ރަޝިޔާއިން ނިއުކްލިއަރ ހަނގުރާމައަކަށް ތައްޔާރު, ރައީސް ޕޫޓިންގެ އިންޒާރު ހުޅަނގަށް

Loading

Facebook
Twitter
WhatsApp
Russian President Vladimir Putin looks on at his meeting with Lebanese counterpart Michel Aoun at the Kremlin in Moscow, Russia March 26, 2019. REUTERS/Maxim Shemetov/Pool TPX IMAGES OF THE DAY - RC18453128A0

އެމެރިކާގެ ސިފައިން ޔޫކްރެއިނަށް ފޮނުވައިފިނަމަ އެއީ މިހާރު ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އިތުރަށް ނުރައްކާތެރިކުރަން އެމެރިކާއިން ގަސްދުކުރުންކަމަށް ދެކި ރަޝިޔާއިން ނިއުކްލިއަށް ހަނގުރާމައަކަށް ދާން ތައްޔާރު ކަމުގައި ހުޅަނގަށް އިންޒާރު ދީފިއެވެ.

މިމަހުގެ 15 ން 17 ށް އޮންނަ އިންތިޚާބުގެ ކުރިން ގައުމާ މުޚާތަބުކޮށް ވާހަކަފުޅުދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވީ މިހާތަނަށްވެސް ގަބޫލުފުޅުކުރައްވައިގެން ހުންނެވީ ޔޫކްރެއިނާއެކު ކުރަމުންގެންދާ ހަނގުރާމައިގާ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ނުޖެހޭނެ ކަމަށެވެ. އަދި މިހާރުވެސް ރަޝިޔާއިން އެކަމަށް ބޭނުމެއް ނުވެއެވެ.

މި މަހުގެ 15 ން 17 ށް ބޭއްވޭ އިންތިޚާބުގައި އިތުރު 6 އަހަރު ދުވަހުގެ މުއްދަތަކަށް ރައީސް ޕޫޓިން އިންތިޚާބުކުރެވޭނެ ކަމާމެދު އެގައުމުގެ ރައްޔިތުން ޝައްކެއް ނުކުރެއެވެ.

ޮނިއުކްލިއަރ ހަނގުރާމައަކަށް އިންޒާރު ދެއްވިއިރު ހަގީގަތުގައިވެސް ރަޝިޔާއިން އޮތީ އެފަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރަށްތޯ ރޮސިޔާ -1 ޓީ ވީ އާއި އާރ އައި އޭ އިން ދެންނެވުމުން ރައީސް ޕޫޓިން ވިދާޅުވީ މިލިޓްރީ ޓެކްނިކަލް ރޮނގުން ރަޝިޔާއޮތީ ތައްޔާރަށް ކަމަށެވެ. އަދި މިކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ.

އެމެރިކާގެ ސިފައިން ރަޝިޔާގެ ސަރަހައްދަށް ނުވަތަ ޔޫކްރެއިނަށް ފޮނުވުން ރަޝިޔާއިން ދެކޭނީ އެމެރިކާއިން ރަޝިޔާގެ ތެރެއަށް ސިފައިން ފޮނުވީ ކަމަށެވެ. އެކަން އެމެރިކާއަށް ވެސް ރަނގަޅަށް އެނގޭނެއެވެ.

މިހާތަނަށް ޔޫކްރެއިންގެ 4 ސަރަހައްދެއް އެއީ ރަޝިޔާގެ ތަންތަން ކަމުގައި ރަޝިޔާއިން ވަނީ ކަނޑައަޅާ ނިންމާފައެވެ. އެއީ ހުރިހާ މާނައެއްގައިވެސް ރަޝިޔާގެ ތަންތަނެވެ.

ރަޝިޔާއާއި އެމެރިކާގެ ގުޅުމާއި އަދި އެ ގުޅުން ހީނަރުވެފައިވާ މިންވަރު ރަނގަޅަށް ދަންނަ އެތައް ތަޖުރިބާކާރުންނެއް އެމެރިކާގައި ތިބޭނެއެވެ.
  
އަހަރެމެން ނިއުކްލިއަރ ހަނގުރާމައަކަށް އަވަސްއަރުވާލައިގެން ނޫޅޭ ކަމާއި އެކަމަކު ވަގުތު ޖެހުމުން ފަސްނުޖެހޭނެކަން އެމެރިކާއަށް އެނގޭނެއެވެ.

ރައީސް ބައިޑަންގެ ސަރުކާރުން އަބަދުވެސް ބުނަމުން އެ ގެންދަނީ ޔޫކްރެއިނަށް އެމެރިކާ ސިފައިން ފޮނުވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ. އެކަމަކު ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަކުރުމުގައި ޔޫކްރެއިނަށް ބޭނުންވާ ހުރިހާ ހަތިޔާރެއް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމަށެވެ. އެ ވިދާޅުވާ މަސައްކަތް ކާމިޔާބުނުވެ ދެމިގެންދާތާ ތިން އަހަރު ވަނީއެވެ.

ރައީސް ޕޫޓިންގެ ވާހަކަފުޅާ ބެހޭގޮތުން ވައިޓްހައުސްގެ ބަހެއް ހޯދަންކުރި މަސައްކަތް މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ. ވައިޓްހައުސް އިން ބުނިހާވެސް އެއްޗަކީ މީގެ ކުރިން ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ އެއްވެސް އިޝާރާތެއް ކޮށްފައިނުވާ ކަމަށާއި މިހާރު ރައީސް ޕޫޓިން އެއުޅުއްވަނީ ކިޔޭ ނުކިޔޭ އެއްޗެއް އެނގިވަޑައި ނުގަންނަވާތީއެވެ.

ޔޫކްރެއިން ރައީސް އޮފީހުގެ އިސް ބޭފުޅަކު ކަމުގައިވާ މިޚައިލޯވް ޕޮޑޯލިއާކް ރޮއިޓަރސް އަށް ވިދާޅުވެފައިވަނީ ރައީސް ޕޫޓިންގެ ވިސްނުންފުޅަކީ ހުޅަނގުގެ ގައުމުތައް ރުޅިއެރުވުން ކަމަށާއި އެއީ އަބަދުވެސް ޕޫޓިންގެ ވާހަކަތައް ހުންނަ ގޮތް ކަމަށެވެ. ރައީސް ޕޫޓިން ހީ ކުރައްވަނީ އެގޮތަށް ވާހަކަ ދެއްކެވީމާ އެއީ އިންޒާރެއްކަމަށް ހުޅަނގުން ބަލައިގަންނާނެ ކަމަށެވެ. އެކަމަކު ހަގީގަތަކީ ރައީސް ޕޫޓިން އެގޮތަށް ވާހަކަ ދައްކަވަނީ ބިރުގެންފައި ހުރީމައެވެ.

މިއަންނަ ނޮވެމްބަރު މަހުގެތެރޭގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބަށްޓަކައި ސިޔާސީ ބޭފުޅުން އަވަދިނެތި އުޅުއްވާއިރު ހުޅަނގުގެ ގައުމުތަކުން ދުވަސްތައް ހޭދަކުރަމުން ގެންދަނީ ޔޫކްރެއިނަށް އެހީ ފޯރުކޮށްދެވިދާނެ ގޮތެއް ހޯދުމަށްޓަކައި ”ކަލޭމެނަށް ދެވޭނީ ކިހާވަރެއްތޯ “ ސައްލާކުރުމުގައެވެ. މިހާރުވެސް ޔޫކްރެއިންގެ ފަސްބައިކުޅަ އެއްބައި އެއޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.

ކީވުން ބުނަމުންގެންދަނީ އެގައުމުން ދިފާއުވާން ޖެހިފައި މިވަނީ އިމްޕީރިއަލް ޒަމާނުގައި ކުރެވުނު ފަދަ ހަނގުރާމައަކުން ކަމަށާއި ރަޝިޔާއިން ބޭނުންވަނީ ޔޫކްރެއިނޭ ކިޔާ މިނިވަންގައުމު ވުޖޫދުން ނައްތާލައި އެސަރަހައްދަކީ ވެސް ރަޝިޔާކަމުގައި ހެދުން ކަމަށެވެ. އަދި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތީ ހުޅަނގު ގައުމުތަކުން ރަޝިޔާއާއި ދޭތެރޭ ގެންގުޅޭ ދުޝްމަނީއެއްގެ ސަބަބުންކަމަށްވެސް މެއެވެ.

ރައީސް ޕޫޓިން އަބަދުވެސް ވިދާޅުވަމުންގެންދަވަނީ ރަޝިޔާގެ ގާނޫނުގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަންޖެހޭ ހާލަތުތައް އޮތީ ތަފްސީލުކޮށްދީފައި ކަމަށާއި އެހާލަތުގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރައްވަން ފަސްޖެހި ވަޑައި ނުގަންނަވާނެ ކަމަށެވެ. އެ ހާލަތުތަކަކީ ރަޝިޔާއާއި ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ނުވަތަ ފަނާކުރަނިވި ހަތިޔާރު ބޭނުންކުރުމާއި އަދި އެނޫނަސް އާންމުކޮށް ކުރެވޭ ހަނގުރާމަތަކުގައި ބޭނުންކުރާ ހަތިޔާރުގެ ބޭނުން ކޮށްގެންވިޔަސް ރަޝިޔާ ދެމިއޮތުމަށް ނުރައްކާތެރި ހާލަތެއް ކުރިމަތި ކުރުމެވެ. ރަޝިޔާ އަބަދުވެސް އޮންނާނީ އެ ހާލަތަށް ތައްޔާރީގައެވެ.

ރައީސް ޕޫޓިންގެ އިންޒާރު އައިސްފައިމިވަނީ ހުޅަނގުގެ ގައުމުތަކުން ސުލްހައިގެ ވާހަކަތައް އަލުންފަށައި ފިނި ހަނގުރާމައިގެފަހުން ފާހަގަކޮށްފައިވާ ޔޫކްރެއިންގެ އިންތައް ޔޫރަޕްގެ ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަމަށް ފުށޫ ނާރާ ގޮތަކަށް އަލުން ފާހަގަކުރުންވެސް އެ ވާހަކަތަކުގައި ހިމެނިފައިވާ ދުވަސްވަރެއްގައެވެ.

ޮއެމެރިކާއިން ތުހުމަތު ކުރާގޮތުގައި ރަޝިޔާއިން ސުލްހައިގެ ވާހަކަތަކަށް މާބޮޑު މުހިންމުކަމެއް ނުދެއެވެ. އެކަމަކު މި ހުސްވިމަހުގެތެރޭގައި ހަނގުރާމަހުއްޓާލުމަށް ރައީސް ޕޫޓިންގެ ހުށައެޅުން އެމެރިކާއިން ވަނީ ބައިވެރިންނާ ވާހަކަދެއްކުމަށްފަހު ގަބޫލު ނުކުރަން ނިންމާފައިކަން ރޮއިޓާރސްއަށް ވަނީ އެނގިފައެވެ.

އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީގެ ޑިރެކްޓަރ ވިލިއަމް ބާރންސް މިދިޔަ ހަފުތާގައި ބުނެފައިވަނީ އެމެރިކާއާއި ހުޅަނގުން ޔޫކްރެއިނަށް މަދަދު ނުކުރެވޭނަމަ ޔޫކްރެއިން އިތުރު ބިންތައް ވެސް ރަޝިޔާއަށް ލިބެމުންދާނެއެވެ. މިއީ ޗައިނާއިން ވެސް ބޭނުންވާނެ ގޮތެވެ. ޑިރެކްޓަރ ބާރންސް އަކީ ކުރިން ރަޝިޔާގައި ހުންނެވި އެމެރިކާގެ ސަފީރުވެސް މެއެވެ. ސެނޭޓުގެ އިންޓެލިޖެންސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ބާރންސް ބުނެފައިވަނީ ޔޫކްރެއިނަށް މަދަދު ފޯރުކޮށްދިނުމަކީ އެމެރިކާގެ މަސްލަހަތު ރައްކާތެރިކުރުން ކަމަށެވެ. ކީވް ބަލިވުމަކީ އެމެރިކާއަށް ވަރަށް ގެއްލުންބޮޑުކަމަކަށް ވާނެއެވެ.

ރައީސް ޕޫޓިން އެންމެ ފަހުން ވިދާޅުވެފައިވަނީ “ އަހަރެން އެމެރިކާއަށާއި ޔޫރަޕްގެ އެއްވެސް ގައުމަކަށް އިތުބާރު ނުކުރަމެވެ. ކޮންމެފަދަ އެއްބަސްވުމަކަށް ދިޔަސް ކަލޭމެން ބުނަން ބޭނުން އެއްޗެއް ލިއުމުން ދޭށެވެ. އަނގަބަހުން ދައްކާ ވާހަކަ މާދަމާ އެހެން ގޮތަކަށް ތަރުޖަމާކުރާނެއެވެ ”.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް