ޙަމާސްއަކީ ޓެރަރިސްޓުން: ފަލަސްތީނުގެ ލީޑަރޝިޕް

Loading

Facebook
Twitter
WhatsApp

މިދިޔަ އަހަރު އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ޙަމަލާއާއި ގުޅިގެން ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލުއާންމުގެ އަސްލަކީ ޙަމާސްގެ ޓެރަރިސްޓުން ކަމުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްގެ ސިޔާސީ ޕާރޓީ ފަތަޙް ޖަމާއަތުންބުނެފިއެވެ.

ފަތަހް ޕާރޓީގެ ފަރާތުން ނެރުނު ބަޔާނުގައި ޙަމާސްގެ ލީޑަރުން ގަތަރުގައި ދިރިއުޅުއްވަމުން ގެންދަވާ ހިތްފަސޭހަ އަރާމު ދިރިއުޅުމަށާއި އެ ޖަމާޢަތުން އިރާނާއެކު އޮންނަ ގުޅުމަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ.                                                   

ޙަމާސްގެ ވެރިން ގަތަރުގެ ފަސްތަރި ހޮޓެލް ތަކުގައި ދިރިއުޅެމުން ގެންދާއިރު ގައްޒާގެ ރައްޔިތުން ހަނގުރާމައިގެ އަނިޔާވެރި އަމާޒަކަށްވެ ދިރިއުޅުމާއި ގެދޮރާ އަނބިރަރިން ގެއްލިގެންދާއިރު އެކަމަށް ފަރުވާލެއް ނުބަހައްޓާކަމުގައެވެ. ފަތަޙް ޖަމާއަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިދުވަސްވަރަކީ ފަތަޙް ޖަމާޢަތުން ކޮންޓްރޯލް ކުރަމުންގެންދާ ފަލަސްތީނުގެ ބިންތަކުގައިވެސް ޙަމާސްގެ ކެރުމާއި ޖިހާދަށް ސަޕޯޓް އިތުރުވަމުންދާ ދުވަސްވަރުމެއެވެ. އެހެންކަމުން ފަތަޙް ޖަމާޢަތަށް، އަނެއްކާވެސް ފަލަސްތީނުގައި މިނިވަން އިންތިޚާބެއް ބޭއްވިއްޖެނަމަ ކުރީފަހަރެކޭ އެއްގޮތަށް ބޮޑުތަނުން ބަލިވާނެކަމަށް މަސްރަޙް ދިރާސާ ކުރަންވާ ބޭފުޅުންދަނީ ބުނަމުންކަން ފާހަގަކޮށްލެވެއެވެ.           

ޖެރޫސަލަމް ޕޯސްޓުން ބުނެފައިވާ ގޮތުގައި ފަތަޙް ޖަމާޢަތުގެރުޅިވެރިކަމުގެ އަސްލަކީ ފަލަސްތީނުގެ ބޮޑުވަޒީރު މީގެ ކުޑަދުވަސްކޮޅެއް ކުރިން އިސްތިޢުފާ ދެއްވުމާގުޅިގެން ވަގުތީ ބޮޑުވަޒީރަކަށް މަޙުމޫދު އައްބާސް އައްޔަންކުރެއްވި މުޙައްމަދު މުސްތަފާއާއި ދޭތެރޭ ޙަމާސްގެ ހިތަހަމަނުޖެހުން ހާމަކުރުމެވެ.

ޢައްބާސްގެ މުސްކުޅިފުޅުކަމާއި ފަލަސްތީނު ރައްޔަތުންގެ އަޣުލަބިއްޔަތެއްނެތި ހުންނަވާ ހުންނެވުން އެއީ ފަލަސްތީނަށް މިނިވަންކަން ހޯދުމައްއޮތް ހުރަހެއްކަމަށްވެސް ޙަމާސްއިން ވަނީ ބުނެފައެވެ.

ޖެރޫސަލަމް ޕޯސްޓުން ބުނެފައިވާ ގޮތުގައި ޙަމާސް އިން ނުރުހުން ފާޅުކޮށްފައިވަނީ އެއްވެސް މަޝްވަރާއެއް ކުރުމަކާއިނުލައި މިފަދަ ނާޒުކު ދަނޑިވަޅެއްގައި މުޙައްމަދު މުސްތަފާ ބޮޑުވަޒީރަކަށް އިޚްތިޔާރުކުރުގެ ސަބަބުންނެވެ.

މީގެ ކުރިން މުސްތަފާ ހުންނެވީ ރައީސް މަޙުމޫދު އައްބާސްގެ އިގްތިސާދީ މުޝީރުގެ މަގާމުގައެވެ. މަޙުމޫދު އައްބާސް މުސްތަފާއަށް އަންގަވާފައިވަނީ ގައްޒާއާއި ހުޅަނގު އައްސޭރި އެއްބައި ވަންތަ ކުރުމަށާއި ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަނާއި ފަސާދަ ނައްތާލައި އިގްތިސާދީ ގޮތުން ފުދުންތެރި ތަނަކަށް ފަލަސްތީނު ހެދުމަށާއި އަދި ފަލަސްތީނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ މަގެއް އިޚްތިޔާރު ކުރުމަށެވެ.

މުސްތަފާ އުފަންވެ ވަޑައިގަތީ 1954 ވަނަ އަހަރު ހުޅަނގު އައްސޭރީ ތުލްކާރަމް އަށެވެ. އެމަނިކުފާނަކީ އެމެރިކާގެ ޖޯޖް ވޯޝިންގްޓަން ޔުނިވަރސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.              

މުޙައްމަދު މުސްތަފާ އައްޔަން ކުރުމަށްފަހު މަޙުމޫދު އައްބާސް ވިދާޅުވީ އެމެރިކާއިން ފަލަސްތީނުގެ ރައްޔިތުންނަށް އަމާން ކަމާއިއެކު ހިތްހަޖެހޭ ދިރިއުޅުމެއް ކަށަވަރު ކުރުމަށާއި އަދި އެކަންކަން ތަންފީޒުކޮށް ހިންގުމުގައި އަހަރެމެންގެ ސިޔާސަތަށް އެޑްވަޒަރީ ލަފާދެމުން ގެންދާނޭކަމުގައެވެ.                  

ބޮޑުވަޒީރު މުޙައްމަދު މުސްތަފާއާ ދޭތެރޭ ޙަމާސް އިން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ގެންދާއިރު ޙަމާސް އިން އިސްރާއީލަށް ޙަމަލާދިނުމުގެ ކުރިން ފަލަސްތީނުގެ ސަރުކާރާއިއެކު ނުވަތަ ފަލަސްތީނުގެ އެއްވެސް ސިޔާސީ ޕާރޓީއަކާއި އެކު މަޝްވަރާކުރިންތޯ ފަތަޙް ޖަމާއަތުން ސުވާލު ކުރެއެވެ. އަދި 1948 ގެ ނަޚްބާގެ ފަހުން ގައްޒާގެ ރައްޔިތުން މިވަރުގެ ހިތްދަތި ޙާލަތަކާ ކުރިމަތި ލާންޖެހިގެން މިއުޅެނީ ކޮންބަޔަޔާ ހެދި ތޯ ވެސް ފަތަޙް ޖަމާއަތުން ގެންދަނީ ހަމާސްއަށް ސުވާލު ރައްދު ކުރަމުންނެވެ.

މުޙައްމަދު މުސްތަފާ އިޚްތިޔާރު ކުރެވިފައިވަނީ ގައުމީ އެޖެންޑާއެއް ފުރިހަމަކުރުމަށް ކަމަށާއި ރައްޔިތުން ބަނޑުހައިހޫނުކަމުގައި މަރަން ނޫންކަން ދޭހަވާ އިބާރާތްވެސް ފަތަހް ޖަމާއަތުގެ ބަޔާނުގައި ބޭނުން ކޮށްފައިވާމަކަށްވެއެވެ.    

ގައްޒާގައި ޙަމާސް އިން ކުރަމުން ގެންދާ ވެރިކަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހިތްދަތިކަމާއި ނުކުޅެދުންތެރިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް ޙާސިލު ކުރިވިފައި ނުވާކަމަށެވެ.

ޙަމާސްއަށް ފުރުސަތު ލިބިއްޖެނަމަ ބޮޑުވަޒީރަކަށްވެސް އިޚްތިޔާރު ކުރާނީ އީރާނުގެ މީހެއް ކަމަށާއި ނުވަތަ ބޮޑުވަޒީރަކު އިޚްތިޔާރު ކުރުންވެސް ދޫކޮށްލާނީ އީރާނުގެ އަތްމައްޗަށް ކަން ދޭހަވާގޮތަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

Loading

One Response

  1. މަޙުމޫދު އައްބާސް ވިދާޅުވީ އެމެރިކާއިން ފަލަސްތީނުގެ ރައްޔިތުންނަށް އަމާން ކަމާއިއެކު ހިތްހަޖެހޭ ދިރިއުޅުމެއް ކަށަވަރު ކުރުމަށާއި އަދި އެކަންކަން ތަންފީޒުކޮށް ހިންގުމުގައި އަހަރެމެންގެ ސިޔާސަތަށް އެޑްވަޒަރީ ލަފާދެމުން ގެންދާނޭކަމުގައެވެ.
    މީތި ވަރަށް ސަޅިއެވެ. މަހްމޫދު އައްބާހަށްވެސް މިހުރީ ޖޯ ބައިޑަން އަށް ވާގޮތް ވެފާހެން ހާދަ ހީވެއެވެ. އެހެންނާފަހެ އެމެރިކާގެ ރައީސްކު ފަލަސްތީނުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ހެޔޮއެދިގެން މަޝްވާރާ ދޭނެ ވާހަކަ ބުނީމާ ހިތަށް އަންނަނީ ކުރިޒަމާނުއްސުރެން ދިވެހިންގެ ތެރޭގައި މަޝްހޫރު މިނިކާވަގާއި ބަކަރީގެ ވާހަކައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް