ކުރު ވާހަކަ: ސުއްޓާ ތައުމީނުކުރުން: (އިންޝުއަރކުރުން)

Loading

Facebook
Twitter
WhatsApp

ވަރަށް ކުޅަދާނަ ވިޔަފާރިވެރިޔަކު އަގު ބޮޑު ސުއްޓާތަކެއް ގަތެވެ. އަދި އެ ސުއްޓާތައް ގެއްލިދާނެތީ ނޫނީ އެއަށް އެއްވެސް ގެއްލުމެއް ލިބިދާނެތީ އެ ސުއްޓާތައް ތައުމީނުކުރިއެވެ. 

ތައުމީނުކުރުމުގެ އެއްބަސްވުމުގައި ސުއްޓާތައް އަނދައި ގޮއްސި ނަމަ ވެސް އޭގެ ބަދަލު ދޭނޭ ކަމަށް ތައުމީނުކުރި ކުންފުނިން އެއްބަސްވެފައި އޮތެވެ.

އެ އަގުބޮޑު ސުއްޓާތައް ލިބުނުތާ ދެތިން ދުވަހުގެ ތެރޭގައި ވިޔަފާރިވެރިޔާ ސުއްޓާތައް ބޮއި ހުސްކުރިއެވެ. ދެން ސުއްޓާތައް އަނދައި ހިނގައްޖޭ ބުނެ، ތައުމީނު ކުންފުނީގެ ފަރާތުން ސުއްޓާތަކުގެ ބަދަލު ހޯދުމުގެ ދައުވާ ކުރިއެވެ.

ދެން ޝަރީއަތުގައި މައްސަލަ ދިގުދެމީދާ ގޮތް ވުމުން، ތައުމީނު ކުންފުނިން ނިންމީ ކޯޓުން ބޭރުން މައްސަލަ ނިންމައި އެއް މިލިޔަން ޑޮލަރު ސުއްޓާގެ ވެރި ފަރާތަށް ދިނުމަށެވެ.

އެއް މިލިޔަން ޑޮލަރު ސުއްޓާގެ ވެރި ފަރާތް ބަލާގަތްތާ މާ ގިނަ އިރުތަކެއް ނުވަނީސް، ތައުމީނު ކުންފުނިން ސުއްޓާގެ ވެރިފަރާތުގެ މައްޗަށް ދައުވާކޮށް އޭނަ ބަންދުކުރުމަށް ޝަރީއަތަށް ހުށަހެޅިއެވެ. އޭނާގެ މައްޗަށް ކުރީ ގަސްދުގައި ސުއްޓާތައް އެންދިކަމުގެ ދައުވާއެވެ!

ކޮންމެ އަކަސް ސުއްޓާތަކުގެ މިވާހަކަ ހަނދާންނަށް ގެންނަނީ އަޅުގަނޑުމެންގެ ތެރޭގައި ހިންގާލަން އުޅޭ ބައެއް ބޮޑެތި މަޝްރޫއުތައް ނިމިދާ ގޮތާއި ބޮޑެތި ބޮޑެތި ފައިސާގެ އަދަދުގެ ބަދަލުތައް ދެވޭ ވާހަކަތަކެވެ. 

ގައުމީ ބޮޑެތި މަޝްރޫއުތައް ހިންގުމާއި ބައަކާ ހަވާލުކުރުމަށް ފަހު، ކޮންމެވެސް ސަބަބަކާ ހުރެ، މަޝްރޫއުތައް ހުއްޓި، މަޝްރޫއުތައް ހަވާލުވާ ފަރާތަށް ފައިސާގެ ބޮޑެތި ބަދަލުތައް ދެވޭ ވާހަކައެވެ. 

ބޮޑެތި އަދަދުތަކޭ މިބުނީ މިލިޔަނެއް ދެމިލިޔަނުގެ ރުފިޔާގެ އަދަދުތަކުގެ ވާހަކައެއް ނޫނެވެ. އެތައް ސަތޭކަ މިލިޔަންރުފިޔާގެ ބޮޑެތި އަދަދުތަކެކެވެ. ސުއްޓާގެ ވެރި މީހާ ފަދައިން، މި މަޝްރޫއުތައް ހިންގަން ޙަވާލުވާ ކުންފުނިތައް ނުވަތަ މީސްމީހުން، ބަދަލު ހޯދުމުގެ ދައުވާކޮށް އެމީހުންގެ މައްސަލަ ޝަރީއަތުގެ ބޭރުން ނިންމާލައެވެ. ގިނަ ފަހަރަށް އެތައް ބައަކަށް ބައި އެޅޭ ގޮތަށެވެ.

ކޮންމެ ގޮތަކަށް އެކަން ނިމިގެން ދިޔަސް ބަދަލު ނުވެ އޮންނަ ހަގީގަތަކީ އާންމު ރައްޔިތުންގެ ފައިސާއިން އެތައް މިލިޔަން ރުފިޔާއެއް ގެއްލިގެންދާ ކަމެވެ. ދެން، މިތާގައި ފާހަގަކޮށްލަން ޖެހެނީ ސުއްޓާގެ މައްސަލައާ ޚިލާފަށް، އެ ބަދަލުތައް ލިބޭ މީހުންނަށް ކުޑަވެސް ގެއްލުމެއް ނުލިބެއެވެ. 

އެ މީހުންނާ ހަވާލުކުރެވޭ މަސައްކަތްތައް ނުނިންމުނު ކަމުގައި ވިޔަސް ވެހެވެ. ދެކޮޅާށް ދެކަޑަ ޖަހާލައިފާވެސް ޕްރޮޖެކްޓް ހުށްޓީފާ ހުރެއެވެ. ހުރިހާ ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށެވެ. 

އެފަދަ ބަދަލަތަކެއް ދޭން ޖެހޭ ފަދަ ގޮތަކަށް، ދޯ ހަޅި އެއްބަސްވުންތައް ގަސްދުގައި ލިޔެ އެ ފަދަ އެއްބަސްވުންތައް އެއްބަސްވި އެއްވެސް ބައެއް މަސްއޫލުކުރުވައި ޒިންމާދާރު ކުރުވާ ތަނެއް ފެނިފަކައެއް ނެތެވެ. ދައުލަތުގެ ޚަޒާނާއަކީ (އަސްލު ރައްޔަތުންގެ ޚަޒާނާ) އެ ވަގުތު ވެރިކަމުގައި ތިބޭ ބައެއްގެ މެޓާ ޖާޑިއެއްކަމުގައި މިރާއްޖޭގައި ހަދާފިއެވެ. 

އެ ޖާޑިއަށް އަތް ބާނައިފައި، އެ މީހުން ބޭނުން ބަޔަކަށް، ބަދަލު ދިނުމުގެ ގޮތުން ނޫނީ އެ ނޫންވެސް އެހެން ނަންނަމުގައި މެޓާ ނަގައި ބެހޭ ގޮތަށް އޮންނަ މެޓާ ޖާޑިއެކެވެ. މިނިވަން މުއައްސަސާތަކޭ ކިޔޭ ތަންތަން ވެސް، ކުދިކުދި މިނިވަން ސަރުކާރުތަކަކަށް ވެ، އެ ތަންތަން ތަނަކީވެސް އެއްވެސް ބޭނުމެއްނެތް ނަތީޖާ ނުނެރެވޭ ތަންތަން ކަމުގައި މިވަނީ ވެފައެވެ.

އޭސީސީގެ ޙާލަކީވެސް ހަމަ މިއެވެ. އެއިރެއްގައި ދައުލަތް ހިންގުމާއި ޙަވާލުވެ އޮންނަ ސަރުކާރެއްގެ މައްސަލައެއް ނުވަތަ އެބައެއްގެ މައްސަލައެއް މޭޒުމައްޗަށް އަތުވެއްޖެނަމަ ބަރުއަރުވާފަ ބާއްވާލައެވެ. އެ އޮންނަ ސަރުކާރަކުން ކުރީސަރުކާރަކަށް ނުވަތަ ޙަސަދަވެރިއަކަށް ބަދަލު ހިފާލަންވެއްޖެނަމަ ދައުލަތުގެ މިފަދަ އެންމެހާ މުއައްސަސާތައް ބޭނުންކޮށްލައެވެ.

ނަތީޖާދައްކަނީ ސުއްޓާގެ އިންސޫރެންސްގެ މައްސަލަައަށްވުރެވެސް ގޯސްކޮށެވެ. ވާނީ އެހެންތާއެވެ. އަފަދަ މައްސަލަތަކުގައި އުންސުރުހަމަ ނުވާގޮތް ދިމާވަނީއެވެ!

Loading

One Response

  1. މިހާތަނަށް ދިވެހިރާއްޖޭގައި އުންސުރު ހަމަވެގެން އެއްވެސް އާންމު ރައްޔިތު މީހަކަށް އިންސޫރެންސުން އެއްޗެއް ލިބުނު ވާހަކަ ނޫހަކުން ނުދެކެން. މުއްސަނދިންގެ ސަފާރީތަކާއި ޔޮޓުތަކާއި ރިސޯޓު ތަކުގެ ރާގުދަނުގައި ރޯވެގެން ބައިވަރު ފަހަރު ބަދަލު ލިބުނު ވާހަކަ ނޫހުން ފެނޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް