އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢު ކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަ ކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފު ކޮށްދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި، ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.ވީ ތަޢާރަފުކޮށްދެއްވުމަށްފަހު، އެމް.އެން.ޑީ.އެފް އިން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެއްޓުމުގެ ޤަރާރުގައި ސޮއިކުރެއްވިއެވެ.
އެއަށްފަހު އެމް.އެން.ޑީ.އެފް އަށް ޔޫ.އޭ.ވީ އާއި ’އެއަރ ސަރވެއިލަންސް‘ ޤާބިލުކަން ހޯއްދަވައިދެއްވުމުގެ ޝަރަފުގައި، އެ މަނިކުފާނަށް ހަތް ބަޑީގެ ސެލިއުޓެއް ދިވެހި ޤައުމީ ދިފާޢީ ބާރުން ވަނީ އަރުވައިފައެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނާއި ދަތުރުވެރީންނަށް ޚާއްޞަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން ”ރަސް އައިނު“ އިފުތިތާޙުކޮށްދެއްވައިފައެވެ.
މި އެޕުން މޫސޫމީ އިންޒާރުތަކާއި، ކޯސްޓް ގާޑުގެ މުހިންމު މެސެޖުތައް ބެލެން ހުރެއެވެ. އަދި މަސްވެރިންނަށް މަސްއައިނު ހޯދުމަށާއި، އެހެނިހެން މުހިންމު ކަންކަމަށް މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އަދި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އަދި ސިފައިންގެ އިސް ވެރިންނާއި، ދައުލަތުގެ އިސް ވެރިންނާ، ރާއްޖޭގެޢަސްކަރީ ޚިދުމަތުގައި އިސް ދައުރެއް މީގެ ކުރީން އަދާކޮށްދެއްވާފައިވާ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.