ގަލްފް އޮފް އޭޑެންގައި އޮތް މުދާ އުފުލާ ބާޖަކަށް ޔަމަނުގެ ހޫތީން މުޖާހިދުންދިން މިސައިލު ހަމަލާއެއްގައި އެއުޅަނދަށް ގެއްލުންވެއްޖެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑު (ސެންޓްކޮމް) އިން އަންގާރަދުވަހު ހާމަކޮށްފައިވާ ގޮތުގައި އެމްވީ އެމްއެސްސީ ސްކައި (ދޭއް) އާއި ދިމާލަށް ޔަމަނުން ފޮނުވާލި އެންޓި ޝިޕް ބަލިސްޓިކް ދެ މިސައިލުގެ ތެރެއިން އެއް މިސައިލް ޖެހި އެ އުޅަނދަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ސެންޓްކޮމް އިން އިތުރަށް ބުނީ، އެންމެ ފުރަތަމަ ލިބުނު ރިޕޯޓުތަކަށް ބަލާއިރު ލައިބީރިއާގެ ދިދައިގެ ދަށުން ދަތުރުކުރި ސްވިޒަލެންޑަށް ނިސްބަތްވާ މި ބާޖަށް ގެއްލުންވެފައިވާކަމާއި އެހީތެރިކަން ބޭނުންވާކަން ކުރިން އަންގާފައިނުވާކަމަށެވެ.
މިގޮތުން، ހޫތީންގެ ފަރާތުން ވާހަކަދެއްކި އަސްކަރީ ތަރުޖަމާނު ހޯމަދުވަހު ބުނެފައިވަނީ ކަމަށް އެކަށޭނަ ނޭވަލް މިސައިލްތައް ބޭނުންކޮށްގެން އެ އުޅަނދަށް ހޫތީން ހަމަލާ ދީފައިވާނެކަމަށެވެ.
ޣައްޒަަގައި އިޒްރޭލުން ހިންގާ ގަތުލުއާންމާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންނަށް އެއްބަަރުލުންދީ ވާގިވެރި ވުމުގެ ގޮތުން، ހޫތީ މުޖާހިދުން ގެންދަނީ ރަތްކަނޑުގައި އޮންނަ ޝިޕިން ލޭންތަކުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދެމުންނެވެ.