސްތީނަށް ކުރަމުންގެންދާ ތާއީދާއި އެއްބައިވަންތަކަން ރަމްޒުކުރަމުން ބައިނަލް އަގްވާމީ އިންސާފުގެ ކޯޓަށް ދެކުނު އެފްރިކާ އިން ހުށައަޅާފައިވާ އިސްރާއީލުގެ ގަތުލު އާންމުގެޝަރީއަތުގައި އަޔަރލޭންޑުން ފަލަސްތީނާއި އެއްކޮޅަށް ތަދައްޚުލްވާން ނިންމައިފިއެވެ.
އިސްރާއީލުގެ ސިފައިން ގައްޒާގައި ހިންގަމުން ގެންދާ ގަތުލު އާންމުގައި މުޅި ގައްޒާ ބިމާހަމަކޮށް ކުދިބޮޑު އެންމެން ބަޑަށް މަރަން ބޮޑުވަޒީރު ނަތަންޔާހޫއަށް ކުރެވުނު ކޮންމެ ކަމެއް ކުރަން ނިންމާފައިވާއިރު އެފުރުސަތު ނުދީ ބައިނަލް އަގްވާމީގޮތުން އޭނާ ހަމަބިމަށް ތިރިކުރުމުގެ ބޭނުމުގައި މި ހަފުތާގެ ތެރޭގައި އަޔަރލޭންޑުން އެ ޝަރިޢަތަށް ތަދައްޚުލް ވުމާއިބެހޭ ލިއެކިއުންތައް އެކޯޓަށް ހުށައަޅާނެކަން މިވަނީ ހާމަކޮށްފައެވެ.
އަޔަރލޭންޑުގެ ޚާރިޖީ ވަޒީރު މައިކަލް މާރޓިން މީޑިއާއަށް ވިދާޅުވެފައިވަނީ 7 އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ދިން ޙަމަލާއަކީ ބައިނަލް އަގްވާމީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދަނީ ބައިނަލް އަގްވާމީ ގާނޫނުތަކުގެ ދަށުން ބޮޑުވެގެންވާ ނަސްލެއް ނައްތާލުމުގެ ޖަރީމާއެއް ކަމަށެވެ.
ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށައެޅި މައްސަލާގައި ބައިނަލް އަގްވާމީ އަދުލު އިންސާފުގެ ކޯޓުން ޖަނަވަރީ މަހު ނެރުނު ވަގުތީ އަމުރުގައި ގަތުލު އާންމަކަށް ބެލެވިދާނެ އެންމެހާ އަމަލުތަކުން އެއްކިބާ ވުމަށްއިސްރާއީލަށް ވަނީ އަންގާފައެވެ. އެކޯޓުގެ ނިޔާ އިއްވުމަށް ވަގުތު ނަގާނެއެވެ.
މިހާރު ލިބެމުންދާ މަޢުލޫމާތުތަކަށް ބަލާއިރު ގައްޒާއަށް ކާބޯ ތަކެއްޗާއި އިންސާނުން ދިރި ތިބުމަށް ބޭނުންވާ އެހެން އެއްޗެއްސާއި ވަސީލަތްތަކަށް އިސްރާއީލުން ފުރުސަތު ނުދީ ހުރަސް އަޅަމުން ގެންދާ މައްސަލަވެސް އަޔަރލޭންޑުގެ ލިއެކިއުންތަކުގައި ހިމަނާނެއެވެ.
އަޔަރލޭންޑް ވެގެން މިދިޔައީ ފަލަސްތީނުގެ ޙައްގުގައި އެންމެ ފުރަތަމަ ތެދުވި ޔޫރަޕުގެ ގައުމު ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނާއި އެއްބައިވަންތަކަން ހާމަކޮށްދޭ ކެމްޕޭން ( އައި. ޕީ. އެސް. ސީ. ) ގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަމުން ގެންދާ ޒޯއި ލޯލޯރ ބުނެފައިވަނީ އަޔަރލޭންޑުގެ ރައްޔިތުންގެ ހިތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނާއިމެދު އޮންނަނީ އާދަޔާ ޚިލާފު އަޚްވަންތަ ގުޅުމެއް ކަމަށެވެ.
އެގުޅުން އުފަންވެގެން އައިސްފައިވަނީ ބާރުގަދަ ގައުމުތަކުގެ މުށުތެރޭން އަޔަރލޭންޑް ނިކުންނަން ކުރި ޖިހާދުގެ ތެރެއިންނެވެ. 12 ވަނަ ގަރުނުގައި އެންގްލޯ-ނޯރމަނުން އަޔަރލޭންޑަށް ވެރިވެގަނެ އަށްސަތޭކް އަހަރުވަންދެން އިނގިރޭސީންގެ އަޅުވެތިކަމުގައި އުޅެން ޖެހުމުން ކުރަންޖެހުނު އަނިޔާވެރި އިޙުސާސްތަކެވެ.
އަޔަރލޭންޑް ވެގެންދިޔައީ އެންމެ ގިނަޒަމާން ތަކަކަށް އިނގިރޭސީންގެ ބާރުގެދަށުން ސަލާމަތް ނުވެވިގެން އުޅެން ޖެހުނު ގައުމަށެވެ. ފަލަސްތީނާއި އަޔަރލޭންޑުގެ ކަރުތެރޭގައިވެސް ލަނީ އިސްތިއުމާރުންގެ ގޮށްމުށުގެ އަނިޔާވެރި ރަހައެވެ.
އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައި އޮންނަންޖެހުނު 800 އަހަރުދުވަހު އަޔަރލޭންޑުގައި ލަންޑަނުން ހިނަގަމުންދިޔައީ އަނިޔާވެރިކަމުގެ އިންތިހާއެވެ. 1840 ގައި މަޝްހޫރުވެގެން ދިޔަ “ ގްރޭޓް ޕޮޓޭޓޯ ފެމައިން “ ގައި ބަޑަށްޖެހިގެ މިލިއަނަކަށްވުރެން ގިނަ މީހުން މަރުވިއެވެ.
އިނގިރޭސި ވިލާތުން ބޭނުންވީ މިއަދު އިސްރާއީލުން ގައްޒާގައި ހިންގާ ލާ އިންސާނިއްޔަތަށް ވުރެންވެސް އަނިޔާވެރިކަމެއްގެ ރަހަ އަޔަރލޭންޑުގެ ރައްޔިތުންނަށް ދައްކާށެވެ.
ބަނޑުހައި ހޫނު ކަމުގައި މަރުވެގެންދިޔަ މިލިއަނަކަށްވުރެން ގިނަމީހުންގެ އިތުރުން މިލިއަނަކަށް ވުރެން ގިނަ ރައްޔިތުން ވިއްސި ވިހާލި ކޮށްލިއެވެ. ދަނޑުބިންތައް ހަލާކުކޮށްލުމުގެ އިތުރުން ދަނޑުވެރިކަން ކުރުމުގެ ހުރިހާ ފުރުސަތެއް ނައްތާލިއެވެ.
މިއީ އަޔަރލޭންޑުގެ ތާރީޚްއެވެ. އެ ޙާލަތު ދުނިޔޭގެ އެއްވެސް ބަޔަކު ތަޖްރިބާކުރުމަކަށް އަޔަރލޭންޑުން ނޭދޭނެއެވެ.
ދާދިފަހުން އިސްތިއުފާދެއްވި އަޔަރލޭންޑުގެ ބޮޑުވަޒީރު ލިއޯ ވަރަޑްކަރ މިހުސްވި މާރޗްމަހު ވައިޓްހައިސްގައި ސެއިންޓް ޕެޓރިކްގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ މިއަދު ފަލަސްތީނުގެ ރައްޔިތުން ތަހަންމަލް ކުރަމުން އެގެންދަނީ އިނގިރޭސީންގެ އިސްތިއުމާރުގައި އަޔަރލޭންޑުން ކުރި ތަޖްރިބާއެވެ.
ވަރަށް ގިނަ ގައުމުތަކުގެ ވެރިން އަހަރެންނާ ކުރާ ސުވާލެކެވެ. “ ފަލަސްތީނު ރައްޔިތުންގެ ޙައްގުގައި އަޔަރލޭންޑުން ތިހާ ބޮޑަށް ކަންބޮޑުވާ ސަބަބަކީ ކޮބާހެއްޔެވެ“؟ އެއިން ކޮންމެ ފަހަރަކު އަހަރެން ދެމުންގެންދަނީ ހަމަ އެންމެ ޖަވާބެކެވެ.
ފަލަސްތީނު ރައްޔިތުންގެ ލޮލުން އަޔަރލޭންޑުގެ ތާރީޚު ފެނި ހާމަވެގެންދާތީއެވެ. ދާނެ ނުދާނެ ތަނެއް ނޭންގުމާއި އަމިއްލަ އެއްވެސް އެއްޗެއް ނެތުމުގެ އިޙުސާސްތަކާއި ގައުމިއްޔަތެއް ނެތުމުގެ ޖަވާބު ނުލިބޭ ސުވާލާއި ނަސްލީ ތަފާތު ކުރުމާއި ވިއްސި ވިހާލި ކޮށްލުމެވެ.
މިހާރު ބަނޑުހައި ހޫނު ކަމުގައި މަރުވެގެން ދިއުމެވެ. މިހުރިހާ އަނިޔާވެރި ޙާލަތެއް އަހަރެމެން އަޔރލޭންޑުގެ ރައްޔިތުން 800 އަހަރު ވާންދެން ތަޖްރިބާކުރީމުއެވެ. ލިއޯ ވަރަޑްކަރގެ ވާހަފުޅުގައި އަސަރާއިއެކު ވިދާޅުވިއެވެ.
އަޔަރލޭންޑަށް ފަލަސްތީނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖިލާން ވަހްބާ އަބްދުލް މަޖީދު ވިދާޅުވީ އަޔަރލޭންޑުން ފަލަސްތީނަށް ކުރަމުންގެންދާ ތާއީދަކީ ތާރީޚީ ތަޖްރިބާއެއް ޙިއްސާކުރުން ކަމަށެވެ.
ސީ އެން އެން ގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ އިސްތިއުމާރުގެ ވަކިތަކުން ލިބިދޭ އަނިޔާއާއި ގަދަބާރުން ވެރިވެގަނެގެންތިބެ ގައުމު ލޫޓުވަމުން ގެންދިއުމާއި ރައްޔިތުންނަށް ކުރަމުންގެންދާ ފިއްތުންތަކާއި ވިއްސިވިހާލި ކޮށްލުމެވެ.
އޭގެއިރުތުން ރައްޔިތުންގެ މިލްކިއްޔާތު ފޭރިގަތުމާއި ގައުމީ ނިސްބަތް ނައްތާލުންފަދަ ކަންތައްތަކަކީ އަޔަރލޭންޑުން ގިނަ ޒަމާންތަކެއް ވާންދެން ކޮށްފައިވާ ތަޖްރިބާއެކެވެ.ފަލަސްތީނުން ކުރަމުންގެންދާ ޖިހާދާއި އިސްރާއީލުން ކުރިމަތި ކުރަމުންގެންދާ ލާއިންސާނީ ގަތުލު އާންމަކީ އައިރިޝް ރައްޔިތުންނަށް ފެނިދެނިވެ ކަރުނަ އޮހޮރާފައިވާ ކަންތަކެވެ.
އެތައްޒަމާނެއް ވަންދެން އަޔަރލޭންޑުން މިނިވަންކަން ހޯދުމަށް ސުލްޙަވެރި ކަމާއިއެކު ކުރި މަސައްކަތާއި އެހެންގޮތެއް ނެތިގެން ފުރާނައިން ވެދިޔަ ގުރުބާނީތަކާއި ކުރި ޖިހާދު ކާމިޔާބު ނުވެ އެންމެފަހުން 1921 ވަނައަހަރު އިނގިރޭސީން ވަނީ އަޔަރލޭންޑުން ބައެއް ވަކިކޮށްލާފައެވެ.
އެފޭރިގަން ބައި ނޯރދާރން އަޔަރލޭންޑް ކަމުގައި ކަނޑައަޅައި އިނގިރޭސީންގެ ބާރުގެ ދަށުގައި ބާއްވަން ނިންމާފައެވެ. އޭގެ އަހަރުދުވަސްފަހުން އިނގިރޭސި ދައުލަތުގެ ބާރުގެ ދަށުން ވަކިވެގަނެ ދެންވާނެ ގޮތަކަށް ބެލުމެއްނެތި ދެކުނު އަޔަރލޭންޑުގައި ރިޕަބްލިކް އޮފް އަޔަރލޭންޑް އިޢުލާންކުރީއެވެ.
މިއީ އިނގިރޭސީން އާންމުކޮށް އެމީހުންގެ އިސްތިޢުމާރުގެ ދަށުގައި ހުރި ގައުމުތައް މިނިވަން ކުރުމުގައި ގެންގުޅުނު ބައިބައި ކުރުމުގެ ސަގާފަތުގެ ހިލިހިލާގަނޑަށް އިތުރުވެގެންދިޔަ ބޮޅެކެވެ.
އެން ބީ ސީ ނެޓްވާރކުގެ ރައީސް އޮލްމަރޔަރ ސިފަކޮށްފައިވާ ގޮތުގްއި އަރަޔލޭންޑަކީ 1948 ވަނައަހަރު ފަލަސްތީނު ބައިކޮށްލުމަށް ހަމަ ބޭނުންކުރި ޓެމްޕްލޭޓެވެ.
އަޔަރލޭންޑާއި ފަލަސްތީނު ބައިކޮށްލުމުގައިވެސްއިނގިރޭސީން އުޒުރަކަށް ބޭނުންކޮށްފައި އޮތީ ދީނާއި މަޒްހަބުގެ ތަފާތުގެ މައްޗަށެވެ. ހަމައެގޮތަށް އަރަބި ގަބީލާތަކުން ނުރުހުން ފާޅުކުރަމުން ގެންދަނިކޮށް ފަލަސްތީނުގެ ބިން ފަޅިކޮށްލާފައި އިސްރާއީލަށް ގައުމެއް ހަދާދިނީއެވެ. އަދި އިސްރާޢީލަށް ބާރުތައް ގައިމުކޮށްދީ އިނގިރޭސިން ފޭބުމުގެކުރިން ފަލަސްތީނުން ބަލިކަށްކޮށްލުވައި ބަނޑުހައިހޫނުކަމުގައި ބައިތިއްބައި އަދި ނުވިތާކަށް ގޭގެއަށްވަދެ ގެއެއްގައި އެއްޗެސް ކަނޑާލަން ނުވަތަ ކޮށާލަން ގެންގުޅޭ ވަޅިއެއް އޮތަސް އަތުލީއެވެ.

ފަލަސްތީނު ފޭރިގަނެފައި އިނގިރޭސި ވިލާތުން ބައިތުލް މަގްދިސްއަށް ކަނޑައެޅި ފުރަތަމަ ގަވަރނަރ ރޮނާލްޑް ސްޓޮރސް ބުނެފައިވަނީ ފަލަސްތީނުގެ ބިމުގައި އަރަބިންނާއި ދެކޮޅަށް ޔަހޫދީންނަށް ދައުލަތެއް އުފައްދާދިނުމަކީ އިނގިރޭސީންނަށް ވަފާތެރި ޔަހޫދީންނަށް ކުޑަކުޑަ އުލްސްޓަރ އެއް ( އިނގިރޭސި ވިލާތުގައި އުތުރު އަޔަރލޭންޑަށް ބޭނުންކުރާ ނަން ) އުފައްދާދިނުން ކަމަށެވެ.
މަޝްހޫރު ތާރީޚީ އިލްމުވެރިޔާ ސީން ގަނޯން ސީ އެން އެންގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އަޔަރލޭންޑުގެ ރައްޔިތުން ފަލަސްތީނުގެ ޖިހާދަށް ފުރިހަމައަށް ތާއީދުކުރަންފެށީ 1967 ގައި ފަލސްތީނުގެ ގިނަ ބިންތަކެއް އިސްރާއީލުން ފޭރިގަތުމާއި ގުޅިގެންނެވެ.
އިނގިރޭސި ވިލާތުގެ ބާރުގެ ދަށުން ވަކިވެގަތުމަށްފަހު ރިޕަބްލިކް އޮފް އަރަޔލޭންޑުން ބޭނުންވީ ނޯދާރން އަޔަރލެންޑަކީ ވެސް އެގައުމުގެ ބައެއް ކަމުގައި ހެދުމަށެވެ. އެކަމަކު ނޯދަރން އަޔަރލޭންޑުން ބޭނުންވީ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތުމަށެވެ. ”ޓްރަބްލްސްގެ ނަމުން ނަންދެވިގެން“ ހިންގަމުން ގެންދިޔަ މި ދެކޮޅުވެރިކަމުގައި އެމީހުން ދެކެމުން ދިޔައީ ފަލަސްތީނުގެ ޖިހާދަކީ އެމީހުންގެ ޖިހާދާއި ގުޅި ލާމެހިފައިވާ ޙަރަކާތެއް ކަމަށެވެ.
ރިޕަބްލިކް އޮފް އަޔަރލޭންޑަކީ އަބަދުވެސް ފަލަސްތީނަށް ހަމްދަރުދީ ވަމުންގެންދިޔަ ގައުމެކެވެ. އޭގެ ބަދަލުގައި ނޯދާރން އަޔަރލޭންޑުން އޮންނަނީ އިސްރާއީލުގެ ކޮޅަށްއަބަދުވެސް ލެނބިފައެވެ.
ރިޕަބްލިކް އޮފް އަޔަރލޭންޑަކީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރަންފެށި ޔޫރަޕްގެ ފުރަތަމަ ގައުމެވެ. އެއީ 1980 ވަނަ އަހަރުގައެވެ. އެ ދުވަހުއްސުރެން މިއަދާ ހަމަޔަށްވެސް ފަލަސްތީނުގެ މައްސަލާގައި ދެގޮތެއް ނުވެ އެ ގައުމުން ގެންދަނީ ފަލަސްތީނަށް ތާއީދު ކުރަމުންނެވެ. އަދި ލިބުނު ކޮންމެ ފޯރަމެއްގައި މެދު އިރުމަތީގެ ސުލްޙަބިނާވެންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުން ކަމުގައި އިއްލާންކުރަމުންނެވެ.
އަޔަރލޭންޑުގެ މިހާރުގެ ބޮޑުވަޒީރު ސައިމަން ހެރިސްގެ ސިޔާސަތަކީވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ކުރާމުންގެންދާ މަސައްކަތަށް ތާއީދު ކުރުމާއި އެކު އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިސޯރުކޮށް ގަތުލު އާންމު ހިންގަމުން ގެންދާގެންދިއުން އަޔަރލޭންޑުން ދުވަހަކުވެސް ބަލައިނުގަންނާނެ ސިޔާސަތެކެވެ.އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ މައުސޫމު ކުޑަކުއިންގެ މަހާނަ މަތީގައި ތިބެގެން ސުލްޙަ ގާއިމް ކުރުމުގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
ބޮޑުވަޒީރު ސައިމަންގެ ވާހަކަ ފުޅަށް ރައްދުދީނުމުގެ ގޮތުން އިސްރާއީލުގެ ސަގާފަތާއި ބެހޭ ވަޒީރު ބުނެފައިވަނީ ގައްޒާގެ ރައްޔިތުން އަޔަރލޭންޑަށް ނުވަތަ ހުސްބިން ސަހަރާއަކަށް ދިޔަސް ފަރުވާލެއް ނެތް ކަމަށެވެ. އެވަރުން ނުފުދިގެން އިސްރާއީލުގައި ހުންނަވާ އައިރިޝް ސަފީރު އިސްރާއީލުގެ ޚާރިޖިއްޔާއަށް ގެނެސް އެމަނިކުފާނުގެ “ އަޚްލާގީ ސަމުގާ “ ލާހޫރެނީ ކަމަށާއި އަލުން މިސްރާބަށް ސެޓްކުރަން ޖެހިފައިހުރިކަމަށް ބުނެފައިވެއެވެ.
އަޔަރލޭންޑުގެ އިދިކޮޅު ޕާރޓީން ފަލަސްތީނަށް ކުރާ ތާއީދު ވަކިން ބޮޑުކަން ފާހަގަ ކުރެވެއެވެ. އެ ޕާރޓީގެ ލީޑަރ މެރީ ލައު މެކް ޑޮނާލްޑް ވިދާޅުވެފައިވަނީ ގައްޒާއަކީ ބައިނަލް އަގްވާމީ ގާނޫނުތަކުގެ ކަށްވަޅު ކަމުގައި ނުހެދޭނެ ކަމަށެވެ. އަދި އަޔަރލޭންޑުގައި ހުންނަ އިސްރާއީލުގެ ސަފީރު ފޮނުވާލުމަށްވެސް ގެންދަނީ ގޮވާލާމުންނެވެ.
އަޔަރލޭންޑުގެ އާންމު ރައްޔިތުން ގެންދަނީ ފަލަސްތީނުގެ ދިދައާއި “ އަހަރެމެން މިތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު“ މި ޝިޢާރާއެކު މުޅިގައުމުގެ މަގުތައް ފުރާލަމުންނެވެ. ރައްޔިތުންގެ އެއްވުންތަކުގައި ފާއިތުވެގެން މިދާ 25 ހަފުތާގައި ކޮންމެ ދުވަހަކު ބައިވެރިވަމުން ގެންދާ “ ޕެލަސްތައިން ސޮލިޑަރިޓީ ކޭމްޕޭނުގެ “ އިދިކޮޅު ސިން ފޭން ޕާރޓީގެ ލޯލޯރ ބުނެފައިވަނީ މުޅިރައްޔިތުންގެ މިހާ ބޮޑު ތާއީދެއް ލިބިފައިވާ އެހެން ހާދިސާއެއް ދުވަހަކުވެސް ދެކިފައި ނުވާކަމަށެވެ.
އެ ޕާރޓީގެ އެހެން ބޭފުޅަކު ކަމުގައިވާ ކާރތީ ބުނެފައިވަނީ ދުނިޔޭގެ ޓެލެވިޒަން ތަކުން ހާމަވެމުންދާ މަންޒަރު ތަކަށް ބަލާއިރު މުޅި ބައިނަލް އަގްވާމީ މުޖުތައުން ފަލަސްތީނުގެ މައްސަލައަށް ސުލަޙަވެރި ދާއިމީ ޙައްލެއް ނުގެނެސް ޓީ ވީ ބަލަން ތިބެގެން ނުވާނެ ކަމަށެވެ. އަދި އަޔަރލޭންޑުގައި އިސްރާއީލުގެ ސަފީރަކު ހުރުން ހުއްދަ ކުރެވިގެންވެސް ނުވާނެ ކަމަށެވެ.
މިއީ ޔޫރަޕުގެ ގައުމަކުން ފަލަސްތީނުގެ ޖިހާދު ދެކެމުންދާގޮތެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ޝަހާދަތުގެ ދެކަލިމަ ލިޔެ ގަބޫލުކޮށްގެން މިތިބެ މި އިސްލާމީ މުޖުތަމައުން މިއާ ކައިރި ކުރާ މިންވަރަށްވެސް ފަލަސްތީނުގެ މައްސަލާގައި ވިސްނަމުން ނުގެންދާކަމެވެ. އަދި ޢަމަލީގޮތުން އިސްރާޢީލުގެ ގަތުލުއާންމު ހުއްޓުވުމަށް ބާރުނާޅާކަމެވެ.
ދުޢާއަކީ މި ރަމްޒާން މަހުގައި ޚާއްސަގޮތެއްގައި ފަހުދިހައިގާ އަޅުގަނޑުމެން ފަލަސްތީނުގެ ރައްޔަތުންނަށް ކުރަމުންގެންދާ ހެޔޮދުޢާ ﷲތަޢާލާ ގަބޫލުކޮށްެއްވައި ފަލަސްތީނު މިނިވަންކޮށްދެއްވުމެވެ. އާމީން!
3 Responses
އަނިޔާވެރިކަން ރަނގަޅަށް ދެނެގަނެވޭނީ އޭގެ ރަހަ ލިބުނީމައެވެ. 800 އަހަރުދުވަސް އަޅުވެތިކަމުގައި އުޅެންޖެހުމުން ބޮޑުވެގެންވާ އަމިއްލަ އެދުމެއް ނެތި އެހެންބަޔަކު އެހާލަތުގައި ދިރިއުޅުން ހޭދަކުރާތަން ދެކޭކަށް ބޭނުމެއް ނުވާނެއެވެ. ދެކުނު އެފްރިކާއާއި ރިޕަބްލިކް އޮފް އަރޔަލޭންޑް އިނގިރޭސީންގެ އަޅުވެތިކަމުން އެންމެ ފަހުން މިނިވަންކަން ހޯދި ގައުމުތަކުގެ ތެރޭގައި ހިމެނޭނެއެވެ.
أمين يارب العالمين 🤲🤲🤲
Varah gina mauloomaathuthakeh libigen dhiya liyumeh miee. V furihama.