އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ދެ ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފިއެވެ.
މި އެންމެން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ ހަތްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިތަދޫ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ގެއިން ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑްގެ ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 14 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަދި މަރަދޫގައި ހިންގި އޮޕަރޭޝަނެއްގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ދިވެހި ފިރިހެނަކާއި އިންޑިއާގެ ފިރިހެނަކާއި ތައިލެންޑްގެ 2 އަންހެނުންނާއި މިޔަންމާގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 8 ވަނަ ދުވަހު މަރަދޫ ކޯޓަށް ހާޒިރުކުރުމުން ދިވެހި ފިރިހެން މީހާއާއި ތައިލެންޑް ދެ އަންހެނުންނާއި މިޔަންމާ ފިރިހެން މީހާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާ ފިރިހެން މީހާ 4 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި ދެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
![]()

One Response
މިކަންތައްތައް ދެން ހުއްޓުވުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ކަންކުރާމީހާއާއި ކުރުވާމީހާއަށްވެސް ފިޔަވަޅު އެޅެން ޖެހޭނެއެވެ. މިހާތަނަށް ނޫސްތަކުން އަބަދުވެސް ފެންނަމުންދަނީ އެކަމެއް ކުރާބަޔަކާ ދޭތެރޭ ފިޔަވަޅު އަޅާތަނެވެ. އެކަން ކުރުވާ މީހާގެ ވާހަކައެއް ނީވެއެވެ. ޓްއަރިސްޓެއްގެ ގޮތުގައި އައިސް އެކަހަލަ ކަމެއް ކުރީމާ ކުރުވާމީހަކު ނުހުންނާނެއެވެ. އެއީ އެކަންކުރާބައެއްގެ ހިތަހަމަޖައްސަން ކުރާ ކަމަކަށްވެދާނެއެވެ. އެކަމަކު މަސައްކަތްކުރުމުގެ ވިސާގައި ރާއްޖެއަށް މީހުން ގެންނަނަމަ ގެންނަމީހާގެ މަސްއޫލިއްޔަތު އޮންނާނެއެވެ. އެމީހުންގެ ހުރިހާކަމަކަށް ވަޒީފާ ދޭފަރާތުން ޒިންމާ އުފުލަން ޖެހޭތީއެވެ.