ޔުނައިޓެޑް ނޭޝަންސްގައި އިސްރާއީލުގެ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ފާސްކުރި ގަރާރުގައި އެމެރިކާއިން އިސްރާއީލާ އެއްކޮޅަށް ވޯޓު ނުދިނުމުން މިފަހަކަށް އައިސް ވަރިފަށުގައި އުޅޭ ތިންބިލިއަން ޑޮލަރުގެ އަގުބޮޑު ނަހަލާލު ކައިވެނީގެ އަނބިމީހާ ތިންފަށް ވަރިއަކާ ދިމާލަށް ހިނގައިދާނެކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ.
އަދި އެމައްސަލާގައި މަޝްވަރާކުރަން މި ހަފުތާގެ ތެރޭގައި އަނބިމީހާގެ ފަރާތުން އެމެރިކާއަށް ފޮނުވަން ނިންމާފައި އޮތް ވަފުދުވެސް ނުފޮނުވާގޮތަށް ބޮޑުވަޒީރު ނަތަންޔާހޫ ނިންމައިފިއެވެ.
ސެކިއުރިޓީ ކައުންސިލްގައި ފަލަސްތީނުގައ ޚާއްސަގޮތެއްގައި ފަލަސްތީނުގެ ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ރޯދަމަސް އުޒުރަކަށް ހަދާފައި ނަމަވެސް ވަގުތުން ހުއްޓާލުމަށް އަމުރުކޮށް ނެގުނު ވޯޓުގައި އެމެރިކާއިން ބައިވެރި ނުވުމުގެ ސަބަބުން އިސްރާއީލުގެ ގުޅިފައިވާ ސަރުކާރުގެ ހައްދުފަހަނަޅާފައިވާ ވެރިންތިބީ ކުއްލި ޙައިރާންކަމެއް ލިބިފައެވެ. އެހެނީ ބެލެވޭ ގޮތުގައި ދެގައުމުގެ ސަރުކާރުން އެއްބަވެފާވާގޮތުގެ މަތީން ޔަހޫދީ ޒައަނިސްޓް އިސްރާޢީލުގެ ސަރުކާރު ބޭނުންނުވާ ގޮތަކަށް ޔޫ. އެން. އިން ނެގޭ ކޮންމެ ވޯޓެއް އެމެރިކާއިން ވީޓޯ ކުރާނެއެވެ.
ފާއިތުވެގެންމިދާ ދުވަސްތަކުގައި ބޮޑު ވަޒީރު ނަތަންޔާހޫ ގެންދަނީ އެމެރިކާ ސަރުކާރާއި އަދި ކޮންގްރެސްގެ ބޭފުޅުން ވަރަށް ފާޅުގޮތެއްގައި އޭނާ ގެ ސިޔާސީ ކުރިމަގުގައި އަލުން ކޮޅަށް ނުތެދުވޭވަރަށް ކަކުލު ހުޅުން ވާގިނައްތާލަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ރުޅިވެރިކަން ފާޅުކުރަމުންނެވެ.
ވައިޓްހައުސްގެ ރަސްމީ ތަރުޖަމާނު ޖޯން ކާރބީ ބުނެފައިވަނީ ބޮޑުވަޒީރު ނަތަންޔާހޫގެ ވިސްނުންހުރިގޮތާއިމެދު އެމެރިކާއިން އިންތިހާއަށް ކަންބޮޑުވާކަމަށް ބުނެފައެވެ. އެހެންނަމަވެސް ދެ ގައުމުގެ ގުޅުން ކުރިމަގުގައި އަދިވެސް ކޮޅަށް ޖެހުމުގެ ފުރުސަތު ނުގެއްލޭ ކަމަށް އުންމީދުކުރާ ކަމަށެވެ.
ރައީސް ބައިޑަން އާއި ބޮޑުވަޒީރު ނަތަންޔާހޫގެ ގުޅުމަށް މިހާރު ސާޅީސް އަހަރުވަނީއެވެ. ބައިޑަން ބުނާގޮތުތައި އޭނަޔަކީވެސް ޒައަނިސްޓް އެކެވެ. މާޒީގައިވެސް ހުރިހާ ވަގުތެއްގައި ހުރިހާކަމަކަށް ދެބޭފުޅުން އެއްބަސް ވެފައެއް ނުވެއެވެ. ތަފާތުތައްވަނީ އުފެދި ޙައްލު ކުރެވިފައެވެ.
ރައީސް ބައިޑަން އާއި ބޮޑުވަޒީރު ނަތަންޔާހޫގެ ދެމެދު މިފަހަރު އާދަޔާ ޚިލާފަށް ފުޅާވެގެން މިދިޔަ ދެބަސްވުމުގެ ރެނދަކީ ރަފާޙް އަށް އިސްރާއީލުގެ ސިފައިން އަރާގަނެފާނެކަން ޝައްކު ކުރެވެން ފެށި ހިސާބުން އެކަން ނުކުރުމަށް އެމެރިކާއިން އިންޒާރުދެމުން ގެންދިޔަ ކަންތަކެކެވެ. އެހެނީ އެމެރިކާއަށް ތެޔޮދޭ ޢަރަބި ގައުމަތަކުން އެކަން ކޮށްފިނަމަ އެމީހުނަށްވެސް ދެލޯމަރާލައިގެން ފަލަސްތީނުގެ ރައްޔަތުން މަރަން ލައިސަންސް ދީގެން ނުތިބެވޭނެކަށް ބުނެފާވުމުންކަމަށް ބެލެވެއެވެ.
އިސްރާއީލުން ކެންސަލްކުރި ވަފުދުގެ ދަތުރުގެ މަގުސަދަކަށް ވެފާއޮތީ ރަފާޙްގައި ތޮއްޖެހިފައިވާ މިލިއަނަކަށް ވުރެން ގިނަ ރައްޔިތުންނަށް އިސްރާއީލުގެ ޙަމަލާތަކުން ލިބޭނެ ގެއްލުމާއި މަރުވެގެން ހިނގައިދާނެކަމަށް ބެލޭވޭ މީހުންގެ މައްސަލާގައި މަޝްވަރާކޮށްގެން އެކަން ހުއްޓުވުމޭ އެމެރިކާއިން ބުނެއެވެ.
ރަފާޙް އަށް އެއްގަމު މަގުން ޙަމަލާތައް ދިނުމަކީ ބޮޑުވެގެންވާ އިންސާނީ ކާރިސާއަކަށް ވެގެންދާނެކަން އިސްރާއީލަށް ވިސްނާދިނުމެވެ. އެމެރިކާގެ ވާހަކަޔަކީ މިއަދު ދުނިޔެ ދަންނަ ވާހަކަތަކެކެވެ.
ޕެންޓަގަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ ބުނެފައިވަނީ ރަފާޙް ގައި ދިރިއުޅެމުންދާ މީހުންގެ އަދަދަށް ބަލާއިރު އެއްވެސް އާރެއް ބާރެއް ނެތް އާންމު ރައްޔިތުންގެ ތެރެއަށް އެއްގަމު މަގުން ޙަމަލާދިނުމަށް ވުރެން ބޮޑު ގޯހެއްއިސްރާޢީލަކަށް ނުހެދޭނެ ކަމަށެވެ. ރަފާޙް އަށް ޙަމަލާ ނުދިނަސް ޙަމާސްއާ ދޭތެރޭ ކަންތައް ކުރެވިދާނެ ކިތަންމެ ގޮތެއް އޮންނާނެއެވެ.
ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްގެ ގަރާރުގައި ޙަމާސްއިން ރަހީނު ކޮށްފައިތިބި އިސްރާއީލުގެ 130 މީހުން ވަގުތުން ދޫކޮށްލަން ހިމަނާފައި އޮތްނަމަވެސް ނަތަންޔާހޫ ބުނެފައިވަނީ އެމެރިކާއިން އެ ގަރާރާއި ދެކޮޅަށް ވޯޓު ނުދިނުމަކީ ރަހީނުން މިނިވަންކުރަން އިސްރާއީލުން ކުރަމުންގެންދާ މަސައްކަތުގައި ލިބުނު ނާކާމިޔާބެއް ކަމަށެވެ. އިސްރާއީލުގެ ވަފުދު އެމެރިކާއަށް ނުފޮނަން ނިންމީ މިސަބަބަށްޓަކައެވެ.
ޔުނައިޓެޑް ނޭޝަންސްގެ ގަރާރާއި ގުޅިގެން އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ފާރ-ރައިޓް އަށް ނިސްބަތް ކުރެވޭ ވަޒީރު އިތާމަރ ބެން ގުވިރު ބުނެފައިވައިވާ ކަމަށް ނިއުޔޯރކް ޓައިމްސް އިން ހާމަކޮށްފައިވަނީ އެ ގަރާރާ ދެކޮޅަށް އެމެރިކާއިން ވޯޓު ނުދިނުމުން އެނގި ހާމަވެގެންދަނީ މިނިވަން އަމާން ދުނިޔެއެއް ދެކިވަޑައިގަތުމުގެ އެދުންފުޅަށް ވުރެން ބޮޑަށް ރައީސް ބައިޑަން ހުންނެވީ އެމަނިކުފާނުގެ ރިޔާސަތު ކާމިޔާބު ކުރުމުގެ ބޭނުން ވެފައިކަމަށެވެ.
ޙަމާސްގެ ޓެރަރިޒަމަށްވެސް ރުހި ވަޑައިގެންފައިކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ޔުނައިޓެޑް ނޭޝަންސް އިން އިސްރާއީލާއި ޙަމާސްގެ ހަނގުރާމައި ފާސްކުރަން އުޅުނު ތިން ގަރާރުވެސް ފޭލިކޮށްލި އެމެރިކާ ބުނެފައިވަނީ އިތާމަރ ބެން ގުވިރު ގެ ވާހަކަތަކަކީ ދެކޮޅުނުޖެހޭ ބަކްވާސް ވާހަކަ ތަކެއް ކަމަށެވެ.
ޖޯން ކާރބީ ބުނެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު އޮފީހުން ހީކުރަނީ އިސްރާއީލާއެކު އެމެރިކާގެ ގުޅުން ބަދަލުވެއްޖެ ކަމަށެވެ. އެކަމަކު އެއީ ޙަގީގަތެއް ނޫނެވެ. އެމެރިކާއަށް އެންމެ ފައިދާ ކުރަނިވި ސިޔާސީ ފައިސަލާއެއް ކުރުމަކީ އެމެރިކާއިން އަބަދުވެސް ކަންތައް ކުރާނެ ގޮތެވެ. ހީއެއްގެ މައްޗަށް ބިނާކޮށް ބޮޑު ވަޒީރުގެ އޮފީހުން އެމެރިކާއަށް ދުވާލުގެ އިރު ދައްކާކަށް ނުޖެހޭނެއެވެ. އެމެރިކާއަށް އިރު ފެންނާނެއެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ރަސްމީ ތަރުޖަމާނުގެ ވާހަކައިގާ ބުނެފައިވަނީ އެމެރިކާއިން އެ ގަރާރަށް ވޯޓު ނުދޭނެކަން ކުރިންވެސް އޮންނާނީ އިސްރާއީލަށް އަންގާފައި ކަމަށެވެ.އެއީ އެމެރިކާގެ ސިޔާސަތު ބަދަލުވުމެއް ނޫނެވެ. ދެން އެކަމާއި ދޭތެރޭ މިހާރު އެމެރިކާއަށް މެދު އިނގިލި ދިއްކުރުމަކީ ބޭކާރު ކަމެކެވެ.
މިހުރިހާ ވާހަކަތަކެއް ދައްކާފައިވެސް ވައިޓްހައުސް ތަރުޖަމާނު ޖޯން ކާރބީ އާއި ޕެންޓަގަން ތަރުޖަމާނު ބުނަމުން އެގެންދަނީ ޔުނައިޓެޑް ނޭޝަންސް ގެ ގަރާރުތަކަކީ އެއަށް އަމަލުކުރުން ލާޒިމު އެއްޗެއް ނޫންކަމަށެވެ.
މިހާހިސާބުން ދުނިޔޭގެ ހަމަބުއްދީގައި އުޅޭ ބައެއް ބޭފުޅުންގެ ކޮމަންޓްގައި ހުރީ، ދުނިޔޭގެ ހުރިހާ ގައުމަކުން އެއްތަނަކަށް ޖަމާވެ ވަކިގޮތަކަށް ކަމަކާއި ދޭތެރޭ ފައިސަލާކުރީމާ އެއަށް އަމަލު ކުރަން ނުޖެހޭ ކަމަށްވާނަމަ އެއްވުމުގެ ބޭނުމާއި އެތައް ޚަރަދެއް ކޮށްގެން ބޮޑު އިމާރާތެއްގައި އޮފީހެއް ހިންގުމުގެ ބޭނުމަކީ ކޮބައިބާވައެވެ. މިސަލަކަށް އަޅުގަނޑުމެން ކޮފީއަކަށްގޮސްތިބެ ވާހަކަ ދައްކާލާފައި ރާއްޖޭގައި
މިހާތަނަށް ބައިނަލް އަގްވާމީ ވެއްޓެއްގައި އިސްރާއީލާ ދެކޮޅަށް އެމެރިކާއިން މިވަރުގެ ކަމެއްވެސް ކޮށްފާ ނުވާއިރު ރައީސް ބައިޑަން އާއި އެމެރިކާގެ ރަސްމީ ފަރާތްތަކުން ދެކެނީ އެމެރިކާއިން އެޅި ފިޔަވަޅަކީ މި ވަގުތު ކޮންމެހެންވެސް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ. ގައްޒާއަށް ބޭނުންވާ އިންސާނީއެހީ އެއްވެސް ހިފޭއްޓުމެއްނެތި ގައްޒާއަށް ލިބިލިބި ހުންނަން ޖެހޭނެއެވެ. އެއީ ސިޔާސީގޮތުން އެމެރިކާގެ ނިންމުމެކެވެ. ގާޒާގައި ނުވަތަ އެހެންވެސް ދިމާލެއްގައި އިންސާނީ ކާރިސާއެއް ހުއްޓުވުމަށް އިންސާނީގޮތުން އަޅާ ފިޔަވަޅެއް ނޫންކަމެވެ.
އެމެރިކާގެ ވަރަށް ގިނަ ރަސްމީ ފަރާތްތަކަކަށް ޙަވާލާދީ އެގްސިއޯސް އިން ބުނެފައިވަނީ އިސްރާއީލުގެ ވާހަކަތަކަކީ އިސްރާއީލުގެ ރައްޔިތުންގެ ރުހުން ހޯދުމުގެ ބޭނުމުގައި ފަތުރަމުން ގެންދާ ހުސްއަނގަތަކެއް ކަމަށެވެ. އަދި ޙަގީގަތަކީ ބެންޖާމިން ނަތަންޔާހޫ ފޭލިވެފައި ވުމެވެ.
އެމެރިކާގެ ވިސްނުމާ އެއްގޮތަށް ކަންތައްކުރަން ތައްޔާރަށް ހުރިނަމަ އޭނާއަށް މާ މޮޅުވީހެވެ. އޭރުން ކޮންމެއަހަރަކު އޭނާގެ ގޮތެއް ފޮތެއް ނެތް ހަނގުރާމައަށް އެމެރިކާގެ ޓެކްސް ޕޭޔަރުން އަތުން ހޭދަކުރާ 3.3 ބިލިއަން އެމެރިކާޑޮލަރު ދިނުމަށްވެސް އެމެރިކާ ރައްޔިތުން ޢިއުތިރާޒު ނުކޮށް ތިބީސްކަމަށެވެ.
މިވަގުތު އެމެރިކާއި ހުރި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް އެމެރިކާގެ ދިފާއީ ވަޒީރު އައުސްޓިން އާއި ޚާރިޖީ ވަޒީރު ބްލިންކަން އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލިވާން އާއި ބައްދަލު ކުރައްވާނެ ކަމަށް ވައިޓްހައުސްއިން ހާމަކޮށްފައިވެއެވެ.
މި ބައްދަލު ކުރެއްވުން ތަކުގައި ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގާ އާންމުރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ރަހީނުން މިނިވަންކުރުމާއި ރަފާޙް ގައި ތޮއްޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ހޯދާދިނުމާއި ދޭތެރޭ ވާހަކަ ދެކެވޭނެކަމަށް ޕެންޓަގަނުން ހާމަކޮށްފައިވެއެވެ.
5 Responses
އެމެރިކާ ތެދެއް ނުބުނާނެ. މުޅިން ވެސް ދިފާޢީ. މަކަރާއި ހީލަތް
ތިޔައީ ވަރަށް ނުރައްކާތެރި ދެ ޖަނަވާރުން . އިންސާނުންގެ ސިފައިގައި ތިބި ދެ ޙައިވާނުން. ޖެނޮސައިޑް މާސްޓަރސް އެންޑް ކޯ
އެއީ ދައްކާލުމެއް އިންތިހާބަށްފަހު އެކަތިގަޑަކައްވާނެ
އެމެރިކާއަށްވެސް ބަސްމަގު ބަދަލު ކުރުން ނޫން އެހެން ގޮތެއް ނެތީއެވެ. މިހާރުވެސް ބަސްބުނުމާއި ގަސްދުކުރާގޮތުގައި މަކަރުވެރިކަން އެކުލެވިފައި ނެތްކަމަށް ގަބޫލު ނުކުރެވޭނެއެވެ. ކޮންމެ އަހަރަކު 3 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރަން ޖެހޭ ( ނަހަލާލު ) އަންބަކުގެ ނުފޫޒު އަންދާޒާވެސް ނުކުރެވޭނެއެވެ.
މިހާރުވެސް އެކަތިގަނޑެއް. މުޅި ނަހަލާލު ކައިވެންޏަށް 57 އަހަރު ވެފާ ވާއިރު މިހާރު އިނދެގެން އުޅޭ މީހާއާއެކު އުޅޭތާ ސާޅިސް އަހަރު ވެއްޖެކަމަށާއި ޖެހޭ މައްސަލަތައް ހައްލުކުރާނެގޮތް އެނގޭ ކަމަށް އެއޮތީ ބުނެފާ ނޫންހެއްޔެވެ. ބައެއް މީޑިއާތަކުން ބުނެފާ އެބައޮތް މިދިޔަ ހަފުތާގައި 3 ބިލިއަން ޑޮލަރުގެ ހަތިޔާރު ހަދިޔާ ކުރި ވާހަކަ. ދެން ނުރުހުފާ ތިބޭނީ ކިހެނެއް ހެއްޔެވެ…!