މޮސްކޯއަށް ދިން ޙަމަލާގެ ތަޙްގީގު ކުރިއަށްދަނީ

Loading

Facebook
Twitter
WhatsApp

މިދިޔަ ހުކުރު ދުވަހު މޮސްކޯގެ ކޮންސަރޓް ހޯލަށް ޙަމަލާދިނުމުގެ ތުޙުމަތު ކުރެވޭ 8 ވަނަ މީހާ ތަޙްގީގަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓަށް ހާޒިރު ކޮށްފިއެވެ. 

އޭނާއަކީ ކިރިގިސްތާނަށް ނިސްބަތް ކުރެވޭ ރައްޔިތެކެވެ. އެ ޙަމަލާދިނުމުގައި ބައިވެރިވި 4 މީހަކުގެ އާއިލާގެ ފަރާތުން މަޢުލޫމާތު ހޯދުމަށްޓަކައި ތަޙުގީގު ޓީމެއް މިހާރު ވަނީ ތަޖިކިސްތާނަށް ފޮނުވާފައެވެ.                                                              

ރަޝިޔާގެ ތަޙުގީގު ޓީމުން މިހާރު ތަޖިކިސްތާނުގައި ޙަރަކާތްތެރި ވަމުން ގެންދާ ކަމަށާއި އެ ޙަމަލާގައި ބައިވެރިވެފައިވާ 4 މީހެއްގެ ޢާއިލާގެ މެމްބަރުން ވެރިރަށް ޑުޝާމްބޭއަށް ގެނެސް ސުވާލު ކުރަމުން ގެންދާ ކަމަށް ތަޖިކްގެ ރަސްމީ 3 އިދާރާއަކުން ރޮއިޓާރސް އަށް މަޢުލޫމާތު ދީފައިވެއެވެ.                         

ފާއިތު ވެގެންމިދާ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި ރަޝިޔާގައި ދީފައިވާ އެންމެ ނުރައްކާތެރި ކަމަށް ބެލެވޭ މިޙަމަލާ 8 މީހުން މިހާރު ތިބީ ތަޙުގީގަށް ބަންދު ކުރެވިފައެވެ.                                

އިސްލާމިކް ސްޓޭޓުން (އައި.އެސް) އިން ވަނީ މި ޙަމަލާގެ ޒިންމާ ނަގާކަމަށް ބުނެފައެވެ. އަދި ޙަމަލާއާއި ގުޅޭ ފޮޓޯ ތައް ޝާއިއުކޮށްފައެވެ. އެހެންނަމަވެސް ޙަމަލާ ދިނުމުގައި ބައިވެރިވެފައިވާ މީހުން މިހާތަނަށް އެ ޖަމާއަތުން ބުނެދީފައެއް ނުވެއެވެ.މިހާރު ގަބޫލުކުރެވޭ ގޮތުގައި އައި.އެސް. އަކީ އެމެރިކާގެ އުފެއްދުމެކެވެ. އެހެނީ ދާދިފަހުން ލީކްވެފައިވާ ވީޑީއޯ ކްލިޕްއެއްގައި ހެލެރީ ކްލިންޓަން ބުނެފައިވާގޮތުންވެސް އިސްލާމިކް ސްޓޭޓްސް (އައި.އެސް) އަކި އެކަމަނާގެވެސް ބައިވެރިވުމާއިއެކު އެމެރިކާގެ އުފެއްދުމެއް ކަމަށެވެ.

މޮސްކޯގެ ޙަމަލައާއި ބެހޭގޮތުން އެމެރިކާއާއި ފަރަންސޭސި ވިލާތުގެ ޖާސޫސީ އިދާރާތަކުން ބުނެފައިވަނީ 139 މީހުން މަރުވެ އަދި 182 މީހުން ޒަޚަމްވި މިޙަމަލާ ދީފައިވަނީ އެ ޖަމާއެތުން ކަން ގަބޫލު ކުރެވޭ ކަމަށެވެ.

ޙަމަލާގައި ބައިވެރިވި ކިރިގިސްތާނަށް ނިސްބަތްކުރެވޭ އަލިޝާރ ކަސިމޯވް އަންގާރަ ދުވަހު ކޯޓަށް ޙާޒިރު ކުރިއިރު އޭނާހުރީ ގުދަށް ބާއްވާފައި ބިޑި އަޅުވާފައެވެ. އެހެންނަމަވެސް އެއްވެސް އަނިޔާއެއް ކޮށްފައިވާ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އޭނާއަށް ތުޙުމަތު ކުރެވިފައިވަނީ ޙަމަލާދިނުމުގައި ބައިވެރިވި ތަޖިކިސްތާނުގެ 4 މީހުންގެ ފެމެލީއަށްބޯހިޔާވަހިކަން ފޯރުކޮށްދިން ކަމަށެވެ.

ރަޝިޔާއިން ބުނެފައިވާގޮތުގައި އޭގެތެރެއިން 4 މީހަކު މިހާރުވަނީ އެކަމަށް އިއުތިރާފު ވެފައެވެ. އޭގެތެރެއިން ބައެއްމީހުންގެ ގައިގާ ޒަޚަމްގެ ނިޝާންތައް ފެންނާން ހުރުމުން އަނިޔާކޮށްފައިވާ ކަމަށް ބެލެވެއެވެ.

ޙަމަލާދިން މީހުންގެ ތަޙުގީގުގައި އެކަކުގެ ކަންފަތް ކަނޑާލި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީޑިއާތަކުގައި ދައުރުވަމުން ދިއުމާއެކު ރަޝިޔާގެ އިންސާނީ ޙައްގުތަކާބެހޭ ކޮމިޝަނަރތަތިޔާނާ މޮސްކަލްކޯވާ ޓާސް މެދުވެރިކޮށް ވިދާޅުވެފައިވަނީ ތަޙުގީގަށް ގެނެވޭ މީހުންނާމެދު އަމަލުކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށާއި އަނިޔާކުރުމަކީ ބަލާ ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

(އިންސާނީ ހައްގުތަކަށް މަސައްކަތްކުރާމީހުންގެ ލޯތަކަށް މިފެންނަނީ ހަމައެކަނި ގާނޫނީ އިދާރާތަކުން ކުރާކަންތަކެވެ. އެތައްރައްޔިތުން އެއްވެސް ޙައްގަކާނުލައި މަރާލީމާވެސް ވާހަކަ މިދައްކަނީ ގާތިލުންގެ ޙައްގުތައް ގެއްލިދާނެތީއެވެ).

ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެފައިވަނީ އެ ޙަމަލާ ދީފައިވަނީ އިސްލާމިކް ސްޓޭޓުން ކަމަށް ވެދާނެއެވެ. އެހެންނަމަވެސް މިހާތަނަށް ޔޫކްރެއިނުން ކަންތައް ކުރަމުން ގެންގޮސްފައިވާ ގޮތަށް ބަލާއިރު ޔޫކްރެއިނުގެ ބައިވެރިވުން ނެތެކޭވެސް ނުބުނެވޭނެއެވެ. ޔޫކްރެއިނުން ގެންދަނީ އިންކާރު ކުރަމުންނެވެ.

މޮސްކޯއަށް ޙަމަލާދިން މީހުން އަތުލައިގަތުމުގައި މުސްލިމުންގެ އާބާދީ ގިނަ ރަޝިޔާގެކުރީގެ ދެ ޖުމްހޫރިއްޔަތެއް އެހީތެރި ވެފައިވާކަމަށް ބެލެވެއެވެ. އެ 2 ޖުމްހޫރިއްޔާއިންވެސް ރަޝިޔާއާއެކު ވަރަށް ގާތް ގުޅުމެއް އޮންނަކަން ފާހަގަކުރެވެއެވެ.

ތަޖިކިސްތާނުގެ ރަސްމީ އިދާރާތަކުން ބުނެފައިވަނީ އެ ޙަމަލާގެ ތަޙުގީގުތައް ކުރެވެމުންދަނީ އެ ގައުމުގެ ރައީސް އިމޯމަލީ ރަޙްމާނޯވްގެ ސީދާ ބެއްލެވުމުގެ ދަށުންކަމަށެވެ.  

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެ ޙަމަލާގައި ތަޖިކުން ބައިވެރި ވުމަކީ “ ލަދުން ބޯހަލާކުވެދާފަދަ އަމަލެއް ކަމަށެވެ“.އެމަނިކުފާނުގެ ބަސްފުޅުންނަމަ “ ޓެރިބްލް އެންޑް ޝޭމްފުލް އިވެންޓެކެވެ ”. 

ސީރިޔާގައި އިސްލާމިކް ސްޓޭޓުއޭ ކިޔާބައިގަނޑުބަލިކުރުމަށްޓަކައި އެމެރިކާ ސިފައިންނާއިއެކު ރަޝިޔާސިފައިންވެސް ބައިވެރިވެފައިވުން ނޫން އެހެން ސަބަބެއް އެ ޙަމަލާއާގުޅޭގޮތުން ވިސްނިވަޑައި ނުގަންނަވާކަމަށްވެސް ވިދާޅުވިއެވެ. 

ސީރިޔާއިން ފައްސާލީމާ ބައިބައިވެގެން ދިޔަ ހަނގުރާމަވެރިންގެ ތެރޭން ބަޔަކު ދެން އެ ފައިހަރުކޮށްލާފައިވަނީ އަފްގާނިސްތާނުގެ ކޮރާސާން ސަރަޙައްދުގައެވެ. އަދި މިހާރު މަސައްކަތްކުރަމުންގެންދަނީ އައި. އެސް. އައި. އެސް ކޮރާސާންގެ ނަމުގައި އަފްގާނިސްތާނާއި ޕާކިސްތާނާއި ތުރުކުމަނިސްތާނާއި ތަޖިކިސްތާނާއި އުޒުބަކިސްތާނާއި އަދި އީރާނުވެސް ހިމެނޭގޮތުގައި ޚިލާފަތެއް  އުފެއްދުމަށެވެ. އަނެއް ނުރައްކާތި ރޭވުންގަނޑެވެ. މިމީހުންގެ އެނެއް މަދަދުގާރަކީ ޔަހޫދީ ޒައަނިސްޓުން ކަމަށްވެސް މިހާރު ލިބެމުންދާ ހެކިތަކުން ހާމަވަމުން ދެއެވެ.

އުމުރުން 29 އަހަރުގެ ސަނާއުﷲ ޣައްފާރީ އަކީ އަފްޣާނިސްތާނު ގޮފީގެ ލީޑަރޭ ބުނެއެވެ. އޭނާގެ މަސައްކަތުން މިއަދު އެ ޖަމާޢަތަކީ އިސްލާމުންނަށްޓަކައި ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ޖަމާއަތް ކަމުގައި ހަދައިފިއެވެ. ބޭނުން ކުރާ ނަން ”އިސްލާމިކް ސްޓޭޓް“ ނަމުންނާއިކަމުން، މިވަނީ ދުޔެއަށް އޮޅުވާލައިފައެވެ.

މި މަހުގެ ކުރީކޮޅުގައިވެސް އިމޯމަލީ ރަޙްމާނޯވް ވިދާޅުވެފައިވަނީ އިސްލާމްދީނުގެ ހައްދުފަހަނަޅާފައިވާ އިލްމުވެރިތަކެއް ތަޖިކް ޒުވާނުންގެ ސިކުނޑިތަކާއި ކުޅެން މަސައްކަތް ކުރަމުންދާތީ އެކަމާއިމެދު ވިސްނާތިބުމަށް އިންޒާރު ދެއްވާފައެވެ.

ރަޝިޔާގެ އެފް. އެސް. ބީ. ސެކިއުރިޓީ ސަރވިސްގެ ޑިރެކްޓަރ އެލެގްޒެންޑަރ ބޯރނިކޯވް އަންދާޒާކުރާ ގޮތުގައި ރަޝިޔާއަށް ޙަމަލާ ދިނުމުގައި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 11 މީހުންނަށްވުރެން އެކަމުގައި ބައިވެރިވެފައިވާ މީހުން މާގިނަވާނެ ކަމަށެވެ. ހުޅަނގުގެ ޖާސޫސީ އިދާރާތަކާއި އަދި ޔޫކްރެއިނުންވެސް ބޭނުންވާނީ ރަޝިޔާގައި ބިރުވެރި ކަމުގެ އޮށް އިންދާށެވެ. 

ބޯރނިކޯވް ބުނެފައިވާގޮތުގައި ރަޝިޔާއަށް ދިން ޙަމަލާގައި ޔޫކްރެއިނުން ކުޅެފައިވާ ދައުރު އޮތީ ހާމަޔަށް ފެންނާށެވެ. މެދު އިރުމަތީގައި އެ ހަނގުރާމަވެރިންނަށް ތަމްރީނު ދީފައިވަނީ ޔޫކްރެއިނުންނެވެ.

ރަޝިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާގޮތުގައި މިއީ ގާނޫނު ތަންފީޒު ކުރުމަށް މެދުވެރިވި މުޅިން އާ ގޮންޖެހުމެކެވެ.

ރަޝިޔާގެ ރައީސް ވިދާޅުވެފައިވަނީ މި ޙަމަލާދިން މީހުންނަށް ޙައްގު އިންސާފު ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. މިވަގުތު ތަޙުގީގު ކުރިއަށްދާތީ އެ ޙަމަލާއާއި ޔޫކްރެއިނާބެހޭ ގޮތުން ރަޝިޔާއިން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާކަން ވަނީ ހާމަ ކޮށްފައެވެ.         

Loading

One Response

  1. ރާއްޖޭގައި ނެރޭ ގިނަ ނޫސްތަކާ ޚިލާފަށް ސަންދާނުގެ ޚަބަރުތައް ހުންނަނީ ވަރަށް ތަފްސީލާއެކުގައެވެ. ޚަަބަރު ކިޔާ ނިމޭއިރު އެ ކަމަކާގުޅޭގޮތުން ސާފުކުރަން ބޭނުންވެދާނެ އިތުރު މައުލޫމަތެއް ނުހުރެއޭ ވެސް ބުނެވިދާނެއެވެ. ހަމަކަށަވަރުންވެސް މި ކަމުގައި ސަންދާނުގެ އެޑިޓަރަށް ތަރުހީބުދޭން ޖެހެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް