ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ތިން ދޯންޏަކަށް އިންޑިއާގެ ކަނޑުގެ ސިފައިން އެރީ މިސް ކޮމިއުނިކޭޝަންއެއްގެ ތެރެއިން ކަމަށް އެ ގައުމުން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގައިފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ “އަސުރުމާ 3“ އާއި “ނިރު 7“ އާއި “މާހޯރަ 3“ ދޯންޏަށް އިންޑިއާގެ ސިފައިން އެރީ ޖެނުއަރީމަހުގެ 31 ގައެވެ.
އޭގެފަހުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެރޭ މާހޯރަ ދޯންޏަށް ދެވަނަ ފަހަރަށް އަރާފައި ވެއެވެ.
އެގޮތުން ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކަށް އެނގުމަކާ ނުލައި ގާނޫނުތަކާއި ގަވާއިތަކާ ޚިލާފަށް އިންޑިއާ ސިފައިން ދޯނިތަކަށް އެރި މައްސަލައިގެ ތަފުސީލު ހޯދުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ރާއްޖޭގެ މަސްދޯނިތަކަށް އެމްއެންޑީއެފްއަށް އެންގުމަކާ ނުލައި އިންޑިއާ ސިފައިން އެރީ މިސް ކޮމިއުނިކޭޝަންއެއްގެ ތެރެއިން ކަމަށް އެ ގައުމުން އަންގާފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރި ސަބަބެއް ކަމަށް އަންގާފައިވަނީ އެ ދޯނިތަކުގައި ސެޓެލައިޓު ފޯނު ގެންގުޅޭތީ ކަމަށެވެ.
އިންޑިއާގެ ޖަވާބަކީ ގަބޫލުކުރައްވާ ޖަވާބެއްތޯ ނުވަތަ އެކަމުގައި ފޮރުވިފައިވާ އެހެންކަމެއް އޮވެދާނެތޯ މެންބަރަކު ސުވާލު ކުރެއްވުމުން ޣައްސާން ވިދާޅުވީ އެއީ މިސް ކޮމިއުނިކޭޝަންއެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށެވެ.
ވެސަލް މޮނިޓަރިންގ ސިސްޓަމުން ބަލާއިރު ހާދިސާ ހިނގި ތާރީޚުގެ ކުރީގައި ފާއިތުވި އެއްމަސް ދުވަހުގެ މޫވްމެންޓަށް ބަލާއިރު ދޯނިތަކުގެ ހަރަކާތްތައް ހުރީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައެވެ. އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުން އިންޑިއާ ސިފައިން ދޯނިތަކަށް އަރައި ބަލައި ފާސްކުރިއިރު ދޯނީގެ ފަޅުވެރިން ތިބީ ދެރަމުކޮޅާއި ކޮޅުފަސްކޮޅުގައި ވަކިން ބައިތިއްބާފައެވެ. އިންޑިއާ ސިފައިން އެންމެ ބޮޑަށް މަސައްކަތް ކުރީ ދޯނިތަކުގެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދުމަށެވެ. އަދި ހެކި ނައްތާލުމަށް ވެސް އިންޑިއާ ސިފައިން މަސައްކަތް ކުރިއެވެ.
ދޯނިތަކަށް އިންޑިއާ ސިފައިން އަރައި ކުއްލިއަކަށް ދިމާވި ކަންކަމުގެ ސަބަބުން ފަަޅުވެރިންނަށް ތިބީ ނަފުސާނީ ގޮތުން ވެސް އަސަރުކޮށްފައެވެ.