ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ ބޮޑުވެ އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި ބުރާސްފަތި ރޭ ފަތިހު އަދި ރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެންނެވެ.
އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހަސަން އާދަމް މިސްކިތުގައި ތަރާވީސް ނަމާދު ކުރިއަށްދަނިކޮށް އެ މިސްކިތުން ކަރަންޓުގެ ޚިދުމަތް ރޭ މެދުކެނޑިފައިވަނީ އެ މިސްކިތާ ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކުކޮށްލައިގެން ބަޔަކު ވަދެ އޭގެ ބައިތައް ވަގަށް ނަގަން މަސައްކަތް ކުރުމުން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
“މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް.“ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވަނީ މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ގޮވައިލައްވައިފައެވެ. އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށް ފިޔަވަޅުއަޅައިދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ގޮވައިލެއްވިއެވެ.
ފޮޓޯ: ޙުސައިން ފަހުމީ/އެކްސް