ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަޙައްދާއެކު ބޮޑު ޤައުމެއް ކަމަށާ، ރާއްޖޭގެ ސަރަޙައްދު ދެން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއަކީ 9 ލައްކަ އަކަ ކިލޯމީޓަރަށް ވުރެ ބޮޑު އިޤުތިޞާދީ ޚާއްސަ ސަރަޙައްދެއް ހިމެނޭ ބޮޑު ޤައުމެއް ކަމަށާއި އަދި އެސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން މިހާރު ހުރި ޤައުމެއް ކަމުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖެއިން ރާއްޖޭގެ އިންފާރު ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާންޖެހޭކަމެއް ނޫންކަމުގައި ވެސް ވިދާޅުވިއެވެ.
ހަމަ އެހެންމެ ރާއްޖެއަކީ ހުރިހާ ޤައުމަކާވެސް ގާތްގުޅުން އޮންނާނެ ބައެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގައި އިތުރު ގިނަ ކަންތައްތައް ތަޢާރަފު ކުރައްވާނެކަން އިޢުލާނު ކުރެއްވިއެވެ.
އެގޮތުން ކުރިން އަޅައިލުމެއް ނެތި ހުރި އަސްކަރީ ވަޞީލަތްތައް އާބާތުރަ ފިލުވައި ރަނގަޅު ފެންވަރަކަށް ގެނެސް، އެތަންތަނަކީ ވެސް އަސްކަރިއްޔާގެ ބޭނުންތަކަށް އަދި ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތްކުރެވޭނޭ ފެންވަރުގެ ތަންތަނަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ހަމަޖައްސަވައިދެއްވާފައި ވާނެކަމުގައި ވިދާޅުވިއެވެ.
ކޯސްޓްގާޑުގެ ކެޕޭސިޓީވެސް މި ފަސްއަހަރު ނިމޭއިރު މިހާރަށްވުރެ ދެގުނަ އިތުރު ކުރައްވާނެ ކަމަށާއި އެއަރ ކޯރ އަށްވެސް އިތުރު އުޅަނދުތައް އިތުރުކުރެވި، އެއްގަމުގައި ބޭނުންކުރާ ވެހިކަލްތަކާއި ޕްލެޓްފޯމްތައްވެސް އިތުރު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް މުހިންމީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބާރުވެރިކަމުގައި ހުރިހާ މާނައެއްގައި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮތުން ކަމުގައެވެ.
މީގެ އިތުރުން ޤައުމު ދިފާޢުކުރުމަކީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ގިންތިއެއްގެ ދިވެހިރައްޔިތުންގެވެސް ވާޖިބެއް ކަމަށާ، މިނިވަންކަމާ ޤައުމުގެ ސިޔާދަތީ ކަންކަމުގައި އަޅުގަނޑުމެން ހުރިހާ ދިވެހީންގެ ފިކުރާ ދައްކާ ވާހަކަވެސް ޤައުމުގެ ޙައްގުގައި އެއްގޮތްވާން ޖެހޭނޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.